ކަންކަން ދެފަހަރަށް ޗެކްކުރުމަކީ ސިތޫރާ ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. މެސެޖެއް ވިޔަސް، ދޮރެއް ވިޔަސް، ނުވަތަ މީހަކާ މެދުގައި ވިޔަސްމެއެވެ. ދިރިއުޅުމުގެ ތަޖުރިބާއިން އޭނާއަށް ދަސްވެފައިވަނީ، ކޮންމެ ކަމަކާ މެދު ޝައްކުކުރަން ފަށައިފިނަމަ، ހިތްހަމަޖެހުމެއް ދުވަހަކުވެސް ނުލިބޭނެ ކަމެވެ. އެހެންކަމުން، އޭނާގެ ދިރިއުޅުން ބިނާކޮށްފައިވަނީ އިތުބާރާއި، އާދަކާދަތަކުގެ މައްޗަށެވެ. ޚާއްޞަކޮށް އިތުބާރެވެ.
އެހެންކަމުން، އެ ފިކުރު ފުރަތަމަ އޭނާގެ ހިތަށް އައި ވަގުތު، އެކަމަށް ސަމާލުކަން ނުދީ ދޫކޮށްލެވޭތޯ ބެލިއެވެ. އެއީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށް، ހިތަށް ވަދެގަތް ވަސްވާހެކެވެ.
“ކޮންމެސް ކަމެއް ހަނދާން ނެތިއްޖެއެވެ.”
އޭނާ ހުރީ މަގުގެ ދެބައިކުޅަ އެއްބަޔާ ހިސާބަށް ގޮސްފައެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން، އޮފީހުގައި ކުރަން ހުރި މަސައްކަތްތަކާ މެދު ވިސްނަމުން ދަނިކޮށް، އަނެއްކާވެސް އެ ޚިޔާލު މާ ބޮޑަށް އޭނާގެ ސިކުނޑީގައި އެނބުރެން ފެށިއެވެ.
“ކޮންމެސް ކަމެއް ހަނދާން ނެތިއްޖެއެވެ.”
އޭނާ ކުޑަކޮށް ނިތްކުރީގައި އަތްހާކާލައި، އެއީ ކޮން ކަމެއްތޯ ހަނދާން ކުރަން އުޅުނެވެ. ދޮރު ހުރީ ތަޅުލާފައެވެ. ސާމާނުތައް ހުރީ ދަބަހަށް އަޅާފައެވެ. ފަންކާ ހުރީ ނިއްވާލާފައެވެ. އޭނާ…
“އުނދުުން!”
އޭނާގެ ހިނގުން މަޑުޖެހުނެވެ. މާޒީގެ ތަސްވީރެއް އޭނާގެ ކުރިމަތީގައި ނިއުޅެން ފެށިއެވެ. އުނދުން މަތީގައި ހުރި ތަވާ، ތެޔޮ ވަސް، ކުއްލިއަކަށް ފޯނު ރިންގުވުމުން ވީ ގޮތް، ސްކްރީނުން ފެނުނު ވަސީމްގެ ނަން، އޭނާއާ ވާހަކަދައްކަމުން އަވަސް އަވަހަށް ތައްޔާރުވެގެން ނުކުތް ހަނދާން…
އުނދުން ނިއްވާލެވުނު ހެއްޔެވެ؟
އޭނާގެ މޭ ތެޅެން ފެށިއެވެ. ހިނގުން މުޅިން ހުއްޓާލައި، މަގުގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. ކައިރިން މީހުން ހިނގާބިނގާވެ އުޅޭ އަޑުތައް އޭނާއަށް އިވެނީ ވަރަށް ދުރުން އިވޭ ފަނޑު އަޑުތަކެއްގެ ގޮތުގައެވެ.
އެނބުރި ގެއަށް ދާން ނަގާނީ އެންމެ ދިހަ މިނެޓެވެ. ހަމައެކަނި ޔަގީންކޮށްލާށެވެ. ހަމައެކަނި ބަލާލާށެވެ.
އޭނާ ފުން ނޭވާއެއް ދޫކޮށްލީ އަމިއްލަ ނަފްސު ދެކެ ކުޑަކޮށް ރުޅިއައިސް ހުރެއެވެ. “މިއީ ބޭކާރު ވިސްނުމެކެވެ.” އެހެންނަމަވެސް، އޭނާގެ ފައިވަނީ މިހާރު އެނބުރި ގެއާ ދިމާލަށް މިސްރާބު ޖަހާފައެވެ.
އެނބުރި ކުރަންފެށި ދަތުރު ކުރިއަށްވުރެ ދިގުހެން އޭނާއަށް ހީވިއެވެ. ކޮންމެ ފިޔަވަޅަކާއެކު ބަޔާންކުރަން ނޭނގޭ ފަދަ ބަރުދަނެއް ހިތަށް އިހުސާސްވަމުން ދިޔައެވެ. މިހާރު އެއީ ހަމައެކަނި އުނދުންގެ މައްސަލައެއް ނޫނެވެ. އެއީ ނުތަނަވަސްކަމެވެ. ކޮންމެ ސިކުންތަކާއެކު އެ އިހުސާސް ދިޔައީ ވަރުގަދަވަމުންނެވެ.
ގެއާ ހަމައަށް ފޯރުމުން އޭނާ މަޑުކޮށްލިއެވެ. ގޭގެ ބޮޑު ދޮރު ހުރީ ތަޅުލާފައެވެ. އެންމެ ރަނގަޅެވެ. އާދައިގެ މަތިންނެވެ. ނަމަވެސް ކޮންމެސް އެހެން ކަމެއް ތަފާތެވެ.
ކޮޓަރީގެ ކުޑަދޮރެވެ. ކުޑަދޮރުގެ ފަރުދާ ހުރީ އޭނާ ބެހެއްޓި ގޮތަކަށް ނޫނެވެ. އެއީ ހުޅުވާފައެއް ނޫނެވެ، ނަމަވެސް އެ ހުރީ ކޮންމެސް ބަދަލެއް އައިސްފައެވެ. ސިތޫރާއަކީ މިފަދަ ކުދިކުދި ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ މީހެކެވެ. އޭނާ ކަންކަން ހަނދާން ހުރެއެވެ.
އެ ފަރުދާ ހުރީ ރަނގަޅަކަށް ނޫނެވެ.
އޭނާގެ އަތުގައި އޮތް ތަޅުދަނޑީގައި ބާރަށް ހިފަހައްޓާލިއެވެ. ފަހަރެއްގައި ވަސީމް އެނބުރި އައީ ކަމަށް ވެދާނެއެވެ. އަމިއްލަ ހިތް ހަމަޖައްސާލުމަށް އޭނާ ވިސްނިއެވެ. ފަހަރެއްގައި އޭނާވެސް ކަމެއް ހަނދާން ނެތިގެން އައީ ކަމަށް ވެދާނެއެވެ. ނަމަވެސް، އޭނާ މިއަދު ދިޔައީ މުޅި ދުވަހު މީޓިންގްތަކެއް އޮތް ކަމަށް ބުނެފައެވެ. ބުނުމަކާ ނުލައި އޭނާ އެނބުރި ނާންނާނެއެވެ.
ނޫނީ…
އެ ޚިޔާލު ފުރިހަމަވުމުގެ ކުރިން އޭނާ އެކަން ސިކުނޑިން ނެރުނެވެ. “ޚިޔާލީ ފޮލާ ކައްކާނެ ކަމެއް ނެތެވެ.”
ތަޅުދަނޑި ތަޅަށް ޖެހި ވަގުތު އެއިން އައި ފިނިކަން އޭނާއަށް އިހުސާސްވިއެވެ. ދޮރު ހުޅުވުނު އަޑު މުޅި ހިސާބުގައި ގުގުމާލިއެވެ. އޭނާ މަޑުމަޑުން އެތެރެއަށް ވަނީ ނުހަނު ފަރުވާތެރިކަމާއެކުގައެވެ.
ގޭތެރެ ފެންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. މާބޮޑަށްވެސް އާދައިގެ ގޮތަކަށެވެ. ހުރިހާ އެއްޗެއް ހުރީ ހުންނަންޖެހޭ ތަނުގައެވެ. ބޮޑުކޮޓަރީގެ ގޮނޑިތަކާއި، މޭޒެވެ. ހެނދުނު ކެއްކި ކާނާގެ ވަސް އަދިވެސް ވަޔަށް ފެތުރިފައި ހުއްޓެވެ. ނަމަވެސް އެ ހުރިހާ ކަމެއްގެ ދަށުން…
އެހެން ކަމެއްގެ އިހުސާސް ކުރެވެއެވެ. ކޮންމެސް މީހެއްގެ ހިލަމެވެ. ފެންނަން ނެތަސް، އެކަން އިހުސާސްވެއެވެ. އޭނާ އިރުކޮޅަކު އަޑުއަހަން ހުއްޓެވެ.
ދެން އެ އަޑު އިވުނެވެ. ކޮޓަރި ތެރެއިންނެވެ. މަޑު އަޑެކެވެ.
އޭނާގެ ހިތުގެ ތެޅުމަށް ބާރުވިއެވެ. އެއީ ކޮންމެ އެއްޗަކަށްވެސް ވެދާނެއެވެ. ޓީވީއެވެ. ނޫނީ ފޯނެކެވެ. ނޫނީ ވަސީމެވެ.
އޭނާ މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. ކޮންމެ ފިޔަވަޅެއް އެޅީ ވަރަށް ބަލައިގެންނެވެ. ހީވަނީ ބާރަށް ހިނގައިފިނަމަ، ފެންނަން އުޅޭ މަންޒަރު ބަދަލުވެދާނެހެންނެވެ. ކައިރިވަމުން ދިޔަ ވަރަކަށް އަޑު ސާފުވަމުން ދިޔައެވެ. އެއީ ޓީވީއެއް ނޫނެވެ. ފޯނެއްވެސް ނޫނެވެ. އެއީ ވާހަކަދައްކާ އަޑެވެ. ވަރަށް ސިއްރުން ދައްކާ ވާހަކަތަކެކެވެ.
އޭނާގެ ނޭވާ ހުއްޓުނެވެ. ނޫނެކެވެ. އެއީ ވެދާނެ ގޮތެއް ނޫނެވެ.
އޭނާ ކޮޓަރީގެ ދޮރާ ހަމައަށް ދިޔައެވެ. ދޮރު ހުރީ ލައްޕާފައެވެ. އެކަމަކު އެއްކޮށް ލެއްޕިފައެއް ނޫނެވެ. ކުޑަ ހިންމިއް ހުއްޓެވެ. އޭނާގެ އަތް ދޮރުގެ އަތްގަނޑާ ހަމައަށް ދިޔަ ނަމަވެސް، އޭގައި އަތެއް ނުލައެވެ. އޭގެ ބަދަލުގައި، އެ ކުޑަ ހިންމިއިން އެތެރެ ބަލާލިއެވެ.
އަދި އެ ސިކުންތުގައި… އޭނާގެ ދުނިޔެ ބަދަލުވިއެވެ.
ވަސީމެވެ. އެމީހުންގެ އެނދުގައެވެ. އެކަންޏެއް ނޫނެވެ. އޭނާގެ ދަށުގައި އަންހެނަކު އޮތެވެ. އެ އަންހެން މީހާގެ އިސްތަށިގަނޑު އޮތީ އެ ހެނދުނު ސިތޫރާ ރީތިކޮށް އެޅި ބާލީސް މައްޗަށް ފެތުރިފައެވެ. އެ އަންހެން މީހާގެ ހިނިތުންވުމާއި ހީނލުމުގެ އަޑަކީ ސިތޫރާއަށް އައު އަޑެއް ނޫނެވެ. އެއީ ވަރަށް ދަންނަ އަޑެކެވެ.
އެއް ސިކުންތަށް ހުރިހާ ކަމެއް ހުއްޓުނު ކަހަލައެވެ. އެއީ ހަގީގަތެއް ނޫން ކަމަށް އޭނާގެ ހިތް ބުންޏެވެ. އެކަން އެގޮތަށް ވެގެން ނުވާނެއެވެ. ވަސީމް ކަހަލަ މީހަކު އެފަދަ ކަމެއް ނުކުރާނެއެވެ. އެމީހުންގެ ކައިވެނި މިގޮތަށް ރޫޅިގެން ނުވާނެއެވެ. އެކަމެއް ހިނގާނަމަ އޭނާއަށް އެނގޭނެ ނޫން ހެއްޔެވެ؟
ވިސްނުމުގެ ކުރިން އޭނާގެ އަތް ހަރަކާތްކުރިއެވެ. ބާރު ބާރަށް ދޮރު ކޮށްޕާލިއެވެ. އެ އަޑާއެކު ކޮޓަރި ތެރޭގައި އޮތް ހަމަހިމޭންކަން ފުނޑުފުނޑުވިއެވެ. ވަސީމް ގަނޑުވިއެވެ. އެ އަންހެން މީހާ ސިހިފައި ބަލާލިއެވެ.
ސިތޫރާ އެތާ ހުރީއެވެ. އޭނާގެ މޭ އުފުލި ތިރިވަމުން ދިޔައީ މަޑުމަޑުންނެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.
އިރުކޮޅެއް ވަންދެން އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
“ސިތޫރާ…” ވަސީމްގެ އަޑު ތުރުތުރުލިއެވެ. އޭނާ އަވަސް އަވަހަށް ފޮރުވަން އުޅުނު ނަމަވެސް، ދެން ފޮރުވޭނެ އެއްވެސް އެއްޗެއް ނެތެވެ.
ސިތޫރާ އަތް އުފުލާލިއެވެ. އެއީ ރުޅިވެރިކަމަކުން ނޫނެވެ. ނުވަތަ އާދޭހަކުންވެސް ނޫނެވެ. ހަމައެކަނި އޭނާ ހުއްޓުވުމަށެވެ. އަދި ހައިރާންވާ ފަދަ ގޮތަކަށް ވަސީމް ހުއްޓުނެވެ.
ސިތޫރާގެ ނަޒަރު ވަސީމްގެ ކިބައިން އެ އަންހެން މީހާއަށް ބަދަލުވިއެވެ. ކޮންމެ ސިފައެއް އޭނާ ބަލަމުން ދިޔައެވެ. ސިކުނޑީގައި ކުރަހަމުން ދިޔައެވެ. އެއީ ބޭނުންވެގެން ކުރި ކަމެއް ނޫނެވެ. ނަމަވެސް އެ މަންޒަރު ދުވަހަކުވެސް ހަނދާނުން ނުފޮހެވޭނެކަން އޭނާއަށް އެނގޭތީއެވެ.
“އެއީ ކާކު؟” ސިތޫރާ އެހިއެވެ. އޭނާގެ އަޑުގައި ހުރީ އާދަޔާޚިލާފު މަޑުމައިތިރިކަމެކެވެ.
ވަސީމް އުނދަގުލުން ކޮޅަށް ތެދުވިއެވެ. އޭނާ ވާހަކަދައްކަން އުޅުނު ނަމަވެސް ބަހެއް ބޭރެއް ނުވިއެވެ.
“މިއީ… މިއީ ތި ހީކުރާ ކަހަލަ ކަމެއް ނޫން…”
ސިތޫރާގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް އައެވެ. އެއީ އުފާވެރި ހިނިތުންވުމެއް ނޫނެވެ. އެއީ މަލާމާތުގެ، ތޫނު ހިނިތުންވުމެކެވެ.
“އެހެންވީމާ ބުނެބަލަ،” އޭނާ މަޑުމަޑުން ބުންޏެވެ. “އަހަރެން ހީކުރަންވީ ކީކޭ؟”
އަނެއްކާވެސް ހަމަހިމޭންކަން ފެތުރުނެވެ. ބަރު، ނޭވާހާސްކުރުވާ ފަދަ ހަމަހިމޭންކަމެކެވެ. އެ އަންހެން މީހާ އިސްދަށަށް ޖަހައި، އެނދުމަތީގައި އޮތް ފޮތިގަނޑުން ނިވާވިއެވެ. އޭނާގެ ނުތަނަވަސްކަން މުޅި ކޮޓަރިން ފެންނަން ހުއްޓެވެ.
“އަހަންނަށް ކިޔައިދެވިދާނެ،” ވަސީމް އާދޭހުގެ ރާގަކަށް ބުންޏެވެ.
ސިތޫރާ އޭނާގެ ބޯ ކުޑަކޮށް އަރިކޮށްލިއެވެ. “ކިޔައިދީ،” އޭނާ ތަކުރާރުކޮށްލިއެވެ. ނަމަވެސް އޭނާގެ ދެލޮލުން ބުނަމުން ދިޔައީ ތަފާތު ވާހަކައެކެވެ. ‘ކިޔައިދީބަލަ، މަސައްކަތް ކޮށްބަލަ.’
ވަސީމް އޭނާގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން ކޮޓަރި ތެރޭގައި ހިނގަން ފެށިއެވެ. އޭނާ އުޅުނީ ދައްކާނެ ބަހެއް ނުފެނިގެންނެވެ.
“މިއީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން،” އެންމެ ފަހުން އޭނާ ބުންޏެވެ.
އެ ބުނެވުނު ޖުމްލައަކީ ކުރެވުނު އަމަލަށްވުރެވެސް ހިތްދަތި ޖުމްލައެކެވެ. ސިތޫރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ‘އެއްވެސް މާނައެއް ނެތެވެ.’ އޭނާ ބޯޖަހާލިއެވެ. އެކުގައި ހޭދަކުރި އެތައް އަހަރެއް، ދެއްކި ވާހަކަތައް، އަދި ކުރި އިތުބާރު… މި ހުރިހާ ކަމެއްގެ މާނައެއް ނެތީ ހެއްޔެވެ؟
އޭނާ ކޮޓަރި ތެރެއަށް ވަދެ، ދޮރު ލައްޕާލިއެވެ. އެ އަޑަށް ދެމީހުންވެސް ސިހުނެވެ.
“އެނގޭތަ؟ ހައިރާންވާ ކަހަލަ ކަމެއް ބުނަންތަ؟” އޭނާ އާދައިގެ ގޮތަކަށް ވާހަކަދެއްކިއެވެ. ވަސީމް ބިރުން ހުރެ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“އަހަރެން އެނބުރި މިއައީ އުނދުން ނިއްވާލަން ހަނދާން ނެތުނުހެން ހީވެގެން.”
އެކަކުވެސް ބަހެއް ނުބުނެއެވެ.
“އަހަރެން ކަންބޮޑުވީ ގޭގައި އަލިފާން ރޯވެދާނެތީ،” އޭނާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުން ބުންޏެވެ. “އަހަރެން ހީކުރީ ކޮންމެސް އެއްޗެއް ސަލާމަތް ކުރަން ޖެހޭނެ ކަމަށް.”
އޭނާގެ ނަޒަރު އަނެއްކާވެސް ވަސީމަށް ހުއްޓުނެވެ. “އެކަމަކު، މިހާރު ހީވަނީ،” އޭނާ މަޑުމަޑުން ބުންޏެވެ. “އެ އެއްޗެއް މިހާރު ބޭކާރުވެފައިވާހެން.”
އެ ބަސްތައް ހަޅޭކަށްވުރެވެސް ބާރަށް ވަސީމްގެ ހިތުގައި ޖެހުނެވެ. އެ އަންހެން މީހާ އިސްދަށަށް ޖެހިއެވެ. ވަސީމް ކުރިއަށް ފިޔަވަޅެއް އެޅިއެވެ.
“ސިތޫރާ، އާދޭސްކުރަން…”
ސިތޫރާ ފަހަތަށް ޖެހުނެވެ. އެއީ މާ ބޮޑު ހަރަކާތެއް ނޫނެވެ. ނަމަވެސް އެ ކުޑަ ދުރުމިން، ދުނިޔޭގެ އެންމެ ބޮޑު ފާރު ފަދައިން އެ ދެމެދުގައި ހުރަސް އެޅުނެވެ.
“އޭނާގެ ނަމަކީ ކޮބާ؟” ސިތޫރާ ކުއްލިއަކަށް އެހިއެވެ.
ވަސީމް ފަސްޖެހުނެވެ. އެ ހިމޭންކަމުން ހުރިހާ އެއްޗެއް ބުނެދިނެވެ. “ސައިރާ،” އެ އަންހެން މީހާ މަޑުމަޑުން ބުންޏެވެ.
ސިތޫރާ ބޯޖަހާލިއެވެ. “ސައިރާ،” އޭނާ އެ ނަން ކިޔާލިއެވެ. ދެން އަނެއްކާވެސް ހިނިތުންވެލިއެވެ. އެއީ އާދަޔާޚިލާފު ހިނިތުންވުމެކެވެ. “މިހާރު ދެން، އަހަރެން މި މެދުކަނޑާލި ކަންތައް ނިންމާލާ،” އޭނާ ދޮރާ ދިމާލަށް އެނބުރެމުން ބުންޏެވެ.
“ސިތޫރާ، ނޫން!”
ނަމަވެސް އޭނާ ދޮރު ހުޅުވައިފިއެވެ. ބޭރަށް ނުކުމެއްޖެއެވެ. ވަސީމް އޭނާގެ ފަހަތުން ބޮޑުކޮޓަރިއަށް އައެވެ. އޭނާ މާފަށް އެދި، އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. ނަމަވެސް އެއިން އެއްވެސް ބަހެއްގައި އޮށްޓަރެއް ނެތެވެ.
ސިތޫރާ ޖަވާބެއް ނުދެއެވެ. ޖަވާބެއް ދޭކަށް ބޭނުމެއްވެސް ނޫނެވެ. ބޮޑު ދޮރާ ހަމައިން އޭނާ މަޑުކޮށްލިއެވެ. ހީވީ އޭނާ އެނބުރި ބަލާލާނެހެންނެވެ. އެކަމަކު އޭނާ އެނބުރި ބަލައެއްނުލައެވެ.
އޭގެ ބަދަލުގައި އޭނާ ބުންޏެވެ. “އެނގޭތަ، އަހަރެން އަދިވެސް ހަނދާނެއް ނެތް އުނދުން ނިއްވާލި ކަމެއް.”
އެއީ ސާދާ ބަސްތަކެކެވެ. ނަމަވެސް އެ ބަސްތައް ބުނި ގޮތުން ވަސީމް ހުއްޓުން އެރިއެވެ. އެއީ ހަމައެކަނި ބަދިގޭގެ ވާހަކައެއް ނޫންކަން އޭނާއަށް ވިސްނުނެވެ.
އޭނާ ދޮރު ހުޅުވައި، ބޭރަށް ނުކުމެ ދޮރު ލެއްޕިއެވެ. އެ އަޑު މުޅި ހިސާބުގައި ގުގުމާލިއެވެ. އެއީ ނިމުމުގެ އަޑެވެ.
ސިތޫރާ އެ ގެއާ ދުރަށް ހިނގައިގަތް އިރު، އޭނާގެ މޫނުމަތީގައި ހުރީ މަޑުމައިތިރިކަމެވެ. މާބޮޑު މަޑުމައިތިރިކަމެކެވެ. އޭނާގެ ސިކުނޑި ދިޔައީ ސިކުންތަކަށްވުރެ ސިކުންތެއް ތޫނުވަމުންނެވެ. ކޮންމެ ކަމެއް ހަނދާންވަމުން ދިޔައެވެ. އެ ފަރުދާއެވެ. ވަގުތެވެ. އެ ދުވަހުގެ ހެނދުނު ކުރި ފޯނު ކޯލެވެ. ވަސީމް ވާހަކަދެއްކި ގޮތެވެ. މިއީ ކުއްލިއަކަށް ވީ ކަމެއް ނޫނެވެ. މިއީ ކުރިންވެސް ހިނގަމުން އައި ކަމެކެވެ. އޭނާއަށް އެކަން ނުފެނި އޮތީއެވެ.
އޭނާގެ ހިނގުން މަޑުޖެހުނެވެ. އަދި ހުއްޓުނެވެ. އޭނާ ކުޑަކޮށް އެނބުރި އެ ގެއާ ދިމާލަށް ބަލާލިއެވެ. އެއީ އޭނާގެ ގެއެވެ. އެމީހުންގެ ގެއެވެ. ނަމަވެސް މިހާރު އެއީ ހަމައެކަނި މަކަރާއި ހީލަތް ފޮރުވާފައިވާ ތަނެކެވެ.
ދެން، ފުރަތަމަ ފަހަރަށް އޭނާ އިޚްލާޞްތެރިކަމާއެކު ހީލިއެވެ. އެއީ އުފަލަކުން ނޫނެވެ. ނަމަވެސް ހަގީގަތް ވިސްނުމުންނެވެ. ބޭވަފާތެރިކަމުގެ އެންމެ ނުރައްކާތެރި ކަމަކީ އެ އަމަލެއް ނޫނެވެ. ނަމަވެސް، އެކަން ނުފެނި އޮންނަ މުއްދަތެވެ. އަދި އެކަން ފެނުމުން ހާމަވާ ހަގީގަތްތަކެވެ.
ސިތޫރާ އޭނާގެ ދަބަސް ރަނގަޅުކޮށްލުމަށްފަހު އަނެއްކާވެސް ހިނގައިގަތެވެ. އޮފީހަކަށް ނޫނެވެ. ދަންނަ ތަނަކަށްވެސް ނޫނެވެ. ނަމަވެސް ކުރިއަށެވެ. އައު ދިރިއުޅުމަކަށެވެ.
އޭނާ މަގުގެ ތެރެއަށް ގެއްލެމުން ދިޔައިރު، އެންމެ ފަހު ފިކުރެއްގެ ގޮތުގައި ހިތަށް އެރިއެވެ. އޭނާ ގެއަށް ދިޔައީ އަލިފާނެއް ނިއްވާލާށެވެ. އެކަމަކު އޭނާއަށް ފެނުނީ މާ ކުރިންސުރެ ރޯވެ އަނދަމުންދިޔަ އަލިފާނެކެވެ. އަދި އުނދުން ފަދައިން، އެ އަލިފާން ނިއްވާލުމުގެ އެއްވެސް ޝައުގުވެރިކަމެއް މިހާރު އޭނާގެ ނެތެވެ.
(ނިމުނީ)
