‘ސުލްތާން’ ގެ ތަރި އާއި ‘ޖަވާން’ ގެ ބަތަލާ އެކުގައި ފެންނަ އާ ފިލްމުގެ ކުރިއަށް އޮތް ޝޫޓިން ތާވަލު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ވަމްޝީ ޕައިޑިޕަލީގެ އިރުޝާދުގެ ދަށުން އުފައްދާ ފިލްމެކެވެ. ރިޕޯޓްތައް ބުނާގޮތުގައި، ސަލްމާން ޚާން އާއި ނަޔަންތާރާ މިހާރު ތައްޔާރުވަމުންދަނީ މުމްބާއީގެ ބަންދްރާގައި ނެގުމަށް ހަމަޖެހިފައިވާ ފޯރިގަދަ އެކްޝަން މަންޒަރުތަކަކަށެވެ.
މި ފިލްމުގެ ކުރިއަށް އޮތް ޝޫޓިން ތާވަލު ޖޫން މަހުގެ 10 ވަނަ ދުވަހު މުމްބާއީގައި ފެށުމަށް ވަނީ ނިންމާފައެވެ. މި ތާވަލުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ފިލްމުގެ އެންމެ މުހިންމު އެކްޝަން މަންޒަރުތައް ނެގުމުގެ މަސައްކަތެވެ. އަދި ނަމެއް ދީފައިނުވާ މި ފިލްމަކީ މަޝްހޫރު ޕްރޮޑިއުސަރު ދިލް ރާޖޫ އުފައްދާ ފިލްމެކެވެ. މިއީ ސަލްމާން އާއި ނަޔަންތާރާ އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.
ޚަބަރުތައް ބުނާގޮތުގައި، ބަންދްރާގެ އެކި ސަރަހައްދުތަކުގައި މި މަންޒަރުތައް ކެމެރާކުރަން ނިންމާފައިވަނީ، އެ ސަރަހައްދުގެ މާހައުލަކީ މިފަދަ ވަރުގަދަ އެކްޝަން މަންޒަރުތަކަކަށް އެންމެ އެކަށީގެންވާ ތަނަކަށް ވާތީއެވެ.
ފިލްމުގެ މަސައްކަތުގައި އުޅޭ ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ޝޫޓިން ކުރިއަށްދާނީ ބަންދްރާގެ ބޭރުގެ އެކި ސަރަހައްދުތަކުގައެވެ. ދެ ތަރިން އެކުގައި ފެންނާނެ މި މަންޒަރުތަކުގެ ތެރޭގައި ފަހާދުވުމުގެ މަންޒަރުތަކާއި، އުޅަނދުފަހަރު ބޭނުންކޮށްގެން ނަގާ އެކްޝަންތަކުގެ އިތުރުން، އާންމުން ގިނަ އަދަދަކަށް އެއްވެ އުޅޭ ތަންތަނުގައި ނަގާ މަންޒަރުތައް ހިމެނެއެވެ.
އެ ފަރާތުން އިތުރަށް ބުނިގޮތުގައި، މިއީ ފިލްމުގެ އެންމެ ވަރުގަދަ އެއް އެކްޝަން ބައެވެ. މި މަންޒަރު ފެށިގެންދާނީ ފަހާދުވުމަކުން ކަމަށާއި، މަޑުމަޑުން އެ މަންޒަރު ބަދަލުވެގެންދާނީ ވަރަށް ވަރުގަދަ ކުރިމަތިލުމަކަށް ކަމަށް އޭނާ ބުންޏެވެ.
ސަލްމާން ޚާން، ނަޔަންތާރާ، ވަމްޝީ ޕައިޑިޕަލީ އަދި ޕްރޮޑިއުސަރު ދިލް ރާޖޫގެ މި ފުރަތަމަ މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ. ފިލްމުގެ ވާހަކަ އަދި ސިއްރުކޮށްފައިވީ ނަމަވެސް، މިއީ ވަރަށް ފުޅާ ދާއިރާއެއްގައި އުފައްދާ އެކްޝަން ޑްރާމާއެއް ކަމަށް ބެލެވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފިތުރު އީދުގައެވެ.
