“ތީ މަންމަ ކަމަށް ވަންޏާ އަހަރެން މީ އޭނަގެ ބައްޕަ. އަހަރެން ކަލޭ އޭނަގެ ދިރިއުޅުން ކުޅޭ ކުޅިގަނޑަކަށް ހެދިޔަކަ ނުދޭނަން.” ދެމީހުންގެ ޒުވާބު ބޮޑުވަމުން ދިޔައެވެ.
“ކޮންމެ ގޮތެއް ވިޔަސް ހެޔޮ. ޒޯޔާ އަލުން އެ މެދުފަންތީގެ އާއިލާއަށް އެނބުރިއެއް ނުދާނެ. ނިމުނީ.” އާފިޔާ އޭނާގެ ފަހުގެ ނިންމުން އިއްވިއެވެ. ނަސީރު އިތުރު އެއްޗެއް ނުބުނި ނަމަވެސް އޭނަ ހުރީ އާފިޔާއަށް ބަލަހައްޓައިގެންނެވެ.
“އަހަންނަށް އެނގެޔޭ ކަލޭ އަބަދު އެ އަޔާންއާ އެއްކޮޅަށް ވަކާލާތުކުރަނީ ކީއްވެގެންކަން. އެއީ އޭނަ ފެންނަ ކޮންމެ ފަހަރަކު ކަލޭ ކަލޭގެ އެ މެދުފަންތީގެ ދިރިއުޅުން މަތިން ހަނދާންވާތީ.” އާފިޔާ ބުނެލިއެވެ.
“އާފިޔާ! މެދުފަންތީގެ މީހަކަށް ވުމަކީ ހުތުރު ކަމެއް ނޫން. އެކަމަކު ކަލޭ ތި ވާހަކަދައްކަނީ އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ދެކިގެން. އާނ، އަހަންނަކީ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ މީހެއް. އެކަމަކު އެނގޭތަ؟ އަހަރެން ކިތަންމެ ގިނަ ފައިސާއެއް ހޯދިޔަސް، އަހަރެންގެ އަސްލަކީ އަބަދުވެސް އެއީ. އަދި އެކަމާ އަހަރެން ލަދެއް ނުގަނޭ، އަހަރެން ފަޚުރުވެރިވޭ.” ނަސީރު ބުނެލިއެވެ. އާފިޔާ ހައިރާންވެފައި ނަސީރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ނަސީރު އެތަނުން ދާން ހިނގައިގަތެވެ.
“ނަސީރު! ނަސީރު!” އާފިޔާ ގޮވި ނަމަވެސް ނަސީރެއް ނުހުއްޓުނެވެ. އޭނާ ދިޔަގޮތަށް ދިޔައީއެވެ.
އާފިޔާއަށް އެނދުގައި އިށީނދެވުނެވެ. އޭނަގެ ފެންވަރުގެ ވާހަކައިން ނަސީރު ރުޅިނައި ނަމަވެސް އެކަމުން ނަސީރަށް އެކަމުން އަސަރު ކުރާނެކަން އޭނައަށް އެނގުނެވެ. އެއީ އޭނާ ގަސްތުގައި ބުނި އެއްޗެއް ނޫނެވެ. ރުޅީގެ ތެރެއިން ގަސްތަކާނުލައި ދުލުން ނުކުތް ބަސްތަކެކެވެ. ނަމަވެސް އެ ބަސްތައް ބޭރުވީތީ މިހާރު އޭނަ ދެރަވިއެވެ.
*****
ޖެހިގެން އައި ދުވަހުގެ މެންދުރު ވީއިރުވެސް ޒޯޔާ ފައިސަލަކަށް ނުގުޅައެވެ. އޭނާ ހުރީ ރޭގެ ކަންތަކާ އަދިވެސް ހިތްހަމަނުޖެހިފައެވެ. ފައިސަލް ހުރީ ދުވަހުގެ ބުރަ ޝެޑިއުލްއާ ހެދި ގުޅާލާނެ ވަގުތު ނުވުމާއެކު ޒޯޔާ ރުޅިމަޑުވެގެން އަމިއްލައަށް ގުޅާނެ ކަމަށެވެ. ނަމަވެސް ޒޯޔާގެ ފޯނެއް ނައެވެ. ވަރުބަލިކަމާއެކު ގޮނޑީގައި އިށީނދެލައިގެން އިންއިރު އޭނާ ވިސްނިއެވެ. ޒޯޔާއާ މެދުގައެވެ.
މެންދުރު ނޫސްތަކަށް އެރި އެންމެ ޚާއްސަ އެއް ޚަބަރަކީ ރާއްޖޭގައި ކުރެވުނު ވަރަށް ނާޒުކު، ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކުރެވުނު ޚަބަރެވެ. އާފިޔާއަށް އެ ޚަބަރު ޚާއްސަވީ ފައިސަލް ކުރި އޮޕަރޭޝަނަކަށް ވީމައެވެ.
“ޒޯޔާ! ފައިސަލްއަށް ގުޅިންތަ؟” އާފިޔާ އެހިއެވެ.
“ނުގުޅަން.” ޒޯޔާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
“އަދިވެސް ރޭގެ ކަންތަކާ ރުޅިއައިއްސަ ތިހިރީ ދޯ؟” އާފިޔާ ބުންޏެވެ.
“ރޭގަ ކިހިނެއްވީ؟”
“ޒޯޔާ! މަންމަ ދުށީމޭ ރޭގަ ފައިސަލްއާ ދެމީހުން އައިސްފަ، ރުޅިމޫނު ހަދާފަ ގެއަށް ވަންތަން. އަދި ރޭގަ ފައިސަލް ގެއަށް ނާންނަކަން ވެސް މަންމައަށް އެނގެޔޭ.” އާފިޔާ ބުންޏެވެ.
“މަންމާ، ތިވާހަކަ ނުދައްކަފާނަންތަ؟” ޒޯޔާ އުނދަގޫވެފައި ބުންޏެވެ.
“ތި ގޮތް ދޫކޮށްފަ ގުޅާބަލަ. މިހާ ބޮޑުކަމެއް ވީމަވެސް ނުގުޅާ ތި ހުންނަނީ.” އާފިޔާ ބުންޏެވެ.
“ކޮންކަމެއް ވީ؟” ޒޯޔާ ހައިރާންވެފައި އެހިއެވެ.
“މިއަދު ނޫސްތަކެއް ބަލައެއް ނުލަން ދޯ. ހުރިހާ ނޫހެއްގައި އެއޮތީ ފައިސަލް ކުރި ބޮޑު އޮޕަރޭޝަންގެ ވާހަކަ. ސަލާމަތް ނުވާނެހެން ހީވާހާ ނާޒުކު ހާލަތެއްގައި އޮތް ބަލިމީހެއްގެ ފުރާނަ ސަލާމަތްވި ވާހަކަ. އެހެންވީމަ މަރުޙަބާ ކިޔަން ގުޅަން ވާނެއެއްނު.” އާފިޔާ ބުނެލިއެވެ.
“އަހަރެން ވިސްނާނަން.” އެހެން ބުނުމަށްފަހު ޒޯޔާ މަޑުކޮށްލުމެއްވެސް ނެތި އޭނާގެ ކޮޓަރިއަށް ވަނެވެ. އާފިޔާ ގޮވި އަޑު އިވުނު ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދީއެވެ.
*****
ފައިސަލް ކެބިންގައި އިންދާ ކުޑަކޮށް ދޮރު ހުޅުވާލާފައި ސްޓާފަކު ވަނުމުގެ ހުއްދައަށް އެދުނެވެ. އޭނާގެ އަތުގައި އޮތީ ބޮޑު މާބޮނޑިއެކެވެ. އެ މާބޮނޑި ފައިސަލްއާ ހަވާލުކުރުމަށްފަހު އެމީހާ ނުކުމެގެން ދިޔައެވެ. ފައިސަލް މާބޮނޑި މޭޒު އެއްފަރާތުގައި ބާއްވަން އުޅެނިކޮށް އޭގައިވާ ކާޑު ފެނުނެވެ. ކާޑު ނަގައި ބަލާލުމާއެކު އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
ފައިސަލް އޭނާގެ ފޯނު ނަގާފައި ޒޯޔާއަށް ގުޅާލިއެވެ. ޒޯޔާ ހުރީ ކެފޭގައެވެ. ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ފޯނު ނެގިއެވެ.
“ފައިސަލް!” ޒޯޔާ މަޑުމަޑުން ބުނެލިއެވެ.
“ޝުކުރިއްޔާ ޒޯޔާ.” ފައިސަލް ބުންޏެވެ.
“ޝުކުރިއްޔާއޭ!؟ ކޮންކަމަކާ؟ އަހަރެން ހީކުރީ ތި ގުޅީ މަޢާފަށް އެދެން ކަމަށް.” ހައިރާންކަމާއެކު ސުވާލުކޮށްލާފައި ޒޯޔާ ބުނެލިއެވެ.
“މާފަށް އެދެން؟ އަހަރެން ކޮންކަމަކާ މަޢާފަށް އެދެންވީ ޒޯޔާ؟ އަހަރެން ބުނާނީ ޝުކުރިއްޔާއެއްނު. ތި ސާބިތުކޮށްދިނީ އަހަރެން ހީކުރި ގޮތް ގޯސްކަން.” ފައިސަލް ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން ބުނެލިއެވެ.
“ގޯސްކަން ސާބިތުކޮށްދިނީއޭ؟ ތިބުނީ ކީކޭ؟” ޒޯޔާ ހައިރާންވެފައި އެހިއެވެ.
“މިބުނީ ރޭގައި އަހަރެމެން ދެމެދުގައި ހިނގި ކަންތައްތަކަށްފަހު، ޒޯޔާ އަހަންނަށް މަރުޙަބާ ނުކިޔާނެ ކަމަށް އަހަރެން ހީކުރީ. އެކަމަކު މި މާބޮނޑި ފޮނުވުމުން ތި ސާބިތުކޮށްދިނީ، އެކަހަލަ ކުދިކުދި ދެބަސްވުންތަކުގެ މާނައަކީ އަހަރެންގެ އުފަލުގައި ޒޯޔާ ބައިވެރިނުވުމެއް ނޫންކަން. އަހަރެމެންގެ އެކުވެރިކަމާއި ގުޅުމަކީ އެކަހަލަ ޒުވާބުތަކަށްވުރެ މާ މަތިވެރި އެއްޗެއްކަން.” ފައިސަލް ހިނިތުންވެފައި އިނދެ ވާހަކަ ދެއްކިއެވެ.
“ފައިސަލް ހަޤީޤަތުގައިވެސް ތިހެން ޤަބޫލުކުރާނަމަ ތި އުފަލުގައި އަހަރެން ބައިވެރިކުރީސް. ތި ހޯދި ކާމިޔާބީގެ ޚަބަރު އަހަންނަށް އެނގޭނީ ނޫސްތަކަކުންނެއް ނޫން.” ޒޯޔާގެ އަޑު ކިތަންމެ އާދައިގެ ރާގެއްގައި ހުރިނަމަވެސް އޭނާގެ ވާހަކައިން އޭނަ ހުރީ ހިތްހަމަނުޖެހިފައިކަން ފައިސަލްއަށް އެނގުނެވެ. ވަގުތުން އޭނާގެ މޫޑް ގޯސްވިއެވެ.
“ޒޯޔާ! އަހަންނަށް ނުވިސްނެނީ ޒޯޔާގެ ވިސްނުން އަދިވެސް ތިގޮތަށް ހުރިއިރު، މި މާބޮނޑި ފޮނުވީ ކީއްވެގެންކަން.” ފައިސަލް ބުންޏެވެ.
“އެއީ އަހަރެން ފޮނުވި އެއްޗެއް ނޫން. އެއީ އަހަރެންގެ ނަމުގައި މަންމަ ފޮނުވި އެއްޗެއް.” ޒޯޔާ ވަރަށް ތެދުވެރިކަމާއެކު ބުންޏެވެ.
ފައިސަލްއަށް ހުރިހާ ކަމެއް އެނގުނެވެ. ޒޯޔާ އަދިވެސް އެހެރީ ރޭގެ ކަންތަކާ ރުޅިއައިސްފައެވެ. އާފިޔާއަށް ކޮންމެވެސް ގޮތަކުން އެކަން އެނގުނީއެވެ. އެހެންކަމުން އޭނަ އެކަން ފޫބެއްދުމަށް ޒޯޔާގެ ނަމުގައި އެ މާބޮނޑި ފޮނުވީއެވެ. ނަމަވެސް އެކަމުން ތަކުލީފު ލިބެނީ އޭނާއަށެވެ. އޭނައަށް އުންމީދުތަކެއް ލިބޭ ފަދަ ކަންތައްތައް އާފިޔާ ކުރާތީއެވެ.
“ޒޯޔާ! އޭގެ މާނައަކީ ޒޯޔާ އަދިވެސް ތި ހުންނަނީ ރޭގައިވީ ކަންތައްތަކާ ހިތްހަމަނުޖެހިފައޭ.” ފައިސަލް ބުންޏެވެ.
“ރޭގެ ކަންތައްތައް ހިތުގައި ބާއްވައިގެން ފައިސަލްވެސް ތިހިރީ. އެހެން ނޫންނަމަ މިހާ ބޮޑު އުފާވެރި ޚަބަރެއް ފައިސަލް އަމިއްލައަށް އަހަންނަށް ދިނީސް.” ޒޯޔާ ބުންޏެވެ.
“ޒޯޔާ! އަހަންނަށް އެއްކަމެއް ބުނެދީބަލަ. މީގެ ކުރިން ދުވަހަކުވެސް އަހަރެންގެ މަސައްކަތުގެ ވާހަކަ ޒޯޔާއާ ހިއްސާކުރިންތަ؟ ނޫނީ މީގެ ކުރިން ދުވަހަކުވެސް ޒޯޔާ އަހަރެންގެ މަސައްކަތާމެދު ތިހާ ބޮޑު ޝައުޤުވެރިކަމެއް ފާޅުކުރިންތަ؟ ވީއިރު، މިއަދު ކުރި އޮޕަރޭޝަނެއްގެ ވާހަކަ ނުބުނެގެން، އެވަރު ކަމަކާ ތިހާ ބޮޑަށް ދެރަވެ، ހިތްހަމަނުޖެހެންވީ ކީއްވެ؟” ފައިސަލް ހިތްހަމަނުޖެހުނެވެ.
“މީ ކުޑަކުޑަ ކަމެއް ނޫނޭ ފައިސަލް. އެކަން ފައިސަލްއަށްވެސް އެނގޭނެ. ގާތް ގުޅުންތަކުގައި އެއްވެސް ކަމަކީ ކުޑަ ކަމެއް ނޫން. ގުޅުންތަކަކީ ބިއްލޫރި ފަދަ އެއްޗެއް. އެ ގުޅުން ބަދަހިކުރަން ގިނަ ދުވަސް ނެގިޔަސް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެގެން ކެނޑިގެން ހިނގައިދާނެ. ފައިސަލް! ތި އޮޕަރޭޝަނަކީ ފައިސަލްގެ ވަޒީފާގަޔާއި ދިރިއުޅުމުގައިވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ވީއިރު، އަހަންނަކީ ތިބާގެ ގާތް މީހެއް ކަމަށް ކުޑަކޮށްވެސް ދެކޭނަމަ، މިވާހަކަ އެންމެ ފުރަތަމަވެސް އަހަރެން ގާތު ބުނީސް.” ޒޯޔާ ބުންޏެވެ.
“ޒޯޔާ! އަހަރެން މިއައީ ހަ ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ނިންމާފަ. އަހަރެން މިހިރީ ވަރަށް ވަރުބަލިވެފައި. މިކަމާ ބެހޭގޮތުން ފަހުން ވާހަކަދައްކަމާ.” ފައިސަލް ވަރުބަލި އަޑަކުން ބުންޏެވެ.
“މި ކޯލު ކުރީ ފައިސަލް. އަހަންނެއް ނޫން.” ޒޯޔާ އެހެން ބުނުމަށްފަހު ފައިސަލް އިތުރަށް އެއްވެސް އެއްޗެއް ބުނާނެ ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ.
ފައިސަލް ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭނާގެ ބޮލުގައި ހަޤީޤަތުގައިވެސް ވަރަށް ގަދައަށް ރިއްސަން ފެށިއެވެ. ވަރުބަލިކަމާއެކު އިންދާ ޒޯޔާގެ ނަމުގައި އައި މާބޮނޑީގެ ސަބަބުން ލިބުނު ހިތްހަމަޖެހުމުގައި ގުޅާލުމުން ލިބުނު މާޔޫސްކަން މާބޮޑެވެ. ޒޯޔާއަކަށް ދުވަހަކުވެސް އޭނާއެއް ނޭނގުނެވެ. ނުވެސް އެނގޭނެއެވެ. އެހެނީ ޒޯޔާ ދުވަހަކުވެސް އެހެން މީހުންގެ އިޙުސާސްތަކަކާ ދޭތެރޭއެއް ނުވިސްނައެވެ. ވިސްނިނަމަ އޭނަގެ ހިތުގެ ޙާލު އެނގުނީހެވެ.
*****
އަޔާން އިނީ ގޭގައި ވަރަށް ފަރުވާތެރިކަމާއެކު ކުރެހުމެއްގެ މަސައްކަތުގައެވެ. އެއީ ކުއްލި ގޮތަކަށް ލިބުނު ހުށަހެޅުމެކެވެ. ދުވަހުން ދުވަހަށް ނިންމަން ޖެހޭ ކުރެހުމެކެވެ. އޭނާ މަސައްކަތްކުރާ ކުންފުނިން ކުޑަ އިރުކޮޅެއް ކުރިންވެސް ގުޅިއެވެ. އަދި އެ ކަސްޓަމަރަކީ ދާއިމީ ކަސްޓަމަރެއް ކަމަށާއި ވަގުތަށް ޑެލިވަރީ ނުކުރެވިއްޖެނަމަ ދާއިމީ ކަސްޓަމަރެއް ގެއްލި ބޮޑު ގެއްލުމެއް ވާނެކަމަށް ބުނެ ޕްރެޝަރ ކުރަމުން ދިޔައެވެ.
އެވަގުތު އޭނާގެ ފޯނަށް ގުޅިއެވެ. ގުޅީ ކުރެހުމުގެ އޯޑަރު ދިން ފަރާތުން ކުރެހުން ލިބުން ލަސްވެގެންނެވެ.
“އަހަރެން ކުރެހުމަކަށް އޯޑަރު ދިނިން. އެ ކުރެހުން އަދިވެސް ނައިސްގެން މި އުޅެނީ ކީއްވެ؟” ފޯނުން ވާހަކަދެއްކި އަންހެންމީހާ ހަރުކަށި އަޑަކުން އެހިއެވެ.
“ތިކޮޅުގެ ޑީލަރު ބުނި ބާކީ ޓަޗަޕް އެކަންޏޭ އޮތީ. މިހާރު އެހެން ބުނި ފަހުންވެސް ހަތަރު ގަޑިއިރު ވީ. އެއީ އަހަރެން ވަރަށް އާޖެންޓްކޮށް މީހަކަށް ހަދިޔާކުރަން ކުރައްސާ ކުރެހުމެއް.” އެ އަންހެންމީހާގެ އަޑު ކުރިއަށްވުރެ ހަރުކަށްޓެވެ.
“މޭމް. އަދި..”
“އޭތް މިސްޓަރ. އަހަރެން ކަލޭގެ ތި ބަހަނާތައް އަޑުއަހާކަށް އެއްވެސް ޝައުޤެއް ނެތް. އެ ކުރެހުމަށް އަހަރެން ބޮޑު އެޑްވާންސެއް ދިނިން. ވީއިރު އަދިވެސް އެ ކުރެހުން ނައިސްގެން މިއުޅެނީ ކީއްވެ؟” އެ އަންހެންމީހާގެ އަޑުގައިވާ ރުންކުރުކަމުން އަޔާން އެމީހާއާ ވާހަކަ ދައްކަންވެސް ފޫހިވިއެވެ.
“ޕްރޮފެޝަނަލިޒަމްއޭ ކިޔުނު އެއްޗެއްވެސް ނެތީތަ؟ އަހަރެން މިއަދު އެ ކުރެހުން ބޭނުން. ނިމުނީ.” އެކޮޅުން ބުންޏެވެ.
“މިއަދު އެ ކުރެހުން މިކޮޅަށް ފޮނުވައިނުދީފިއްޔާ އެޔަށްވާ އަގުގެ އެންމެ ރުފިޔާއެއްވެސް ނުދޭނަން. އެނގިއްޖެތަ؟” އެ އަންހެންމީހާ ރުޅިއައިސްގެން ބުންޏެވެ.
“މޭމް. ތިހެންނެއް ކަންތަކެއް ނުކުރެވޭނެ. އޯޑަރު ދިނީވެސް އެހާ ކުޑަ ވަގުތުކޮޅެއް އޮއްވާ. ނިމިނިމި އޮއްވާ ތިހެންނެއް ނުހެދޭނެ.” އަޔާން ހިތްހަމަނުޖެހުނު ނަމަވެސް އޭނާގެ އަޑުން އެކަމެއް ނުދައްކައެވެ.
“ކުރެވޭނެ. ތިއުޅެނީ އަހަންނަކީ ކާކުކަން ނޭނގިގެން. އަހަރެން މީ އާފިޔާ ސަލީމް.” އެ ނަން އިވުނު ވަގުތު އަޔާންގެ ނިތްކުރިއަށް ރޫ އަރައިގެން ދިޔައެވެ.
(ނުނިމޭ)
