ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސެމީ ފައިނަލުގެ ކުރިމަތިލުމުގައި އެމްބާޕޭގެ ވިދުން ފަނޑުކޮށްލުމަށް ޔަމާލް އަމާޒުހިފައިފި
ސްޕެއިންގެ ލަމީން ޔަމާލް (ނަންބަރު 19) އޭނާގެ ކޮއްކޮ ކޭންގެ ވީޑިއޯ ބޮޑު ސްކްރީނުން ފެންނަން ހުއްޓާ އެ ދިމާއަށް އިޝާރާތް ކުރަނީ. / އެފް.ޕީ.އޭ

ލަމީން ޔަމާލް އުއްމީދު ކުރަނީ ކީލިއަން އެމްބާޕޭ ފަދައިން ފުރާވަރުގެ އުމުރުގައި ވޯލްޑް ކަޕް ކާމިޔާބު ކުރުމަށެވެ. ނަމަވެސް އެކަން ހާސިލުކުރުމަށްޓަކައި، އަންގާރަ ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލުގައި އޭނާގެ ސްޕެއިން ޓީމަށް ޖެހޭނީ ފްރާންސާއި އެ ޓީމުގެ ކެޕްޓަން އަދި ކުޅަދާނަ ކުޅުންތެރިޔާ އެމްބާޕޭގެ މައްޗަށް ކުރިހޯދާށެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ކްރޮއޭޝިއާ ކޮޅަށް އެމްބާޕޭ ލަނޑު ޖެހިއިރު، އޭނާގެ އުމުރަކީ އެންމެ 19 އަހަރާއި 207 ދުވަހެވެ. މިއާއެކު އޭނާ ވެގެންގޮސްފައިވަނީ 1958 ވަނަ އަހަރު އުމުރުން 17 އަހަރުގައި ލަނޑު ޖެހި ޕެލޭއަށް ފަހު، ވޯލްޑް ކަޕް ފައިނަލެއްގައި ލަނޑު ޖެހި ދެވަނަ ފުރާވަރު ކުޅުންތެރިޔާއަށެވެ.

އެމްބާޕޭގެ ވޯލްޑް ކަޕް ކާމިޔާބީތައް އެ ހިސާބުން ފެށުނު ނަމަވެސް، މިއީ ޔަމާލް މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް، ބޮޑު މުބާރާތެއްގައި އޭނާ ވަނީ މިހާރުވެސް ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ޔޫރޯ 2024ގެ ސެމީ ފައިނަލުގައި އެމްބާޕޭގެ ފްރާންސް ކޮޅަށް ޔަމާލް ޖެހި ހިތްގައިމު ލަނޑާއެކު، ސްޕެއިން ވަނީ 2-1 އިން މޮޅުވެފައެވެ.

އެ ލަނޑު އޭނާ ޖެހީ އުމުރުން 17 އަހަރު ފުރުމުގެ ހަތަރު ދުވަސް ކުރިންނެވެ. އޭނާގެ އުފަންދުވަސް ދިމާވީ ފައިނަލް މެޗުގެ ކުރީ ދުވަހާއެވެ. އެ ފައިނަލުގައި ސްޕެއިން ވަނީ އިންގްލެންޑް ބަލިކޮށް ތަށި އުފުލާލާފައެވެ. އަދި ޔަމާލް ވަނީ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާގެ 19 ވަނަ އުފަންދުވަސް ދިމާވަނީ އާލިންގްޓަންގައި ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރީ ދުވަހާއެވެ. މިއީ އޭނާގެ ކެރިއަރުގެ އެންމެ އުޖާލާ ދުވަސްތައް ކުރިއަށް އޮތް ޒުވާން ކުޅުންތެރިއެއް ކަމަށްވީ ނަމަވެސް، މި ވޯލްޑް ކަޕްގައި ފުން ނިޝާނެއް ދޫކޮށްލުމަށް އޭނާ ހުރީ ކެތްމަދުވެފައެވެ.

ބައެއް ފަހަރު މި ކެތްމަދުކަން މާ ބޮޑުވެފައިވާ ކަމަށް ފެނެއެވެ. ސަބަބަކީ ފައިގެ ފަލަމަސްގަނޑުގެ ފަހަތަށް (ހެމްސްޓްރިންގް އަށް) ލިބުނު އަނިޔާއެއްގެ ސަބަބުން ބާސެލޯނާގެ ސީޒަން ނިމުނުއިރު އޭނާ ހުރީ ކުޅުމާ ދުރުގައި ކަމަށްވުމުން، މި މުބާރާތުގައި ބައިވެރިވެވޭނެ ކަމާ މެދު ސުވާލު އުފެދިފައި އޮތުމެވެ. “އަހަރެން ބިރުގަތީ އެއީ ސީރިއަސް އަނިޔާއަކަށް ވެދާނެތީ. އަދި ސީރިއަސް ނޫން ނަމަވެސް، އަލުން އަނިޔާވެ ވޯލްޑް ކަޕް ގެއްލިދާނެތީ،” މެއި މަހުގެ ފަހުކޮޅު ޔަމާލް ބުނެފައިވެއެވެ.

ހާސްކަން؟

ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނަމަވެސް، ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ފުރަތަމަ އެގާރައިގައި ހިމެނި ލަނޑެއް ޖެހިއެވެ. އޭގެ ފަހުން ކުޅުނު ހުރިހާ މެޗެއްގައިވެސް އޭނާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ނަމަވެސް އެ މެޗަށްފަހު އިތުރު ލަނޑެއް ޖެހިފައި ނުވުމަކީ އޭނާގެ ނުތަނަވަސްކަން އިތުރުވާ ކަމަކަށް ވެދާނެއެވެ.

“އަހަރެން ދެކޭގޮތުގައި ލަމީން ބައެއް ފަހަރު އޭނާގެ ހާސްކަން ކުޑަކުރަން ޖެހޭ. އެއީ އޭނާއަކީ ޓީމަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން ސާބިތުކޮށްދޭން އޭނާ ބޭނުންވާލެއް ބޮޑުކަމުން ވާގޮތެއް،” ސްޕެއިންގެ ކެޕްޓަން ރޮޑްރީ ބުންޏެވެ. “ޔޫރޯ މުބާރާތުގައި އޭނާ ދެއްކި ފަދަ ހަރުދަނާކަމެއް މިހާރު އޭނާގެ ފަރާތުން ފެންނައިރު، ދެ އަހަރު ފަހުން އޭނާ ކުރާ ކަންތައްތަކާ މެދު މާބޮޑަށް ހައިރާނެއް ނުވާނެ.”

ޔަމާލްގެ ނަތީޖާ ނެރުމުގެ ބާރު ކުޑަވުމުން، ޔޫރޯގައި ސްޕެއިން ދެއްކި ފަދަ ނުރައްކާތެރި ހަމަލާތައް މިހާރު މަދުވެފައިވާ ކަމަށް ފާހަގަކުރެވެއެވެ. އަނެއްކޮޅުން ފްރާންސުން ވަނީ ޔޫރޯގައި އެމީހުންގެ ކިބައިން ގެއްލިފައިވާ ނުރައްކާތެރި ކުޅުން އަލުން ހޯދާފައެވެ. އަދި އެމީހުންގެ އަތުގައި މިވަގުތު މި ވޯލްޑް ކަޕްގެ އެންމެ ވަރުގަދަ އެޓޭކް އެބައޮތެވެ.

އުމުރުން 27 އަހަރުގެ އެމްބާޕޭ އަކީ ޓީމުގެ އެންމެ މުހިންމު ތަނބެވެ. އޭނާގެ އަމާޒަކީ ވޯލްޑް ކަޕްގެ ތާރީޚުގައި އަބަދަށް ނަން ދެމިގެންދާ ފަދަ ކުޅުންތެރިއަކަށް ވުމެވެ. މި މުބާރާތުގައި އޭނާ ވަނީ އަށް ލަނޑު ޖަހާފައެވެ. މިއީ ލިއޮނަލް މެސީއާ އެއްވަރުގެ އަދަދެކެވެ. އަދި މެސީގެ ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް ކަމަށްވާ 21 ލަނޑާ ހަމަކުރުމަށް އޭނާއަށް ބޭނުންވަނީ އެންމެ ލަނޑެކެވެ.

ޖެހިޖެހިގެން ތިންވަނަ ފައިނަލް؟

2018 ގައި ތަށި ހޯދައި، 2022 ގެ ފައިނަލުގައި ހެޓްރިކެއް ހެދި އެމްބާޕޭ މިހާރު އަމާޒު ހިފާފައިވަނީ ޖެހިޖެހިގެން ތިންވަނަ ފައިނަލަށެވެ. އެކަން ކާމިޔާބުވެއްޖެނަމަ، 1994 އިން 2002 އަށް ޖެހިޖެހިގެން ތިން ފައިނަލް ކުޅުނު ބްރެޒިލްގެ ކަފޫގެ ރެކޯޑާ އޭނާ އަރާ ހަމަކުރާނެއެވެ. ޕެލޭ އަދި މަރަޑޯނާއަށްވެސް ކުޅެވުނީ އެންމެ ދެ ފައިނަލެވެ.

ވޯލްޑް ކަޕަށް އޭނާ ބަހައްޓާ ބޮޑު ސަމާލުކަމުގެ ސަބަބުން، ރެއާލް މެޑްރިޑްގެ ސީޒަނުގެ ބޮޑު ބައެއް އޭނާއަށް ގެއްލުނު ކަމަށް ބެލެވެއެވެ. އޭނާ އަނިޔާއަށް ފަރުވާ ހޯދަމުން ދިޔައިރު، ބައެއް ސަޕޯޓަރުން ވަނީ ކްލަބަށް އޭނާ ދޭ ސަމާލުކަމާ މެދު ސުވާލު އުފައްދާފައެވެ.

“މީހުން ތަފާސްހިސާބުތަކުގެ ވާހަކަ ދައްކާކަން އަހަންނަށް އެނގޭ. އަހަރެންވެސް ޓީވީ ބަލަން. އެކަމަކު އަހަރެންގެ ހަމައެކަނި އަމާޒަކީ ޓީމަށް އެހީތެރިވެ، ޖުލައި 19 ގައި މިތަނަށް (ފައިނަލަށް) އައުން،” މެޓްލައިފް ސްޓޭޑިއަމްގައި ސްވިޑަން ބަލިކުރުމަށްފަހު އޭނާ ބުންޏެވެ. “އަހަރެން ވޯލްޑް ކަޕެއް ކާމިޔާބުކޮށްފިން، އަދި ރަނަރަޕްކަންވެސް ހޯދައިފިން. މި ޓީމުގެ (މިހާރުގެ ސްކޮޑުގެ) އެއްވެސް މީހަކު އެކަން ކޮށްފައެއް ނެތް. އެކަމަކު މިއީ އެންމެ ބޮޑު ގާބިލިއްޔަތުކަން ހުރި ޓީމު،” ކުއާޓާ ފައިނަލުގައި މޮރޮކޯ ބަލިކުރުމަށްފަހު އޭނާ އިތުރަށް ބުންޏެވެ.

ޔަމާލް އާއި އެމްބާޕޭ އަކީ މިހާރުވެސް އެމީހުންގެ ގައުމުތަކުގައާއި ދުނިޔޭގައި މަގުބޫލު ދެ ތަރިންނެވެ. އެއީ ޒަމާނީ ޔޫރަޕްގެ މަލްޓިކަލްޗަރަލް ސިފަ ރަމްޒުކޮށްދޭ ދެ ޒުވާނުންނެވެ.

އެމްބާޕޭއަކީ ތަޖުރިބާގެ ގޮތުން ކުރީގައި އުޅޭ، ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އަދި އިނގިރޭސި ބަހުން ވާހަކަދެއްކުމަށް ފަރިތަ ކުޅުންތެރިއެކެވެ. މި ސަބަބުތަކާ ހުރެ އޭނާއަކީ އެމެރިކާގައި ބާއްވާ މި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް މޫނެވެ.

ހުނަރުވެރި ޔަމާލް އަދިވެސް ދަނީ ދަނޑުން ބޭރުގެ ކަންކަމުގައި ކުރިއެރުން ހޯދަމުންނެވެ. ނަމަވެސް ދަނޑުމަތީގައި އެމްބާޕޭއާ ދެކޮޅަށް އޭނާގެ ރެކޯޑް ވަރަށް ފުރިހަމައެވެ. ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކްލަބް ލެވެލްގައާއި ގައުމީ ޓީމު ލެވެލްގައި މި ދެ ކުޅުންތެރިން ބައްދަލުކުރި 10 މެޗުގެ ތެރެއިން 8 މެޗުން އެމްބާޕޭ ވަނީ ބަލިވެފައެވެ. އޭނާއަށް މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top