ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިސްރާއި އީރާން އެއްވަރުވެ މިސްރަށް ގުރޫޕްގެ ދެވަނަ
ފޮޓޯ: ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް 2026 ގައި މިއަދު މިސްރާއި އީރާން ބައްދަލުކުރި ފޯރިގަދަ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، އީރާނުން މިސްރު ހިފަހައްޓައިފިއެވެ. ސީޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އީރާނުން ނަތީޖާ ހަމަހަމަކުރީ މިސްރުން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައެވެ.

މެޗު ފެށިގެން މިސްރުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 5 ވަނަ މިނެޓުގައި މިސްރަށް ލީޑު ނަގައިދިނީ، ވޯލްޑް ކަޕްގައި އަލަށް ކުޅެން ނުކުތް މަހުމޫދު ސަބާއެވެ.

މި މެޗަކީ މުބާރާތުގައި ކުރިއަށް ދިއުމަށް އީރާނަށް މޮޅުވުން މަޖުބޫރު މެޗަކަށްވުމާއެކު، ލަނޑު ޖެހުމަށް އެ ޓީމުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި އީރާނަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ކެޕްޓަން މަހްދީ ޓަރެމީ ފޮނުވާލި ޕެނަލްޓީ މިސްރުގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން، މެޗުގެ 14 ވަނަ މިނެޓުގައި ރަމިން ރެޒައެއިން ވަނީ ލަނޑެއް ކާމިޔާބުކޮށް އީރާނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ ފަހު ވަގުތާ ހަމައަށްވެސް އީރާނުން ދިޔައީ ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން 88 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު، އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުން ގޯލެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.

މި ދެ ޓީމު ހިމެނޭ ގުރޫޕް ޖީގެ ތަރުތީބަށް ބަލާއިރު، ކުޅުނު ތިން މެޗުން ލިބުނު 5 ޕޮއިންޓާއެކު ބެލްޖިއަމް އެއްވަނައިގައި އޮތްއިރު، 5 ޕޮއިންޓާއެކު މިސްރު އޮތީ ތާވަލުގެ ދެވަނައިގައެވެ. އީރާން 3 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު، މި ގުރޫޕްގެ ފުލުގައި އޮތީ 1 ޕޮއިންޓާއެކު ނިއުޒީލޭންޑެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top