ވޯލްޑް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުން ދެކުނު ކޮރެއާ މޮޅުވެއްޖެއެވެ.
މެކްސިކޯ އާއި އެމެރިކާ އަދި ކެނެޑާގައި ބާއްވާ މިއަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް އެވެ.
މި މެޗްގު ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ ދެކުނު ކޮރެއާ އެވެ. އެ ޓީމުން ހައެއްކަ ފުރުސަތު ތަނަވަސް ކުރިއިރު ޗެކް ރިޕަބްލިކްއަށް ތަނަވަސް ކުރެވުނީ ދެ ފުރުސަތެވެ. ދެކުނު ކޮރެއާ އިން އުފެއްދި ބައެއް ފުރުސަތުތައް ޗެކް ރިޕަބްލިކްގެ ޑިފެންޑަރުން ހުއްޓުވިއިރު އެ ޓީމުގެ ކީޕަރު ވަނީ ގޯލް ލައިން މަތިން ވެސް ބޯޅައެއް ސަލާމަތް ކޮށްފައެވެ.
ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ދެކުނު ކޮރެއާ އެވެ. ދެކުނު ކޮރެއާ އިން އެޓޭކަށް އިސްކަން ދީގެން ކުޅުނުއިރު ޗެކް ރިޕަބްލިކްއިން ކުޅުނީ ކައުންޓާރ އެޓޭކަށް ސަމާލުކަން ދީގެންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު ދެކުނު ކޮރެއާ ކޮޅަށް ޗެކް ރިޕަބްލިކުން ލަނޑު ޖެހީ 49 ވަނަ މިނެޓުގައި ލަޑިސްލާވް ކުރޭޗީ އެވެ. ދެކުނު ކޮރެއާގެ އޭރިޔާއާ ދިމާ އަރިމަތިން ޗެކް ރިޕަބްލިކަށް ލިބުނު އެއްލުން، އެ ޓީމުގެ ކުޅުންތެރިޔާ އެއްލީ އޭރިޔާ ތެރެއަށެވެ. މަތިމަތިން އޭރިޔާ ތެރެއަށް އައި ބޯޅަ ލަޑިސްލާވް ކުރޭޗީ ގޯލުގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ.
ޗެކް ރިޕަބްލިކުން ލަނޑު ޖެހި ނަމަވެސް ދެކުނު ކޮރެއާއިން ކުޅެމުން އައި ކުޅުމަށް ބަދަލެއް ނުގެނެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ދެކުނު ކޮރެއާ އިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ 67 ވަނަ މިނިޓްގަ އެވެ. 67 ވަނަ މިނިޓްގައި ދެކުނު ކޮރެއާއަށް މި ލަނޑު ޖަހައިދިނީ ހުވަންގް އިން ބިއޮމް އެވެ. ހުވަންގް އިން ބިއޮމް މި ލަނޑު ޖެހީ ބޯޅަ ހިފައިގެން ޗެކް ރިޕަބްލިކްގެ އޭރިޔާ ތެރެއަށް ވަދެ އޭނާ ކައިރިއަށް އައި ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފަހަތުން އަރައި ދެކުނު ކޮރެއާ މޮޅުވި މި މެޗުގައި އެ ޓީމުން ދެވަނަ ލަނޑު ޖެހީ 79 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިން ހީޔޮން ގިޔޫ އެވެ. ދެކުނު ކޮރެއާ ކުޅުންތެރިއަކު ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އިން ހީޔޮން ގިޔޫ ގޯލުގެ ތެރެއަށް ފޮނުވާލީ ޗެކް ރިޕަބްލިކްގެ ކުޅުންތެރިންގެ ތެރެއިން ކުރިޔަށް އަރައެވެ. މި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފައެވެ.
މެޗުގެ ފަހުކޮޅު ޗެކް ރިޕަބްލިކްގެ ކުޅުންތެރިއަކު ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލްގެ ލައިން މަތިން ދެކުނު ކޮރެއާ ކީޕަރު ދިފާއުކުރި އެވެ.
މި މެޗު ނިމުނީ އިތުރު ލަނޑެއް ނުޖެހި 2-1 އިން ދެކުނު ކޮރެއާ މޮޅުވެގެންނެވެ.
