މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ލ. ގަމުގައި އޮންނަ ބޮޑު ފެންގަނޑު ބަލާނެ ޕްލެޓްފޯމެއް ގާއިމުކޮށް އެތަނުގައި ކެނޯ ދުއްވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ބޮޑު ފެންގަނޑު ނުވަތަ ޕަރީ ފެންގަނޑުގައި ކެނޯ ދުއްވުން މިހާރު މިވަނީ އާއްމު ކަމަކަށް ވެފައެވެ.
އާއިލާތަކާއި ރައްޓެހިން އެކުގައި ގޮސް ކެނޯ ދުއްވާލައި އެ ސަރަހައްދުގެ ހިތްގައިމު މާހައުލުން އުފާހޯދުން އާއްމުވެފައިވާއިރު، ކޮންމެހެން ވިސްނާލަން ޖެހޭ މުހިންމު ކަމެއް އެބަ އޮތެވެ. ބޮޑު ފެންގަނޑަކީ ފުން ތަނެކެވެ. ތަނުގައި އޮތީ ފެނެވެ. ކަން މިހެން އޮތް އިރު ކެނޯ ދުއްވާއިރު ލައިފް ޖެކެޓް އެޅުމަކީ ރައްކާތެރިކަމުގެ ގޮތުން ކުރަން ޖެހޭނެ ކަމެކެވެ. އާއްމުކޮށް ފެންނަ ފޮޓޯތަކުން ކެނޯ ދުއްވާ މީހުން ލައިފްޖެކެޓް އަޅައިގެން ތިބޭތަނެއް ނުފެނެއެވެ.
ފެންމަތީގައި ހަރުލާ އޮންނަން ނުވަތަ ފްލޯޓްވާން އުނދަގޫވާނެއެވެ. ކަން މިހެން އޮތް އިރު، ބޮޑު ފެންގަނޑުގައި ކެނޯދުއްވާ މީހުން ލައިފްޖެކެޓް އަޅައިގެން ތިބެން ޖެހެއެވެ. މިއީ ބޮޑު ފެންގަނޑުގައި ކެނޯ ދުއްވާ މީހުން ކޮންމެހެން ކުރަން މަޖުބޫރު ކަމަކަށް ހަދަން ޖެހެއެވެ. ދުއްވާނެ ކެނޯ ފޯރުކޮށްދީފައިވާ ފަދައިން ބޭނުންކުރާނެ ލައިފްޖެކެޓްވެސް ފޯރުކޮށްދީފައި ހުންނަން ޖެހެއެވެ. ކެނޯ ދުއްވާ މީހުން ލައިފްޖެކެޓް އަޅަން ޖެހެއެވެ.
ހާދިސާއެއް ހިނގާނީ ބުނެފައެއް ނޫނެވެ. ކަން މިހެން އޮތް އިރު ކެނޯ ދުއްވާ މީހުން ލައިފްޖެކެޓް އަޅަން މަޖުބޫރުކުރުވުމަކީ، މި ޚިދުމަތް އާއްމުކުރި ފަރާތުގެވެސް ޒިންމާއެކެވެ.
މިސާލަކަށް ކެނޯއެއް ބަންޑުންޖަހާލުން ފަދަ ކަމެއް މެދުވެރިވާ ހިނދު، ފަތަން ނޭނގޭ މީހަކަށް ސަލާމަތްވާން އުނދަގޫވާނެއެވެ. ފަތަން ދަންނަ މީހުންނަށްވެސް އެ ފެންގަނޑުމަތީގައި ގިނައިރު ފަތަން ޖެހުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
މޫދާއި ޚިލާފަށް ފެންމަތީގައި އޮންނަން އުނދަގޫވަނީ ކީއްވެ؟
ކުޅި ނުވަތަ ފަތާ ފެންގަނޑު ފަދަ އޮއިވަރެއް ނެތް، ހުއްޓިފައި ހުންނަ ފެންގަނޑުތަކުގައި ފެންމަތީގައި އޮތުމަކީ އުނދަގޫ ކަމެކެވެ. އެއީ އޮއިވަރުގެ ސަބަބުން ލިބިދޭ ތަބީޢީ އުފުލުން އެފަދަ ފެންގަނޑުތަކުގައި ނުހުންނާތީ އާއި، ލޮނުފެނާ އަޅާބަލާއިރު މީރުފެނުގައި މީހާ މައްޗަށް އުފުލައިދިނުމުގެ ބާރު (ބޯޔެންސީ) ކުޑަވުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ހަށިގަނޑުގެ މަސްގަނޑު ބޮޑުވުމާއި، ސަރުބީ މަދުވުމުގެ ސަބަބުން ނުވަތަ މަސްތައް ހަރުކޮށް ބެހެއްޓުމުގެ ސަބަބުން ހަށިގަނޑުގެ އަކަބަރުދަން (ޑެންސިޓީ) އިތުރުވެފައިވާނަމަ، އަމިއްލައަށް އެއްވެސް މަސައްކަތެއް ނުކޮށް އޮންނަ ހާލަތުގައި ތަބީޢީ ގޮތުން ހަށިގަނޑު އަޑިއަށް ދާނެއެވެ.
