ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެ މެޗު ވެސް އެއްވަރުވެ ފ. އަތޮޅު މުބާރާތުގެ ފޯރި ގަދަވެއްޖެ
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގައި ފ. އަތޮޅުގެ ތިންވަނަ މެޗާއި ހަތަރުވަނަ މެޗު އެއްވަރުވެ މުބާރާތުގެ ފޯރި ގަދަވެއްޖެއެވެ. ލީގު އުސޫލުން ބުރެއް ކުޅެ، އެއްވަނަ ޓީމާއި ދެވަނަ ޓީމު ފައިނަލަށް ދާގޮތަށް ކުރިޔަށް ގެންދާ މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އަދިވެސް ކޮންމެ ޓީމަކަށް ވެސް އޮތުމުން އެއްވަނަ އާއި ދެވަނައިގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. އިއްޔެ އާއި ރޭ ކުޅެވުނު ދެ މެޗަށް ބަލާލާއިރު:

މެޗު 3

އިއްޔެ ހަވީރު ކުޅެވުނު މެޗަކީ މުބާރާތުގެ ތިންވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ ދަރަނބޫދޫ އާއި ފީއައްޔެވެ. މިއީ ދަރަނބޫދޫގެ ދެވަނަ މެޗު ނަމަވެސް ފީއަލީގެ ފުރަތަމަ މެޗެވެ. ދަރަނބޫދޫ ކުޅުނު ފުރަތަމަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ފުރަތަމަ މެޗުން މޮޅެއް ނުހޯދުނު ނަމަވެސް، ދަރަނބޫދޫން މި މެޗަށް ނުކުތީ މި މެޗު ކާމިޔާބުކޮށް މުބާރާތުގައި ކުރިޔަށް ދިއުމަށް ފުރުސަތުތައް ފަހިކުރާށެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗާއި ކުރިމަތިލީ ފީއަލިން ނުކުތީ ފުރަތަމަ މެޗުން ތިން ޕޮއިންޓް ހޯދާށެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ދަރަނބޫދޫންނެވެ. މެޗުގެ ކުރީކޮޅު އެ ޓީމުން ވަނީ ރަނގަޅު ދެ ފުރުސަތެއް ހޯދާފައެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ދަރަނބޫދޫއަށް ނުހިފި އުޅެނިކޮށް ފީއަލިން ކުޅުން ރަނގަޅު މެޗުގެ ލީޑު ނެގިއެވެ. ލިބުނު ފުރަތަމަ ފުރުސަތުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު މާވީއެވެ.

މިވެސް ކިޔާލަން:  ސާކް ކަލްޗަރަލް ފެސްޓިވަލްގައި ބައިވެރިވުުމުގެ ފުރުސަތު ހުޅުވާލައިފި

ނަތީޖާ ހަމަހަމަކުރުމަށް ދަރަނބޫދޫން މަސައްކަތްކުރަމުން ދަނިކޮށް ފީއަލިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. 6 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު މާކިންއެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ދަރަނބޫދޫން ވަނީ 14 ވަނަ މިނިޓްގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ރިފާއު އެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ދަރަނބޫދޫން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަތީޖާ ހަމަހަމަ ކުރުމަށް އެ ޓީމުން ފެށި މަސައްކަތް ހަތަރުވަނަ މިނިޓްގައި ކާމިޔާބުކުރިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަލީ ނަސީރެވެ. ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް ދަރަނބޫދޫން ލީޑު ވެސް ނެގިއެވެ. މެޗުގެ 25 ވަނަ މިނިޓްގައި ދަރަނބޫދޫއަށް މި ލަނޑު ޖަހައިދިނީ ރިޝްވާން އަޙްމަދެވެ. ދަރަނބޫދޫން ލީޑު ނަގައި މާގިނައިރެއް ނުވަނީސް ސާދު ޢަބްދުލް ހަމީދު ވަނީ ފީއައްޔަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

3-3 އިން އެއްވަރުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފީއަލީ ޓީމުގެ މުޙައްމަދު އާދަމް އެވެ.

މެޗު 4

ރޭ ކުޅެވުނު މެޗަކީ މުބާރާތުގެ ހަތަރުވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ މަގޫދޫ އާއި ބިލެތްދޫއެވެ. މިއީ މި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. މަގޫދޫ ކުޅުނު ފުރަތަމަ މެޗު އެއްވަރުވި ނަމަވެސް، ބިލެތްދޫ ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ބިލެތްދޫންނެވެ. މެޗުގެ ކުރީކޮޅު ބިލެތްދޫން ރަނގަޅަށް ކުޅުނު ނަމަވެސް، މާ ގިނައިރެއް ނުވެ މަގޫދޫން ވަނީ ކުޅުން ރަނގަޅުކޮށް ބިލެތްދޫގެ ފަހަތަށް ބާރުބޮޑުކޮށްފައެވެ. ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި ހާފުގައި ދެން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.

މިވެސް ކިޔާލަން:  ބ. ޒޯންގެ ޗެމްޕިއަންކަން ފިނޮޅު ހޯދައިފި

ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުންކޮށް 9 ވަނަ މިނިޓްގައި ބިލެތްދޫން ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނުހާޒް ފާއިޒެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ފީއަލީ ކީޕަރު އެއްލި ބޯޅައެއް މަގޫދޫ ހާފުތެރެއިން ހޯދައި، ބޯޅަ ދިފާއުކުރަން އޭރިޔާ ބޭރަށް ނުކުތް މަގޫދޫ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ މަގޫދޫން ވަނީ ފުރަތަމަ ހާފުގެ ފަހުކޮޅު އެކަން ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި މަގޫދޫއަށް މި ލަނޑު ޖަހައިދިނީ މޫސާ މާހިލް މިގްދާދެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ބިލެތްދޫ ހާފު ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް ޖެހި ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ބޭރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަތީޖާ ބަދަލުކޮށްލަން ދެ ޓީމުން ވެސް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ލަނޑު ޖަހަން ފުރުސަތުތައް ލިބުނު ނަމަވެސް، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެއްވެސް ޓީމަކަށް ހިފޭ ގޮތެއް ނުވިއެވެ.

1-1 އިން އެއްވަރުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަގޫދޫ ޓީމުގެ މޫސާ މާހިލް މިގްދާދެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top