އެރޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗަރ ހޯލުގައި ވަނީ އާދަޔާ ޚިލާފު ހަލަބޮލިކަމެކެވެ. ދަބަސްތައް ދަމާ އަޑާއި، އާއިލާތަކުން ވަކިވާއިރު ބަދަލުކުރާ ސިއްރު ވާހަކަތަކާއި، ދަތުރުވެރިންނަށް މެނުވީ ފަހުމްނުވާ ފަދަ އިޢުލާންތަކުގެ އަޑު މުޅި ފަޒާގައި ހިފާލާފައިވެއެވެ. ބޭރުން ފެންނަނީ ރާއްޖޭގެ އިރުއޮއްސޭ ވަގުތުގެ ރީތި މަންޒަރެވެ. އުދަރެހުން ފެންނަ ރަންކުލައިގެ ދަޅަ މުޅި ކަނޑަށް ފެތުރިފައިވާއިރު، އެއީ ފެށެން އުޅޭ ދަތުރުތަކަށް ބުނާ ވަދާޢީ ސަލާމެއް ފަދައެވެ.
އަމީން އިނީ ގޭޓް 4 އާ ކައިރީގައި ހުރި ގޮނޑިއެއްގައި ލެނގިލައިގެންނެވެ. އޭނާގެ ބޯޑިންގ ޕާސް ދެއަތުގެ އިނގިލިތަކުން ފަށްޖަހާލައިގެން އިންއިރު، އޭނާގެ ހިތްވަނީ ވަރުބަލިކަމާއި ޝުކުރުވެރިކަމުގެ އިޙުސާސެއްގެ ތެރޭގައެވެ. އޭނާ ވަނީ ގިނަ ބަޔަކު ހަސަދަވެރިވާ ފަދަ ކާމިޔާބު ދިރިއުޅުމެއް ބިނާކޮށްފައެވެ. ބުރަ މަސައްކަތާއި، ހިތްވަރާއި، ނިދި ނަގާލައިގެން ކުރި މަސައްކަތުގެ ނަތީޖާއަކީ މީގެ ކުރިން ހުވަފެނުން މެނުވީ ނުދެކޭ ފަދަ ތަނަވަސްކަމެއް ލިބުމެވެ. ލަންޑަނުގައި ބާއްވާ ބައިނަލްއަޤުވާމީ ވިޔަފާރި ކޮންފަރެންސަކަށް ކުރާ މި ދަތުރަކީ އެފަދަ އެއް އަރާމެވެ. ދަތުރު ކުރަނީ “އަޕަރ ކްލާސް” ގައެވެ. ނިދާ އެނދަކަށް ބަދަލުކޮށްލެވޭ ފަދަ ތަނަވަސް ގޮނޑިއަކާއި، ހަމަހިމޭން މާޙައުލެއްގައި ލިބޭ މުއްސަނދި ފުރުޞަތެކެވެ.
ނަމަވެސް، އެ ގޮނޑީގައި އިންއިރު އޭނާއަށް ކުރިން ލިބެންޖެހޭ ފަދަ އުފާވެރިކަމެއް އިޙުސާސެއް ނުކުރެވެއެވެ. ފަހަކަށް އައިސް އޭނާގެ ހިތުގައި ބަޔާންކުރަން ނޭނގޭ ފަދަ ނުތަނަވަސްކަމެއް އުފެދިފައިވެއެވެ. އެއީ ކާމިޔާބީއަށްވުރެ ފުން، ކޮންމެވެސް އެހެން ކަމަކަށް އެދޭ އެދުމެއް ފަދަ އިޙުސާސެކެވެ.
އޭނާއާ މާ ދުރު ނޫން ހިސާބެއްގައި، އާދައިގެ ކަޅު ކުލައިގެ ބުރުގާއެއް އަޅައިގެން، ބާވެފައިވާ ހަން ދަބަހެއްގައި އަތް ބާއްވާލައިގެން ދޮށީ އުމުރުގެ އަންހެނަކު އިނެވެ. އެއީ ޒައިނަބް އިބްރާހީމެވެ. އުމުރުން އަށްޑިހަ ހަ އަހަރުގެ އެ މާމަގެ މުޅި ދިރިއުޅުން ހޭދަކޮށްފައިވަނީ މީހުންނަށް ޚިދުމަތް ކުރުމުގައެވެ. އެތައް އަހަރެއް ވަންދެން ނަރުހެއްގެ ގޮތުގައި ބަލިމީހުންނަށް އަޅާލައި، މަރުގެ ތުންފަތްމަތީގައި ތިބި މީހުންނަށް އޯގާތެރިކަން ދިނުމުގައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކެތްތެރިކަމާއި، އީމާންތެރިކަމުގެ މަތިވެރި ނިޝާންތަކެވެ.
އަމީނަށް އެ މާމަ ފާހަގަވީ، އޭނާ ފުން ނޭވާއެއް ދޫކޮށްލި ވަގުތުއެވެ. އެއީ އުނދަގުލެއްގެ ސަބަބުން ދޫކޮށްލި ނޭވާއެއް ނޫނެވެ. އެއީ އަޖައިބުވުމުން ދޫކޮށްލި ނޭވާއެކެވެ. އަމީން ކުޑަކޮށް ޖެހިލުންވެފައި ހުރެފައިވެސް، އޯގާތެރިކަމާއެކު އެ މާމައާ ވާހަކަދައްކަން ފެށިއެވެ.
“އައްސަލާމް އަލައިކުމް، މާމާ.” އޭނާ ބުންޏެވެ.
އެ މާމަ އިސްއުފުލާ ބަލާލުމަށްފަހު، ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ. “ވައަލައިކުމުއްސަލާމް، ދަރިފުޅާ.”
އެ މާމަގެ އަޑުގައި ހަމަހިމޭންކަމާއި އޯގާތެރިކަން އެކުލެވިގެންވެއެވެ. އެއީ ހާސްވެފައިވާ ހިތްތަކަށް ހަމަޖެހުން ގެނެސްދޭނެ ފަދަ އަޑެކެވެ.
“ތިޔަ ދަތުރުކުރަނީ އެކަނިތޯ؟” އަމީން އަހާލިއެވެ.
“އާނ.” މާމަ ބޯޖަހާލިއެވެ. “ދަނީ ލަންޑަނަށް. މާމަގެ މާމަ ދަރިފުޅު އުޅެނީ ލަންޑަންގަ.. އޭނާ ވަރަށް ބާރުއެޅީ ދާން. އޭނާ ބުނަނީ މާމަ މުޅި އުމުރު ހޭދަކުރީ މީހުންނަށް ޚިދުމަތް ކުރުމުގައޭ، އެހެންވީމާ މިއީ މާމައަށް މީހުން އަޅާލަންވީ ވަގުތޭ.” މާމަ ކުޑަކޮށް ހީނލިއެވެ. “ކުދިން ބޮޑެތިވިޔަސް ހީކުރަނީ އަހަރެމެންނަށް ކުރަންވީ ކަންތައް އެކުދިންނަށް ބުނެދެވޭނެ ކަމަށް.”
އަމީން ހިނިތުންވެލިއެވެ. “މިއީ އަލަށް ކުރާ ދަތުރެއްތޯ؟”
“އެންމެ ފުރަތަމަ ފަހަރެއް ނޫން.” މާމަ ޖަވާބު ދިނެވެ. “އެކަމަކު މިހާ ދުރަށްދާ ފުރަތަމަ ފަހަރު. އަދި މީހަކަށް އަޅާލަން ނުޖެހި ކުރާ ފުރަތަމަ ދަތުރު. އަދި މިއީ ވަރަށް ކުޑަ، އެކަމަކު އާދަޔާ ޚިލާފު ކަމަކަށް ހިތާހިތުން އުއްމީދުކުރާ ފުރަތަމަ ފަހަރު.”
އަމީން ކުޑަކޮށް ބޯ އަރިކޮށްލާފައި އަހާލިއެވެ. “ތިޔަ ބުނީ ކީކޭތޯ؟”
މާމަ ކުޑަކޮށް ޖެހިލުންވިއެވެ. އެކަމަކު ދެން އެވާހަކަ ބުންޏެވެ. “މާމަ އަބަދުވެސް ހިތަށްއަރާ.. ބޯޓުގެ ކުރީގައި ހުންނަ އެ ބޮޑެތި ގޮނޑިތަކުގައި އިށީނުމުން ކުރެވޭނީ ކޮން ކަހަލަ އިޙުސާސެއްބާވައޭ.” ބޯޑިންގ އޭރިއާއަށް ބަލާލަމުން މާމަ ބުންޏެވެ. “އެއީ ފައި ދަމާލައިގެން އަރާމުގައި ނިދާލެވޭ ގޮނޑިތައް. މާމަގެ ގޮނޑިއަށް ދާއިރު އެ މީހުންނަށް ބަލާފައި ހިތަށްއަރާ ސުބްޙާނަﷲ އޭ، އެއީ ކޮންފަދަ ނިޢުމަތެއްބާވައޭ. އެކަމަކު..” މާމަ ހިނިތުންވެލިއެވެ. “ބައެއް ކަންކަމަކީ މި ދުނިޔޭގައި އަހަރެމެންނަށް ލިޔެވިފައިވާ ކަންކަމެއް ނޫން.”
އެ މާމަގެ އަޑުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އޮތީ ހަމައެކަނި ރުހުމާއި ޤަބޫލުކުރުމެވެ. އަމީންގެ ހިތަށް އެންމެ ބޮޑަށް އަސަރުކުރީ އެކަމާއެވެ. ހަސަދަވެރިކަމެއް، ހިތާމައެއް ނެތެވެ. އޮތީ ﷲ ގެ މިންވަރުފުޅަށް ފުރިހަމައަށް އިތުބާރުކުރުމެވެ.
އަމީން އޭނާގެ ބޯޑިންގ ޕާހަށް ބަލާލިއެވެ. “އަޕަރ ކްލާސް”. ދެން އެ މާމައަށް ބަލާލިއެވެ. “އިކޮނޮމީ”. ބޯޓުގެ އެންމެ ފަހަތު ބައި. ފާޚާނާތަކާ ކައިރި.
އެ ވަގުތު އެއާޕޯޓުގެ ހަލަބޮލިކަން އަމީނަށް އިޙުސާސެއް ނުކުރެވުނެވެ. އޭނާއަށް އިވެނީ އޭނާގެ އަމިއްލަ ހިތުގެ ތެޅުމެވެ. އޭނާގެ ހަނދާނަށް އައީ މީގެ އަހަރުތަކެއް ކުރިން އޭނާ ފުރަތަމަ ފަހަރަށް ރަށުން ފުރައިގެން ދިޔަ ދުވަހު މަންމަ ބުނި ބަހެކެވެ. “ދަރިފުޅާ އަމީން. ހަޤީޤީ މުއްސަނދިކަމަކީ އަތުގައި ހުންނަ އެއްޗެއް ނޫން. އެއީ މީހުންނަށް ދޭން ތައްޔާރަށް ހުންނަ އެއްޗެއް.”
ބޯޓަށް އެރުމަށް ގޮވާލި އިޢުލާނާއެކު އޭނާގެ ޚިޔާލުތައް މެދުކެނޑުނެވެ. އަމީން މަޑުމަޑުން ތެދުވިއެވެ. “މާމަ ދުވަހަކުވެސް އެ ގޮނޑިއެއްގައި ނީށީންނަންތޯ؟” އޭނާ ފަހު ފަހަރަށް އަހާލިއެވެ.
ޒައިނަބް ބޯޖަހާލަމުން ހިނިތުންވިއެވެ. “ނޫން ދަރިފުޅާ. އެކަމަކު ކޮންމެ ޙާލެއްގައިވެސް އަލްޙަމްދުލިﷲ.”
އެ ބަސް އަމީންގެ ހިތުގައި ބިންވަޅު ނެގުނެވެ. އެ މީހުން ބޯޓަށް އެރީ ވަކިވަކިންނެވެ. އަމީން ބޯޓުގެ ކުރީކޮޅަށް ވަދެ، އެ ތަނަވަސްކަމާއި އަރާމު ފެނުމުން އޭނާ ފައިސާ ދެއްކި ހުރިހާ ކަމެއް ފުރިހަމައަށް ހުރިކަން އެނގުނެވެ. ނަމަވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ދަބަސް ބެހެއްޓުމަށްފަހު އިރުކޮޅަކު އިށީނދެލިއެވެ. ދެން ކުއްލިއަކަށް ތެދުވެ، އެއްވެސް ޖެހިލުމެއް ނެތި ބޯޓުގެ ފަހަތަށް ހިނގައިގަތެވެ.
އޭނާ އިކޮނޮމީ ކްލާހަށް ގޮސް އެ މާމަ ހޯދިއެވެ. ޒައިނަބް އިނީ އޭނާގެ ގޮނޑީގައި މަޑުމަޑުންނެވެ. އަމީން އެ މާމަގެ ކައިރިއަށް ގޮސް ހުއްޓުނެވެ. “މާމާ.” އޭނާ މަޑުމަޑުން ގޮވާލިއެވެ.
މާމަ ޙައިރާންވެފައި ބަލާލިއެވެ. “އާނ ދަރިފުޅާ؟”
އަމީން ހިނިތުންވެލިއެވެ. “މާމަ އަޅުގަނޑަށް ކަމެއް ކޮށްދީފާނަންތޯ؟ މާމަ އަޅުގަނޑުގެ ގޮނޑިއަށް ގޮސްދީފާނަންތޯ؟”
މާމައަށް އޮޅުން ނުފިލައިގެން އަހާލިއެވެ. “ދަރިފުޅުގެ ގޮނޑިއަށޭ؟”
“އާނ، ކުރީކޮޅުގައި ހުރި ގޮނޑިއަށް.” އަމީން ސާފުކޮށްދިނެވެ.
“އެތަން މާ އަރާމުވާނެ. މާމައަށް ރަނގަޅަށް އަރާމުކޮށްލެވޭނެ. މިއީ ވަރަށް ދިގު ދަތުރެއް.”
މާމަގެ ދެލޯ ބޮޑުވިއެވެ. “ނޫން، ނޫން.” އޭނާ އަވަސްއަވަހަށް ބޯހޫރުވާލަމުން ބުންޏެވެ. “ދަރިފުޅުގެ މަޤާމު މާމައަކަށް ނުނެގޭނެ. އެއީ ދަރިފުޅު ފައިސާ ދީފައި ހުރި ތަނެއް. އެއީ ދަރިފުޅުގެ ޙައްޤެއް.”
އަމީން މާމަގެ ފެންވަރަށް ތިރިވެލައި، މަޑުމައިތިރި ނަމަވެސް ސާބިތު އަޑަކުން ބުންޏެވެ. “އަދި އެ ފައިސާ ދެއްކުމުގެ ކުޅަދާނަކަން އަޅުގަނޑަށް ދެއްވީ ﷲ. މިއަދު އަޅުގަނޑު ބޭނުމީ އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުން.. އެ ގޮނޑި މާމައަށް ހަދިޔާކުރަން.”
މާމަ އަމީނާ ދިމާއަށް ބަލަން އިނީ ދެލޯ ފެންކަޅިވެފައިވާ ޙާލުގައެވެ. “އެކަމަކު ކީއްވެ؟” މާމަ ސިއްރުސިއްރުން އަހާލިއެވެ.
އަމީން ހިނިތުންވެލިއެވެ. “މާމަ މުޅި އުމުރު ހޭދަކުރީ އެހެން މީހުންނަށް އަރާމާއި އޯގާތެރިކަން ދިނުމުގައި. މިއަދު އެންމެ ފަހަރަކު ނަމަވެސް މީހަކު މާމައަށް އެ އަރާމު ދޭން ފުރުޞަތު ދެއްވާ.”
އިރުކޮޅަކަށް ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެން، ތުރުތުރު އަޅަމުންދިޔަ އަތަކާއެކު، އުއްމީދު ނުކުރާ ފަދަ އުފާވެރިކަމަކުން ހިތް ފުރިފައިވާ ޙާލު، ޒައިނަބް ބޯޖަހާލިއެވެ.
އެއްވެސް އިޢުލާނެއް ނެތި، އެއްވެސް މީހެއްގެ ސަމާލުކަމެއް ނުހޯދައި، އަދި ކެމެރާތަކުގެ ކުރިމަތީގައި ނޫން ގޮތަކަށް، އެމީހުން ގޮނޑި ބަދަލުކުރިއެވެ. އެއީ ވަރަށް އާދައިގެ، އެހެނަސް މަތިވެރި ޢަމަލެކެވެ.
އަމީން އެއްވެސް ޝަކުވާއެއް ނެތި އިކޮނޮމީ ގޮނޑީގައި ހަމަޖެހިލިއެވެ. ހަނި ޖާގައެއްގައި އިންއިރު އޭނާގެ ކަކޫ ޖެހެނީ ކުރީ ގޮނޑީގައެވެ. އަނެއްކޮޅުން، ބޯޓުގެ ކުރީކޮޅުގައި، ޒައިނަބް އިނީ އޭނާ މީގެ ކުރިން ހަމައެކަނި ދުރުން ދެކުނު ގޮނޑިއެއްގައެވެ. އޭނާ އެ ގޮނޑީގައި އިށީނީ ވަރަށް ބިރުން ހުރެއެވެ.
ބަޓަނަކަށް ފިތާލުމާއެކު ގޮނޑި އޮށޯވެވޭ ގޮތަށް ތިރިވުމުން، މާމަގެ އަނގަޔަށް ކުޑަ ހިނިތުންވުމެއް އައެވެ. އެއީ އަޖައިބު ކަމެއް ފެނުމުން ކުޑަކުއްޖަކަށް ލިބޭ ފަދަ އުފާވެރިކަމެކެވެ. މާމަގެ ކޯތާފަތް މަތިން ކަރުނަ ފައިބަމުން ދިޔައެވެ. “އަލްޙަމްދުލިﷲ!” މާމަ އަނެއްކާވެސް ސިއްރުން ބުންޏެވެ.
މުޅި ދަތުރުގައިވެސް ބޯޓުގެ މުވައްޒަފުން އެ މާމައަށް ވަރަށް އޯގާތެރިކޮށް ކަންތައް ކުރިއެވެ. މީރު ކެއުމާއި، މަޑު ފޮތިގަނޑާއި، ހިނިތުންވުންތައް ލިބުނެވެ. ނަމަވެސް މާމަގެ ހިތަށް އެންމެ ބޮޑަށް އަސަރުކުރީ އެ މުއްސަނދިކަމަކުން ނޫނެވެ. އެއީ އަމީންގެ ހިތްހެޔޮކަމާއި ނިޔަތުގެ ސަބަބުންނެވެ.
އިކޮނޮމީގައި އަމީން އިނީ ހަމަހިމޭންކަމާއެކު ބޯޓުގެ އަޑަށް ސަމާލުކަން ދީގެންނެވެ. އޭނާއަށް ކުރެވެނީ ވަރަށް ލުއި، ހަމަޖެހޭ އިޙުސާސެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އޭނާ ހޯދަމުން އައި ހަމަޖެހުން މިއަދު ލިބިއްޖެއެވެ.
ދަތުރުގެ މެދުތެރެއިން ބޯޓުގެ ފްލައިޓް އެޓެންޑެންޓަކު އަމީންގެ ކައިރިއަށް އައެވެ. އޭނާ މި ހުރިހާ މަންޒަރެއް ހަމަހިމޭންކަމާއެކު ބަލަން ހުއްޓެވެ. “ތިޔައީ ވަރަށް އޯގާތެރި ޢަމަލެއް.” އޭނާ މަޑުމަޑުން ބުންޏެވެ. އަމީން ބޯހޫރުވާލަމުން ބުންޏެވެ. “އެއީ އެއްވެސް ކަމެއް ނޫން.” އެކަމަކު އެއީ އެއްވެސް ކަމެއް ނޫނޭ ބުންޏަސް، ހަޤީޤަތުގައި އެއީ ހުރިހާވެސް ކަމެވެ.
އެތައް ގަޑިއިރެއް ފަހުން، ލަންޑަނަށް ބޯޓު ތިރިކުރަމުން ދިޔައިރު، ބޭރުން ފެންނަނީ ފަތިހުގެ ރީތި އަޅިކުލައިގެ އުދަރެހެވެ. ޒައިނަބް ދެލޯ މަރާލައިގެން އިނީ ހިނިތުންވުމަކާއެކުގައެވެ. އޭނާގެ މުޅި އުމުރުގައިވެސް އޭނާއަށް ލިބޭނެ ކަމަށް އުއްމީދު ނުކުރާ ފަދަ ތަޖުރިބާއެއް މިއަދު އެވަނީ ކުރެވިފައެވެ. އެއީ އޭނާ އެކަމަށް އެދިގެން ނުވަތަ މަސައްކަތް ކޮށްގެން ލިބުނު އެއްޗެއް ނޫނެވެ. އެއީ މީހަކު އަމިއްލައަށް އިސްނަގައިގެން ދިން ހަދިޔާއެކެވެ.
އަދި އޭނާގެ ފަހަތުގައި، ހަނި ގޮނޑިއެއްގައި އިން މީހާއަށް ވަނީ މުއްސަނދިކަމަށްވުރެ މާ މަތިވެރި ކަމެއް ފެނިފައެވެ. އެއީ އެއްވެސް މީހަކަށް ނުފެންނަ ގޮތަށް ދިނުމުގެ ރީތިކަމެވެ. އެއްވެސް ބަދަލަކަށް އެދުމެއް ނެތި ކުރާ އޯގާތެރިކަމެވެ. އިންސާނާއާއި އޭނާ ހެއްދެވި ފަރާތާ ދެމެދު އޮންނަ އިޚްލާޞްތެރިކަމެވެ.
ބޯޓު ޖެއްސުމަށްފަހު، އެ ދެމީހުން ވަކިވީ ހިތުގެ ފުންމިނުން ކުރި ދުޢާތަކާއި ހިނިތުންވުންތަކާއެކުގައެވެ. ފޯނު ނަންބަރު ބަދަލުކުރުމެއް، ނުވަތަ ފަހުން ބައްދަލުކުރުމުގެ ވަޢުދެއް ނެތެވެ. ސަބަބަކީ ބައެއް ވަގުތުތަކަކީ ކުރިއަށް ގެންދަން ޖެހޭ އެއްޗެއް ނޫނެވެ. އެއީ އޮންނަންވީ ގޮތުގައި، ސާފުތާހިރުކަމާއި ފުރިހަމަކަންމަތީގައި ހިތުގައި ބިންވަޅު ނެގިފައި އޮންނަންޖެހޭ ހަނދާންތަކެކެވެ.
މި ދަތުރު ނިމުނުތާ އެތައް ދުވަހެއް ފަހުންވެސް، މި ވާހަކަ އެކަކު އަނެކަކަށް ކިޔައިދެމުންދާނެއެވެ. ދުނިޔެ ހަނދާން ނައްތާލާފައިވާ މުހިންމު ފިލާވަޅެއް ހަނދާންކޮށްދެމުންނެވެ. އެއީ، އެންމެ މަތިވެރި ދަތުރުތަކަކީ މޭލުތަކުން ނުވަތަ މަންޒިލްތަކުން މިނޭ އެއްޗެއް ނޫން ކަމެވެ. އެއީ ދަތުރުގެ މެދުތެރެއިން އެހެން މީހުންނަށްޓަކައި އަހަރެމެން ކުރާ ހަމަހިމޭން އިޚްތިޔާރުތަކެވެ.
(ނިމުނީ)
