ދުވާލަކު ފަސް ބާވަތުގެ މޭވާއާއި ތަރުކާރީ ކެއުމަށް ދެވޭ އިރުޝާދުގެ ތެރެއަށް، އިތުރު އެއް ބާވަތް އިތުރުކޮށްލުމަކީ، މޭވާއާއި ތަރުކާރީ ބޭނުންކުރާ މިންވަރު މަދު މީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއްކަން ދިރާސާވެރިންނަށް ފާހަގަކުރެވިއްޖެއެވެ.
ނިއުކާސަލް ޔުނިވަރސިޓީން ކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި، ދުވާލަކު ފަސް ބާވަތުގެ މޭވާއާއި ތަރުކާރީ ކެއުމަށް ދީފައިވާ އިރުޝާދުގެ ތެރެއިން، ކޮންމެ ދުވަހަކު ސައްތަ އިންސައްތަ މޭވާ ޖޫސް ތައްޓެއް ނުވަތަ ސްމޫތީއެއް ބުއިމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މި ދިރާސާގައި ބައިވެރިކުރީ އާންމުކޮށް މޭވާއާއި ތަރުކާރީ ބޭނުންކުރާ މިންވަރު ވަރަށް މަދު މީހުންނެވެ. މި މީހުންނަށް ދުވާލަކު ފަސް ބާވަތުގެ މޭވާއާއި ތަރުކާރީ ކެއުމުގެ އާދަ އަށަގަންނުވަން އެހީތެރިކަން ފޯރުކޮށްދެވުނެވެ. އޭގެ ތެރެއިން ބައެއް މީހުން ހަމައެކަނި މޭވާއާއި ތަރުކާރީ ބޭނުންކުރިއިރު، އަނެއްބައި މީހުން ކޮންމެ ދުވަހަކު މޭވާ ޖޫސް ތައްޓެއް ނުވަތަ ސްމޫތީއެއް ބޭނުންކުރިއެވެ.
ހަތަރު ހަފުތާއަށްފަހު، ދެ ގްރޫޕުގެ މީހުން ވެސް މޭވާއާއި ތަރުކާރީ ބޭނުންކުރާ މިންވަރު އިތުރުކުރިއެވެ. ނަމަވެސް، މޭވާ ޖޫސް ބޭނުންކުރި މީހުންގެ ނަފްސާނީ ބަލިމަޑުކަން (ޑިޕްރެޝަން) ހުރި މިންވަރު، ޖޫސް ނުބޯ މީހުންނަށްވުރެ ދަށްކަން ފާހަގަކުރެވުނެވެ.
ބްރިޓިޝް ޖަރނަލް އޮފް ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ މި ހޯދުންތަކުން އެނގޭ ގޮތުގައި، ކެއުމަށް ގެނެވޭ އާދައިގެ ބަދަލުތަކަކުން ނަފްސާނީ ދުޅަހެޔޮކަމަށް ފައިދާކުރެއެވެ.
ކެއުމަށް ގެނެވޭ ކުޑަ ބަދަލަކުން މޭވާއާއި ތަރުކާރީ ބޭނުންކުރުން އިތުރުކުރެވޭ
މި ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. ކޯޓްނީ ނީލް ވިދާޅުވި ގޮތުގައި، ދުވާލަކު ފަސް ބާވަތުގެ މޭވާއާއި ތަރުކާރީ ކެއުމަކީ ސިއްހަތަށް ފައިދާހުރި ކަމެއްކަން އެންމެންނަށް އެނގުނު ކަމުގައިވިޔަސް، ގިނަ މީހުންނަށް އެކަން ކުރަން ދަތިވެއެވެ.
“އަޅުގަނޑުމެންގެ ދިރާސާއިން އެނގުނީ، މޭވާއާއި ތަރުކާރީ ކެއުމަށް ހުރި ހުރަސްތައް ނައްތާލުމަށް މާލީ އަދި ތައުލީމީ އެހީތެރިކަން ދިނުމުން، މީހުންގެ ކެއުމުގެ އާދައަށް ހެޔޮ ބަދަލުތަކެއް އައިކަން. ދުވާލަކު މޭވާ ޖޫސް ތައްޓެއް ނުވަތަ ސްމޫތީއެއް ބޭނުންކުރުން ފަދަ ލުއި އަދި ޚަރަދު ކުޑަ ގޮތްތަކަކީ، ކަނޑައެޅިފައިވާ މިންވަރަށް މޭވާއާއި ތަރުކާރީ ކެއުމަށް މަގުފަހިކޮށްދޭ، އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެއް،” ޑރ. ނީލް ވިދާޅުވިއެވެ.
މޭވާއާއި ތަރުކާރީ އެކަށީގެންވާ މިންވަރަށް ކެއުމަކީ ދިގު މުއްދަތުގެ ބަލިތަކުން ދުރުކޮށްދީ، ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ ބޮޑެތި މީހުންގެ ތެރެއިން އެކަށީގެންވާ މިންވަރަށް މޭވާއާއި ތަރުކާރީ ކަނީ އެންމެ 17 އިންސައްތަ މީހުންނެވެ. އަދި ފުރާވަރުގެ ކުދިންގެ ތެރެއިން މި މިންވަރު ހަމަކުރަނީ އެންމެ 10 އިންސައްތަ ކުދިންނެވެ.
ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި ނަފްސާނީ ބަލިމަޑުކަން ކުޑަވޭ
ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ދިރާސާގައި ބައިވެރިވީ ދުވާލަކު ދެ ބާވަތަށްވުރެ މަދުން މޭވާއާއި ތަރުކާރީ ބޭނުންކުރާ މީހުންނެވެ. މި ހުރިހާ ބައިވެރިންނަށް ވެސް ދުވާލަކު ފަސް ބާވަތުގެ މޭވާއާއި ތަރުކާރީ ކެއުމުގެ އަމާޒަށް ވާސިލްވުމަށް އެހީތެރިކަން ފޯރުކޮށްދެވުނެވެ. މީގެ ތެރެއިން އެއް ގްރޫޕަކުން ހަމައެކަނި މޭވާއާއި ތަރުކާރީ ބޭނުންކުރިއިރު، އަނެއް ގްރޫޕުން މޭވާއާއި ތަރުކާރީގެ އިތުރުން ކޮންމެ ދުވަހަކު މޭވާ ޖޫސް ތައްޓެއް ނުވަތަ ސްމޫތީއެއް ބޭނުންކުރިއެވެ.
ދިރާސާވެރިން ވަނީ ސައިންޓިފިކް ސުވާލު ކަރުދާސްތައް ބޭނުންކޮށްގެން ބައިވެރިންގެ ނަފްސާނީ ހާލަތާއި، ހާސްކަމާއި، މާޔޫސްކަން ހުރި މިންވަރު ބަލާފައެވެ. މޭވާއާއި ތަރުކާރީގެ އިތުރުން ޖޫސް ބޭނުންކުރި މީހުންގެ މާޔޫސްކަން ނުވަތަ ޑިޕްރެޝަން ހުރި މިންވަރު، އަނެއް ގްރޫޕާ އަޅާބަލާއިރު ދަށްކަން ފާހަގަކުރެވުނެވެ. މިގޮތުން 27 ޕޮއިންޓުގެ މިންގަނޑަކުން ބަލާއިރު، ޖޫސް ބޭނުންކުރި މީހުންގެ ނަތީޖާ 2.52 ޕޮއިންޓް ދަށްވިއެވެ. މިއީ މާ ބޮޑު ތަފާތެއް ނޫން ކަމަށް ހީވި ނަމަވެސް، މިއީ ސައިންޓިފިކް ގޮތުން ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެކެވެ.
ކެއުމުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، ދެ ގްރޫޕުގެ ބައިވެރިން ވެސް ވަނީ ފައިބަރު ހިމެނޭ ކާނާ ބޭނުންކުރާ މިންވަރު ދުވާލަކު 8 އިން 10 ގްރާމަށް އިތުރުކޮށްފައެވެ. މީގެއިން އެނގެނީ މޭވާ ޖޫސް ބޭނުންކުރުމުގެ ސަބަބުން، ފައިބަރު ގިނައިން ހުންނަ މޭވާއާއި ތަރުކާރީ ކެއުމަށް ބައިވެރިން ފަސްޖެހިފައި ނުވާކަމެވެ.
ސިއްހަތަށް ނޭދެވޭ އެއްވެސް އަސަރެއް ފާހަގައެއް ނުކުރެވޭ
ޖުމްލަ 42 މީހުން ބައިވެރިވި މި ދިރާސާއިން އެނގުނު ގޮތުގައި، ޖޫހުގައި ހަކުރު ހުންނަ މިންވަރާ މެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ހަތަރު ހަފުތާގެ މުއްދަތުގައި ޖޫސް ބޭނުންކުރި މީހުންގެ ހަށިގަނޑުގެ މެޓަބޮލިޒަމްއަށް ނޭދެވޭ އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ނިއުކާސަލް ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރާ ޑރ. އޮލިވަރ ޝެނަން ވިދާޅުވީ، އިނގިރޭސިވިލާތުގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުންދާ މި ދަނޑިވަޅުގައި، ތާޒާ މޭވާއާއި ތަރުކާރީގެ އަގު ބޮޑުވުމަކީ ގިނަ ބަޔަކަށް އެ ތަކެތި ބޭނުންކުރުމަށް އޮތް ހުރަހެއް ކަމަށެވެ. އަދި ދުވާލަކު މޭވާ ޖޫސް ތައްޓެއް ބުއިމަކީ މިކަމަށް އޮތް ލުއި ހައްލެއް ކަމަށާއި، އެއީ މޭވާއާއި ތަރުކާރީގެ މިންވަރު ހަމަކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މޭވާ ޖޫސް ބޯ މީހުންގެ ޑިޕްރެޝަން ސްކޯ ދަށްވުމަކީ އުންމީދީ ހޯދުމެއް. އަދި ނަފްސާނީ ދުޅަހެޔޮކަން ދަށް މީހުންނަށް އަމާޒުކޮށްގެން މިކަމާ ގުޅޭ އިތުރު ދިރާސާތައް ކުރުން މުހިންމު. މިއީ މޭވާ ޖޫސް ބޭނުންކުރުމުން ސިކުނޑީގެ ލޭ ދައުރުވުން ރަނގަޅުވެ، ވިސްނުން ތޫނުވާކަމަށް ކުރިން ކުރެވިފައިވާ ދިރާސާތަކަށް ލިބޭ ބާރެއް. ކެއުމަށް ގެނެވޭ ކުޑަ ބަދަލަކުން، ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ،” ޑރ. ޝެނަން އިތުރަށް ވިދާޅުވިއެވެ.
