ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަލަ ބޮޑުބެރު” – ދުވާފަރުގެ ފުރަތަމަ ބޮޑުބެރު ގްރޫޕް!

ދިވެހި ސަގާފީ މިއުޒިކް، އަދި ހާއްސަކޮށް ބޮޑުބެރުގެ ފަންނު ދިރުވައި އާލާކުރުމުގެ މައިގަނޑު މަގުސަދުގައި ދުވާފަރުގައި ބޮޑުބެރު ގްރޫޕެއް އުފައްދައިފިއެވެ. “މަލަ ބޮޑުބެރު“ގެ ނަމުގައި އުފެއްދި މި ގްރޫޕަކީ މިހާތަނަށް ދުވާފަރުގައި އުފެއްދި ފުރަތަމަ ބޮޑުބެރު ގްރޫޕެވެ.

މައިގަނޑު ހަތަރު މަގުސަދެއް ހާސިލުކުރުމަށް އުފެއްދި މި ގްރޫޕްގައި ޖުމުލަ 30 މެންބަރުން ހިމެނެއެވެ. މި ގްރޫޕް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުންގެ ތެރެއިން އަލީފް ޢަލީ ބުނީ މި ގްރޫޕް އުފެއްދުން މިއީ ވަރަށް ގިނަދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

“ވަރަށް ގިނަ ޒުވާން ކުދިންގެ ޑްރީމެއް މީ ދުވާފަރުގަ ބޮޑުބެރު ގްރޫޕެއް އޮތުމަކީ.” “މަލަ ބޮޑުބެރު”ގެ މަޢުލޫމާތު ފުރަތަމަ ފަހަރަށް މުނިއަވަސް މެދުވެރިކޮށް މީޑިއާއަކާ ހިއްސާކުރަމުން ޢަލީފް ފާހަގަކުރިއެވެ.

މި ގްރޫޕް ހިންގުމުގައި އިސްވެ ހަރަކާތްތެރިވަނީ މެންބަރުންގެ ތެރެއިން ހަމަޖައްސާފައިވާ ފަސް މެންބަރުންގެ ކޮމެޓީއަކުންނެވެ.

https://www.facebook.com/reel/1260009195946231

“މިއީ ވަރަށް ހުނަރުވެރި ޒުވާނުން އުޅޭ ގްރޫޕެއް. މި ގްރޫޕްގަ އުޅޭ ޒުވާނުންގެ އަދަދަކީ ތިރީސް. ދުވާފަރު ޒުވާނުން މިކަމުގެ ތެރެއަށް ވަދެ ސަގާފަތް ދިރުވާ އާލާކޮށް، އަދި ދުވާފަރުގަ އުފެދުނު އެންމެ ފުރަތަމަ ބޮޑުބެރު ގްރޫޕު ކަމަށް ވާތީ މީ ފިއުޗާއަށް ވިސްނާފަ މި ގްރޫޕު އުފެއްދީ.” ގްރޫޕުގެ މަޢުލޫމާތު މުނިއަވަސް އަށް ކިޔައިދެމުން އަލީފް ކިޔައިދިނެވެ.

އަލީފް ބުނީ ދުވާފަރުގައި ބޮޑުބެރު ގްރޫޕެއް ހެދުމުގައި މުސްތަގުބަލަށް ވިސްނި މައިގަނޑު ސަބަބަކީ މާއުލޫމާތު ލިބިފައިވާ ގޮތުން ރ. އަތޮޅަކީ ދިވެހިރާއްޖޭގަ ދެވަނައަށް ރިސޯޓްތައް އެންމެ ގިނަ އަތޮޅަށްވެފައި ވަރަށް ގިނަ ފުރުސަތުތައް ލިބޭނެކަމުގެ އުއްމީދުވެސް އޮތަތީވެ ކަމަށެވެ.

“ރިސޯޓްތަކުގައި ބޮޑުބެރު ޖެހުމުގެ އިތުރުން އީދު އަދި ހިތާނީ ޝޯތަކުގެ އިތުރުން ރަށުގައި ބާއްވާ އިވެންޓްތަކަށްވެސް ވިސްނާފަ މި ގްރޫޕް އުފެއްދީ.” އަލީފް ބުންޏެވެ.

މި ގްރޫޕް އުފެއްދީ ދުވާފަރުގެ ޒުވާނުން އެކަތިގަނޑަކަށް ހަދައި ބައިބައިވެގެން ދިޔަނުދިމަށް ކަމަށްވެސް އަލީފް ބުންޏެވެ.

“މި ގްރޫޕް ކުރިއަށް ގެންދިއުމުގަ ގްރޫޕްގެ ހުރިހާ ކުދިންގެވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. އިސްކޮށް ހަރަކާތްތެރިވާ ފަސް މެންބަރުންގެ ކޮމެޓީގެވެސް ފުރިހަމަ އެއްބާރުލުން ލިބޭ. މުސްތަގުބަލުގަ މި ގްރޫޕުން ގެނެސްދޭނީ މުޅީންވެސް މި ގްރޫޕްގެ އަމިއްލަ ރާގު، އަމިއްލަ އުފެއްދުންތައް.” “މަލަ ބޮޑުބެރު” ގްރޫޕުން އުފައްދާ ގެނެސްދޭން ނިންމާފައިވަނީ މުޅީންވެސް އަމިއްލަ ރާގުކަން ފާހަގަކުރަމުން އަލީފް ފާހަގަކުރިއެވެ.

ބޮޑުބެރުގެ ފަންނަށް ޝައުގުވެރިކަން ހުރި، ގްރޫޕްގެ މަގުސަދުތަކަށް ތާއީދުކުރާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް “މަލަ ބޮޑުބެރު” ގްރޫޕްގެ މެންބަރަކަށް ވުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެ ގްރޫޕުން ބުނެއެވެ. މެންބަރުން ހޮވުމުގައި އެ މީހެއްގެ ހުނަރާއި، އަހުލާގާއި، ގްރޫޕަށް ވަގުތު ދެވޭނެ މިންވަރަށް ބެލުމުގެ އިތުރުން ގްރޫޕުގެ ކޮންމެ މެންބަރަކީވެސް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކަށް އިހުތިރާމްކުރާ މީހަކަށް ވާންޖެހޭނެ ކަމަށް ވެސް އެ ގްރޫޕުން ބުނެއެވެ.

“މަލަ ބޮޑުބެރު” ގްރޫޕުގެ މެއިން ސްޕޮންސަރަކީ “ހޭޝްޓެގް ފައިން ޑައިން” އެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top