ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކިޑްނީގެ ދިގުލައިދާ ބަލި (ސީ.ކޭ.ޑީ) ތަހައްމަލު ކުރަމުންދާ، ހަކުރުބަލި ނެތް މީހުންގެ ކިޑްނީގެ މަސައްކަތްތައް ހިމާޔަތްކޮށްދީ، ސިއްހީ ބޮޑެތި ނުރައްކާތަކުން ސަލާމަތްވުމަށް “ފައިނެރީނޯން” ނަމަކަށް ކިޔާ ބޭހަކުން ބޮޑެތި ފައިދާތަކެއް ކުރާކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
އަންދާޒާ ކުރެވޭ ގޮތުގައި ދުނިޔޭގެ އާބާދީގެ 800 މިލިއަން މީހުން ކިޑްނީގެ ބަލިތައް ތަހައްމަލު ކުރަމުންދާއިރު، މިއީ ކިޑްނީ ފޭލްވުމާއި، ހިތުގެ ބަލިތަކާއި، އަދި އުމުރުން ދުވަސްނުވަނީސް މަރުވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. ނަމަވެސް، ހަކުރުބަލި ނެތް ސީ.ކޭ.ޑީ ބަލިމީހުންނަށް މިހާތަނަށް ލިބެން ހުރި ފަރުވާގެ ފުރުސަތުތަކީ ވަރަށް މަދު ފުރުސަތުތަކެކެވެ.
ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، މީގެ ކުރިން ހަކުރުބަލި ހުންނަ ކިޑްނީ ބަލިމީހުންނަށް ބޭނުންކުރުމަށް ހުއްދަ ދެވިފައިވާ ފައިނެރީނޯން ބޭހަކީ، ހަކުރުބަލި ނެތް މީހުންގެ ކިޑްނީގެ މަސައްކަތްތައް ހީނަރުވުން ލަސްކޮށްދިނުމުގައި ވެސް ކާމިޔާބު ބޭހެކެވެ. “ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިން” ގައި ޝާއިޢުކޮށްފައިވާ މި ހޯދުންތަކުގެ ސަބަބުން، ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ ގިނަ އަދަދެއްގެ ބަޔަކަށް މި ބޭސް ބޭނުންކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
ޔުނިވަރސިޓީ މެޑިކަލް ސެންޓަރ ގްރޯނިންގެންގެ ކްލިނިކަލް ފާމަކޮލޮޖިސްޓް ހިއްޑޯ ލަމްބާސް ހިއަރސްޕިންކް އިސްވެ ހުންނަވައި ކުރިއަށް ގެންދެވި ބައިނަލްއަގުވާމީ “ފައިންޑް-ސީ.ކޭ.ޑީ” ތަހުލީލުތަކުން މި ނަތީޖާތައް ވަނީ ކަށަވަރުވެފައެވެ.
ބަލީގެ ނުރައްކާ ކުޑަކުރުން
ކިޑްނީގެ ބައްޔަކީ އޭގެ އަލާމާތްތައް ފެންނަން ފަށާއިރު ކިޑްނީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުންނާތީ “ހިމޭން ގާތިލެއް”ގެ ގޮތުގައި ސިފަކުރެވޭ ބައްޔެކެވެ. ބަލި ބޮޑުވަމުންދާ ވަރަކަށް ކިޑްނީ ފޭލްވުމާއި، ހިތުގެ ބަލިތައް ޖެހުމާއި، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
ފައިނެރީނޯން ބޭހުން ބަލި ކޮންޓްރޯލް ކުރެވޭ މިންވަރު ބެލުމަށްޓަކައި، ހަކުރުބަލި ނެތް، ކިޑްނީ ބަލީގެ 1,584 މީހުން މި ދިރާސާގައި ބައިވެރިކުރިއެވެ. މީގެ ތެރެއިން ހުރިހާ ބައިވެރިންނަކީ ވެސް ކިޑްނީގެ މަސައްކަތްތައް ދަށްވެފައިވާ އަދި ކުޑަކަމުދާ ތަކެތީގައި ޕްރޮޓީންގެ މިންވަރު މަތިވެފައިވާ މީހުންނެވެ.
މި ދިރާސާގެ ބައިވެރިންގެ ތެރެއިން އެއްބަޔަކަށް ފައިނެރީނޯން ދިންއިރު، އަނެއް ބަޔަކަށް ދީފައިވަނީ އަސްލު ބޭހުގެ ބަދަލުގައި ބޭނުންކުރާ “ޕްލަސީބޯ” އެކެވެ. މީގެ އިތުރުން ހުރިހާ ބައިވެރިންނަށް ވެސް އާންމުކޮށް ކިޑްނީ ހިމާޔަތްކުރުމަށާއި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރަންދޭ އޭ.ސީ.އީ އިންހިބިޓަރސް ނުވަތަ އެންޖިއޯޓެންސިން ރިސެޕްޓަރ ބްލޮކާސް ދީފައިވެއެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެވްރެޖްކޮށް ތިން އަހަރު ދުވަހުގެ މުއްދަތަށެވެ.
ކިޑްނީ ހީނަރުވުން ލަސްކޮށްދިނުން
ދެ އަހަރާއި ބައިގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދިރާސާގައި ކިޑްނީން ލޭ ސާފުކޮށްދޭ މިންވަރު އީ-ޖީއެފްއާޒް (eGFR) ބަލާފައިވެއެވެ. މި ހޯދުންތަކުން ދެއްކި ގޮތުގައި ފައިނެރީނޯން ބޭނުންކުރި މީހުންގެ ކިޑްނީ ހީނަރުވުމުގެ ދުވެލި، ޕްލަސީބޯ ބޭނުންކުރި މީހުންނަށްވުރެ ބޮޑުތަނުން ލަސްވެފައިވެއެވެ. ލަމްބާސް ހިއަރސްޕިންކް ވިދާޅުވި ގޮތުގައި މިއީ ބަލިމީހުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން، މި ބޭހުގެ ސަބަބުން ކިޑްނީއަށް ދިމާވާ ބޮޑެތި މައްސަލަތަކާއި، ހިތް ހުއްޓުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމާއި، އަދި ހިތުގެ ބަލިތަކުގައި މަރުވުމުގެ ނުރައްކާ ވެސް ކުޑަކޮށްދެއެވެ. ފައިނެރީނޯން ބޭނުންކުރި ގްރޫޕުން މިފަދަ ނުރައްކާތައް ދިމާވީ އެންމެ 13.9 އިންސައްތަ މީހުންނަށެވެ. މިއީ އަނެއް ގްރޫޕާ އަޅާބަލާއިރު ގާތްގަނޑަކަށް 23 އިންސައްތައިގެ ދަށްވުމެކެވެ.
ކުޑަކަމުދާ ތަކެތީގައި ހުންނަ ޕްރޮޓީންގެ މިންވަރު ދަށްވުން
ފައިނެރީނޯން ބޭނުންކުރަން ފެށިތާ ހަ މަސް ދުވަހުގެ ތެރޭގައި، ބަލިމީހުންގެ ކުޑަކަމުދާ ތަކެތީގައި ހުންނަ ޕްރޮޓީންގެ މިންވަރަށް ބޮޑު ބަދަލެއް އައިސްފައިވެއެވެ.
ލަމްބާސް ހިއަރސްޕިންކް ފާހަގަކުރެއްވި ގޮތުގައި، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރުމަކީ ކިޑްނީއަށް ގެއްލުންވާކަމުގެ ކުރީކޮޅުގެ ނިޝާނެކެވެ. ފައިނެރީނޯން ބޭނުންކުރި މީހުންގެ ޕްރޮޓީންގެ މިންވަރު އެވްރެޖްކޮށް 41 އިންސައްތަ ދަށްވިއިރު، މިއީ ކިޑްނީގެ ދުޅަހެޔޮކަމަށް ލިބުނު ވަރަށް އުންމީދީ ނަތީޖާއެކެވެ.
މި ދިރާސާގެ މުހިންމުކަން ބޮޑުވަނީ، މީގެ ކުރިން މި ބޭހާ ގުޅޭގޮތުން ކުރެވުނު ބޮޑެތި ދިރާސާތައް އަމާޒުކޮށްފައިވަނީ ހަމައެކަނި ހަކުރުބަލި ހުންނަ މީހުންނަށް ކަމަށްވާތީއެވެ. ނަމަވެސް ދުނިޔޭގެ ނިސްބަތުން ކިޑްނީ ބަލި ތަހައްމަލުކުރާ މީހުންގެ ދެބައިކުޅަ އެއްބަޔަކީ ހަކުރުބަލި ނެތް މީހުންނެވެ. އެހެންކަމުން، މި ބޭހަކީ އެ އެންމެންނަށް ވެސް ރައްކާތެރި އަދި ފައިދާހުރި ބޭހެއްކަން މިހާރު މިވަނީ ސާބިތުވެފައެވެ.
ލަމްބާސް ހިއަރސްޕިންކް ވިދާޅުވި ގޮތުގައި، ފައިނެރީނޯން ވެގެންދާނީ ހަކުރުބަލި ނެތް ކިޑްނީ ބަލިމީހުންނަށް ލިބޭނެ ވަރަށް މުހިންމު އައު ފަރުވާއަކަށެވެ. މިއީ މިހާރު ދެވޭ ފަރުވާތަކުގެ އިތުރުން، ކިޑްނީ ހަލާކުވުން ހުއްޓުވުމަށް ޑޮކްޓަރުންނަށް ލިބޭނެ ވަރުގަދަ ހަތިޔާރެކެވެ.
