ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ބާއްވާ އެފްއޭއެމް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް “ޔޫތު ޗެމްޕިއަންޝިޕް 2026” ގެ އެގާރަވަނަ މެޗު ކާމިޔާބުކޮށް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް ފައިނަލްގެ އުންމީދު އާކޮށްފިއެވެ.
ރޭ ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި ޓީސީ ސްޕޯރޓްސް ކުލަބެވެ.
މިއީ މުބާރާތުގައި ދެ ޓީމު ވެސް ކުޅުނު ތިންވަނަ މެޗެވެ. ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެ މެޗު އެއްވަރުކޮށް ފަސް ޕޮއިންޓާއިއެކު ނިއުރޭޑިއަންޓް ލީގު ބުރުގެ ތިންވަނައިގައި އޮތްއިރު، ޓީސީ އޮތީ ޕޮއިންޓް ޓޭބަލްގެ އެންމެ ފުލުގައެވެ. ކުޅުނު ތިން މެޗުން ބަލިވެފައި ވާއިރު ބައިކޮޅަށް ގިނަ ލަނޑުތަކެއް ވަދެފައި ވެއެވެ.
މެޗު ފެށުމާއިއެކު ލަނޑެއް ޖެހުމުގެ މަސައްކަތް ފެށި ނިއުރޭޑިއަންޓުން ދެވަނަ މިނިޓްގައި ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރާއިފްއެވެ. އޭރިޔާ ތެރެއިން ނިއުރޭޑިއަންޓްގެ ކުޅުންތެރިން އުފެއްދި ހަމަލާގައި ރާއިފް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލްގެ މަތީ ދާގަނޑަށެވެ.
ރަނގަޅަށް ކުޅެމުންދިޔަ ނިއުރޭޑިއަންޓުން، ފުރަތަމަ ލަނޑު ޖެހިތާ ދެ މިނިޓެއް ފަހުން ނިއުރޭޑިއަންޓް އުފެއްދި ހަމާލާއެއް ޓީސީގެ ގޯލް ދަނޑިއަށް އަމާޒުވެފައި ވެސް ވެއެވެ.
މުޅި މެޗުގައި ވެސް ރަނގަޅަށް ކުޅުނު ނިއުރޭޑިއަންޓުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ އަށާވީސްވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު އިޒާން އަލީއެވެ. އިޒާން މި ލަނޑު ޖެހީ ޓީސީގެ އޭރިޔާ ބޭރުން ލިބުނު ބޯޅަ، ހިފައިގެން ޑީ އޭރިޔާ ތެރެއަށް ވަދެ ތިރިތިރިން ގޯލުގެ ދުރުކަނަށް ވައްދާލައިގެންނެވެ.
ލިބުނު ފުރުސަތު މަދު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ޓީސީއަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނު ނިއުރޭޑިއަންޓުން، ހާފުގެ ކުރީކޮޅު ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޒާކީ މުޖުތަބާ ޒާހިރެވެ. ޒާކީ މި ލަނޑު ކާމިޔާބުކޮށްދިނީ ނިއުރޭޑިއަންޓް ކުޅުންތެރިއަކު ޓީސީގެ އޭރިޔާ ތެރެއަށް ޖައްސާލި ބޯޅަ ހޯދައި ކީޕަރުގެ ދުރުކަނަށް ވައްދާލައިގެންނެވެ.
ނިއުރޭޑިއަންޓްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ތިންވަނަ ލަނޑު ވެސް ޖަހައިދިން ޒާކީ މުޖުތަބާ ޒާހިރެވެ. ޒާކީ މި ލަނޑު ކާމިޔާބުކޮށްދިނީ ޓީސީގެ އޭރިޔާ ކައިރިއަށް މަތިމަތިން އެ ޓީމުގެ ކުޅުންތެރިޔާ ލައިދިން ބޯޅަ ހޯދައިގެން އޭރިޔާ ތެރެއަށް ވަދެ، ކައިރިއަށް އައި ޑިފެންޑަރުގެ ކައިރިން ނައްޓާލުމަށްފަހު ކީޕަރުގެ ކައިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔަ ނިއުރޭޑިއަންޓަށް ފަސްވަނަ ލަނޑު ޖަހައިދިނީ މުޙައްމަދު އިޒާން އަލީއެވެ. ޓީސީ ޑިފެންޑަރުންގެ ފަހަތަށް އޭރިޔާ ތެރެއަށް އާކިފް ޖައްސާލި ބޯޅަ، އިޒާން ވައްދާލީ ގޯލުގެ ދުރުކަނަށެވެ. ފަސްވަނަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ އިޒާން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ނިއުރޭޑިއަންޓުން ހަ ލަނޑު ޖެހިފަހުން ލިބުނު ޕެނަލްޓީއެއްގައި ޓީސީން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. މި ފައުލާއިއެކު ނިއުރޭޑިއަންޓްގެ ކުޅުންތެރިޔާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑެއް ދައްކާފައެވެ.
ޓީސީގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އާއިސް އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ނިއުރޭޑިއަންޓް ކޮޅަށް ޓީސީން ވަނީ މެޗު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހާފައެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި ޓީސީއަށް މި ލަނޑު ޖަހައިދިނީ ރާއިން ނާޝިދެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓަށް ހެޓްރިކް ހަދައިދިން މުޙައްމަދު އިޒާން އަލީއެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އަށް ޕޮއިންޓް ހަމަކޮށް ނިއުރޭޑިއަންޓް އޮތީ ޕޮއިންޓް ޓޭބަލްގެ ތިންވަނައިގައެވެ.
މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ކެޔޮދޫއެވެ.
