ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އިވްރިޝާ – އެޕިސޯޑް 04

ކުއްލިއަކަށް ސިއްސައިގެން ގޮސް އަހަންނަށް ހޭލެވިއްޖެއެވެ. އޭރު އަހަރެންގެ ބޮލުގައި ގަދައަށް ރިއްސަމުންދެއެވެ. މުޅި މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. އަހަރެންގެ ނިތްކުރިންނާއި ބުރަކަށިން ދާ ތިކިތައް ފައިބަމުންދިޔައެވެ

“ކޮންމެވެސް މީހަކު މަށަށް ފެންފޮދެއް ދީފާނަންތަ؟” ވަރަށް އުނދަގުލުން އަހަންނަށް ބުނެވުނެވެ.

އާޚިރާ އަވަސްއަވަހަށް ފެންތަށްޓެއް އަޅައިގެން ގެނެސްދިނެވެ. އަހަރެން ހިނިތުންވެލަން މަސައްކަތް ކުރި ނަމަވެސް، ބޮލުގެ ރިހުން އިތުރުވުން ނޫން ކަމެއް ނުވިއެވެ.

އަހަރެން ވަށައިގެން ބަލާލީމެވެ. އަހަރެމެން ތިިބީ ކުރިން ތިބި ސިޓިންގްރޫމަކު ނޫނެވެ. އެއީ ކަޅާއި ހުދު ކުލައިގެ ފަރުނީޗަރުން ޒީނަތްތެރިކޮށްފައިވާ ނިދާކޮޓަރިއެކެވެ.

ހަމްޒާ ފާރުގައި ލެނގިލައިގެން، ވަރަށް ފަރުވާތެރިކަމާއެކު އަހަންނާ ދިމާލަށް ބަލަން ހުއްޓެވެ. އާޚިރާ އާއި ޝިރާނީ ތިބީ އަހަންނާ ކުރިމަތިވާނޭހެން ސޯފާގައެވެ. އަދި އަދުނާން ހުރީ އަހަރެންގެ ގާތުގައި ކޮޅަށެވެ. ނާރާ ހުރީ އަދުނާންގެ އިނގިލީގައި ހިފަހައްޓާލައިގެންނެވެ.

“މިހާރު ކިހިނެއް؟” އަހަރެންގެ ކުރިމަތީގައި އިށީނދެލަމުން، މަޑުމައިތިރި އަޑަކުން އަދުނާން އެހިއެވެ. އޭނާގެ ދެލޮލުން ފެންނަމުންދިޔަ ކަންބޮޑުވުމުގެ ސަބަބުން އަހަންނަށް އުނދަގޫވިއެވެ.

“ވަރަށް ބަލި. ބޭހެއް ބޭނުންވަނީ. ހަމްޒާ، އަތުގައި އެޑްވިލް އެބަހުރިތަ؟” ބޮލުގައި އަތް ހާކާލަމުން އަހަރެން އެހީމެވެ. އަހަރެންގެ ބޮލުގައި އޮތް ބުރުގާ އޭރު އޮތީ ނެގިފައެވެ.

“ނޫން، ޑޮކްޓަރު އެބަ އާދޭ. މީގެ ގަޑިއިރުތަކެއް ކުރިން ވީކަންތަކަކީ އާދައިގެ ކަމެއް ނޫން. އިވްރިޝާ، ކަލޭ އަހަރެމެން ބިރުގަންނުވާލައިފި!” ހަމްޒާ ކޮޓަރީގެ އެތެރެއަށް ހިނގައިގަންނަމުން ބުންޏެވެ.

“ގަޑިއިރުތަކެކޭ ތިބުނީ ކީއްވެ؟ އެ ހަނދާންތައް މަގޭ ސިކުނޑިއަށް އައުމަކީ މަގޭ ކުށެއްތަ؟”

އެ ހަނދާންތަކުގެ މާނައެއް އަހަންނަކަށް ނޭނގެއެވެ. އެފަދަ ތަަސްވީރުތަކެއް ސިކުނޑިއަށް ސިފަވަނީ ކީއްވެގެން ހެއްޔެވެ؟ ހީވަނީ ސިކުނޑި ކޮންމެވެސް ކަމެއް ހަނދާންކުރަން މަސައްކަތް ކުރަނީ ހެންނެވެ.

“ކަލޭ ހޭނެތިފައި އޮންނަތާ ހަތަރު ގަޑިއިރު ވެއްޖެ. މިހާރު މިއީ ހަވީރު 5:05. އެ ހަނދާންތަކުގެ ތެރެއިން އެއްވެސް މަންޒަރެއް ފެނުނުތަ؟” ހަމްޒާ ސުވާލުކުރިއެވެ.

އަހަންނަށް ސިހުން ލިބި، ތެދުވަން މަސައްކަތް ކުރީމެވެ. “މަގޭ ރަންކިޔުން އޮތީ ދެގަޑިއިރު ފަހުން! އާޚިރާ، މޭކަޕް ކުރާ މީހާ އާއި ސްޓައިލިސްޓް އަތުވެއްޖެތަ؟”

“އިވްރިޝާ، ހަމަޖެހިބަލަ،” ޝިރާނީ މަޑުމަޑުން ބުންޏެވެ. “އެމީހުން ތިބީ ކަލޭގެ ކޮޓަރީގައި ތަކެތި ތައްޔާރުކުރަން.”

އަހަރެން ބޯޖަހާލުމަށްފަހު، ފުން ނޭވައެއް ދޫކޮށްލަމުން ބޮލުގައި މަސާޖުކޮށްލީމެވެ. އަހަރެން އިނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.

“އިވްރިޝާ، އެއްވެސް މަންޒަރެއް ފެނުނުތަ؟” އަދުނާން އަނެއްކާވެސް އެ ސުވާލު ތަކުރާރުކުރިއެވެ.

އަހަރެން އޭނާއާ ދިމާލަށް ބަލާލީމެވެ. އޭނާ ހުރީ ސީދާ އަހަރެންގެ ލޮލަށް ބަލަހައްޓައިގެންނެވެ. އަހަރެންގެ ހިތުގެ ތެޅުން ބާރުވެލިއެވެ. “ކަލޭ ހަމަ އެމީހާ އާ ވައްތަރީ،” އަހަންނަށް ބުނެވުނެވެ.

“ކާކާ؟” އެންމެން އެއްފަހަރާ އެހިއެވެ.

އަހަރެން ހަނދާން ކުރެވޭތޯ މަސައްކަތް ކުރަމުން ތުންފަތް ތެންމާލީމެވެ.

“އެ ހަނދާންތަކުން ފެނުނު މީހާ އާ. ކަލޭގެ ލޮލާ އޭނާގެ ލޯ ހަމަ އެއްގޮތް.” އޭނާގެ ލޮލުގެ ކުލަތަކަށް ގެއްލިފައި ހުރެ އަހަރެން އިޝާރާތް ކުރީމެވެ.

“މިސްޓަރ އަލް-ރަބާހް، ޑޮކްޓަރު އަތުވެއްޖެ،” ނެނީ ޕްލަމް ކޮޓަރީގެ ދޮރުމަތިން ފެނުނެވެ.

އަދުނާން އާއި ހަމްޒާ ތެދުވެގެން ކޮޓަރިން ނުކުތެވެ. ނާރާ ދުވެފައި ގޮސް އާޚިރާގެ އުނގަށް އެރިއެވެ.

“އަދިވެސް ބޮލުގައި ރިއްސާތަ؟” ޝިރާނީ އަހަރެންގެ ގާތުގައި އިށީންނަމުން އެހިއެވެ.

“އާނ، އެކަމަކު ކުރިއަށްވުރެ ކުޑަކޮށް،” އަހަރެން ބޯޖަހާލަމުން ބުނީމެވެ.

ނެނީ ޕްލަމް އަނެއްކާވެސް ކޮޓަރިއަށް ވަނީ ތަބަކެއް ހިފައިގެންނެވެ. “މިހުރީ އެޑްވިލް އާއި އޮރެންޖު ޖޫސް. އަދި މިއޮތީ ފޯނު، މީހަކު އެބަ ގުޅާ.”

އަހަރެން ހިނިތުންވެލަމުން އެ ތަކެތި އަތުލީމެވެ. ޚަލީލް އާއި އާމީގެ ފަރާތުން ދިހަވަރަކަށް މިސްޑް ކޯލް އޮތެވެ. އަހަރެން ނިންމީ ފުރަތަމަ ޚަލީލަށް ގުޅާށެވެ.

“ހޭއި ބޭބީ،” ދެވަނަ ރިންގާއެކު ފޯނު ނަގަމުން ޚަލީލް ބުންޏެވެ. އަހަރެންގެ ކޯތާފަތް ރަތްވެ، ހިތް އުފަލުން ފުރުނެވެ.

“ހޭއި،” އަހަރެން މަޑުމަޑުން ބުނީމެވެ.

“ހަމްޒާ ގުޅާފައި ބުނި ކޮންމެވެސް ކަމެއް ދިމާވިއޭ. ނުދެވުނީތީ ވަރަށް ބޮޑަށް ސޮރީ. ޖެއްސުން ބޮޑު އަހަރެންގެ ދައްތަމެން އަހަރެން ގެއިން ނުކުތަނުދީގެން މިއުޅެނީ،” އޭނާ ހުރީ މާޔޫސްވެފައިކަން އަޑުން އެނގެއެވެ.

އަހަރެން އަޅާނުލާ ރާގަކަށް ބުނީމެވެ. “އޯކޭ، އެއީ މައްސަލައެއް ނޫން. އާއިލާއާ ބައްދަލުކުރަން ކެތްމަދުވެފައި މިހުރީ. އުންމީދު ކުރަނީ އެމީހުން އަހަރެން ދެކެ ލައިކްވާނެ ކަމަށް.”

އަހަރެން ތުންފަތުގައި ދަތްއަޅާލަމުން ކޮޓަރި ތެރެއަށް ބަލާލީމެވެ. އާޚިރާ އާއި ނާރާ ކޮންމެވެސް ވާހަކައެއްގައި ތިބިއިރު، ޝިރާނީ ހުރީ ވަރަށް ފަރުވާތެރިކަމާއެކު އަހަރެންގެ މޫނަށް ބަލާށެވެ. އަހަރެން އޭނާއަށް ހިނިތުންވެލުމަށްފަހު ފޯނުން ވާހަކަ ކުރިއަށް ގެންދިޔައީމެވެ.

“ޝައްކެއްވެސް ނެތް، އެމީހުން އިވްރީ ދެކެ ލޯބިވާނެ. އިވްރީއާ އެއް އުމުރެއްގެ ތޫފާ، ކައިވެނީގެ ކަންތައްތައް ރާވާނެ ގޮތުގެ ލިސްޓެއްވެސް މިހާރު ހަދަން ފަށައިފި. އެންމެންވެސް ތިބީ އިވްރީ ދެކިލަން ކެތްމަދުވެފަ.”

އަހަރެން ހީނލީމެވެ. “އޯކޭ، ދެން ބައްދަލުވީމަ އެނގިދާނެތާ؟ އަހަރެން މިދަނީ ތައްޔާރުވާން.”

“އޯކޭ ލޯބިވާ. ތި ރީތި ސޫރަ ދެކިލަން ކެތްމަދުވެފައި މިހުރީ. ޓޭކް ކެއަރ އޮފް ޔޯރ ސެލްފް އޯކޭ.”

ފޯނު ބޭއްވިއިރު އަހަރެންގެ މޫނުމަތީގައި ވަނީ ބޮޑު ހިނިތުންވުމެކެވެ. ހިތުގެ ތެޅުންވެސް މިހާރު ވަނީ އާދައިގެ މިންވަރަކަށް މަޑުވެފައެވެ. ބޭސް ކެއުމަށްފަހު، ތައްޔާރުވުމަށްޓަކައި ކޮޓަރިއަށް ދާން ތެދުވީމެވެ. އާޚިރާ، ޝިރާނީ އަދި ނާރާވެސް އަހަރެންގެ ފަހަތުން އައެވެ.

ކޮޓަރިއަށް ވަދެފައި އާމީއަށް ގުޅީމެވެ. އޭނާ ގުޅީ މިގެއަށް އަންނަންވީ މަގު އޮޅުންފިލުވާށެވެ. އޭނާއަށް މަގު ކިޔައިދިނުމަށްފަހު، މޭކަޕް ކުރާ މީހުންނާ ބައްދަލުކުރީމެވެ.

“އަހަރެން މިއީ ގްރޭސް، މިއީ ރުމައިސާ،” ދޮންކޮށް ހުރި މޭކަޕް އާޓިސްޓް އޭނާގެ ބައިވެރިޔާއަށް އިޝާރާތް ކުރަމުން ބުންޏެވެ.

އަހަރެން ހިނިތުންވެލަމުން ސަލާމް ކުރީމެވެ.

“މިތަން މާ ފޫހިހެން ހީވަނީ! ކޮންމެވެސް މިއުޒިކެއް ޖަހާލަންވީ،” އާޚިރާ ބުނެލިއެވެ. އޭނާ ނިކަން ރޮމޭންޓިކް ސިންގަޅަ ލަވައެއް ޖަހާލިއެވެ.

“އާޚިރާ ދައްތާ، ބައްޕަގެ އުފަންދުވަހުގެ ޕާޓީ ހަނދާން އެބަހުރިތަ؟ އަހަރެމެން މި ލަވަޔަށް ނެށީމެއްނު،” ނާރާ އަތްޖަހަމުން ހިނިތުންވެލާފައި ބުންޏެވެ.

ސްޓައިލިސްޓް އަހަރެންގެ އިސްތަށިގަނޑު ހަދަން ފެށިއިރު، ރުމައިސާ މޭކަޕް ކުރަން ފެށިއެވެ. އަހަރެން ހީނލަމުން ނާރާއަށް ބަލާލީމެވެ. ކަންކަން މިހާރު ވަނީ ވަރަށް ބޮޑަށް ހަމައަކަށް އެޅިފައެވެ.

“ނާރާ، މިހާރު ނަށާލަދީފާނަންތަ؟” އަހަރެން އެހީމެވެ.

ނާރާ ނޫނެކޭ ބުނެ ބޯ ހޫރާލުމަށްފަހު، އާޚިރާގެ ކޮނޑުގައި މޫނު ފޮރުވާލިއެވެ.

“ކަލެއާއި ޚަލީލް ދިމާވީ ކޮންތާކުން؟” ޝިރާނީ ސުވާލުކުރިއެވެ.

“އޭއި! ތިއީ ހަމަ މަވެސް ކުރަން ބޭނުންވެފަ އޮތް ސުވާލެއް،” އާޚިރާ ހީނގަތެވެ.

އަހަރެންވެސް އޭނާއާއެކު ހީލުމަށްފަހު ޝިރާނީގެ ސުވާލަށް ޖަވާބުދިނީމެވެ. “ކޮފީ ޝޮޕަކުން. އަހަންނަށް ހީވަނީ އެއީ ފެނުނު ފުރަތަމަ ފަހަރުވީ ލޯބިހެން. އޭނާ އަހަންނާ ފްލާޓްކޮށްފަ ނަންބަރު ހޯދީ. އެ ހިސާބުން ހުރިހާ ކަމެއް ފެށުނީ.”

އެވަގުތު ޝިރާނީގެ މޫނުމަތިން ރުޅިވެރިކަން ފެނިގެންދިޔައެވެ. ނަމަވެސް ވަރަށް އަވަހަށް އެކަން ފޮރުވާލުމަށްފަހު ހިނިތުންވެލިއެވެ. ހަގީގަތުގައިވެސް އޭނާގެ ކޮންމެވެސް މައްސަލައެއް އެބައުޅެއެވެ.

“ތިޔަ ކުދިންގެ ލައިފް ކިހިނެއް؟ ބިޓެއް ނުގެންގުޅެންތަ؟” އަހަރެން ލާނެތް ގޮތަކަށް އެހީމެވެ.

އާޚިރާ ހީލާފައި ބުންޏެވެ. “އަހަރެން ލައިކްވާ މީހަކު އެބަހުރިހެން ހީވޭ.”

“އެއީ ކާކު؟”

އަހަރެން އުފަލުން ގޮނޑިން ތެދުވާން އުޅުމުން، މޭކަޕްކުރަން ތިބި ދެމީހުން އަހަރެން ހަމައަކަށް އެޅުވިއެވެ.

“އިވްރީގެ ބޭބެ،” ލަދުން އިސްޖަހާލަމުން އޭނާ ބުންޏެވެ. އަހަރެން ހައިރާންވެފައި ބަލަހައްޓައިގެން ހުރީމެވެ.

“މައި ގޯޑް!” އަހަންނަށް ބާރަށް ހީނގަނެވުނެވެ. ހީނހީނފައި ބަނޑުގައި އަތްއަޅާލަން ޖެހުނެވެ.

“ހޭއި، ހުނުން ހުއްޓާލަބަލަ! ކޮންމެ މީހެއްގެވެސް އަމިއްލަ ރަހައެއް ހުންނާނެ. އަދި ބުނަން، އޯހް މައި ގޯޑް، ކަލޭގެ ބޭބެ ހާދަ ރީއްޗޭ. އޭނާގެ އެއްވެސް ގާލްފްރެންޑެއް ހުރޭތަ؟” އާޚިރާ ލަދުން އިނދެ އެހިއެވެ.

ހަމްޒާގެ ފޫހި މޫނު ހިތަށް އެރުމުން އަހަރެން ބޯ ހޫރާލީމެވެ. “ނޫން، އޭނާގެ އެއްވެސް ގާލްފްރެންޑެއް ނުހުރޭ.”

އާޚިރާ އުފަލުން އަތްޖަހާލިއެވެ. “އެހެންވީމާ އަހަރެން މަސައްކަތް ފަށާނަން،” ނާރާއަށް ގޮތްގޮތް ހަދަމުން ވަރަށް އުފަލުން އޭނާ ބުންޏެވެ.

“ޝިރާނީ، ކަލޭގެ ކިހިނެއް؟”

ޝިރާނީ އަހަންނާ ދިމާލަށް ނުރުހުމުގެ ނަޒަރަކުން ބަލާލިއެވެ. “އަހަރެން ހިތުގައި އޮތް މީހާ އަހަރެންގެ އަތުން އަތުލައިގަނެފި. އެކަމަކު ކަންބޮޑުނުވޭ، އަހަރެން އޭނާ އަނބުރާ ހޯދާނަން.” އޭނާގެ ދެލޮލުން ފެންނަމުންދިޔައީ ނުބައިކަމެވެ.

 

“އަހަރެން އެ ޕާރޕްލް ކުލައިގެ ލިޕްސްޓިކް ބޭނުން!”

“މޮޔަޔާ! އަވަހަށް އަހަންނަށް ސްޓްރެޗާ ދިއްކޮށްބަލަ!”

“މަންމީ، އަހަރެން މިތަނުން ޓޮފީއެއް ބޭނުން! އެކެތި ނަގަންތަ؟!”

“ނާރާ!! ދޮރުމަތީގައި ހުރި ކުޅޭ އެއްޗެހިތައް ނަގާބަލަ!”

ކޮޓަރި ތެރޭގައި އޮތް ގަދަ އަޑުފަށުގެ ސަބަބުން އަހަރެންގެ ބޮލުގައި އަނެއްކާވެސް ރިއްސަން ފެށިއެވެ. ޝިރާނީ ހުރީ ލޯގަނޑު ކުރިމަތީގައި މޭކަޕް ނިންމޭތޯއެވެ. ތަސްނީމް ބޭނުންކުރަމުން ދިޔައީ އޭނާ އެހާ ބޮޑަށް ބޭނުންވި ކައިލީ ބްރޭންޑުގެ ދަނބުކުލައިގެ ލިޕްސްޓިކެވެ.

އާޚިރާ އާއި އާމީ މަސައްކަތް ކުރަމުން ދިޔައީ ސަބީނާގެ ހެދުމުގެ ޒިބު އަޅުވާށެވެ. އެއީ އެމީހުންނަށް ވަރަށް އުނދަގޫ ކަމަކަށް ވެފައި އޮތެވެ. ސަބީނާއަކީ ހަލީމާ ދައްތަގެ ދަރިއެވެ. އޭނާއަކީ ތަސްނީމާ އެއްއުމުރެއްގެ ކުއްޖެކެވެ. އެމީހުން ހަލީމާ ދައްތަގެ ގެއިން އައީ އަހަރެމެންނާއެކު ހޯލަށް ދާށެވެ.

ލޯބިލޯބި ކުޑަކުއްޖާ، ނާރާ ހުރީ ހުދުކުލައިގެ ވިދާ ހެދުމެއްގައެވެ. އޭނާ ހުރީ ޓޮފީއެއް ހޯދުމަށްޓަކައި އަހަރެންގެ ހެދުމުގައި ހިފާ ދަމާށެވެ.

“އަޅޭ… އެއްވެސް މީހަކު މަގޭ ފޯނު ދެކުނިންތަ؟” މޭކަޕް ނިންމާލުމަށްފަހު ތަސްނީމް މަޑުމަޑުން އަހާލިއެވެ.

އޭނާ ހުރީ އުނަގަނޑާ ހަމައަށް ބާރުކޮށް، އޭގެ ތިރިން ރޫޖެހިފައިވާ ރީތި ހެދުމެއްގައެވެ. އޭނާގެ ބޯ ނިވާކޮށްފައި ނެތް ނަމަވެސް، ކޮނޑުމަތީގައި ރިހިކުލައިގެ ފޮތިގަނޑެއް އޮތެވެ. ސަބީނާވެސް ހުރީ ހަމަ އެފަދަ ހެދުމެއްގައެވެ. ނަމަވެސް ތަސްނީމްގެ ހެދުން ރަތްކުލައިގައި ހުރިއިރު، ސަބީނާގެ ހެދުން ހުރީ ފިޔާތޮށި ކުލައިގައެވެ.

ޝިރާނީ، އާޚިރާ އަދި އާމީ ވެސް ތިބީ ވަރަށް ފުރިހަމައަށް ނަލަހެދިގެންނެވެ. ޝިރާނީ ލައިގެން ހުރީ ކުލަގަދަ ބަޓިކް ބްލައުޒަކާއި ބާރު ސަކާޓެކެވެ. އެ ހެދުން އޭނާގެ ހަށިގަނޑާ ވަރަށް ގުޅެއެވެ. ބޮލުގައި ރީތި ފަށުވި ފޮތިގަނޑެއް އޮތް ނަމަވެސް، އޭނާގެ ބޯ ނިވައެއް ނުވެއެވެ. އާޚިރާ އާއި އާމީ ވެސް ތިބީ ހަމަ އެ ބޭނުންކޮށްގެންނެވެ. ނަމަވެސް އެމީހުންގެ ކުލަތައް ތަފާތެވެ.

“އިވްރިޝާ! ތިޔަ ރީތި ސިފަ ޚަރާބުނުވަންދެން އަވަހަށް ކާރަށް އަރާ! އަހަރެމެން މިހާރުވެސް މާ ލަސްވެއްޖެ!” ތަސްނީމް ހަޅޭލަވައިގަތެވެ.

އަހަރެން ހަމައަކަށް އެޅިލުމަށްފަހު، އެ އެންމެން ހާސްވެފައި ތިބި ވަރު ފެނިފައި ހީނލީމެވެ. އަހަރެންގެ ރަންކުލައިގެ ކްލަޗް ދަބަސް ހިފައިގެން، ރަންކުލައިގެ އުސް ފައިވާނުގައި ބޭރަށް ނުކުތީމެވެ.

އަހަރެން ހުރީ ގަދަ ނޫކުލައިގެ ދިގު ހެދުމެއްގައެވެ. އެ ހެދުން އަހަރެންގެ ހަށިގަނޑުގެ ބައްޓަމާ ނުހަނު ގުޅެއެވެ. އެއީ މާ ބާރު ހެދުމެއް ނޫނެވެ. އަދި މާ ދޫ ހެދުމެއްވެސް ނޫނެވެ. ބޮލުގައި ރަންކުލައިގެ ފޮތިގަނޑެއް އޮތްއިރު، ކަރުގަޔާއި ކަންފަތުގައި އަދި އަތުގައި ވަނީ ރަން ގަހަނާ އަޅާފައެވެ.

ގޭގެ ބޮޑުކޮޓަރި ކައިރީގައި ހުރި ލޯގަނޑުން ފެނުނު އަހަރެންގެ ސޫރައަށް ބަލާލާފައި އަމިއްލަ ނަފްސަށް ހިނިތުންވެލީމެވެ. މާޝާﷲ، އަހަރެން ހީވަނީ ފަރި ޕަރީއެއް ހެންނެވެ. ސަގާފީ ހެދުމެއް ނުލާތާ ވަރަށް ދުވަސްވެއްޖެއެވެ. މިއަދު މި ހެދުމުގައި ހުރިއިރު، އަހަރެންގެ ސަގާފަތާއި ދިވެއްސަކަށް ވީތީ ފަޚުރުވެރިވިއެވެ.

“އިވްރިޝާ، ކަޅުކުލައިގެ ޖީ-ވޭގަން އަށް އަރާ! އަވަސްކުރޭ!” ހަމްޒާ ހުދުކުލައިގެ މާސިޑީޒް ކާރަކަށް އަރައި ދުއްވާލަމުން އަމުރުކުރިއެވެ.

އާމީ އާއި އާޚިރާ އަދި ޝިރާނީ ތިބީ ކާރު ތެރޭގައިކަން އަހަންނަށް ފާހަގަކުރެވުނެވެ. އޭނާގެ ހާސްކަން ފެނިފައި ލޯ އަރުވާލުމަށްފަހު، ސިޑިން ފައިބައިގެން ގޮސް ޖީ-ވޭގަން އާ ދިމާލަށް ހިނގައިގަތީމެވެ. ގޭގެ ގޯތިތެރޭގައި ހުރި މާތަކުގެ މީރުވަސް ދުވާތީއާއި ޖެހެމުންދިޔަ ފިނި ރޯޅިތަކުން އަހަންނަށް ހިތްހަމަޖެހުން ލިބުނެވެ.

“އިވްރިޝާ! އަހަރެމެން މިދަނީ ސަބީނާގެ ކާރުގައޭ!” ފަހަތުން ތަސްނީމް ހަޅޭލަވައިގަތެވެ. އަހަރެން ބޯޖަހާލުމަށްފަހު އަތުން ހަނާ އަޅާލީމެވެ. އޭނާ ގޮސް ސަބީނާގެ ރަތްކުލައިގެ ކޮރޯލާ ކާރަށް އަރައި އޮބާލިއެވެ.

ކާރު ދުއްވަން އިން މީހާ ފެނިފައި އަހަރެން ހައިރާންވިއެވެ. “އަދުނާން؟” އަހަރެން ނުރުހިފައި އަހާލީމެވެ. އޭނާއާއެކު ހޯލަށް ދާން އަހަރެން ބޭނުމެއް ނޫނެވެ. އޭނާގެ ކުރިމަތީގައި ހުރުމަކީ އަހަރެން ނުތަނަވަސްވާ ކަމެކެވެ.

“އާނ، ހަމަ އަހަރެން،” އަހަރެންގެ މޫޑު ފެނިފައި އަދުނާނަށް އެއްޗެއް ވިސްނުނީކަން ނޭނގެއެވެ. އަހަރެންގެ ރަހުމަތްތެރިންނަށް މާ ބޮޑު ސަމާލުކަމެއް ނުދީ އޭނާ އެހެން އެ ބުނީ އަހަންނަށް މަލާމާތްކޮށްލުމަށްކަން ޔަގީނެވެ.

އަހަރެން އަވަހަށް ކާރަށް އަރައި ދޮރު ލެއްޕީމެވެ. ފަހަތު ސީޓުގައި ނާރާ އިނީ ކުޅޭ އެއްޗަކާ ކުޅޭށެވެ. ކާރުގެ އޭސީގެ ފިނިކަން އިހުސާސްވުމުން އަހަރެންގެ ހަށިގަނޑަށް ލުޔެއް ލިބުނެވެ.

“ހޭއި ނާރާ،” ފަހަތަށް އެނބުރި އޭނާގެ ވިދާ ބޫޓުގައި އަހަރެން އަތްލީމެވެ.

އޭނާ އިސްއުފުލާ ބަލާލުމަށްފަހު ހައިރާންވެފައި ބުންޏެވެ. “ދައްތަ ތިޔަ ގޮވީ ނާރާ އޭ! އެހެންވީމާ ތިޔައީ އަހަރެންގެ އަސްލު މަންމަ! ބައްޕަ ބުނި ހަމައެކަނި މަންމައޭ އަހަންނަށް ނާރާ ކިޔާނީ.”

އަހަރެން ނުތަނަވަސްކަމާއެކު ހީނލީމެވެ. ހަތަރު އަހަރުގެ ކުއްޖަކަށް ބަލާއިރު އޭނާއަކީ ވަރަށް ވިސްނުން ތޫނު ކުއްޖެކެވެ. “އެއީ ތެދެއްތަ؟” ކުރިއަށް ބަލަހައްޓައިގެން ކާރު ދުއްވަން އިން އަދުނާން ގާތު އަހަރެން އެހީމެވެ.

އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ އޭނާގެ ތުނބުޅިމަތީގެ ފުރިހަމަކަމާއި ކަޅުކުލައިގެ ތޮފިން އޭނާގެ އިސްތަށިގަނޑު ނިވާވެފައިވާ ގޮތް ފެނުމުންނެވެ. އޭނާ އިނީ ކަޅުކުލައިގެ ކާފްޓާނެއްގައެވެ. ކަޅުކުލައިގެ ސަބަބުން އޭނާގެ ސިފަ އިތުރަށް ކުލަގަދަވެގެންދެއެވެ.

“އާނ، އެއީ ތެދެއް،” ކުރު ގޮތަކަށް އޭނާ ޖަވާބު ދިނެވެ.

އަހަރެން ސީޓުގައި ލެނގިލައި ބޮލުގައި އަތް އުނގުޅާލީމެވެ. ކާރުގެ ބިއްލޫރިތައް ކަޅުކޮށްފައި ހުރުމުން ބޭރު ފެންނާކަށް ނެތެވެ. ގަޑި ބަލާލިއިރު ހަގަޑި ބައިވަނީއެވެ. ހަފްލާއަށްދާ މީހުން ގިނަވާނެކަން އަހަންނަށް އެނގެއެވެ. މި ހަފްލާ ރޭވީ އަހަރެންގެ އާއިލާއާއި ޚަލީލްގެ އާއިލާ ބައްދަލުކުރުމަށެވެ. އަހަރެމެން ދެ އާއިލާގެ މީހުންނަކީ އެއްބަޔަކު އަނެއްބަޔަކު މާ ބޮޑަށް ދަންނަ ބައެއް ނޫނެވެ.

މި ހަފްލާގައި އޮންނާނީ އަހަރެންނާއި ޚަލީލް އަނގޮޓި ބަދަލުކުރުމެވެ. ރާއްޖޭގައި މިއީ މާ ބޮޑަށް ކުރާ ކަމެއް ނޫން ނަމަވެސް، އަހަރެމެން ދެމީހުންވެސް ބޭނުންވީ މިކަން ކުރާށެވެ. އެއަށްފަހު ކެއުމާއި ނެށުމާއި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު، މަންމަ ކައިވެނީގެ ތާރީޚު އިޢުލާން ކުރާނެއެވެ. މިއީ ސާދާ ހަފްލާއެއް ނަމަވެސް، އަހަރެން ރާއްޖެއަށް ނައިސް ގިނަ ދުވަސްވުމުން، ގިނަ ބަޔަކު ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ.

“މަންމީ؟!” ނާރާ އަހަންނަށް ގޮވާލުމުން އަހަރެންގެ ޚިޔާލީ ދުނިޔެއިން ބޭރުވިއެވެ.

އަހަރެން ހިނިތުންވެލާފައި އެނބުރުނީމެވެ. އޭނާ އަހަންނަށް މަންމަ ކިޔާތީ އަދިވެސް ހުންނަނީ އުނދަގޫވެފައެވެ. “އާނ؟”

“އަހަރެމެން މިދަނީ ކޮންތާކަށް؟” އޭނާގެ އަތުގައި އޮތް ބާބީ ޑޯލްގެ އިސްތަށިގަނޑު ގަތަން މަސައްކަތް ކުރަމުން އޭނާ އެހިއެވެ.

އަދުނާން އިނީ ހިމޭނުންނެވެ، އެންމެ ބަހެއްވެސް ބުނާކަށް ނޫޅެއެވެ. އޭސީގެ ފިނިކަން މުޅި ހަށިގަނޑަށް އިހުސާސްވަމުން ދިޔައިރުވެސް، އަހަރެންގެ އަތްތިލައިން ދާހިއްލަމުން ދިޔައެވެ.

“އަހަރެމެން މިދަނީ އަހަރެންގެ އެންގޭޖްމަންޓް ހަފްލާ އަށޭ،” އަހަރެން ހިނިތުންވެލަމުން ބުނީމެވެ.

އޭނާ މޫނަށް ވައްތަރެއް ޖައްސާލުމަށްފަހު ވަރަށް ލޯބިކޮށް އެހިއެވެ. “އޭގެ މާނައަކީ ކޮބާ؟”

އަހަރެން ކުޑަކޮށް ހީނލުމަށްފަހު އޭނާއަށް ކިޔައިދޭނެ އެއްޗަކާ މެދު ވިސްނާލީމެވެ. “އެއީ އަހަރެންގެ ކުރިމަގުގެ ފިރިމީހާއާ ބައްދަލުވާ ތަނޭ. އޭނާ އަހަރެންދެކެ ލޯބިވާވަރު ދެއްކުމަށް އަހަންނަށް އަނގޮޓިއެއް ދޭނެ، އަދި އަހަރެންވެސް އޭނާއަށް އަނގޮޓިއެއް ދޭނަން.”

އޭނާގެ ކުޑަކުޑަ ދެލޯ އަހަރެންގެ މޫނުން ފެށިގެން އޭނާގެ ބައްޕަގެ މޫނަށް ދަތުރުކުރުމަށްފަހު އަނެއްކާވެސް އަހަންނަށް ހުއްޓުނެވެ. “ދައްތައަށް ބައްޕަ ނޫން އެހެން މީހަކާ ކައިވެނި ކުރެވޭނެތަ؟”

އަހަރެން ސިހިފައި، މޫނު ރަތްވިއެވެ. އަހަރެން ރަތްވާންވީ ކީއްވެ ހެއްޔެވެ؟އަދުނާނާ ކައިވެނިކޮށްގެން އުޅޭނެ ގޮތް ހިތަށް އެރުމުން ހެއްޔެވެ؟

“އަހަރެން މިއުޅެނީ ނާރާގެ ބައްޕަޔާ ކައިވެނިކޮށްގެންނެއް ނޫނޭ،” އޭނާގެ ފައިގައި އަތްލަމުން އަހަރެން ހީނލާފައި ބުނީމެވެ.

އޭނާ މޫނު ކުނިކޮށްލިއެވެ. “އެކަމަކު އަހަރެންގެ ހުރިހާ ރަހުމަތްތެރިންގެ މަންމައާއި ބައްޕަ ތިބެނީ ކައިވެނިކޮށްގެން.”

“އެއިން އެނގެނީ އަހަރެން މިއީ ތި ލޯބިލޮބި ނާރާގެ މަންމަ ނޫންކަން. އަހަރެންމީ ނާރާގެ މަންމަ ނަމަ މިހާރު ހުންނާނީ ނާރާގެ ބައްޕަގެ އަނބިމީހާއަށް ވެގެން.”

އޭނާ ތުންފަތް އޫކޮށްލާފައި ދެތިން ފަހަރު އެސްފިޔަ ޖަހާލިއެވެ. “ދެޓްސް ސޯ ކޮންފިއިސިންގ.”

“އިވްރިޝާ! އަހަރެންގެ ދަރިފުޅާ ތިޔަ ދައްކާ ވާހަކަ ތި ހިސާބުން ހުއްޓާލާ! ކަލޭގެ ތިޔަ ‘މައިވަންތަކަމުގެ’ ހުނަރު ވަރަށް ދަށްކަން ސާފުވެއްޖެ!” ކާރު ތެރޭގައި އޭނާ އިންކަން ހަނދާންކޮށްދެމުން އަދުނާން ހަރުކަށިކޮށް ބުންޏެވެ.

އަހަރެމެން ތިބީ ޓްރެފިކްގައި ތާށިވެފައެވެ.

“ކީކޭ…؟!” އަހަރެން ހައިރާންވިއެވެ. “އަހަންނަށް ކުރެވުނީ ކޮން ކުށެއް؟” އަހަރެން އޭނާއާ ދިމާލަށް އެނބުރިލަމުން އެހީމެވެ.

އޭނާ އޭނާގެ ތޮފި ނަގައި، ކަޅު އިސްތަށިގަނޑުގައި އަތް ހާކާލިއެވެ. “ކަލޭ ތިޔަ ކުރާ ކަމަކީ އޭނާގެ މަންމައަކީ ކާކުކަމާ މެދު އޭނާގެ ހިތުގައި އިތުރަށް އޮޅުންބޮޅުން އުފެއްދުން! ކަލެއަކީ އޭނާގެ މަންމަ ނޫންކަން އެނގޭއިރު، އޭނާއާ ބަހުސްކޮށް ވަގުތު ބޭކާރު ކުރަނީ ކީއްވެ؟” އޭނާ ރުޅިއައިސްފައި އެހިއެވެ. އޭނާގެ އަޅިކުލައިގެ ދެލޮލުން އަހަންނާ ދިމާލަށް ބަލަހައްޓައިގެން އިނީ ވަރަށް ނުރުހުމާއެކުގައެވެ.

“އޯކޭ! އަހަންނަކަށް ހިއެއް ނުކުރަން އޭނާއަށް އޮޅުން އަރާފާނެ ކަމަކަށް. ދެން ދުވަހަކުވެސް އެހެންނެއް ނުވާނެ،” އަހަރެން މާފަށް އެދެމުން ސީޓުގައި ހަމަޖެހިލީމެވެ.

“އަހަރެންގެ ދަރިފުޅާ ވާހަކަ ދައްކާއިރު ކުޑަކޮށް ވިސްނާލާފައި ވާހަކަ ދައްކާ. ނާރާގެ ކަމެއްގައިނަމަ އަހަރެން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަން،” ޓްރެފިކުން ނުކުމެ ކާރު ދުއްވާލަމުން އޭނާ އިންޒާރު ދިނެވެ.

އޭގެ ފަހުން އަހަރެން އިނީ ހިމޭނުންނެވެ. އޭނާ އެހާ ބޮޑަށް ދަރިފުޅަށް ރައްކާތެރިވާނަމަ، އެ ކުއްޖާގެ މަންމަ އަނބުރާ ނުގެންނަނީ ކީއްވެ ހެއްޔެވެ؟އަދި އަހަރެން ފަދަ ބީރައްޓެހިންނަށް ‘މަންމަ’ ކިޔުމަށް ދޫކޮށްލާފައި އެ ބަހައްޓަނީ ކީއްވެ ހެއްޔެވެ؟

ކާރު ތެރެއަށް މަރުފަދަ ހިމޭންކަމެއް ވެރިވިއެވެ. ނާރާވެސް އަޑެއް ނީއްވައެވެ. އޭނާ އިނީ ހިމޭނުން ބާބީއާ ކުޅޭށެވެ.

ދަތުރުގެ މަދު މިނެޓުކޮޅަކަށްފަހު، ވަރަށް ބޮޑު އަދި ރީތި ހޯލަކާ ހަމައަށް އަހަރެމެންނަށް ދެވުނެވެ.

ކާރު މަޑުކޮށްލުމާއެކު ބޭރުން މިއުޒިކްގެ އަޑު އިވެމުން ދިޔައެވެ.

“އަހަރެމެންނަށް މި އާދެވުނީ،” އޭނާ މަޑުމަޑުން ބުނުމަށްފަހު ކާރުން ފޭބިއެވެ.

އަހަރެން ލޯ އަރުވާލުމަށްފަހު އޭނާގެ ފަހަތުން ފޭބީމެވެ.

******

— ނުނިމޭ —

ނޯޓް
ނޯޓް: މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކަ އެ ނަމަކަށް ނިސްބަތްކޮށްފައިވާ އިވްރިޝާ އަކީ ވަރަށް ޔުނީކް ނަމެއްކަމަށްވާތީ އިޚްތިޔާރުކުރި ނަމެކެވެ. 2013 ވަނަ އަހަރު މި ވާހަކަ އަހަރެން ލިޔަން ފެށިއިރު، މުނިއަވަސްގައި އުޅޭ އިވްރިޝާއަކީ އުޅޭ މީހެއްކަންވެސް ނުދަންނަ މީހެކެވެ. މި ވާހަކައިގައި އުޅޭ މީހުންނަކީ ޚިޔާލަށް އުފައްދާފައިވާ އައްތަ (ކެރެކްޓަރ) ތަކެކެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top