– ސްޕޭސްއެކްސް އިން ހިއްސާގެ ބާޒާރަށް ނުކުމެ ރެކޯޑުތައް މުގުރާލައިފި؛ އެލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް
ސްޕޭސްއެކްސް ކުންފުނި އާންމުންނަށް ހުޅުވާލައިގެން (އައި.ޕީ.އޯ) ހިއްސާ ވިއްކަން ފެށުމާއެކު، ހީކުރި ވަރަށް ވުރެ ހަތަރު ގުނަ އިތުރަށް ތަރުހީބު ލިބި، 75 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެ ކުންފުންޏަށް ވަނީ ލިބިފައެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ގޮތަށް، މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ހިއްސާގެ ބާޒާރަށް ސްޕޭސްއެކްސް ތައާރަފުވެފައިވާއިރު، މިއާއެކު އެ ކުންފުނި ވެފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏަށެވެ. އަދި މި ކުރިއެރުމާއެކު، އެ ކުންފުނީގެ ސީ.އީ.އޯ އެލޮން މަސްކް ވަނީ ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ‘ޓްރިލިއަނަރ’ އެއްގެ ދަރަޖަ ހޯދާފައެވެ.
އެލޮން މަސްކްގެ މި ކުންފުނީގެ ހިއްސާއެއްގެ އަގު ބާޒާރުގައި ހުޅުވުނީ 150 ޑޮލަރަށެވެ. މިއީ އައި.ޕީ.އޯގެ އަގު ކަމަށްވާ 135 ޑޮލަރަށްވުރެ 11 އިންސައްތަ އިތުރު އަދަދެކެވެ. މިއާއެކު ކުންފުނީގެ ޖުމްލަ އަގު ގާތްގަނޑަކަށް 2 ޓްރިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. ‘އެސްޕީސީއެކްސް’ ގެ ނަމުގައި ބާޒާރަށް ނުކުތް މި ކުންފުނީގެ ހިއްސާގެ އަގު ފަހުން ވަނީ 164.99 ޑޮލަރަށް އުފުލިފައެވެ.
މި ކުންފުންޏަށް ބޮޑު ތަރުހީބެއް ލިބިފައިވަނީ ބޮޑެތި އިންވެސްޓަރުންގެ ފަރާތުންނެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ އަދި ކުވެއިތުގެ ސަރުކާރުގެ އިންވެސްޓްމަންޓް ފަންޑުތައް ހިމެނެއެވެ. ނިއުޔޯކްގެ ނަސްޑެކް ބާޒާރުގައި ކުންފުނީގެ ވިޔަފާރި ރަސްމީކޮށް ފައްޓަވައިދެއްވީ ސްޕޭސްއެކްސްގެ ރައީސް ގްވިން ޝޮޓްވެލް އާއި ޗީފް ފައިނޭންޝަލް އޮފިސަރު ބްރެޓް ޖޯންސަން އެވެ.

މާލީ ދާއިރާގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، ސްޕޭސްއެކްސްއަށް ލިބުނު މި ބޮޑު ކާމިޔާބީއަކީ ކުރިއަށް އޮތްތަނުގައި އޯޕަން އޭއައި ފަދަ ބޮޑެތި ކުންފުނިތަކުން ހިއްސާގެ ބާޒާރަށް ނުކުންނައިރު ކުރިމަތިވާނެ ފުރުސަތުތައް ވަޒަންކޮށްދޭ މުހިންމު އިމްތިހާނެކެވެ. މި ކާމިޔާބީއާއެކު މަސްކް އަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ސާބިތުވެ، ސްޕޭސްއެކްސް ވަނީ އެމެރިކާގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނިފައެވެ.
އެލޮން މަސްކްގެ މިލްކިއްޔާތު:
އެލޮން މަސްކްގެ މިލްކިއްޔާތު މިހާރު ހުރީ ގާތްގަނޑަކަށް 1.1 ޓްރިލިއަން ޑޮލަރުގައެވެ. މީގެ މައިގަނޑު ސަބަބަކީ ސްޕޭސްއެކްސް އާއި އެކްސް (ކުރީގެ ޓްވިޓާ) ފަދަ އޭނާގެ ބޮޑެތި ވިޔަފާރިތަކަށް ލިބެމުންދާ ކުރިއެރުމެވެ. ސްޕޭސްއެކްސްގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އެ ކުންފުނީގެ ‘ސްޓާލިންކް’ ސެޓެލައިޓް އިންޓަނެޓް ޚިދުމަތުންނެވެ.
މީގެ އިތުރުން، ސްޕޭސްއެކްސް އިން ވަނީ ފްލޮރިޑާގެ ކޭޕް ކެނަވަރަލް އިން 29 ސެޓެލައިޓާއެކު ފެލްކަން 9 ރޮކެޓެއް ފަޒާއަށް ކާމިޔާބުކަމާއެކު ފޮނުވާލާފައެވެ.
