ކޮންގޯގެ މިނިވަންކަމުގެ ބަތަލް ޕެޓްރިކް ލުމުމްބާގެ ސިފަޖެހޭ ގޮތަށް “ދިރިހުރި ބުދެއްގެ” ގޮތުގައި ހަރަކާތްތެރިވާ މަޝްހޫރު ސަޕޯޓަރު މިޝޭލް އުންކޫކާ އެމްބޮލާޑިންގާ، އެބޯލާ ބަލީގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު، އަންގާރަ ދުވަހު އޮތް ވޯލްޑް ކަޕް މެޗުގައި ކޮންގޯގެ “ލެޕަޑްސް” އަށް ސަޕޯޓްކުރުމަށް އެންމެ ފަހުން ބައިވެރިވެއްޖެއެވެ. ކަރަންޓީނުގެ ސަބަބުން އޭނާއަށް ޓީމުގެ ފުރަތަމަ މެޗުގައި ބައިވެރިވެވޭ ގޮތެއް ނުވިއެވެ.
ކޮންގޯގެ މި މަޝްހޫރު ސަޕޯޓަރުގެ ފުރަތަމަ ވޯލްޑް ކަޕް ފެނިލުން އަންގާރަ ދުވަހު ވަނީ ދައްކާލާފައެވެ. އެފްރިކާ ކަޕް އޮފް ނޭޝަންސް މުބާރާތުގައި، ކޮންގޯގެ އަވަހާރަކޮށްލެވުނު މިނިވަންކަމުގެ ލީޑަރު ޕެޓްރިކް ލުމުމްބާގެ ބުދެއްގެ ގޮތުގައި މެޗު ނިމެންދެން ހަރަކާތްތެރިވެގެން މަޝްހޫރުކަން ހޯދި މިޝޭލް، ކޮލަމްބިއާ އަތުން 1-0 އިން ކޮންގޯ ބަލިވި މެޗަށް ހާޒިރުވީ ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ގެއްލުމަށްފަހުގައެވެ.
އަވަހާރަކޮށްލާފައިވާ ލީޑަރާ ހުންނަ އެއްގޮތްކަމުގެ ސަބަބުން “ލުމުމްބާ ވިއާ” ގެ ނަމުން މަޝްހޫރުވެފައިވާ މި ސަޕޯޓަރު، މެޗު ފެށުމުގެ ގަޑިއިރެއް ކުރިން އެސްޓާޑިއޯ އަކްރޮން ސްޓޭޑިއަމްގައި ހުރި އޭނާގެ ގޮނޑިއަށް ހާޒިރުވިއެވެ. އޭނާ ހުރީ ރަތް ކުލައިގެ ކޯޓަކާއި، ރީނދޫ ކުލައިގެ ގަމީހެއްގެ އިތުރުން ނޫކުލައިގެ ފަޓުލޫނެއްގައެވެ. މެޗު ފެށުމާއެކު، އޭނާ ވަނީ ކޮންގޯގެ ބެންޗު ފަހަތުގައި ހުރި އުސް ތަނެއްގެ މަތީގައި، ކަނާތް މައްޗަށް އުފުލައިގެން އެއްވެސް ހަރަކާތެއް ނެތި ކޮޅަށް ހުއްޓިފައެވެ.
ހާފް ޓައިމް މެދުކެނޑުމަށްފަހު އެނބުރި އައުމުގައި ކުޑަ ވަގުތުކޮޅެއް ލަސްވި ނަމަވެސް، މެޗު ނިމެންދެން އަދި މެޗު ނިމުނުތާ އިރުކޮޅެއް ވަންދެންވެސް އޭނާ އެ ގޮތުގައި ހުއްޓެވެ. އިންޓަވިއުއެއް ދޭން އޭނާ ބޭނުން ނުވި ނަމަވެސް، ވޯލްޑް ކަޕަށް އާދެވުމުން އުފާވޭތޯ ސުވާލުކުރުމުން ހިނިތުންވުމާއެކު ބޯޖަހާލިއެވެ.
މިދިޔަ ހަފުތާގައި ހިއުސްޓަންގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗު ކޮންގޯއިން ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.
މީގެ އިތުރުން، މީގެ 52 އަހަރު ކުރިން ވޯލްޑް ކަޕަށް ކޮލިފައިވި ކޮންގޯ، މިއަހަރު އަލުން މުބާރާތަށް އެނބުރި އައި ޕްލޭ-އޮފް މެޗުވެސް ވިސާ ނުލިބުމުގެ ސަބަބުން މިޝޭލްއަށް ވަނީ ގެއްލިފައެވެ. އެ މެޗަށް ވިސާ ހޯދުމަށް އޭނާ ކެންޔާ އަދި އިތިއޯޕިއާއަށް ދަތުރުކުރި ނަމަވެސް، ވަގުތަށް ވިސާ ހަމަނުޖެހުމުން އެ މެޗުގައި އޭނާއަށް ބައިވެރިއެއް ނުވެވުނެވެ.
އެފްރިކާ ކަޕްގައި އުންކޫކާ އެމްބޮލާޑިންގާ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔައީ، މެޗުތަކުގެ ތެރޭގައި އެއްވެސް ހަރަކާތެއް ނެތި، ކަނާތް މައްޗަށް އުފުލައިގެން ލުމުމްބާގެ ބުދެއްގެ ގޮތުގައި ހުންނަ ހުރުމުގެ ސަބަބުންނެވެ.
ޕެޓްރިކް ލުމުމްބާ އަކީ 1960 ވަނަ އަހަރު ބެލްޖިއަމްގެ އިސްތިއުމާރީ ވެރިކަމުން ކޮންގޯ މިނިވަންކުރުމުގައި އިސްކޮށް އުޅުއްވި އެކްޓިވިސްޓެކެވެ. އޭނާއަކީ މިނިވަން ކޮންގޯގެ ފުރަތަމަ ބޮޑުވަޒީރެވެ. އަދި އެފްރިކާގެ އެންމެ އުންމީދީ ލީޑަރުންގެ ތެރޭގައި ހިމެނުނު ބޭފުޅެކެވެ. ނަމަވެސް، މަޢުދަނުން މުއްސަނދިވެފައިވާ ކަޓަންގާ ސަރަޙައްދު ވަކިވުމަށް ބެލްޖިއަމްގެ އެހީތެރިކަމާއެކު ހިންގި ހަރަކާތްތަކުގެ ތެރޭގައި، ވެރިކަމާ ހަވާލުވިތާ އަހަރެއް ނުވަނީސް އޭނާ ވަނީ އަވަހާރަކޮށްލާފައެވެ.
މިދިޔަ މާރިޗު މަހު ބެލްޖިއަމްގެ ކޯޓަކުން ވަނީ، މި ލީޑަރު އަވަހާރަކޮށްލުމުގެ މައްސަލައިގައި ތުހުމަތުކުރެވޭ 93 އަހަރުގެ ކުރީގެ ޑިޕްލޮމެޓެއްގެ މައްޗަށް ޝަރީޢަތް ހިންގުމަށް އަމުރުކޮށްފައެވެ. އިޓިއެން ޑަވިގްނޯން ނަމަކަށް ކިޔާ މި މީހާއަކީ މި ޖަރީމާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ބެލްޖިއަމްގެ 10 މީހުންގެ ތެރެއިން ދުނިޔޭގައި ހުރި ހަމައެކަނި މީހާއެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ލުމުމްބާ ޣައިރު ޤާނޫނީ ގޮތެއްގައި ބަންދުކޮށް، އެހެން ތަނަކަށް ބަދަލުކުރުމުގައި ބައިވެރިވުމުގެ “ހަނގުރާމައިގެ ކުށުގެ” ދަޢުވާއެވެ. އޭނާ ކުރިން ވަނީ މިކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތްކަމަށް އިންކާރުކޮށްފައެވެ.
