ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޓީސީން ހުރާ ކޮޅަށް 7 ލަނޑު ޖަހައިފި
ފޮޓޯ: އެފްއޭއެމް

މިހާރު ކުރިޔަށްދާ ދިވެހި ޕްރިމިއާރ ލީގު ކޮލިފައިން 2026/2027 ގައި މިއަދު ހަވީރު ޓީސީ ސްޕޯރޓްސް ކުލަބާއި ހުރާ ކޮމިއުނިޓީ ބައްދަލުކުރި މެޗަކީ ކޮލިފައިންގައި މި ދެ ޓީމު ވެސް ކުޅޭނެ ފަހު މެޗެވެ.

ދިވެހި ޕްރިމިއާރ ލީގު 2026/2027 ގެ ޖާގަ ޔަޤީންވެފައިވާ ޓީސީ އާއި ކޮލިފައިންގެ އެންމެ ފުލުގައި އޮތް ހުރާ ބައްދަލުކުރި މެޗުގައި ޓީސީން ވަނީ ހުރާކޮޅަށް ހަތް ލަނޑު ޖަހާފައެވެ.

މާބޮޑު ވާދަވެރިކަމެއް ނެތް މި މެޗުގެ ފުރަތަމަ ހާފުގައި ޓީސީން 7 ލަނޑު ޖެހިއިރު ހުރާއަކަށް އެންމެ ލަނޑެއް ވެސް ނުޖެހެއެވެ.

މެޗުގެ 7 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އަޙްމަދު ރިލްވާން ޓީސީއަށް ލީޑު ނަގައިދިންއިރު 16 ވަނަ މިނިޓުގައި ބޯޑު ޕްރިންސް ވަނީ އެ ލީޑު ފުޅާކޮށްދީފައެވެ. 19 ވަނަ މިނިޓުގައި ހުރާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވާއިރު އައިހަމް ހަމްދޫން އާއި ޙުސައިން އަހުޝަމް އަދި މުޙައްމަދު ޔޫހާން ވަނީ އިތުރު ލަނޑުތަކެއް ޖަހައިދީފައެވެ. އަދި ދެވަނަ ލަނޑު ޖަހައިދިން ބޯޑު ޕްރިންސް ވެސް އިތުރު ލަނޑެއް ޖަހާފައެވެ.

ލީގަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވާ ހުރާއިން ދެވަނަ ހާފުގައި ވަނީ ޒުވާން ކުޅުންތެރިންތަކެއް ކުޅެން ނެރެފައެވެ. ދެވަނަ ހާފުގައި ކުރީ ހާފަށްވުރެ ރަނގަޅަށް ކުޅުނު ހުރާއިން ދެ ލަނޑު ޖެހިއެވެ. ޓީސީއަކަށް މި ހާފުގައި ލަނޑެއް ނުޖެހެއެވެ. ހުރާގެ ފުރަތަމަ ލަނޑު 77 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އަގްބެޓި އޮލުމިޑޭ ފްރާންސިސް ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު 87 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު ފަވާޒްއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 10 ޕޮއިންޓް ހަމަކޮށް، ފައިދާ 10 ލަނޑާއިއެކު ޓީސީ ދެވަނައަށް ޖެހިލިއިރު، ދެވަނައަށް އެރުމުގެ ފުރުސަތު ދިއްދޫއަށް ވެސް އެބައޮތެވެ.

ލީގު ކޮލިފައިންގެ މެޗެއް މިރޭ ވެސް ކުޅޭނެއެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ލީގު ކޮލިފައިންގެ ފަސްވަނަ މަގާމާއިއެކު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ކުލަބް ޓްރީން ސްޓްރީޓްސް އާއި ދިވެހި ޕްރިމިއާރ ލީގަށް އަލަށް ކޮލިފައިވި ގދ. ގައްދޫއެވެ. މި މެޗުން މޮޅުވެއްޖެނަމަ ވަގުތީ ގޮތުން ގައްދޫއަށް ތިންވަނަ ލިބޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top