ލަމީން ޔަމާލްއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، އަދި ސްޕެއިންގެ ގައުމީ ޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަރިއެވެ. ޔަމާލް އުފަންވީ ސްޕެއިންގެ އިސްޕްލޫގަސް ޑި ލޮބްރެގާޓް އަށެވެ.
ޔަމާލްއަކީ ސްޕެއިންގެ ރައްޔިތަކަށް ވީނަމަވެސް، އޭނާގެ ނަސްލު ގުޅިފައިވަނީ މޮރޮކޯއާއި އެކުއެޓޯރިއަލް ގިނީއާއެވެ. އޭނާގެ ބައްޕަ މުނީރު ނަސްރާވީއަކީ މޮރޮކޯގެ ލަރާޗޭ އަށް ނިސްބަތްވާ މީހެކެވެ. އަދި މަންމަ ޝީލާ އެބާނާއަކީ އެކުއެޓޯރިއަލް ގިނީގެ ބަޓާ އަށް ނިސްބަތްވާ މީހެކެވެ.
އެފްސީ ބާސެލޯނާގެ އުމުރުން 18 އަހަރުގެ މި ޒުވާން ތަރިއަކީ އޭނާގެ ދީނީ އަގީދާ ފާޅުކުރުމުގައި ފަސްޖެހޭ މީހެއް ނޫނެވެ. އޭނާއަކީ މުސްލިމެއްކަން ހާމަކޮށް، އިސްލާމީ އާދަކާދަތަކާ ގުޅޭ ތަފާތު ކަންކަން އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއެވެ.

ނިމިދިޔަ ރޭ ސްޕެއިންއާއި މިސްރު ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި އިވުނު ދީނީ ތަފާތުކުރުންތަކާ ގުޅޭ އަޑުތަކެއް ކުށްވެރިކޮށް، ޔަމާލް ވަނީ އޭނާގެ ދީނީ ގަބޫލުކުރުންތަކާ މެދު އިތުރަށް ސާފުކޮށްދީފައެވެ. އެ މެޗުގެ ތެރޭގައި ސްޕެއިންގެ ބައެއް ސަޕޯޓަރުން “ނުފުންމާ މީހަކީ މުސްލިމެއް” ކަމަށް ބުނެ އަޑުގަދަކުރި މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ.
މިކަމާ ގުޅިގެން ޔަމާލް އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ: “އަހަރެންނަކީ މުސްލިމެއް، އަލްހަމްދުލިއްލާހި. އިއްޔެ ދަނޑުމަތީގައި ‘ނުފުންމާ މީހަކީ މުސްލިމެއް’ ކަމަށް ބުނެ ގޮވި އަޑު އިވުނު. އަހަރެން ކުޅެމުންދިޔައީ އިދިކޮޅު ޓީމަށް ކަމަށްވާތީ، އެއީ ސީދާ އަހަރެންނަށް އަމާޒުކޮށް ބުނި އެއްޗެއް ނޫންކަން އެނގޭ. އެކަމަކު މުސްލިމެއްގެ ހައިސިއްޔަތުން، އެއީ އިހުތިރާމް ކުޑަ އަދި ބަލައިގަނެވޭނެ ކަމެއް ނޫން.”
އޭނާ އިތުރަށް ލިޔެފައިވަނީ، “ހުރިހާ ސަޕޯޓަރުންނަކީ އެފަދަ ބައެއް ނޫންކަން އަހަރެން ގަބޫލުކުރަން. އެކަމަކު އެފަދަ ލަވަތައް ކިޔާ މީހުންނަށް ބުނެލަން އޮތީ، ދީނަކަށް ފުރައްސާރަ ކުރުމަކީ ތިޔައީ ޖާހިލު އަދި ނަސްލީ ތަފާތުކުރުން ގެންގުޅޭ ބައެއްކަން ހާމަވާ ކަމެއް. ފުޓްބޯޅައަކީ އުފާކުރުމާއި ހިތްވަރު ދިނުމަށް އޮތް ކުޅިވަރެއް. މީހެއްގެ ނަސްލަށް ނުވަތަ ދީނީ ގަބޫލުކުރުންތަކަށް އިހުތިރާމް ކުޑަކުރުމަކީ ފުޓްބޯޅައިގެ ރޫހެއް ނޫން.”
ޔަމާލްގެ މި ވާހަކަތަކަށް އޭނާގެ ބާސެލޯނާ ޓީމުގެ ކުޅުންތެރިންނާއި، ޕީއެސްޖީއަށް ކުޅޭ މޮރޮކޯގެ ތަރި އަޝްރަފް ހަކީމީ ފަދަ މުސްލިމް ކުޅުންތެރިން ވަނީ ތާއީދުކޮށް ހިތްވަރު ދީފައެވެ.
