ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގެ 24 ވަނަ މެޗުގައި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންއިން ބިސްބުރު ސްޕޯރޓްސް ކުލަބް ބަލިކޮށް ލީގުގެ ތިންވަނައަށް ޖެހިލައިފި އެވެ. ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ދިވެހި ޕްރިމިއާރ ލީގަށް އަލަށް ކޮލިފައިވި ބިސްބުރު ބައްދަލުކުރި މެޗު މާޒިޔާ ކާމިޔާބުކުރީ 3-1 އިން ނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅެވުނު މި މެޗުގެ ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.
މި މެޗުގެ ކުރިން މާޒިޔާ ކުޅެފައިވާ 4 މެޗުގެ ތެރެއިން އެ ޓީމަށް ކާމިޔާބުކުރެވުނީ ދެ މެޗެވެ. އެއް މެޗުން ބަލިވިއިރު އެއް މެޗު އެއްވަރު ވެސް ވިއެވެ. ބިސްބުރު ކުޅުނު 4 މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކުރިއިރު ދެ މެޗުން ވަނީ ބަލިވެފަ އެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މާޒިޔާއިން ތަނަވަސްކުރި މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ބިސްބުރަށް ވެސް ލިބުނެވެ. މި މެޗުގެ ފުރަތަމަ ލަނޑަކީ ބިސްބުރުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މާޒިޔާގެ އައިހަމް ބިސްބުރުގެ އޭރިޔާ ތެރެއިން އެ ޓީމުގެ އައިދުއަށް ޖައްސާލި ބޯޅަ ދިފާއުކުރަން، މަސައްކަތްކުރި ބިސްބުރުގެ ކުޅުންތެރިޔާ ޖައްސާލި ބޯޅަ ކީޕަރުގެ އަތް ކައިރިން ގޮސް ވަނީ ބައިކޮޅު ގޯލަށެވެ.
ނަތީޖާ ހަމަހަމަކުރުމަށް ބިސްބުރުން ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. 35 ވަނަ މިނިޓްގައި ބިސްބުރަށް މި ލަނޑު ޖަހައިދިނީ އަހްނަފް މުޙައްމަދު ތަސްނީމް އެވެ. ތަސްނީމްގެ މި ލަނޑަކީ މާޒިޔާގެ އޭރިޔޭ ބޭރުން އަރިމަތިން ތަސްނީމް ފޮނުވާލި ބޯޅައެއް ކީޕަރުގެ ބޯމަތިން ގޮސް ވަތް ލަނޑެކެވެ.
މި ލަނޑުތަކަށްފަހު ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފު ފެށުމާއި އިތުރު ލަނޑެއް ޖެހުމަށް ދެ ޓީމުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ.
ދެވަނަ ފަހަރަށް މާޒިޔާއިން ލީޑު ނެގީ 51 ވަނަ މިނިޓްގައި އަބްދުﷲ ލޫތު އިބްރާހިމް ޖަހައިދިން ލަނޑުން ނެވެ.
ދެވަނަ ލަނޑަށް މާގިނައިރެއް ނުވެ 58 ވަނަ މިނިޓްގައި ކޮޑްޖޯ ގޯމޭޒް ޖަހައިދިން ލަނޑުން މާޒިޔާއިން ލީޑު ފުޅާކުރި އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ ގޮޑްޖޯ ގޯމޭޒް އެވެ.
