އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު ވޯލްޑް ކަޕްގެ ގުރޫޕް ކޭ ގެ ފުރަތަމަ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާ ދެކޮޅަށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ރަނގަޅު ކުޅުމެއް ދައްކައި 1-1 ން މެޗު އެއްވަރުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަވަނަ މިނެޓުގައި ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން، ޔޮއާއޯ ނޭވޭސް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑާއެކު ޕޯޗުގަލް ވަނީ ކުރިހޯދާފައެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ކޮންގޯއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އާތަރ މަސުއާކޫ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބޮލުން ފޮނުވާލި ހަމަލާއަކުން ޔޮއާން ވިއްސާއެވެ.
މި މެޗުގައި ޑީއާރު ކޮންގޯއިން ބޭނުންކުރި 5-3-2 ގެ ވަރުގަދަ ޑިފެންސިވް ފޯމޭޝަނުގެ ސަބަބުން، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ މުޅިން އެކަހެރިވެފައެވެ. މެޗުގެ ކުރިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނު ރޮނާލްޑޯއަށް ފުރަތަމަ ހާފުގައި ބޯޅައިގައި ޖައްސާލެވުނީ އެންމެ 16 ފަހަރެވެ.
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ދެވަނަ ހާފު ފެށުމުގެ ކުރިން ބެނާޑޯ ސިލްވާގެ ބަދަލުގައި ހަލުވި ކުޅުންތެރިޔާ ފްރެންސިސްކޯ ކޮންސެއިސާއޯ ކުޅެން އަރުވާފައެވެ. ދެވަނަ ހާފުގައި ރޮނާލްޑޯއަށް އޭނާގެ ފުރަތަމަ ނުރައްކާތެރި ހަމަލާ އުފެއްދުމުގެ ފުރުސަތު ލިބުނެވެ. ޕެޑްރޯ ނެޓޯ ނަގައިދިން ބޯޅައަކަށް ޕެނަލްޓީ އޭރިއާ ތެރެއަށް ދުވެފައި ގޮސް ރޮނާލްޑޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ ފަހުކޮޅުގައި ކޮންގޯއަށް މެޗުން މޮޅުވުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 77 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ލިބުނު ކޯނަރެއްގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ، ކޮންގޯއިން ނުރައްކާތެރި ކައުންޓަ އެޓޭކެއް އުފެއްދުމެވެ. މި ހަމަލާގައި އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް ސެޑްރިކް ބަކަމްބޫ ބާރު މިނުގައި ކުރިއަށް އަރައި ސަޑީކީއަށް ބޯޅަ ދިނުމަށްފަހު، އަލުން އޭނާއަށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް އެ ބޯޅަ ވެސް ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މި ނަތީޖާއާއެކު ދެ ޓީމަށް ވެސް ވަނީ ގުރޫޕް ސްޓޭޖުގައި އެއް ޕޮއިންޓް ލިބިފައެވެ.
