ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވަރަށް ބޮޑު އުންމީދަކާ އެކު ތައްޔާރުކޮށްފައިވާ ހުވަފެނީ ޕްރޮޖެކްޓް، ފިލްމު “ޖަންނަތު”ގެ ޓިކެޓް އަންނަ ހޯމަ ދުވަހުން ފެށިގެން އޮލިމްޕަސް ސިނަމާގެ ކައުންޓަރުން ވިއްކަން ފަށާނެކަން އެ ޕްރޮޑަކްޝަން ހައުސްއިން އިޢުލާން ކޮށްފިއެވެ.
މި ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑާކް ރެއިންގެ ފަރާތުން މުޙައްމަދު ޢަލީ (މޮގާ) ބުނީ، “ޖަންނަތު” ބަލަން ބޭނުންވާ ފަރާތްތަކަށް ހޯމަ ދުވަހުން (29 ޖޫން 2026) ފެށިގެން އޮލިމްޕަސް ޓިކެޓް ކައުންޓަރުން ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
ދިވެހި ސިނަމާގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މިހާރު ޝޫޓިންގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލާފައިވާ ފިލްމެކެވެ. މި ފިލްމު އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރުމަށް ތާވަލުކޮށްފައިވަނީ 3 އޯގަސްޓް 2026 ގައެވެ.
“ޖަންނަތު” ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގުބޫލު އެއް ތަރި ޝަރަފް ޢަބްދުﷲ އާއި އާމިނަތު ޝުހާގެ އިތުރުން ތަޖުރިބާކާރު އެކްޓަރު އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ޢާއިޝަތު ފުއާދު އަދި އަޙްމަދު ޠަލާލެވެ. ފިލްމުގެ ހިތްގައިމު މަންޒަރުތައް ކެމެރާކޮށް، ސިނެމަޓޯގްރަފީގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ޒިފާފެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނާ ގޮތުގައި، މި ފިލްމަކީ އާންމުކޮށް ގެނެސްދޭ ފިލްމުތަކާ ތަފާތު، ފެންވަރު ރަނގަޅު މަސައްކަތްތަކެއް ފެނިގެންދާނެ ފިލްމެކެވެ. އަދި ފިލްމަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންދާތީ، ވީހާވެސް އަވަހަކަށް ޓިކެޓް ބުކް ކުރުމަށް އެ ފަރާތުން އިލްތިމާސް ކުރެއެވެ.
