ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިރާން މެޗުވެސް އެއްވަރު

މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރެއާއި މިއަދަކީ ވެސް ތަފާތު ދުވަހަކާއި ރެއެކެވެ. ގުރޫޕް އެޗްގެ ދެ މެޗު ރޭ ކުޅެފައިވާއިރު، މިއަދު ވަނީ ގުރޫޕް ޖީގެ މެޗު ކުޅެފައެވެ.

ވޯލްޑް ކަޕަށް އަލަށް ކޮލިފައިވި ކޭޕް ވާޑޭ ކައިރިން، ތަރިން ގިނަ ސްޕެއިންއަށް ސަލާމަތް ނުވެވުނު އިރު، އެ ގުރޫޕްގެ ދެވަނަ މެޗުގައި އުރުގުއާއީ މޮޅުވިޔަނުދީ ސައުދީ އަރަބިއްޔާއިން ވަނީ ހިފަހައްޓާފައެވެ. ވަރުގަދަ ސްޕެއިންއަށް ކޭޕް ވާޑޭކޮޅަށް ލަނޑެއް ނުޖެހުނުއިރު، ސައުދީ އަރަބިއާއިން ލަނޑެއް ޖަހާފައިވަނިކޮށް، އުރުގުއާއީން ވަނީ ފަހަތުން އަރައި ލަނޑެއް ޖަހައި މެޗު އެއްވަރުކޮށްފައެވެ.

ގުރޫޕް އެޗްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ބެލްޖިއަމް އާއި އީޖިޕްޓް (މިސްރު) އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ މިސްރެވެ. މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވީ މިސްރުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

ގުރޫޕް އެޗްގެ ދެވަނަ މެޗު ވެސް ވީ އެއްވަރެވެ. ގުރޫޕް އެޗްގެ ދެވަނަ މެޗުގައި ބައްދަލުކުރީ އިރާނާއި ނިއުޒިލެންޑެވެ. ނިއުޒިލޭންޑުން ލީޑު ނަގާފައި ވަނިކޮށް، ދެފަހަރު ވެސް ފަހަތުން އަރައި އިރާނުން އެއްވަރުކުރި މި މެޗު ނިމުނީ 2-2 އިންނެވެ.

މި މެޗުގެ ކުރީކޮޅު ނިއުޒިލޭންޑުން ލަނޑު ޖަހައި ލީޑު ނެގިއެވެ. ހަތްވަނަ މިނިޓްގައި ނިއުޒިލޭންޑަށް މި ލަނޑު ޖަހައިދިނީ އެލީޖާ ޖަސްޓްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ކްރިސް ވުޑް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އިރާނުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. 32 ވަނަ މިނިޓްގައި އިރާނަށް މި ލަނޑު ޖަހައިދިނީ ރާމިން ރެޒައިއާންއެވެ.

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ނިއުޒިލޭންޑްއެވެ. އެ ޓީމުން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގެ ނުވަވަނަ މިނިޓްގައެވެ. މި ލަނޑަކީ ވެސް ކުރިސް ވުޑްގެ އެހީތެރިކަމާއިއެކު އެލީޖާ ޖަސްޓް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ފަހަރަށް ވެސް ލީޑު ނަގާފައި ހަމަޖެހިލައިގެން ތިބޭކަށް ނިއުޒިލޭންޑަށް މާގިނަ ވަގުތެއް ނުލިބުނެވެ. އެ ޓީމުން ލީޑު ނެގިތާ ދިހަވަރަކަށް މިނިޓް ފަހުން އިރާނުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. 64 ވަނަ މިނިޓްގައި އިރާނަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު މޮހެބީއެވެ.

މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top