ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިއްދޫއިން ގައްދޫ ބަލިކޮށްފި
ފޮޓޯ: ދިއްދޫ ސްޕޯޓްސް ކުލަބް ފޭސްބުކް

ދިވެހި ޕްރިމިއާ ލީގު 2026/2027 ކޮލިފައިންގެ ދެވަނަ މެޗުން ދިއްދޫ މޮޅުވެއްޖެ އެވެ.

2026/2027 ގެ ދިވެހި ޕްރިމިއާ ލީގު ކޮލިފައިން ދެވަނަ މެޗުގައި ބައްދަލުކުރީ ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫ އާއި ސައުތު ރީޖަންގެ ޗެމްޕިއަން ގދ. ގައްދޫ އެވެ.

ވާދަވެރި ރީތި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ ދިއްދޫ އެވެ. ލަނޑު ޖަހާނެ ރަނގަޅު އެތައް ފުރުސަތެއް ދިއްދޫއަށް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ލިބުނު ފުރުސަތު މަދު ނަމަވެސް ގައްދުއަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފައެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ރަނގަޅަށް ކުޅުނީ ދިއްދޫ އެވެ. ދިއްދޫން އުފެއްދި ގިނަ ހަމަލާތަކެއް ގައްދޫގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ދޭތެރެއަކުން ފުރުސަތުތައް ހޯދި ގައްދޫން ވެސް ވަނީ ދިއްދޫގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ދިއްދޫން ޖެހީ 67 ވަނަ މިނިޓްގައެވެ. ދިއްދޫ ކުޅުންތެރިއަކު މަތިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައި ދިއްދޫއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ފޯވާޑް ޔޫސުފްއެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ގައްދޫއަށް ވަނީ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ދެތިން ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. ގައްދޫގެ ހަމަލާތައް ހުއްޓުވަން މަސައްކަތްކުރި ދިއްދޫ ކުޅުންތެރިން ވަނީ ގޯލު ލައިން މަތިން ވެސް ބޯޅައެއް ސަލާމަތް ކޮށްފައެވެ.

ނަތީޖާގެ ފަރަގު ބޮޑުކޮށްލަން ދިއްދޫއަށް ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ދިއްދޫން ފޮނުވާލީ ގިނަ ހަމަލާތަކެއް ގައްދޫގެ ކީޕަރު ދިފާއުކުރިއިރު ބައެއް ހަމަލާ ގޯލާއި އަމާޒުނުވެ ވެސް ދިޔަ އެވެ.

1-0 އިން ދިއްދޫ މޮޅުވި މި މެޗާއިއެކު އެ ޓީމު ވަނީ އެއްވަނައަށް ޖެހިލައިފައެވެ.

ދިވެހި ޕްރިމިއާ ލީގު 2026/2027 ކޮލިފައިންގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. މި މެޗުގައި ބައްދަލުކުރާނީ މާލޭ ރީޖަންގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކްލަބާއި، ދާދިފަހުން ނިމުނު ދިވެހި ޕްރިމިއާ ލީގުގެ 7 ވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top