ދުނިޔޭގެ ފުޓްބޯޅައިގައި ހުނަރުވެރި ކުޅުންތެރިން އަބަދުވެސް ފެނެއެވެ. ނަމަވެސް، ބައެއް ކުޅުންތެރިންނަކީ ހަމައެކަނި އެމީހުން ޖަހާ ލަނޑުތަކަކަށް، ނުވަތަ ދައްކާލާ ހުނަރުވެރި ޑްރިބްލިންގްތަކަކަށް، ނުވަތަ ހޯދާ ތަށިތަކަކަށްޓަކައި އެކަނި ލޯބިކުރާ ބައެއް ނޫނެވެ. އުމުރުން އެންމެ 18 އަހަރުގެ ލަމީން ޔަމާލްއަކީ، މިހާރުވެސް އެތައް މިލިއަން ބައެއްގެ އިޙްތިރާމާއި ލޯބި ހޯދާފައިވާ އެފަދަ އެއް ކުޅުންތެރިޔާއެވެ.
އޭނާއަކީ ހަމައެކަނި ފަގީރު އަވަށަކުން އައިސް ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުސްމިނަށް ވާސިލްވި ޒުވާނެއް ނޫނެވެ. އޭނާ ފާހަގަކުރެވެނީ އޭނާގެ އާއިލާއަށާއި، އުފަންވި އަވަށަށާއި، އޭނާގެ އަސްލަށް ބަހައްޓާ ގާތްކަމުގެ ސަބަބުންނެވެ. އެހެންކަމުން، ޔަމާލްއަކީ މިއަދު ހަމައެކަނި “ބާސެލޯނާ” އާއި ސްޕެއިންގެ ގައުމީ ޓީމުގެ ތަރިއެއް ނޫނެވެ. އޭނާއަކީ އާ ޖީލުގެ އެންމެ މަގުބޫލު އެއް ފުޓްބޯޅަ ޝަހުސިއްޔަތެވެ.
މިދާކަށްދުވަހު، އުމުރުން 18 އަހަރުގެ ލަމީން ޔަމާލް ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު އެންމެންގެ ސަމާލުކަން ހޯދާފައެވެ. ފްރާންސްގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ޓީމަށް ޕެނަލްޓީއެއް ހޯދައިދިނުމުގެ އިތުރުން، މުޅި މުބާރާތުގައި އޭނާ ދެއްކި ސާބިތު ކުޅުން ފާހަގަކޮށްލެވެއެވެ.
މި ކާމިޔާބީގެ ފަހަތުގައިވަނީ ގިނަ ބަޔަކަށް ނޭނގޭ، ދަތި އުނދަގޫ ނިކަމެތިކަމުގެ ދުވަސްތަކާއި، ފަގީރުކަމާއި، އާއިލީ ހިތާމަތަކާއި، އަދި ނުހަނު ބުރަ މަސައްކަތްތަކެއްގެ ހަނދާން އާކޮށްދެއެވެ.

ލަމީން ޔަމާލް އޭނާގެ މަންމަ އަދި ބައްޕައާއެކު / ފޮޓޯ: ގެޓީ
ފަގީރު އަވަށަކުން ފެށުނު ދިރިއުޅުން
ލަމީން ޔަމާލް އުފަންވީ ބާސެލޯނާގައެވެ. އޭނާގެ ބައްޕަ މުނީރު ނަސްރާވީއަކީ މޮރޮކޯ މީހެކެވެ. މަންމަ ޝީލާ އެބާނާއަކީ އިކުއެޓޯރިއަލް ގިނީގެ މީހެކެވެ. ބައްޕައަކީ ކުލަލާ މީހެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އަދި މަންމަ މަސައްކަތްކުރީ ކެފޭއެއްގެ ވެއިޓަރެއްގެ ގޮތުގައެވެ.
އެ އާއިލާ ދިރިއުޅުނީ ބާސެލޯނާގެ “ރޮކަފޮންޑާ” ކިޔާ އަވަށެއްގައެވެ. މިއީ މައިގަނޑު ގޮތެއްގައި ހިޖުރަވެރިން ދިރިއުޅޭ އަވަށެކެވެ. ސްޕެއިންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ އަވަށުގައި ދިރިއުޅޭ މީހުންގެ ދެބައިކުޅަ އެއްބަޔަކީ ފަގީރުކަމުގައި ދިރިއުޅޭ މީހުންނެވެ.
ޔަމާލްގެ އުމުރުން އެންމެ ތިން އަހަރުގައި އޭނާގެ މައިންބަފައިން ވަކިވިއެވެ. އެހެންނަމަވެސް، ދަރިން ބޮޑުކުރުމުގައި އެމީހުން ދެއްކީ އެކުވެރިކަމެވެ. ޔަމާލް އޭނާގެ މަންމައާއެކު ގްރަނޮލާސްގައި ދިރިއުޅުނު ނަމަވެސް، ބައްޕައާއެކު ވަގުތު ހޭދަކުރުމަށް ގިނައިން މަޓާރޯއަށް ގޮސް އުޅުނެވެ.
ހަތަރު އަހަރުގައި ފެށުނު ފުޓްބޯޅައިގެ ފުރާވަރު
ޔަމާލް ފުޓްބޯޅަ ކުޅެން ފެށީ އުމުރުން އެންމެ ހަތަރު އަހަރުގައި “ލާ ޓޮރޭޓާ” ކްލަބުންނެވެ. އުމުރުން ހަ އަހަރުގައި އޭނާގެ ދިރިއުޅުން މުޅިން ބަދަލުވެގެން ދިޔައެވެ. މި ކުޑަކުޑަ ހުނަރުވެރިޔާގެ ކުޅުން ފެނުމަށްފަހު، “ބާސެލޯނާ”ގެ ސްކައުޓުން އޭނާއަށް އެ ކްލަބުގެ މަޝްހޫރު “ލާ މާސިއާ” އެކަޑަމީން ފުރުސަތު ދިނެވެ.
އެކަޑަމީގައި ހޭދަކުރި ފުރަތަމަ އަހަރުތަކުން ފެށިގެންވެސް، އޭނާއަކީ އާދައިގެ ކުޅުންތެރިއެއް ނޫންކަން އެންމެންނަށްވެސް އެނގުނެވެ. އޭނާގެ ކޯޗު އަލްބާޓް ޕުއިގް ފަހުން ހަނދާންކުރި ގޮތުގައި: “އޭނާ އެހެން ކުޅުންތެރިންނަށްވުރެ މޮޅުވުމަކީ އަހަރެން ހައިރާންވި ކަމެއް ނޫނެވެ. އަހަރެން ހައިރާންވީ، އަހަރުތައް ފާއިތުވަމުން ދިޔަވަރަކަށް އެ ތަފާތު ކުޑަވުމުގެ ބަދަލުގައި، އެހެން ކުޅުންތެރިންނާ އޭނާއާ ދެމެދު އޮތް ފަރަގު ބޮޑުވަމުން ދިޔުމުންނެވެ.” މި ވާހަކަތަކުގެ ތެދުކަން ފަހުން ސާބިތުވެގެން ދިޔައެވެ.
ޒަވީ، 15 އަހަރުގެ މި ހުނަރުވެރިޔާ ސީނިއާ ޓީމަށް ގެނައުން
ޔަމާލް ވަނީ “ލާ މާސިއާ”ގެ ހުރިހާ އުމުރުފުރާއެއްގެ ރެކޯޑްތައް މުގުރާލާފައެވެ. އެއް ސީޒަނެއްގައި 30 މެޗުން 56 ލަނޑު ޖަހައިގެން އޭނާ ވެގެންދިޔައީ އެކަޑަމީގެ އެންމެ ފާހަގަކޮށްލެވޭ ތަރިއަށެވެ.
އޭރު ބާސެލޯނާގެ ހެޑް ކޯޗަކަށް ހުރި ޒަވީ ހެނާންޑޭޒް، އުމުރުން އެންމެ 15 އަހަރުގެ މި ކުޅުންތެރިޔާއަށް ސީނިއާ ޓީމުގެ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން، ޔަމާލް ވެގެންދިޔައީ ކްލަބުގެ ތާރީޚުގައި ފުރަތަމަ މެޗު ކުޅުނު އެންމެ ޒުވާން އެއް ކުޅުންތެރިޔާއަށެވެ. އޭނާގެ މުސްތަގުބަލާމެދު ކްލަބުން ކުރާ އިތުބާރު ބޮޑުކަމުން، އޭނާގެ ކޮންޓްރެކްޓް އުވާލެވޭނެ އަގަކަށް (ރިލީޒް ކްލޯޒް އަށް) 1 ބިލިއަން ޔޫރޯ ކަނޑައެޅިއެވެ.
ޔަމާލްގެ ހުނަރުގެ ވާހަކަ ފާހަގަވަނީ ހަމައެކަނި “ލާ މާސިއާ”އަކު ނޫނެވެ، މުޅި ފުޓްބޯޅަ ދުނިޔޭގައި ދެކެވެން ފެށިއެވެ. އޭނާ ސީނިއާ ޓީމަށް ގެނައި ކޯޗު ޒަވީ ބުނި ގޮތުގައި: “އޭނާއަކީ ޚާއްސަ ކުޅުންތެރިންގެ ތެރެއިންވެސް ހޮވާލެވޭ ކުޅުންތެރިއެކެވެ. އޭނާގެ ފަރާތުން ފެންނަނީ މެސީ އަދި ނޭމާ ފަދަ ކުޅުންތެރިންގެ ސިފަތަކެވެ.”
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނި ގޮތުގައި ޔަމާލްއަކީ “ވަރަށް މަދުން ނޫނީ އުފަންނުވާ ފަދަ ކުޅުންތެރިއެކެވެ.” އަދި ކުރިއަށް އޮތް ގިނަ އަހަރުތަކެއްގައި އޭނާ ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަން ކުރާނެ ކަމަށް ގާޑިއޯލާ ގަބޫލުކުރެއެވެ.
ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ މާސެލޯ ބިއެލްސާވެސް ވަނީ ޔަމާލްގެ އަމިއްލަ ހުނަރުތައް ލިއޮނަލް މެސީއާ އެއްވަރުކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، އިދިކޮޅު އެތައް ކުޅުންތެރިންނެއްގެ މެދުގައި ހުރެގެންވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލުކަން ޔަމާލްގެ ކިބައިގައި އެބަހުއްޓެވެ.
ޝައުގުވެރި ކަމަކީ، އިދިކޮޅު ކުޅުންތެރިންވެސް ޔަމާލްގެ މޮޅުކަން ގަބޫލުކުރާ ކަމެވެ. ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ބުނި ގޮތުގައި ޔަމާލް ހުއްޓުވުމަށް އެންމެ ޑިފެންޑަރަކުން ފުދޭކަށް ނެތެވެ. އޭނާގެ ނަޒަރުގައި އެފަދަ ކުޅުންތެރިއަކާ ދެކޮޅަށް އަބަދުވެސް ދެ ކުޅުންތެރިން ކުޅެން ޖެހެއެވެ.

ތިން ގައުމު، އެއް ވަނަވަރު
ލަމީން ޔަމާލްއަކީ އޭނާގެ އަސްލު ދުވަހަކުވެސް ހަނދާން ނައްތާލާ ކުޅުންތެރިއެއް ނޫނެވެ. އޭނާ ބާސެލޯނާގެ ޖާޒީގައި ކުޅެން އަރާއިރު، އޭނާގެ ބޫޓުގައި އަބަދުވެސް ތިން ގައުމެއްގެ ދިދަ ހަރުކޮށްފައި ހުރެއެވެ:
ސްޕެއިން – އޭނާ އުފަންވި ގައުމު؛
މޮރޮކޯ – ބައްޕަގެ އުފަން ގައުމު؛
އިކުއެޓޯރިއަލް ގިނީ – މަންމަގެ އުފަން ގައުމު.
މިއީ ހަމައެކަނި ޑިޒައިނެއް ނޫނެވެ. މިއީ އޭނާގެ އާއިލާއަށާއި، މާޒީއަށާއި، އޭނާގެ ނަސްލަށް ކުރާ އިޙްތިރާމް ރަމްޒުކޮށްދޭ ކަމެކެވެ.
“304” – މުޅި ދުނިޔެ ސައުގުވެރިކުރުވި ސިއްރު
ލަނޑެއް ޖެހުމަށްފަހު، ޔަމާލް އޭނާގެ ދެ އަތުން “304” މި ނަންބަރު ދައްކާލައެވެ. ގިނަ ސަޕޯޓަރުންނަށް ފުރަތަމަ ހީވީ މިއީ ކޮންމެވެސް ސިއްރު މެސެޖެއް ކަމަށެވެ. ނަމަވެސް، ހަގީގަތަކީ “304” އަކީ އޭނާ ބޮޑުވި ރޮކަފޮންޑާ އަވަށުގެ ޕޯސްޓަލް ކޯޑުގެ ފަހު ތިން ނަންބަރެވެ.
މިއަދު އެ އަވަށުގެ ކުޑަކުދިން ލަނޑެއް ޖެހުމަށްފަހު ފާޅުކުރަނީ ހަމަ އެ އުފަލެވެ. އަވަށުގެ ފާރުތަކުގައާއި، ކުޅޭ ބިންތަކުގައާއި، ގްރެފިޓީތަކުގައި ކުރަހާފައިވާ “304”ގެ ނަންބަރުތަކަކީ މިހާރު ރޮކަފޮންޑާގެ ރަމްޒަކަށް ވެއްޖެއެވެ.
މެސީ އާއި ތަގުދީރުގެ އާދަޔާޚިލާފު ކުޅިވަރެއް

ފޮޓޯ ޝޫޓެއްގައި މެސީ އަދި ޔަމާލް
މީގެ އެތައް އަހަރެއް ކުރިން، ލިއޮނަލް މެސީ ވަނީ ހިލޭސާބަހަށް މަސައްކަތްކުރާ ބައެއްގެ ކަލަންޑަރެއްގެ ފޮޓޯޝޫޓެއްގެ ތެރެއިން، ހަ މަހުގެ ކުޑަކުޑަ ތުއްތު ކުއްޖަކު ފެންވަރުވާފައެވެ.
އޭރު އެއްވެސް މީހެއްގެ ހިތަކަށްވެސް ނާރާނެއެވެ. އެ ތުއްތު ކުއްޖާއަކީ މިއަދު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުއްމީދީ އެއް ތަރި ކަމަށްވާ ލަމީން ޔަމާލް އަށް ވެދާނެ ކަމަށެވެ.
އެތައް އަހަރެއް ފަހުން އެ ފޮޓޯތައް އަލުން ފެންމަތިވުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ސިފަކުރީ އެއީ “މުސްތަގުބަލުގެ ތަރިއަށް މެސީ ދިން ބަރަކާތެއް” ކަމަށެވެ. ހަމަގައިމުވެސް މިއީ ވަރަށް އިއްތިފާގުން ދިމާވި ކަމެކެވެ. ނަމަވެސް، އެ ފޮޓޯތަކަކީ މިއަދު ފުޓްބޯޅަ ތާރީޚުގެ އެންމެ މުހިންމު އެއް ރަމްޒީ ފޮޓޯތައް ކަމުގައި ބެލެވެއެވެ.
ލަމީން ޔަމާލް ދެކެ އެންމެން ލޯބިވަނީ ކީއްވެ؟
ލަމީން ޔަމާލްއަކީ ހަމައެކަނި އޭނާގެ ރެކޯޑްތަކަށް ނުވަތަ ފުޓްބޯޅައިގެ ހުނަރަށްޓަކައި މަޝްހޫރުވި މީހެއް ނޫނެވެ.
އޭނާއަކީ އެތައް މިލިއަން ޒުވާނުންނަކަށް އެމީހުންގެ އަމިއްލަ ނަފްސު ސިފަކޮށްދޭ މިސާލެކެވެ. ހިޖުރަވެރި އާއިލާއަކަށް އުފަންވެ، ފަގީރު އަވަށެއްގައި ބޮޑުވެ، ކާމިޔާބީގެ އުސްމިނަށް ދިޔުމަށްފަހުވެސް އޭނާގެ އަސްލު ހަނދާން ނައްތައެއް ނުލައެވެ. ކޮންމެ ލަނޑަކަށްފަހު “304” ގެ ނިޝާނުން އޭނާ ސަލާމް ފޮނުވަނީ އޭނާގެ ޅައިރުގެ ނިކަމެތިކަމުގެ ދުވަސްތައް ހޭދަކުރި މަގުތަކަށެވެ.
ފަހަރުގައި އެހެންވެގެން ކަމަށްވެދާނެއެވެ، ހަމައެކަނި ބާސެލޯނާގެ ސަޕޯޓަރުންނެއް ނޫނެވެ، އިދިކޮޅު ޓީމުތަކުގެ ސަޕޯޓަރުންވެސް އޭނާއަށް އަތްތިލަބަޑި ޖަހައެވެ. ފުޓްބޯޅައިގެ ދުނިޔެ އޭނާ ލިއޮނަލް މެސީއާ އެއްވަރުކުރި ނަމަވެސް، ޔަމާލް އަމިއްލައަށް މަސައްކަތްކުރަނީ އެފަދަ އަޅާކިޔުންތަކާ ދުރުވާށެވެ. އޭނާ ތަކުރާރުކޮށް ބުނެފައިވަނީ، މެސީއަކީ ފުޓްބޯޅަ ތާރީޚުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، ނަމަވެސް އޭނާގެ އަމާޒަކީ އެހެން މީހަކު ނަކަލުކުރުން ނޫން ކަމަށެވެ.
ފަހަރުގައި މިއީ ލަމީން ޔަމާލް އެހެން ކުޅުންތެރިންނާ ތަފާތުވާ މައިގަނޑު ސަބަބެވެ. އޭނާ ބޭނުންވަނީ ދެވަނަ މެސީއަކަށް ވާކަށް ނޫނެވެ. އޭނާ ބޭނުންވަނީ ފުޓްބޯޅަ ތާރީޚުގައި “ފުރަތަމަ ލަމީން ޔަމާލް”ގެ ގޮތުގައި އޭނާގެ ނަން ފަވާލުމަށެވެ.
