ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ދެވަނަ ބުރަށް ގުރޫޕް ބީ އިން އެއްވަނަ ހޯދި ހޯކްސް އާއި އެ ގުރޫޕްގެ ދެވަނަ ހޯދި މާކޯ ރެކްރިއޭޝަން ދަތުރުކޮށްފިއެވެ. މި ގުރޫޕްގެ ފަހު ދެ މެޗު ރޭ ވަނީ ކުޅެފައެވެ. މި ދެ މެޗަށް ބަލާލާއިރު:
މެޗު 23
ތޭވީސްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ހޯކްސް އާއި މާކޯ ރެކްރިއޭޝަން އެވެ. ގުރޫޕް ސްޓޭޖް ފަހުމެޗާއި މި ދެ ޓީމުން ކުރިމަތިލާއިރު، ދެ ޓީމު ވެސް ވަނީ ކުރިން ކުޅުނު ދެ މެޗު ކާމިޔާބުކޮށް ދެވަނަ ބުރު ޔަޤީންކޮށްފަ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް މި ގުރޫޕްގެ އެއްވަނަ ލިބޭނެއެވެ. މި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމު ކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ ހޯކްސް މި މެޗު ކާމިޔާބުކުރީ ކުރިން ކުޅުނު ދެ މެޗެކޭ އެއްގޮތަށް، ތަފާތުބޮޑު ނަތީޖާއަކުން ފަސޭހަކަމާއި އެކުއެވެ.
މެޗުގެ ތިންވަނަ މިނެޓުގައި ހޯކްސްއަށް ލީޑު ނަގައިދިން މުޙައްމަދު ނާއިމް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ލީޑު ފުޅާ ވެސް ކޮށްދިނެވެ. ފުރަތަމަ ދެ މެޗުން މޮޅުވި މާކޯ ރެކްރިއޭޝަންއަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ދެވަނަ ހާފުގައި ވެސް ތަފާތު ދެއްކީ ހޯކްސް އެވެ. އިބްރާހީމް ނަދާދު އާއި ފާރޫޤު އިސްމާއިލް ހޯކްސްގެ ލީޑު އިތުރަށް ފުޅާކޮށްދިންއިރު މެޗުގެ ފަހު މިނިޓްގައި ހޫދު އަޙްމަދު ފަތުހީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހައިދިނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ހޯކްސްއިން ނުވަ ޕޮއިންޓް ހަމަކޮށް ގުރޫޕްގެ އެއްވަނަ ހޯދިއިރު މި ގުރޫޕްގެ ދެވަނަ ޓީމަކީ މާކޯ ރެކްރިއޭޝަން އެވެ.
5-0 އިން ހޯކްސް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު ނާއިމް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ނާއިމް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
މެޗު 24
ސައުވީސްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ކުލަބް ލޯކަލްޗާރ އާއި ހެޕީ މާކެޓެވެ. މިއީ މި ދެ ޓީމު ވެސް ގުރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗެވެ. ކުރިން ކުޅުނު ދެ މެޗުން ދެ ޓީމު ވެސް ބަލިވެފައި ވާއިރު، ދެ ޓީމުގެ ކޮޅަށް ވަދެފައިވާ ލަނޑު ވެސް ގިނައެވެ. މި މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ހަނި ފުރުސަތެއް އޮތުމުން ދެ ޓީމުން ވެސް ވަނީ މޮޅެއް ހޯދަން މަސައްކަތް ކޮށްފައެވެ.
މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ލޯކަލްޗާރއިން ވަނީ މެޗުގެ ފުރަތަމަ މިނިޓްގައި މުޙައްމަދު އަނާން ޖަހައިދިން ލަނޑުން ލީޑު ނަގާފަ އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ހެޕީ މާކެޓުން މަސައްކަތް ކުރަމުން ދަނިކޮށް، އިސްމާއިލް ލީޒާން ވަނީ ލޯކަލްޗާރގެ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ލޯކަލްޗާރގެ ތިންވަނަ ލަނޑު ޖަހައިދިން މުޙައްމަދު ފައިޒާން ފަޒީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ.
ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ހާފުގައި ހެޕީ މާކެޓުން ދެއްކިއިރު މި ހާފުގައި ދެ ޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ. ހެޕީ މާކެޓްގެ ލަނޑު މުޙައްމަދު މުސްލިހް ޖަހައި ދިންއިރު، ލޯކަލްޗާރގެ މުޙައްމަދު ފައިޒާން ފަޒީން ވަނީ މި ހާފުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ގުރޫޕްގެ ތިންވަނަ ލޯކަލްޗާރއަށް ވަނީ ލިބިފައެވެ. އެ ޓީމުގެ މައިނަސް ތިން ލަނޑު އޮތްއިރު، ގުރޫޕް ސްޓޭޖްގައި ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށް ދެވަނަ ބުރުން ލިބޭ ޖާގަތަކުން ޖާގައެއް އެ ޓީމަށް ލިބުމުގެ ފުރުސަތު އަދި ނުގެއްލެއެވެ.
5-1 އިން ލޯކަލްޗާރ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު ފައިޒާން ފަޒީން އެވެ.
