ފުޓްބޯޅަ އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ބާއްވާ 19 އަހަރުގެ ފުޓްބޯޅަ މުބާރާތް “ޔޫތު ޗެމްޕިއަންޝިފް 2026” ގެ ފުރަތަމަ މެޗުން މާޒިޔާ މޮޅުވެއްޖެއެވެ.
މިއަދު ހަވީރު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި އާއި ޓީސީ ސްޕޯރޓްސް ކުލަބެވެ.
މެޗު ފެށީއްސުރެ ރަނގަޅަށް ކުޅެމުންދިޔަ މާޒިޔާއިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ފަސްވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މާޒިޔާގެ ސީނިއާރ ޓީމާއި ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ މުޙައްމަދު އިލާން އިމްރާންއެވެ. އިލާންގެ މި ލަނޑަކީ މާޒިޔާ ކުޅުންތެރިއަކު މަތިމަތިން ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ނަތީޖާ ހަމަހަމަކުރެވޭތޯ ޓީސީން މަސައްކަތް ކުރަމުން ދަނިކޮށް މާޒިޔާއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. 19 ވަނަ މިނިޓްގައި މާޒިޔާއަށް މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މުޙައްމަދު އިލާން އިމްރާންއެވެ. އިލާން މި ލަނޑު ޖަހާފައިވަނީ ޓީސީ ހާފުގެ މެދަކާއި ހިސާބުން އޭނާއަށް ލިބުނު ބޯޅަ، ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާތެރެއަށް ވަދެ މަތިމަތިން ކީޕަރުގެ ދުރު ކަނަށް ވައްދާލައިގެންނެވެ.
މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔަ މާޒިޔާއަށް އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ނާޝިއު އަޙްމަދު ޝިހާމްއެވެ. ނާޝިއު މި ލަނޑު ޖަހާފައިވަނީ ޓީސީގެ އޭރިޔާތެރެއިން ލިބުނު ބޯޅަ އޭނާ ކައިރިއަށް އައި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު، ގޯލުގެ މަތީ ކަނަށް ވައްދާލައިގެންނެވެ.
ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކުއެވެ.
ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދެއްކި މާޒިޔާއިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ 70 ވަނަ މިނިޓްގައެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ރޮނގު ކައިރިއަށް ޖެހިލުމަށްފަހު ތިރިތިރިން ގޯލުގެތެރެއަށް ވައްދާލައިގެން މާޒިޔާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އައިދު މުޙައްމަދު ޖަވީޒްއެވެ.
މާޒިޔާ ކުޅުންތެރިއަކު ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު، ޓީސީގެ ޑިފެންޑަރަކާއި ކީޕަރާއި ދޭތެރެއިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މާޒިޔާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިލާން އިމްރާންއެވެ. މި ލަނޑާއިއެކު މުބާރާތުގެ ފުރަތަމަ މެޗުގައި އިލާން މިވަނީ ހެޓްރިކް ހަދާފައެވެ.
މާޒިޔާގެ ހަވަނަ ލަނޑު ޖަހައިދިނީ ނަހީކް އަޙްމަދު ނިޔާޒްއެވެ. މަތިމަތިން ގޯލު ކުރިމައްޗަށް ނައްސާހް ނަގައިދިން ބޯޅަ ނަހީކް ގޯލްގެތެރެއަށް ފޮނުވާލީ ބޮލުންނެވެ.
ފަހު ހާފުގައި ބަދަލަކަށް ކުޅެން ނުކުތް ނަހީކް އަޙްމަދު ނިޔާޒް މާޒިޔާގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު މެޗު ނިމުމުގެ ކުރިން މާޒިޔާއިން ވަނީ އަށްވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު މާޒިޔާއަށް ޖަހައިދިނީ މުޙައްމަދު އިލާން އިމްރާންއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާއަށް ހަތަރު ލަނޑު ޖަހައިދިން އެ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާންއެވެ.
މި މުބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯރޓްސް ކުލަބާއި ކެޔޮދޫއެވެ.
