މިހާރު ކުރިޔަށްދާ ދިވެހި ޕްރިމިއާރ ލީގު ކޮލިފައިން 2026/2027 ގައި މިރޭ، ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ގައްދޫން ލީގު ކޮލިފައިންގެ ތިންވަނައަށް ޖެހިލައިފިއެވެ. މި މެޗަކީ ކޮލިފައިންގައި މި ދެ ޓީމު ވެސް ކުޅޭނެ ފަހު މެޗެވެ.
ދިވެހި ޕްރިމިއާރ ލީގު 2026/2027 ގެ ޖާގަ ޔަގީންވެފައިވާ ގައްދޫ އާއި ކޮލިފައިންގެ ފުރުސަތު ގެއްލި ދެވަނަ ޑިވިޝަނަށް ވެއްޓިފައިވާ ކުލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މި މެޗުގައި ގައްދޫން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
މުޅި މެޗުގައި ވެސް ގްރީން ސްޓްރީޓަށްވުރެ ރަނގަޅަށް ކުޅުނު ގައްދޫން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 41 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވާހިބް ތަހްރާއެވެ. ވާހިބް ތަހްރާ މި ލަނޑު ޖަހައިދިނީ ގްރީން ސްޓްރީޓްސް ހާފުގެ މެދުކާއި ހިސާބުން ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ތިރިތިރިން ގޯލުގެ ދުރުކަނަށް ފޮނުވާލައިގެންނެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ގައްދޫން އެ ޓީމުގެ ލީޑު ފުޅާކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި މިނިޓުގައެވެ. ގައްދޫން އުފެއްދި ހަމަލާއެއް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން ދިފާއު ކުރުމުން، އެ ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ރިފްޝާންއެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ގައްދުއެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ގްރީން ސްޓްރީޓްސްއަށް ލިބުނެވެ.
ގައްދޫން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 49 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ވާހިބް ތަހްރާއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ގްރީން ސްޓްރީޓްސްގެ ހާފުގެ ތެރެއިން މެދުރޮނގު ކައިރިން ލިބުނު ބޯޅަ ހިފައިގެން މުޅިން ހުސްކޮށް އޭރިޔާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ ގައްދޫއެވެ. ގައްދޫން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ 54 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަލީ މުޙައްމަދެވެ. ފަހު ހާފުގައި ކުޅެން ނުކުތް ޢަލީ މުޙައްމަދު މި ލަނޑު ޖަހައިދިނީ އާލިމް، ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ގޮސްފައިވެއެވެ.
މި މެޗުން މޮޅުވި ގައްދޫ ޕޮއިންޓް ޓޭބަލްގެ ތިންވަނައަށް ޖެހިލީ 9 ޕޮއިންޓް ހަމަކޮށްގެންނެވެ.
ލީގު ކޮލިފައިންގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ. މި މެޗުގައި ބައްދަލުކުރާނީ ބިސްބުރާއި ދިއްދޫއެވެ.
