ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިއު ބަލިކޮށް ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މާޒިޔާ ހޯދައިފި
އިމޭޖަސް.އެމްވީ

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ވާދަވެރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 4-2 އިން ކުރިހޯދައި، ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކާމިޔާބު ކޮށްފިއެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މުބާރާތުގެ ޤަވާއިދު ހަމަޖެހިފައިވާ ގޮތުން އިތުރު ވަގުތުގެ ދެ ހާފު ނުކުޅެ ނަތީޖާ ނެރުމަށް ދިޔައީ ސީދާ ޕެނަލްޓީ ޝޫޓްއައުޓަށެވެ.

މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ނިއު އަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ ކުޅުންތެރިން ކުރިއަށް އަރައި ތިބި ވަގުތު، މާޒިޔާގެ ޑިފެންސުން ސަލާމަތްކުރި ބޯޅަ ލިބުނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށެވެ. އޭނާ ހުސްކޮށްލާފައި އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، ޒުވާން ކުޅުންތެރިޔާ މުޙައްމަދު އިލާން އިމްރާން ވަނީ ނިއުގެ ޑިފެންޑަރަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ނަމަވެސް މެޗުގެ 16 ވަނަ މިނެޓުގައި ނިއުއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނިއުގެ ލައިބީރިއާ މިޑްފީލްޑަރު އަބްދުﷲއި ބިލިޓީއަށް މާޒިޔާގެ އޭރިއާ ބޭރުން ފައުލްކުރި ނަމަވެސް، ރެފްރީ އެޑްވާންޓޭޖް ދިނުމުން އެ ބޯޅަ ހޯދައި އަލީ ފާސިރު (ސެންޓޭ) ވަނީ ކުރިއަށް ނުކުމެ ހުރި ކީޕަރު ހުސައިން ޝަރީފްގެ ބޯމަތިން ގޯލުގެ ތެރެއަށް އޮއްސާލައިފައެވެ.

މިވެސް ކިޔާލަން:  ގިނަ ފިއްތުންތައް ކުރިމަތިކޮށްފައި ވަނިކޮށް އެފްއޭއެމްގެ އިންތިޚާބު ބާއްވައިފި

މެޗުގެ 28 ވަނަ މިނެޓުގައި ޢަބްދުﷲ ލޫތު އިބްރާހިމާއި އަޙްމަދު އައިހަމް (ފަތޯ) ގުޅިގެން އުފެއްދި ރީތި ހަމަލާއެއްގައި، އައިހަމް ވަނީ ނިއުގެ ކީޕަރު މުޙައްމަދު ފައިސަލް ހުރި ފަޅިއަށް ބޯޅަ ފޮނުވާލައިގެން އަނެއްކާވެސް މާޒިޔާއަށް ލީޑު ހޯދައިދީފައެވެ. އެހެން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލްގެ މިޑްފީލްޑަރު ގިލްޔޭމީ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން ސެންޓޭ ވަނީ ދެވަނަ ފަހަރަށް ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި އިތުރު ލަނޑެއް ނުފެނި މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި، ނިއުގެ ބްރެޒިލް ފޯވާޑް ޑޯރިއެލްޓަން ގޯމޭޒް (ޑޯރީ) އާއި މޫސާ ޔާމީން ޖެހި ޕެނަލްޓީ ވަނީ ގޯލާ އަމާޒުނުވެ ބޭރަށް ގޮސްފައެވެ. ނިއުއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސިލްވާއެވެ. މާޒިޔާގެ އިލާން ޕެނަލްޓީ ކާމިޔާބުކުރިއިރު، އެ ޓީމަށް ތަށި ކަށަވަރުކޮށްދިން ފަހު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ ނައިޖީރިއާގެ ފޯވާޑް ބެންޖަމިން ކޫކޫއެވެ.

މިއީ މި ސީޒަނުގައި ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ބަލިކޮށް މާޒިޔާއިން ކާމިޔާބުކުރި ދެވަނަ މުބާރާތެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ވެސް ކާމިޔާބުކުރީ މާޒިޔާއިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top