ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މީދޫ ބަލިކޮށް ރީޖަންގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ކުޑަހުވަދޫ ހޯދައިފި!
ފޮޓޯ: ކުޑަހުވަދޫ ކައުންސިލް ފޭސްބުކް ޕޭޖް

އެފްއޭއެމްއިން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ރީޖަން އަކީ ސެންޓްރަލް ރީޖަން އެވެ.

މި ރީޖަންގެ ދެ މެޗު މިއަދު ކުޅެވުނެވެ. ފުރަތަމަ މެޗުގައި ހުރާ އާއި މަހިބަދޫ، ހުރާ ދަނޑުގައި ބައްދަލުކުރިއިރު ދެވަނަ މެޗުގައި މީދޫ އާއި ކުޑަހުވަދޫ ބައްދަލުކުރި މެޗު އޮތީ ކުޑަހުވަދޫ ދަނޑުގައެވެ.

މި މެޗާއި ހަމައަށް ގުރޫޕްގެ ދެވަނައިގައި މީދޫ އޮތްއިރު ކުޑަހުވަދޫ އޮތީ ތިންވަނައިގައެވެ.

މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 2-1 އިން ކާމިޔާބު ކުރީ މީދޫއެވެ.

މިއަދުގެ މެޗަކީ ފޯރި ގަދަވާނެ މެޗަކަށް ވާނެކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ. މި މެޗުން މޮޅުވެގެން ޗެމްޕިއަންކަމާއި ކައިރިއަށް ޖެހިލުމުގެ ފުރުސަތު މީދޫއަށް އޮތްއިރު، މި މެޗުން މޮޅުވެގެން ނޫނީ މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމުގެ ފުރުސަތެއް ކުޑަހުވަދޫއަކަށް ނެތެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ މީދޫ އެވެ. ރަނގަޅު ފުރުސަތުތަކެއް ވެސް ހޯދިއެވެ. އެހެނަސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުކުރެވުނެވެ.

ދޭތެރެއަކުން މެޗުގެ ކޮންޓްރޯލް ހޯދަމުންދިޔަ ކުޑަހުވަދޫއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ.

ލަނޑު ޖަހަން ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވުނު މި ހާފު ނިމުނީ 0-0 އިންނެވެ.

ދެވަނަ ހާފު ފަށައިގެން ރަނގަޅަށް ކުޅުނީ ކުޑަހުވަދޫ އެވެ. ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ވެސް އެ ޓީމަށެވެ. ކުޑަހުވަދޫން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި މީދޫ ޓީމުގެ ކީޕަރު ކުރި މަސައްކަތް ފާހަގަކޮށްލެވެއެވެ.

ތަންކޮޅެއް ވަރުގަދަ މެޗެއްގެ ގޮތުގައި ފެނުނު މި މެޗުގެ 64 ވަނަ މިނިޓްގައި މީދޫ ޓީމުގެ ކުޅުންތެރިއަކަށް ރަތް ކާރޑެއް ދައްކާފައިވާއިރު ގިނަ ރީނދޫ ކާޑުތަކެއް ވެސް ފެނުނެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު ކުޑަހުވަދޫން ޖެހީ 87 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ޝަފްރަން މުޙައްމަދު އެވެ. މީދޫގެ އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ އޭނާ ކައިރިއަށް އައި ދެ ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ޝަފްރަން ބޯޅަ ފޮނުވާލީ ކީޕަރުގެ ދުރުކަނަށެވެ.

1-0 އިން ކުޑަހުވަދޫ މޮޅުވި މި މެޗާއިއެކު އެ ޓީމު ވަނީ ރީޖަންގެ ދެވަނައަށް ޖެހިލައިފައެވެ. އަދި މި ރީޖަންގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ވެސް ފަހިކޮށްފައެވެ. ރީޖަންގެ ޗެމްޕިއަންކަން ލިބޭ ޓީމެއް އެނގޭނީ ރީޖަންގެ ފަހު މެޗުންނެވެ. މި މަހުގެ 21 ވަނަ ދުވަހު ކުޑަހުވަދޫ އާއި ހުރާ، ކުޑަހުވަދޫގައި ބައްދަލުކުރާ މެޗުން ކުޑަހުވަދޫ މޮޅުވެއްޖެނަމަ އެ ޓީމަށް މި ރީޖަންގެ ޗެމްޕިއަންކަން ލިބޭނެއެވެ. އެނޫން ކޮންމެ ނަތީޖާއެއް ނުކުތަސް ޗެމްޕިއަންކަން ލިބޭނީ ހުރާއަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top