ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހުރާ ބަލިކޮށް ދިއްދޫ އެއްވަނައަށް ޖެހިލައިފި
ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގު 2026/2027 ކޮލިފައިންގައި ހުރާ ބަލިކޮށް ދިއްދޫ އެއްވަނައަށް ޖެހިލައިފިއެވެ.

ކޮލިފައިންގެ ހަތްވަނަ މެޗުގައި ބައްދަލުކުރީ ހއ. ދިއްދޫ އާއި ކ.ހުރާ، ހުރާ ކޮމިއުނިޓީއެވެ.

މެޗު ފަށައިގެން މޮޅަށް ކުޅުނު ދިއްދޫން ވަނީ މެޗުގެ ތިންވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބެނާޑް އަނެއިލެޗުކްވްއެވެ.

ނަތީޖާ ހަމަހަމަކުރެވޭތޯ ހުރާއިން މަސައްކަތް ކުރަމުން ދަނިކޮށް ދެންވެސް ފެނުނީ ދިއްދޫ ޓީމުގެ ލަނޑެކެވެ. 12 ވަނަ މިނިޓްގައި ދިއްދޫއަށް މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ބެނާޑްއެވެ. ބެނާޑް އަނެއިލެޗުކްވް ޖެހި މި ލަނޑަކީ އެ ޓީމުގެ ކުޅުންތެރިއަކު މަތިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ފައިން ކޮންޓްރޯލް ކޮށްލުމަށްފަހު ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ދިވެހި ޕްރިމިއާ ލީގު 2026/2027 އިން ފުރުސަތު ހޯދުމަށްޓަކައި ކޮންމެހެން ވެސް މޮޅެއް ބޭނުންވެފައިވާ ހުރާއިން ނަތީޖާ ހަމަހަމަކުރުމަށް ކުރަމުން އައި މަސައްކަތަށް އުންމީދެއް ލިބުނީ 27 ވަނަ މިނިޓްގައެވެ. އޭރިޔާ ކައިރިން މަތިމަތިން ކީޕަރުގެ އަތް މަތިން ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައި ހުރާގެ ފުރަތަމަ ލަނޑު ޖެހީ ސާޑު އަބްޑެލްއަޒީޒްއެވެ.

މެޗުގެ ނަތީޖާ ހަމަހަމަކޮށްލަން ރަނގަޅު ފުރުސަތެއް މެޗުގެ 32 ވަނަ މިނިޓްގައި ވެސް ހުރާއަށް ވަނީ ލިބިފައެވެ. ގޯލު ކުރިމަތީ ވަރަށް ހުސްކޮށް ހުއްޓައި ހުރާ ކުޅުންތެރިޔާއަށް ލިބުނު ބޯޅަ އޭނާއަށް ފޮނުވާލެވުނީ ކީޕަރާއި ދިމާއަށެވެ. މާބޮޑު ބާރެއް ނެތި ދިޔަ އެ ބޯޅަ ފަސޭހަކަމާއިއެކު ކީޕަރު ވަނީ އަތަށް ނަގައިފައެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ވެސް ދިއްދޫން ވަނީ ނުރައްކާތެރި ހަމަލާއެއް ހުރާގެ ގޯލާއި އަމާޒުކޮށްލާފައެވެ. ކީޕަރަށް ނުލިބި ގޯލާއި ދިމާއަށް ދިޔަ މި ބޯޅަ ސަލާމަތްކުރީ ޓީމުގެ ޑިފެންޑަރެކެވެ. އޭގެ ފަހުން ހުރާގެ ތައްތި ފޮނުވާލި ބާރު ހަމަލާއެއް ދިއްދޫ ކީޕަރު ދިފާއުކޮށްފައިވެއެވެ.

ދެވަނަ ހާފުގައި ފެނުނީ ދިއްދޫ ޓީމުގެ ލަނޑެކެވެ.

86 ވަނަ މިނިޓްގައި ބެނާޑަށް ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުނު ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ފަހުކޮޅު ދިއްދޫއަށް އިތުރު ލަނޑެއް ޖަހައިދީ ބެނާޑް އަނެއިލެޗުކްވް ހެޓްރިކް ހެދިއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ވަގުތީ ގޮތުން، ދިއްދޫއަށް ވަނީ ލީގު ކޮލިފައިންގެ އެއްވަނަ ލިބިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top