ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބޮޑު ތަފާތަކުން އިރާގު ބަލިކޮށް ސެނެގާލުން ދެވަނަ ބުރުގެ އުންމީދު އާކޮށްފި
ފޮޓޯ: ގެޓީ އިމޭޖަސް

ވޯލްޑް ކަޕް 2026 ގެ ގުރޫޕް އައިގެ ފަހު މެޗުގައި މިރޭ ސެނެގާލުން އިރާގުގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދައި، މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.

ބީއެމްއޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސެނެގާލުން ކާމިޔާބުކުރީ 0-5 ގެ ބޮޑު ތަފާތަކުންނެވެ.

މެޗު ފެށުނީއްސުރެ ސެނެގާލުން ދިޔައީ ކުޅުން ކޮންޓްރޯލްކޮށް، އިރާގުގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އެގޮތުން ސެނެގާލުން މެޗުގެ ލީޑު ނެގީ މެޗުގެ 4 ވަނަ މިނެޓުގައި އަބްދުލާޔޭ ސެކް ބޮލުން ފޮނުވާލި ހަމަލާއެއް ހަބީބް ދިއާރާގެ ގައިގައި ޖެހިފައި ގޯލަށް ވަނުމުންނެވެ. މި ލަނޑާއެކު މުޅި މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައިރު، ސާޑިއޯ މާނޭ އާއި އިސްމާއިލާ ސާރް އިސްވެ ތިބެ ސެނެގާލުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. މުޅި މެޗުގައިވެސް އިރާގަށް އެދެވޭ ކުޅުމެއް ނުދެއްކި، މެޗުގެ ތެރެއަށް ވަދެވޭގޮތެއް ނުވިއެވެ.

އިރާގަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވީ މެޗުގެ 13 ވަނަ މިނެޓުގައި ސެނެގާލްގެ ކުޅުންތެރިއަކަށް ގޯލެއް ޖަހަން ލިބުނު ސާފު ފުރުސަތަކަށް ހުރަސްއެޅުމުން އިރާގުގެ ޑިފެންޑަރު ރެބިން ސުލަކާއަށް ދެއްކި ރަތް ކާޑާއެކުގައެވެ. އިރާގުން މެޗުގެ ބާކީ ބައި އެކަކު މަދުކޮށް ކުޅުނު ނަމަވެސް، މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ސެނެގާލުން ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ޖެހިޔަނުދީ އިރާގުން ވަނީ ހިފަހައްޓާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ސެނެގާލުން ވަނީ އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން 56 ވަނަ މިނެޓުގައި އިސްމާއިލާ ސާރް ދެވަނަ ލަނޑު ޖަހައިދިންއިރު، އޭގެ ދެ މިނެޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގޭއީ ވަނީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ސެނެގާލުން ހުއްޓުމެއް ނެތި ހަމަލާ އުފައްދަމުން ދަނިކޮށް، 71 ވަނަ މިނެޓުގައި ގޭއީ ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ނަތީޖާ 0-4 އަށް ބަދަލުކޮށްފައެވެ.

އިރާގުން އިތުރު ލަނޑުތަކެއް ވަނަނުދީ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، 83 ވަނަ މިނެޓުގައި އިސްމާއިލާ އެންޑިއާއީ ދުރުން ފޮނުވާލި ރީތި ހަމަލާއަކުން ސެނެގާލުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި ސެނެގާލުން ހޯދި އެންމެ ބޮޑު މޮޅެވެ.

މި ނަތީޖާއާއެކު، ގުރޫޕްގެ ތިންވަނަ ހޯދާ ޓީމުތަކުގެ ރޭހުގައި ސެނެގާލްގެ ގޯލް ތަފާތަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އަދި 3 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތް ސެނެގާލަށް މުބާރާތުގައި ކުރިއަށް ދެވޭނެކަން ކަށަވަރުވާނީ އެހެން ގުރޫޕްތަކުގެ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top