އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ނިއު ސައުތު ވޭލްސްގެ ސައިންސްވެރިން އިސްވެ ކުރި އައު ދިރާސާއަކުން، އިންސާނާގެ ލޭ އުފެދުމުގެ ނިޒާމާ ގުޅޭ 700 މިލިއަން އަހަރުވީ ޖެނެޓިކް ސިއްރެއް ފަހިވެއްޖެއެވެ.
މި ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި، އިންސާނާގެ ހަށިގަނޑުގައި ލޭގެ ސެލްތައް އުފެދުމަށް ބޭނުންވާ މައިގަނޑު ޖެނެޓިކް އިރުޝާދުތަކަކީ މީގެ 700 މިލިއަން އަހަރު ކުރިން، ދުނިޔޭގައި އެންމެ ފުރަތަމަ އުފެދުނު ދިރުންތަކުގެ ކިބައިން ފެށިގެން އައިސްފައިވާ ކަންކަމެވެ. މިއީ މިހާތަނަށް ސައިންސްވެރިންނަށް އެނގިފައިވާ މިންވަރަށްވުރެ މާ ކުރީގެ ނިޒާމެއްކަން މި ދިރާސާއިން ވަނީ ކަށަވަރުވެފައެވެ.
މި ހޯދުން ހާމަކޮށްފައިވަނީ ދާދި ފަހުން ޝާއިޢުކުރި ސައިންޓިފިކް ރިޕޯޓެއްގައެވެ. މި ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނާ ގޮތުގައި، ލޭގެ ސެލްތައް އުފެދުމަށް މައިގަނޑު ދައުރެއް އަދާކުރާ “އެފް.އޯ.އެސް” ކިޔާ ޖީން އާއިލާއަކީ ދުނިޔޭގައި ދިރޭތަކެތި އުފެދިގެން އައި ދުވަސްވަރުން ފެށިގެން ބަދަލެއްނުވެ ދެމިގެން އައިސްފައިވާ މެކޭނިޒަމެކެވެ.
މި ދިރާސާ ކުރަން ޖެހުނު މައިގަނޑު ސަބަބަކީ، އިންސާނާގެ ހަށިގަނޑުގައި ލޭގެ ސެލްތައް އުފެދުމާއި، ބައެއް ހާލަތްތަކުގައި ލޭގެ ކެންސަރު (ލުކޭމިއާ) ފަދަ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތައް ޖެނެޓިކް ފެންވަރެއްގައި ދެނެގަތުމެވެ. މި ހޯދުމުގެ ސަބަބުން، ލޭގެ ބަލިތަކަށް ފަރުވާ ހޯދުމުގައި އައު މަގުތަކެއް ހުޅުވި، އިންސާނާގެ ހަށިގަނޑުގެ އުފެދުމާ ގުޅޭ ގިނަ ސިއްރުތަކެއް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށް ސައިންސްވެރިން އުންމީދު ކުރެއެވެ.
މި ހޯދުމަކީ ދިރޭތަކެތީގެ ނިޒާމުގެ ފުރިހަމަކަމާއި، އިންސާނާގެ ހަށިގަނޑުގެ އުފެދުމުގައިވާ ކަނޑައެޅިފައިވާ ވަރުގަދަ ޤާނޫނުތައް ހާމަކޮށްދޭ މުހިންމު ހެއްކެކެވެ.
