ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކިންގްސް ކަޕް ޗެމްޕިއަންކަން ސްޓެލްކޯ ހޯދައިފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި ކިންގްސް ކަޕް 2026 ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސެލް ގުރައުންޑްގައި މިރޭ ކުޅެވުނު މި ފައިނަލްގައި ބައްދަލުކުރީ ކުލަބް ހޯކްސް އާއި ސްޓެލްކޯއެވެ.

ބަލާހިތްވާފަދަ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ސްޓެލްކޯއިން ކާމިޔާބު ކުރީ 7-4 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްޓެލްކޯއިންނެވެ. 7 ވަނަ މިނިޓްގައި ސްޓެލްކޯއަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ނަޒާމްއެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ހޯކްސްއިން ނަތީޖާ ހަމަހަމަކުރީ 18 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލައިގެންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުޙައްމަދު ފާސިރުއެވެ.

މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓްގައި ސްޓެލްކޯއިން އަނެއްކާ ވެސް ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޝުއައިދު ސައީދުއެވެ.

ސްޓެލްކޯއިން ދެވަނަ ލަނޑު ޖެހިތާ ހަތް މިނިޓް ފަހުން މުޙައްމަދު ސާދު ނިޒާރު ވަނީ ހޯކްސްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ސްޓެލްކޯއިން ތިންވަނަ ފަހަރަށް ލީޑު ނެގީ 29 ވަނަ މިނިޓްގައި އިބްރާހީމް ރިމާހް ޖެހި ލަނޑުންނެވެ. މި ލަނޑު ޖެހިތާ މާގިނައިރެއް ނުވެ އިބްރާހީމް ރިމާހް ވަނީ އިތުރު ލަނޑެއް ޖަހައި ސްޓެލްކޯގެ ލީޑު ފުޅާ ވެސް ކޮށްދީފައެވެ.

މެޗުގެ ފަހުކޮޅު ހޯކްސްއިން ވަނީ ޕަވަރ ޕްލޭއަށް އިޝާން އިބްރާހީމް (ސައްޓު) ކުޅެން އަރުވާފައެވެ. ހޯކްސްއިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ހޫދު އަޙްމަދު ފަތުހީއެވެ.

މެޗުގެ ނަތީޖާ 3-4 އިން ސްޓެލްކޯ ކުރީގައި އޮވެ މެޗު ނިމެން ދަނިކޮށް ސްޓެލްކޯ އޭރިޔާ ތެރެއިން ސްޓެލްކޯ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން، ހޯކްސްއިން ޕެނަލްޓީއަކަށް އެޕީލްކުރި ވަގުތު ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސްޓެލްކޯއަށް ފަސްވަނަ ލަނޑު ޖަހައިދިނީ ޝުއައިދު ސައީދުއެވެ. މެދު ރޮނގު ކައިރިން ޝުއައިދު ބޯޅަ ފޮނުވާލިއިރު ހޯކްސްގެ ގޯލު އޮތީ ހުސްކޮށެވެ.

ރެފްރީގެ ނިންމުމާއިމެދު ހިތްހަމަނުޖެހިގެން ހޯކްސްގެ ބެންޗުން ވަނީ ޝަކުވާކޮށްފައެވެ. މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތުގައި ހޯކްސްގެ ދެ އޮފިޝަލަކަށް ވަނީ ރަތް ކާޑް ވެސް ދައްކައިފައެވެ.

38 ވަނަ މިނިޓްގައި ހޯކްސްގެ ހަތަރުވަނަ ލަނޑު މުޙައްމަދު ސާދު ނިޒާރު ކާމިޔާބުކޮށްދިންއިރު، 38 ވަނަ މިނިޓްގައި މުޙައްމަދު ނަޒާމް އަދި 39 ވަނަ މިނިޓްގައި މުޙައްމަދު ސިރުހާން ވަނީ ސްޓެލްކޯއަށް އިތުރު ދެ ލަނޑު ޖަހައިދީފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ އިބްރާހީމް ރިމާހްއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ހޯކްސްގެ މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ. މުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް އެސްޓީއޯ ރެކްރިއޭޝަން ކުލަބް ހޮވުނުއިރު، މުބާރާތުގެ ބެސްޓް ސަޕޯރޓިންގ ޓީމަކީ ކުލަބް ހޯކްސްއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ސްޓެލްކޯގެ ކޯޗް އުސްމާން ނަސީރުއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކުލަބް ހޯކްސްގެ މުޙައްމަދު ފާސިރު، ކުލަބް ހޯކްސްގެ އުލާން ބަޓީރުބެކް، ސްޓެލްކޯގެ އިބްރާހީމް ރިމާހް، ސްޓެލްކޯގެ ޝުއައިދު ސައީދު އަދި ސްޓެލްކޯގެ އަދުހަމް އަޙްމަދު އެވެ. ކިންގްސް ކަޕްގެ ކިންގްއަކީ ސްޓެލްކޯގެ އިބްރާހީމް ރިމާހްއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top