ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ފުރިހަމަނުވި ލޯބި – އެޕިސޯޑް 04

“މަންމަ ބުނަނީ ލޯތްބަށްވުރެ ބޮޑު އަމިއްލަ އެދުން ބޮޑު ގުޅުމެއް ނޯންނާނެއޭ. އެހެންވެ ބުނަނީ ލޯތްބަކީ ކަނު އެއްޗެކޭ. އަމިއްލަ އެދުމާއި އަމިއްލަ އުފާ ފެނުނަސް، އޭގެ ސަބަބުން އެހެން މީހުންނަށް ވާނެ ގޮތަކާ މެދު ފަރުވާލެއް ނުބަހައްޓާ. މުޅި އާއިލާ ސުންނާފަތިވަނީ މި ލޯބީގެ ސަބަބުން.”

“ކަލޭގެ ބޭކާރު ވާހަކަ ނިމުނިއްޔާ ބުނެބަލަ، ނޭހާ މިއަދު ޔުނިވާސިޓީއަށް ނައީ ކީއްވެގެން؟” ޝާޔާން މަޑުމައިތިރިކަމާއެކު އެހިއެވެ.

“އޭނާ ބަލިވެ އުޅެނީ. އެކަމަކު ކަލެއަށް ނޭހާގެ ކައިރިން ކޮން ކަމެއް ޖެހިގެން ތި އުޅެނީ؟” އަޙްމަރަކީ ކޮންމެ ކަމެއްގެ ފުންމިނަށް ފީނުމުގެ އާދަ ހުންނަ މީހެކެވެ.

“ކަލެއަށް އޭނާ އުޅޭ ގެ އެނގޭތަ؟” ޝާޔާންގެ ހިތާއި ސިކުނޑީގައި ވަނީ ހަމައެކަނި އޭނާގެ މަގްސަދެވެ. އޭނާގެ ހިތުގައި އޮތީ ހަމައެކަނި އެއް ކަންބޮޑުވުމެކެވެ. ކާވޭރީއަށް ވަގުތަށް ޚަބަރު ނުލިބިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

“އާނ، ދެ ފަހަރަކު އެގެއަށް ދެވުނު،” އަޙްމަރަށް ކުއްލިއަކަށް ޝާޔާންއާ މެދު ހަމްދަރުދީ އުފެދުނެވެ.

“މަށަށް އެގެ ދައްކައިދީފާނަންތަ؟” ޝާޔާންގެ މި ސުވާލަކީ އަޙްމަރަށް ކުރިމަތިވި އިމްތިހާނެކެވެ. އަޙްމަރު ވިސްނުމަކަށް ގެއްލުނެވެ.

“ކިހިނެއްވީ؟ އެހީވާން ބޭނުން ނޫންނަމަ ސާފުކޮށް ބުނޭ،” ޝާޔާންގެ އަޑު ބަރުވިއެވެ. އޭނާ ހުރީ އެތެރެއެތެރެއިން ވަރަށް ބޮޑު ހިތާމައެއްގައެވެ.

“ރަހުމަތްތެރިޔާއޭ ބުނީމާ ދެން ވިސްނާނެ ކަމެއް ނެތް. ރަހުމަތްތެރިއަކަށް ދިމާވާ ދަތި ވަގުތު އެހީނުވާ މީހަކީ ރަހުމަތްތެރިއެއް ނޫން. އެކަމަކު އެންމެ ސުވާލަކަށް ޖަވާބުދީ، ކަލޭ ތި އުޅެނީ ކީއްކުރަން؟” ޝާޔާން އަނެއް ފަރާތަށް އެނބުރުނެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހިތްވަރު އެލުނަނުދީ ހިފެހެއްޓޭތޯއެވެ.

އަޙްމަރު އަތުގައި ސައިކަލެއް ހުރެއެވެ. އޭނާ ޝާޔާން ގޮވައިގެން ނޭހާގެ ގެއަށް ދިޔައެވެ. ނޭހާގެ މަންމައަށް ނުދަންނަ ދެ ފިރިހެން ކުދިން ފެނުމުން ކަންބޮޑުވި ނަމަވެސް، ކުރިންވެސް އަޙްމަރު އައިސްފައިވާ ކަމާއި އެއީ ނޭހާގެ ކްލާސް ކުދިންކަން އެނގުމުން ހިތްހަމަޖެހުނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެ ދެމީހުން ތިބީ ނޭހާގެ ކުރިމަތީގައެވެ.

ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު ނޭހާގެ މޫނުމަތިން ބިރުވެރިކަން ފެންނަން ފެށިއެވެ. އޭނާ ވަގުތުން ބުންޏެވެ. “އަހަރެން ތިކަހަލަ ކަންކަމުގެ ތެރެއަކަށް ނުވަންނާނަން. ބައްޕަގެ ކިބައިން އަހަރެން ކިޔަވަން ދިއުމުގެ ހުއްދަ މި ހޯދީވެސް ވަރަށް އުނދަގުލުން. ކަލޭ ތި ބުނަނީ އަހަރެން ކާވޭރީގެ ގެއަށް ގޮސް ތި ރޭވުމުގެ ވާހަކަ ދައްކާށޭ؟ ވަރަށް ބޮޑަށް މާފުކުރޭ ޝާޔާން، އަހަރެންނަކަށް ތިކަމެއް ނުކުރެވޭނެ. އައި އެމް ސޮރީ.”

މި ވާހަކަ އިވުމުން، ބައްދަލުކުރަންވީ ވަގުތާއި ތަންވެސް ކާވޭރީއަށް އަންގައިނުދެވޭނެކަން ޝާޔާންއަށް ޔަގީންވާން ފެށިއެވެ.

“މައްސަލައެއް ނެތް، އަހަރެން ހީކުރީ އަހަރުމެންގެ ލޯބި ކާމިޔާބުކޮށްދޭން ނޭހާ އެހީވާނެކަމަށް. ބޭކާރު އުއްމީދެއް ކުރެވުނީ،” އޭނާ ތެދުވަމުން ބުންޏެވެ. އެ ދެމީހުން ދާން އުޅުމުން ނޭހާ އެމީހުން ހުއްޓުވިއެވެ. އެއާއެކު ޝާޔާންގެ ނިވިފައިވާ އުންމީދުގެ ހުޅުކޮޅު އަލުން ދިއްލުނެވެ.

“އެއް ގޮތް އެބައޮތް،” ނޭހާ ބުންޏެވެ.

“ކޮބާ؟ އަވަހަށް ބުނޭ،” ޝާޔާންގެ ހާލަތު ހުރި ގޮތުން ނޭހާއަށްވެސް އަސަރުކުރިއެވެ.

“ކަލޭގެ ނަންބަރު އޭނާގެ އާއިލާއަށް އެނގޭނެ. އަދި އަހަރެން މިކަމުގެ ތެރެއަށް ސީދާ ވަންނާކަށް ބޭނުމެއް ނޫން،” އޭނާ ކުޑަވަގުތުކޮޅަކަށް ހުއްޓާލިއެވެ. “މިވަގުތު އޮތް ގޮތަކީ އަޙްމަރުގެ ފޯނުން އަހަރެން ކާވޭރީއަށް ގުޅައިގެން ތި މެސެޖު ފޯރުކޮށްދޭން މަސައްކަތް ކުރުން.”

މި ވާހަކަ އިވުމުން އަޙްމަރުގެ ކުލަވަރު އޮއްސުނެވެ. ޝާޔާންއަށް އެހީވާ ކޮންމެ މީހަކަށް ވާނެ ގޮތް އޭނާއަށް ވިސްނުނެވެ. އޭނާ ވަރަށް ނުތަނަވަސްކަމާއެކު ފޯނު ނޭހާއަށް ދިނެވެ. އަދި ހިތާހިތުން ދުޢާކުރަމުން ދިޔައީ ކާވޭރީ ފޯނު ނުނެގުމަށެވެ.

“ހެލޯ!” ފޯނު ގުޅުމާއެކު ނޭހާ ބުންޏެވެ. ޝާޔާންގެ ލޮލުން އުންމީދުގެ އަލިކަން ފެނުނުއިރު އަޙްމަރު ހުރީ ހާސްވެފައެވެ. “ކާވޭރީއާ ވާހަކަދެއްކިދާނެތަ؟ މިއީ ނޭހާ، އޭނާގެ ކްލާސް ކުއްޖެއް… އަސްލު މިސް ނިމްރާ މެސެޖެއް ދޭން ބުނެފައި އޮތީމާ.”

އަނެއްކޮޅުން ބުނީ އެ މެސެޖެއް އެމީހުންނަށް ދިނުމަށެވެ. އެމީހުން އެ މެސެޖު ކާވޭރީއަށް ރައްދުކޮށްދޭނެ ކަމަށެވެ.

“އެހެންވިއްޔާ މައްސަލައެއް ނެތް ދައްތާ! އަހަރެން ބޭނުންވީ ކާވޭރީއާ ސީދާ ވާހަކަދައްކަން،” އެހެން ބުނެ ފޯނު ކަނޑާލަން އުޅުމުން، މަޖުބޫރުވެގެން ފޯނު ކާވޭރީއަށް ދީފިއެވެ. ނޭހާ ވަގުތުން ފޯނު ޝާޔާންއަށް ދިނެވެ.

ޝާޔާން ވަރަށް ރައްކާތެރިކަމާއެކު ބުންޏެވެ. “މިއީ ޝާޔާން! ނޭހާއާ ވާހަކަދައްކާ ކަމަށް ހެދިގެން އުޅޭ.”

ކާވޭރީ އެއްފަހަރުން ބިރުގަތެވެ. ނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން އޭނާ އެކްޓް ކުރަން ފެށިއެވެ. “އާނ، އަސްލު އަހަރެން މިހުރީ ސުކޫރުގައި ގާތްތިމާގެ ބައެއްގެ ގޭގައި، އެހެންވެ ޔުނިވާސިޓީއަށް ނުދެވުނީ… ދެތިން ދުވަސް ތެރޭގައި ދާނަން.”

އޭނާގެ ވާހަކަ ނިމުމާއެކު ޝާޔާން ރޭވުމާއި ރޭލުގެ ޓިކެޓާ ބެހޭ މަޢުލޫމާތު ދިނެވެ. އެ އަޑުއިވުމުން ކާވޭރީގެ މޫނު މުޅިން ރީނދޫވިއެވެ. އެނާގެ ގާތުގައި މަންމަ ހުރުމުން، އެހާ ވަރުގަދަ ފާރަވެރިކަމެއްގެ ތެރެއިން ނިކުންނާނެ ގޮތެއް ބުނާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އޭނާ ހަމައެކަނި ބުނީ، “އާނ އާނ ރަނގަޅު، އަހަރެން ދާނަން،” މިހެންނެވެ.

ޝާޔާން ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ. ބިރުވެރިކަމާއި އުފާވެރިކަން އެއްފަހަރާ އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ. ޖެހިގެން އައި ދެ ދުވަހު އޭނާ ވިސްނީ އޭނާއާއި ކާވޭރީގެ މުސްތަގުބަލާ މެދުގައެވެ. އޭނާ އެންމެ ބޮޑަށް ކަންބޮޑުވީ އޭނާ ކުރާ ކުށުގެ އަދަބު އޭނާގެ ކޮއްކޮ އިޤްރާއަށް ލިބިދާނެތީއެވެ. އަދި ކާވޭރީ ބުނި ފަދައިން، “ދެ ދީނެއްގެ ދެމީހުންކަން އެނގުމުން” މީހުން ކަންތައް ކުރާނެ ގޮތް ހިތަށް އެރުމުން އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލައިގަތެވެ.

އަނެއްކޮޅުން ކާވޭރީވެސް އޭގެ ނަތީޖާއާ މެދު ބިރުން ހަލާކުވަނީއެވެ. ޝާޔާންއާއެކު ހިތްހަމަޖެހިގެން އުޅެވޭނެ ކަމުގެ ޔަގީންކަމެއް އޭނާއަކަށް ނެތެވެ. އެހެންނަމަވެސް، އޭނާ ހުރީ ނިކުންނަން ވަރުގަދަ އަޒުމެއް ކަނޑައަޅައިގެންނެވެ. އޭނާގެ ހިތުގައި މިހާރު އެއްވެސް ލޯތްބެއް ނެތް ކަމަށް ދައްކައި، މައިންބަފައިންގެ އިތުބާރު ހޯދިއެވެ. އަދި އެމީހުންގެ އަބުރަށް ހުތުރުވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ބައްޕައަށް ވަޢުދުވިއެވެ. މީގެ ސަބަބުން އޭނާއަށް ކުރިމަތިކޮށްފައިވާ ހުރަސްތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އަދި ރޭގަނޑުގެ ހިމޭން ވަގުތެއްގައި ގެއިން ނިކުތުމަށް އޭނާ ކާމިޔާބު ކުރިއެވެ. ގޭގެ ކައިރީގައި އޭނާ އޮންލައިންކޮށް ބުކްކުރި ޓެކްސީ އޮތެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާއަށް ފްރިއާ ހޯލަށް ދެވުނެވެ. އޭނާއަށް ޔަގީންވީ ޝާޔާން މާ ކުރިން އެތަނަށް ގޮސް ހުންނާނެ ކަމަށެވެ. އޭނާ ވަރަށް ކެތްމަދުވެފައި ހުރެ އެއްބަސްވި ތަނަށް ދިޔައެވެ. ނަމަވެސް އެތަނުގައި ރޭގަނޑުގެ އަނދިރިކަމާއި ގަސްތަކުގެ ތެރެއިން ޖެހޭ ވައިގެ އަޑު ފިޔަވައި އެހެން އެއްވެސް ކަމެއް ނެތެވެ. ޝާޔާން އަދިވެސް އެތަނަކަށް ނާދެއެވެ. އޭނާ ހާސްވެފައި ހުރެ ގަޑި ބަލާލިއެވެ. ރޭލު ފުރާ ގަޑި ވަނީ ގާތްވެފައެވެ. ޝާޔާންގެ ފޯނު އޮތީ ނިއްވާލާފައެވެ. މިއީ ކާވޭރީގެ އުންމީދުތަކުގެ މައްޗަށް ފެން އޮއްސާލުން ފަދަ ކަމަކަށް ވިއެވެ. އޭނާ އަމިއްލަ ނަފްސަށް ހިތްވަރު ދެމުން، ކަލާނގެއަށް ދަންނަވަމުން ދިޔައެވެ. ނަމަވެސް ވަގުތު ފާއިތުވަމުން ދިޔައެވެ. ޝާޔާންއެއް ނައެވެ.

ދެގަޑިއިރު ފަހުން އޭނާ އެނބުރި ގެއަށް ދިޔައިރު، ގޭގެ އެންމެން ތިބީ ހޭލައެވެ. އެންމެން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ ނާކާމިޔާބީގެ ފުން އަސަރުތަކެވެ. އެމީހުން ހީކުރީ އެމީހުންގެ ދަރިފުޅު އާއިލާގެ އަބުރު ނަގާލުމަށްފަހު ހިނގައްޖެ ކަމަށެވެ.

“ކާވޭރީ! ކަލޭ ތިޔަ އައީ ކޮންތާކުން؟” އޭނާ ފެނުމާއެކު މައިންބަފައިން ހަޅޭއްލަވައިގަތެވެ.

އޭނާ ކޮނޑުގައި އޮތް ދަބަސް ސައިޑް ބޯޑު މަތީގައި ބާއްވަމުން، ވަރަށް މަޑުމައިތިރިކަމާއެކު އިސްޖަހާލައިގެން ހުރެ ބުންޏެވެ. “އަހަރެން ދިޔައީ ފްރިއާ ހޯލްގެ ބަގީޗާއަށެވެ. އަހަރެން ބޭނުންވީ އެންމެ ފަހު ފަހަރަށް އެކަނިވެލައިގެން ހުރެ، އަހަރެންގެ އަމިއްލަ ނަފްސާ ސުވާލުކުރާށެވެ. އަހަރެންނަށް ވިސްނުނީ އަހަރެން ކުރަން މިއުޅޭ ކަމަކީ މުޅިން ގޯސް ކަމެއް ކަމެވެ. ބައްޕަގެ އަބުރާއި މަންމަގެ އިތުބާރު ނަގާލާފައި އަހަރެންނަށް އުފަލެއް ނުލިބޭނެކަން އަހަރެންނަށް އިހުސާސް ކުރެވުނު. އެހެންވެ، އަހަރެން މިއައީ އެނބުރި ގެއަށް. ބައްޕާ، މިއަދަށްފަހު ބައްޕަ ބުނި ކޮންމެ މީހަކާ އަހަރެން ކައިވެނި ކުރަން ތައްޔާރު.”

ކާވޭރީގެ މި ވާހަކަ އަޑުއަހާފައި އޭނާގެ ބައްޕަގެ ލޮލުން ކަރުނަ އައެވެ. އެމީހުން ހީކުރީ ކާވޭރީ ފިލައިގެން ދިޔައީ ކަމަށެވެ. ނަމަވެސް އޭނާ އެނބުރި އައުމުން، އޭނާގެ ބައްޕަ އޭނާގެ ބޮލުގައި އަތް ފިރުމާލަމުން މައާފު ކުރިއެވެ.

ނަމަވެސް ހަގީގަތަކީ މުޅިން ތަފާތު ހަގީގަތެކެވެ. ޝާޔާން އެތަނަށް ނައީ އޭނާގެ ހިތް ބަދަލުވެގެންނެއް ނޫނެވެ. އޭނާ ގެއިން ނިކުންނަން އުޅެނިކޮށް، އޭނާގެ ކޮއްކޮ އިޤްރާ ކޮޓަރިން ނިކުމެ އޭނާގެ އަތުގައި ހިފެހެއްޓީއެވެ. އިޤްރާއަށް ހުރިހާ ކަމެއް އެނގިއްޖެއެވެ.

“ބޭބޭ، ތި ދަނީ އަހަރެމެން އެންމެން މަރާލާފަ. ބޭބެ ދިޔުމަށްފަހު، އަހަރެން މި މުޖުތަމައުގައި މީހަކަށް މޫނު ދައްކާނީ ކިހިނެއް؟ އަހަރެންގެ ކިޔެވުމާ، އަހަރެންގެ މުސްތަގުބަލު ބޭބެގެ ތިޔަ އެންމެ ފިޔަވަޅަކުން ހަލާކުވެގެން ދާނެ. މަންމައާއި ބައްޕަ ދިރިތިއްބާ ކަފުން ކުރަން ބޭބެ ބޭނުންވަނީތަ؟” އިޤްރާގެ ކަރުނުން ފުރިފައިވާ ދެލޮލާއި، އާދޭސްތަކުގެ ކުރިމަތީގައި ޝާޔާންގެ ލޯބި ބަލިވީއެވެ. އޭނާއަށް އެ ފިޔަވަޅު އަޅާކަށް ނުކެރުނެވެ.

އޭނާ މުޅި ރޭ ހޭދަކުރީ ރޮއެރޮއެއެވެ. އޭނާ ކާވޭރީއަށް ގުޅަން މަސައްކަތް ކުރި ނަމަވެސް، އޭނާގެ ފޯނު އޮތީ ބައްޕަ އަތުލާފައެވެ.

މަސްތަކެއް ފަހުން، ކާވޭރީގެ ކައިވެނި އޭނާގެ އާއިލާއިން ހަމަޖެއްސި މީހާއާ ކުރެވުނެވެ. އަދި ޝާޔާންވެސް އޭނާގެ އާއިލާގެ އެދުމުގެ މަތިން އެހެން ކުއްޖަކާ ކައިވެނި ކުރިއެވެ.

އަހަރުތަކެއް ފާއިތުވެގެން ދިޔައެވެ. އެއްދުވަހަކު، ފްރިއާ ހޯލްގެ އެ ބަގީޗާ ތެރެއިން ޝާޔާން ހިނގާފައި ދަނިކޮށް، ދުރުން އަންހެނަކު އޭނާގެ ދަރިފުޅު ގޮވައިގެން ހިނގާފައި އަންނަތަން ފެނުނެވެ. އެއީ ކާވޭރީއެވެ. ދެމީހުންގެ ލޯ ސީދާވިއެވެ. ދެމީހުންގެ ލޮލުގައިވެސް ހުރީ ބަޔާންކުރަން ނޭނގޭ ފަދަ ހިތާމައެކެވެ. ނަމަވެސް، އެކަކު އަނެކަކާ ވާހަކަދައްކާކަށް ނުކެރުނެވެ.

އެމީހުންނަށް ވިސްނުނީ، ބައެއް ފަހަރު ލޯތްބަށްވުރެ އާއިލާއާއި، ޒިންމާތަކާއި، މުޖުތަމައުގެ ހަމަޖެހުން މާ މުހިންމުވާ ކަމެވެ. އެމީހުންގެ އެ ފުރިހަމަނުވި ލޯބީގެ ވާހަކަ، އެ ފްރިއާ ހޯލްގެ ބަގީޗާގެ ގަސްތަކުގެ ތެރޭގައި ތާއަބަދަށް ވަޅުލެވިގެން ދިޔައީއެވެ.

— ނިމުނީ —

ނޯޓް
އުރުދޫ ވާހަކަ: “ކިނާރޭ ތަކް ނާ ޕޮހޮނޗް ސަކީ”ގެ ތަރުޖަމާއެއް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top