ރާއްޖޭގެ ފިލްމީ ދާއިރާގައި މަގުބޫލު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓައިންމަންޓުން އަނެއްކާވެސް އާ ރޮމޭންޓިކް ކޮމެޑީއެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ތައްޔާރުވާން ފަށައިފިއެވެ.
“މަގޭ ބިޓްގެ ވެޑިން”ގެ ނަމުގައި އުފައްދާ މި ފިލްމަކީ، އެ ސްޓޫޑިއޯއިން އެންމެ ފަހުން ނެރުނު “ވާށޭ މަށާ އެކީ” އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން އުފައްދަން ނިންމި ފިލްމެކެވެ. ޑާކް ރެއިން އެންޓަޓައިންމަންޓުން ބުނި ގޮތުގައި، މި ފަހަރުގެ ފިލްމަކީ ވެސް ބެލުންތެރިންނަށް ކަމުދާނެ ފަދަ މަޖާ އަދި ލޯބީގެ ރަހަތައް ހިމެނޭ “ރޮމްކޮމް” އެކެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، ފިލްމުގެ ނަން އިއުލާނު ކުރި ނަމަވެސް، ފިލްމުގެ އިތުރު ތަފުސީލުތައް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ. މިހާރު ކުރިއަށްދަނީ ފިލްމުގެ ސްކްރީންޕްލޭއާ ގުޅޭ މަސައްކަތްތަކެވެ.
އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ “މަގޭ ބިޓްގެ ވެޑިން” ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ނިންމާފައި ނުވި ނަމަވެސް، މިއީ ބެލުންތެރިން ގަޔާވާނެ ފަދަ ފުރިހަމަ އުފެއްދުމަކަށް ވާނެ ކަމުގެ ޔަގީންކަން ޕްރޮޑިއުސަރު ވަނީ ދީފައެވެ.
