ހަމުގައި ނަގާ ކުދި ސްކިން ޓެގްސް އާންމުކޮށް އުމުރުން ދުވަސްވުމުން ދިމާވާ ކަމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިއީ ސިއްޙީ ބޮޑު ކަމެއްގެ ނިޝާނަކަށް ވެދާނެއެވެ. ކަރުގަޔާއި، ކިހިލިފަތްދޮށުގެ އިތުރުން އުކުޅުވަޅު ފަދަ ތަންތަނުގައި މިފަދަ ސްކިން ޓެގްސްތައް ގިނައިން ފެނުނު ކަމުގައި ވިޔަސް، މިއީ ހަށިގަނޑުގެ މެޓަބޮލިކް ދުޅަހެޔޮކަމާ ގުޅުންހުރި ކަމެއް ކަމަށް ސިއްޙީ މާހިރުން ފާހަގަކުރެއެވެ.
ހަމުގެ ބަލިތަކާބެހޭ ޑޮކްޓަރުން (ޑާމަޓޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ހަންގަނޑު ބޯވެ ރޫޖެހުމުގެ ސަބަބުން މި ސްކިން ޓެގްސްތައް ނަގާ ތަންތަން އެނގުނު ކަމުގައި ވިޔަސް، އެ އުފެދެން މެދުވެރިވާ އަސްލު ސަބަބަކީ އެއީއެއް ނޫނެވެ. އެންޑަކްރިނޮލޮޖިސްޓުން (ގްލޭންޑްތަކާ ބެހޭ ޚާއްޞަ ޑޮކްޓަރުން) އިޝާރާތް ކުރައްވާ ގޮތުގައި، މީގެ އަސްލު ގުޅިފައިވަނީ “އިންސުލިން ރެސިސްޓެންސް” ނުވަތަ ލޭގައި ހުންނަ ހަކުރު ހަކަތައަށް ބަދަލުކުރުމަށް ހަށިގަނޑު ނުކުޅެދުމާއެވެ. މި ހާލަތުގައި، ޕެންކްރިއަސް އިތުރަށް އިންސުލިން އުފައްދަން މަޖުބޫރުވެއެވެ.
ލޭގައި އިންސުލިން މަތިވުމަކީ ހަމައެކަނި ހަކުރު ކޮންޓްރޯލް ކުރުމަށް ކުރިމަތިވާ ހުރަހެއް ނޫނެވެ. އޭގެ ސަބަބުން ހަމުގެ ސެލްތައް އުފެދުމަށް ބާރުދޭ ރިސެޕްޓަރުތަކަށް އަސަރުކޮށް، ސެލްތައް އާދަޔާ ޚިލާފަށް އިތުރުވެ، ސްކިން ޓެގްސްތައް އުފެދުމަށް މަގުފަހިވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާބޮޑަށް ފަލަވުމާއި، ޓައިޕް 2 ހަކުރުބަލި އަދި މެޓަބޮލިކް ސިންޑްރޯމް ހުންނަ މީހުންގެ ހަށިގަނޑުގައި މިފަދަ ސްކިން ޓެގްސްތައް ނެގުމުގެ ފުރުސަތު ބޮޑެވެ.
މިއީ އާންމުގޮތެއްގައި ނުރައްކާތެރި އެއްޗަކަށް ނުވި ނަމަވެސް، ކުއްލިއަކަށް ގިނަ އަދަދަކަށް ނަގަން ފެށުމަކީ ހަށިގަނޑުގެ އެތެރޭގެ ނިޒާމަށް އައިސްފައިވާ ބަދަލެއްގެ ނިޝާނަކަށް ވެދާނެއެވެ. އެހެންކަމުން، ޤަވާއިދުން ލޭގެ ހަކުރު ޗެކްކުރުމާއި، ސިއްޙަތަށް ފައިދާހުރި ކާނާ ބޭނުންކުރުމުގެ އިތުރުން ހަރަކާތްތެރި ދިރިއުޅުމަކަށް އާދަކުރުމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ.
އިންސާނާގެ ހަށިގަނޑުން ފެންނަ ކުދިކުދި ބަދަލުތަކުން ދޭ އިންޒާރުތައް ސައިންސްވެރިން ހޯދަމުންދާއިރު، ހަމުގައި ނަގާ މި ކުދި ސްކިން ޓެގްސްތަކަކީ ސިއްޙަތަށް ސަމާލުކަން ދޭންޖެހޭ މުހިންމު ނިޝާނަކަށް ވެދާނެއެވެ.
