ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އުރުގުއާއީ ބަލިކޮށް ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ސްޕެއިން ދެވަނަ ބުރަށް
ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު ކުރިޔަށްދާ ފީފާ ވޯޑްގެ ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް، ހަމަކުރި ހަތް ޕޮއިންޓާއިއެކު ގުރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޕެއިން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ގުރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ސްޕެއިން ބައްދަލުކުރީ ވޯލްޑް ކަޕްގައި އަލަށް ކުޅުނު ކޭޕް ވާޑޭއާއެވެ. ވަރުގަދަ ސްޕެއިންއަށް ކޭޕް ވާޑޭގެ ގޯލު ފޫ އަޅުވާނުލެވުނު އެ މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ މެޗުގައި ސްޕެއިން ބައްދަލުކުރީ ސައުދީ އަރަބިއްޔާއާއެވެ. އެ މެޗު ފަސޭހަކަމާއިއެކު 4-0 އިން ކާމިޔާބުކޮށް މުބާރާތުގައި ކުރިޔަށް ދިއުމުގެ އުންމީދޫ ސްޕެއިން އާކުރިއެވެ.

ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ސްޕެއިންއާ ވާދަކުރީ ވޯލްޑް ކަޕްގެ ތަށި ދެ ފަހަރަށް ހޯދާފައިވާ އުރުގުއާއީއާއެވެ. މި މެޗަށް ނުކުތްއިރު މި މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އުރުގުއާއީއަށް ވެސް އޮތެވެ.

ދެވަނަ ބުރަށް ދިއުމަށްޓަކައި މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް އުރުގުއާއީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގެ ކުރީކޮޅު އެ ޓީމުން ވަނީ ސްޕެއިންގެ ފަހަތަށް ބާރުބޮޑުކޮށްފައެވެ.

ހާފުގެ މެދަކާއި ހިސާބުން މެޗުގެ ކޮންޓްރޯލް ސްޕެއިނުން ހޯދިއިރު، ހާފުގެ ފަހުކޮޅު އެ ޓީމުން ވަނީ އުރުގުއާއީގެ ގޯލަށް ނުރައްކާކޮށްފައެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަމުންދިޔަ ސްޕެއިނުން ލީޑު ނެގީ 42 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލެކްސް ބައޭނާއެވެ. އަލެކްސް ބައޭނާ މި ލަނޑު ޖަހާފައިވަނީ މާކޯސް ލޮރެންޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި އެއްވެސް ޓީމަކަށް ނުހިފުނުއިރު، ގޯލާއި ދިމާއަށް ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދެ ޓީމުގެ ކީޕަރު ވެސް ވަނީ ދިފާއު ކޮށްފައެވެ.

މި މެޗުން މޮޅުވެ ސްޕެއިން ހަތް ޕޮއިންޓް ހަމަކުރިއިރު، އުރުގުއާއީއަށް ލިބުނީ ދެ ޕޮއިންޓެވެ. މި ގުރޫޕުން ދެވަނަ ހޯދި ކޭޕް ވާޑޭއަށް ތިން ޕޮއިންޓް ލިބުނުއިރު، އެންމެ ފުލަށް ދިޔަ ސައުދީ އަރަބިއްޔާއަށް ވެސް ވަނީ ދެ ޕޮއިންޓް ލިބިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top