ވިޔާމް ބޭބެ ބުނާ ގޮތުން އަހަރެން ކަންކަން ދަސްކުރަނީ ވަރަށް ލަހުންނެވެ. އެކަމަކުވެސް އަހަރެން މިދަނީ ވަސީމް ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ ފެނުމުން އަހަރެން ހާސްވެ، ބުނަން ބޭނުންވާ ވާހަކަވެސް ހަނދާން ނެތެއެވެ. އެހެންނަމަވެސް، މިއަދު އަހަރެން ނިންމައިފީމެވެ. އަހަރެން އޭނާއާ ރަނގަޅަށް ވާހަކަދައްކާނަމެވެ. އޭނާގެ އެ ތޫނު ދެލޮލަށް ބަލާފައި އަހަރެންގެ ހިތްވަރު އެލިގެންނުދާނޭ ކަމަށް އުންމީދު ކުރަމެވެ. އަހަރެން މި ގުޅުމަށް މަސައްކަތް ކުރާ ފަދައިން، އޭނާވެސް އަހަންނާ ދިމާއަށް އެންމެ ފިޔަވަޅެއް ނަމަވެސް އަޅަންޖެހޭނެއެވެ.
މި ވާހަކަދައްކަން ޖެހުމުން އަހަރެން ބިރުގަތް ނަމަވެސް، އަހަރެން ހުރީ މިކަން ކުރަން އަޒުމް ކަނޑައަޅައިގެންނެވެ. އަހަރެމެންގެ ދެމެދުގައިވާ މި ދުރުކަން ނައްތާލަންވީ ވަގުތު ޖެހިއްޖެއެވެ.
—–
ހިތުގެ ސިއްރުތައް
ލިޔުންތެރިޔާގެ ނަޒަރުން
ރޭގަނޑު 10 ޖެހިއިރު، މުޅި އައްބާސް ގަނޑުވަރު ފަދަ ގެއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. އެންމެން ރޭގަނޑުގެ ކެއުން ނިންމައިގެން ކޮޓަރިތަކަށް ގޮސްފި އެވެ. ނަމަވެސް ވަހީދާ އަދިވެސް އިނީ އެ ބޮޑު ގޭގެ ހިމޭންކަމުގެ ތެރޭގައި، އޭނާގެ ފިރިމީހާ އަންނާނެ އިރަކަށް ކެތްތެރިކަމާއެކު އިންތިޒާރު ކުރާށެވެ.
ވަހީދާ މަޑުމަޑުން އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައީ އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ވަހީދާ: “އޭނާއަށް ރަނގަޅަށް އެނގޭނެ އޭނާ ނުކަނީސް އަހަރެން ނުކާނެކަން. އެކަމަކުވެސް ގަޑިއަކަށް ނާންނާނެ. ކަޅުކަޅު، ބޮޑާ، މޮޔަ މީހެއް!”
އޭނާގެ ޝަކުވާތައް މެދުކެނޑުނީ ދޮރުގެ ބެލް ޖެހުމުންނެވެ. ވަގުތުން އޭނާގެ މޫނުމައްޗަށް އުޖާލާ ހިނިތުންވުމެއް އައިސް، އަވަސް އަވަހަށް ދޮރާ ދިމާލަށް ދިޔައެވެ.
ދޮރު ހުޅުވާލުމާއެކު، އޭނާގެ ރީތި ފިރިމީހާ ކުރިމަތީގައި ހުއްޓެވެ. އޭނާގެ ކޯޓު އޮތީ ވައަތްމަތީގައި އަޅުވާލާފައެވެ. ގަމީހުގެ އަތް އޮތީ އޮޅާލާފައެވެ.
ވަހީދާ ކުޑަވަގުތުކޮޅަކަށް އޭނާއަށް ބަލަހައްޓައިގެން ހުރީ އަމިއްލަ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. ނަމަވެސް ވަސީމް ކަރުކެހިލުމުން އޭނާ ސިހިފައި ހަގީގީ ދުނިޔެއަށް އައެވެ. ވަސީމްގެ ތޫނު ދެލޮލާ އޭނާގެ ކަޅި ބައްދަލުވި ވަގުތު، ވަހީދާ ލަދުގަނެ އިސްޖަހާލިއެވެ. އަދި އެއްވެސް އެއްޗެކޭ ނުބުނެ އަވަހަށް ބަދިގެއާ ދިމާލަށް ހިނގައިގަތެވެ.
ވަސީމްއަށް އޭނާގެ މި އާދަޔާޚިލާފު އަމަލު ފާހަގަވެ، ނުރުހުމުގެ ނަޒަރަކުން ބަލާލިއެވެ. އޭނާ ހައިރާންވެ ހުރެ، ވަހީދާގެ ފަހަތުން ކާގެއާ ދިމާލަށް ދިޔައެވެ.
ވަސީމް ހިތަށް އެރިއެވެ. “އޭނާއަށް އަހަރެން އަބަދުވެސް ފެންނަނީ އޭނާގެ ދިރިއުޅުމުގެ ވިލަންއެއްގެ ގޮތުގައި ކީއްވެބާ؟ އަހަރެން އޭނާއަށް އަނިޔާއެއް ކޮށްފާނެ ކަމަށް އޭނާ ބިރުގަންނަނީ ކީއްވެ؟”
އޭނާގެ ހިތުގެ އަޑު ބުންޏެވެ. “އޭނާ ކަލެއަށް ބަލާފައި ހިނިތުންވާންވީ ކޮން ސަބަބަކާ ހުރެ؟”
ވަސީމް އެ ޚިޔާލުތައް އެއްފަރާތްކޮށްލަމުން “އެންމެ ރަނގަޅު” އޭ ބުނެލިއެވެ.
އޭނާ އެހެން ބުނި އަޑަށް ވަހީދާ ބަލާލިއެވެ. އަދި އަނެއްކާވެސް އިސްޖަހާލައިގެން އިނދެ، ދެ ތަށްޓަށް ކާއެއްޗެހި އެޅިއެވެ. ކޮންމެ ދުވަހަކުވެސް އަމަލުކުރާ ފަދައިން، އެމީހުން ރޭގަނޑުގެ ކެއުން ނިންމާލީ އެއްވެސް ވާހަކައެއް ނުދައްކާ ހިމޭންކަމާއެކުގައެވެ.
ކައި ނިމުމުން ވަހީދާ ތަށިތައް ދޮންނަން ބަދިގެއަށް ދިޔައެވެ. ވަސީމް އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
ނަމަވެސް ކޮޓަރިއަށް ވަންނަން އުޅެނިކޮށް، އޭނާގެ ކޮއްކޮ ވިޔާމް ގޮވާލިއެވެ.
ވިޔާމް: ” ބޭބޭ”
ވަސީމް: “އާނ؟”
ވިޔާމް: “ބޭބޭ، އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުން.”
ވަސީމް: “އާނ، ބުނޭ.”
ވިޔާމް: “މިތާކު ނޫން. އަހަރެންގެ ކޮޓަރިއަށް އައިސްދީފާނަންތަ؟”
ވަސީމް ބޯޖަހާލިއެވެ. ދެބެން އެކުގައި ވިޔާމްގެ ކޮޓަރިއަށް ދިޔައެވެ.
ވިޔާމް: “ބޭބޭ، އިށީނދެބަލަ.”
ދެމީހުން ސޯފާގައި އިށީނުމުން ވަސީމް އެހިއެވެ. “އާނ ވިޔާ، ކިހިނެއްވީ؟”
ވިޔާމް: “އަހަންނަށް ވިޔާއޭ ކިޔާފައި ގޮވާނުލާތާ ކިތަންމެ ދުވަހެއް ވެއްޖެ.”
ވަސީމް އިސްޖަހާލިއެވެ.
ވިޔާމް ކުރިއަށް ގެންދިޔައެވެ. “ބޭބެ ތިހެން ތިއުޅެނީ ކީއްވެ؟ ވަހީދާއަކީ ބޭބެގެ އަނބިމީހާ ކަމަށް ބަލައި ނުގަންނަނީ ކީއްވެ؟ ދެ ހަފްތާ ވެއްޖެ ބޭބެ ގޭގައި ވަގުތު ހޭދަނުކުރާތާ. ބޭބެ ނެތުމުން އަހަރެމެން އެންމެންނަށް ކުރާ އަސަރު އެނގޭތަ؟ ވަހީދާ އެއްވެސް އެއްޗެކޭ ނުބުންޏަސް، އޭނާ ބޭބެގެ ލޯތްބަށް އިންތިޒާރު ކުރޭ. އޭނާ އެދަނީ އެންމެ ފުރިހަމައަށް މަސައްކަތް ކުރަމުން. އެކަމަކު ބޭބެ…”
ވަސީމް ބުންޏެވެ. “ބަލަ، ތިޔަ އެންމެން ބުނެގެން އަހަރެން އޭނާއާ އިނީ. ދެން އިތުރު ކަމަކަށް އުއްމީދު ނުކުރޭ.”
ވަސީމް ތެދުވެގެން ދާން އުޅުމުން ވިޔާމް އޭނާ ހުއްޓުވިއެވެ. “ބޭބޭ، މަޑުކުރޭ. ބައްޕަ އޮތީ މި ވާހަކަ ނުބުނަން ބުނެފަ. އެކަމަކު މިހާރު މިއީ ބޭބެއަށް އެނގެން މުހިންމު ކަމެއް. ވަހިއްތަ އެހެން ހިތާމައިގައި އުޅޭތަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ.”
ވިޔާމް އެ ސިއްރު ވަސީމްއަށް ކިޔައިދިނެވެ. އެ ވާހަކަ އަޑުއިވުމުން ވަސީމްގެ ލޯ ފެންކަޅިވިއެވެ.
ވަސީމް: “ވިޔާމް، ތި ބުނީ ހަމަ ތެދެއްތަ؟”
ވިޔާމް: “އާނ، ބޭބޭ.”
ވަސީމް: “ކީއްވެ ކުރިން ނުބުނީ؟”
ވިޔާމް: “ސަބަބަކީ ބައްޕަ ބޭނުންވީ ބޭބެ އޭނާ ދެކެ ލޯބިވާންވީ އެހެން ކަމަކަށްޓަކައެއް ނޫން، އޭނާއަކީ ކާކުކަން އެނގިގެން ކަމަށްވާތީ.”
ވަސީމް ދެއަތުން މޫނު ފޮރުވާލައިގެން އިށީނެވެ. “ޔާﷲ، އަހަންނަށް މި ކުރެވުނީ ކީއް؟ ދެން އަހަރެން އޭނާގެ ކުރިމައްޗަށް ދާނީ ކިހިނެއް؟”
ވިޔާމް ހިތްވަރު ދިނެވެ. “އެންމެ ރަނގަޅު ބޭބޭ. އަލުން އާ ފެށުމަކުން ފެށިދާނެ. ބޭބެއަށް ވަހިއްތަ މާފުކުރާނެ.”
ވަސީމް ދެރަވެފައި ބުންޏެވެ. “ވިޔާމް، އަހަރެންގެ ދިރިއުޅުމުގެ އެންމެ ރީތި ދުވަސްތައް ބޭކާރުކޮށްލެވިއްޖެ. މިވީ ދެ ހަފްތާގައި އޭނާ ކިހާ ދެރަވާނެ. އަހަރެން އޭނާއާ މެދު ކަންތައް ކުރީ ވަރަށް އިހާނެތިކޮށް.”
ވިޔާމް ބުންޏެވެ. “ބޭބޭ، އަހަރެންގެ އެދުމެއް އެބައޮތް. މީގެ އަހަރުތަކެއް ކުރިން ވަހިއްތައަކީ ވަރަށް އުފާވެރި ކުއްޖެއް. އަހަރެންގެ އެ އުފާވެރި ދައްތަ އަނބުރާ ހޯދައިދީ.”
ވަސީމް ވައުދުވިއެވެ. “ޝުކުރިއްޔާ ތި ހުރިހާ ވާހަކައެއް ކިޔައިދިނީތީ. އަހަރެން ވައުދުވަން، އޭނާގެ އުފާވެރިކަން އަނބުރާ ހޯދައިދޭނަން.”
ވިޔާމް ސަމާސާކޮށްލިއެވެ. “ބަލަ ބަލަ، މީހަކު މިހާރު ލޯބިވާން ފެށީ ދޯ؟” އެހެން ބުނުމުން ވަސީމް ލޯތްބާއެކު ވިޔާމްގެ ބަނޑުގައި ކުޑަ އެތިފަހަރެއް ޖަހާލިއެވެ.
ވަސީމް އޭނާގެ ކޮޓަރިއަށް ވަންއިރު، ވަހީދާ ސޯފާގައި ނިދަން ތައްޔާރުވަނީއެވެ. އޭނާ މަޑުމަޑުން ދޮރުމަތީގައި ހުރެ ވަހީދާއަށް ބަލަހައްޓައިގެން ހުއްޓެވެ. ވަހީދާއަށް ވަސީމް ހުރިކަން އެނގުމުން ސިހިފައި ތެދުވިއެވެ.
ވަހީދާ: “ވަ… ވަސީމު ތޯ؟”
ވަސީމް ހިނިތުންވުމަކާއެކު އެހިއެވެ. “އަހަރެންގެ އަމިއްލަ ކޮޓަރިއަށް އަހަންނަށް ނާދެވޭނެތަ؟”
ވަހީދާ ޖެހިލުންވެފައި ހުރެ ބުންޏެވެ. “ނޫން… އަހަރެން… އަހަރެން ބުނަން އުޅުނު އެތީގެ މާނައަކީ…”
ވަސީމް ކައިރިއަށް ޖެހިލުމުން ވަހީދާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ވަސީމް ލޯތްބާއެކު އޭނާގެ ކޮނޑުގައި އަތްބާއްވާލައި، ސޯފާގައި އިށީނުމަށް އެހީތެރިވިއެވެ. އަދި އޭނާގެ ދަތްދޮޅީގައި ހިފާ އުފުލާލައި، އޭނާގެ ދެލޮލަށް ބަލާލިއެވެ.
ވަސީމް: “އަހަންނަށް މާފުކުރޭ، ވަހީދާ.”
ވަހީދާ ހައިރާންވެފައި ބުންޏެވެ. “ކީއްވެތަ މާފަށް ތި އެދެނީ؟”
ވަސީމް: “އިހާނެތިކޮށް ކަންތައް ކުރެވުނީތީ. އަހަރެން ބޭނުމީ އަލުން އާ ފެށުމަކުން ފަށަން. ވަހީދާ، އަހަރެމެންނަށް އަލުން އާ ފެށުމަކުން ފެށިދާނެތަ؟”
ވަހީދާގެ ދެލޯ ކަރުނުން ފުރުނެވެ. އޭނާގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފެނުމުން، ވަސީމްގެ ހިތް ކުދިކުދިވެގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ.
ވަސީމް އަވަސްއަވަހަށް ބުންޏެވެ. “އޭއި، ނުރޮއިބަލަ، އާދޭސްކުރަން. މި ބުނި ގޮތް ބޭނުން ނޫން ކަމަށްވާނަމަވެސް އެންމެ ރަނގަޅޭ…”
ނަމަވެސް ވަސީމްގެ ވާހަކަ ނުނިމެނީސް ވަހީދާ މެދުކަނޑާލިއެވެ. “ނޫން ނޫން، އަހަރެން އެހެންނެއް ނޫން މި ބުނީ. ވަސީމަށް އެހެން ހީވިނަމަ މާފުކުރޭ. އަހަރެން ތައްޔާރު. އާނ، އަހަރެމެންނަށް އަލުން ފެށިދާނެ. އަހަރެންވެސް މިއުޅުނީ އެވާހަކަ ދައްކަން.”
އޭނާ އެހެން ބުނެފައި އަނެއްކާވެސް އިސްޖަހާލިއެވެ. ވަސީމްގެ މޫނުމައްޗަށް ހިނިތުންވުމެއް އައެވެ.
ވަސީމް އެހިއެވެ. “އަޅެ އަހަރެން ގާތު ބުނެދީފާނަންތަ، ކީއްވެގެންތަ އަބަދު އަހަރެންދެކެ ބިރުގަންނަނީ؟”
ވަހީދާ ޖެހިލުންވެފައި ހުރެ ބުންޏެވެ. “އަހަރެން ބުނެފިއްޔާ ވަސީމު ރުޅިއެއް ނާންނާނެތަ؟”
ވަސީމް ޔަގީންކަން ދިނެވެ. “އަހަރެން ކީއްވެ ރުޅިއަނަންވީ؟ ދެން ބުނެބަލަ.”
ވަހީދާ ކިޔައިދިނެވެ. “އަހަރެމެން ކައިވެނިކުރި ފުރަތަމަ ދުވަހު، ވަސީމު ފޯނުން މީހަކާ ދިމާލަށް ވަރަށް ބާރަށް ހަޅޭއްލަވާ އަޑު އަހަރެން އެހިން. އަދި ވިޝާލް އާ ވިފާޤް ބުނި އެކުދިންގެ ތި ބޭބެއަކީ ވަރަށް ރުޅިގަދަ ބޮޑާ މީހެކޭ. އެހެންވެ އަހަރެން ހީކުރީ އަހަރެން އެއްޗެކޭ ބުނެފިއްޔާ ވަސީމު އަހަރެންނާ ދިމާލަށް ހަޅޭއްލަވާނެ ކަމަށް. އެކަކުވެސް އަހަރެންނާ ދިމާލަށް ހަޅޭއްލެވުމަކީ އަހަންނަށް ކެތްކުރެވޭނެ ކަމެއް ނޫން.”
ވަސީމް އޭނާގެ އަނބިމީހާ މައުސޫމްކަމާ މެދު ހިނިތުންވެލިއެވެ. އަދި ބުންޏެވެ. “ވަހީދާ، ތި ކުޑަކުޑަ ސިކުނޑިއަށް ވައްދާ، އަހަރެން ދުވަހަކުވެސް ކަލެއާ ދިމާލަށް ހަޅޭއް ނުލަވާނަން. ކޮންމެ ވާހަކައެއްވެސް އަހަންނާ ހިއްސާކުރެވޭނެ، އެނގިއްޖެ؟ އަދި އެ ދެ މޮޔައިން ދައްކާ ވާހަކަ ގަބޫލުކުރުން ހުއްޓާލާ.”
ވަހީދާ ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. އަދި ވަސީމް ވަރުބަލިވެފައި ހުރުމުން، އޭނާ ނިދަން ތައްޔާރުވުމަށް އެހީތެރިވެދިނެވެ. ވަހީދާ އޭނާއަށް ބޭނުންވާ އެއްޗެހި ނަގައިދިނުމަށްފަހު، ވަސީމް ފާޚާނާއަށް ދިޔައެވެ.
ވަސީމް ހިތަށްއެރިއެވެ. “މިވީ ދެ ހަފްތާގައި އަހަންނަށް މި ކުރެވުނީ ކީއް؟ މިހާ މައުސޫމް އިންސާނަކަށް އިހުމާލުވެ އަނިޔާވެރިވެވުނީ ކިހިނެއް؟ އަހަރެން ވައުދުވަން، މިއަދުން ފެށިގެން އަހަރެމެންގެ ދިރިއުޅުން އުފާވެރިކަމުން ފުރާލަދޭނަން.”
ވަސީމް އެއްޗެހި ބަދަލުކޮށްގެން އައިއިރު، ވަހީދާ އޭނާގެ ދިގު އިސްތަށިގަނޑު އޮޅަނީއެވެ. ވަސީމްއަށް އެ މަންޒަރު ވަރަށް ކަމުދިޔައެވެ. ވަހީދާ ސޯފާގައި ނިދަން އުޅުމުން ވަސީމް އޭނާ ހުއްޓުވިއެވެ.
ވަސީމް: “ސޯފާގައި ނިދާނެ ކަމެއް ނެތް. ކަލޭ އެނދުގައި ނިދާ. އަހަރެން ސޯފާގައި އޮވެދާނަން.”
ނަމަވެސް ވަސީމްއަކީ އިސްކޮޅުން ދިގު މީހަކަށް ވުމުން ސޯފާގައި އޭނާއަށް އުނދަގޫވާނެކަން ވަހީދާއަށް ފާހަގަކުރެވުނެވެ. ވަހީދާ ހިތްވަރުކޮށްފައި ބުންޏެވެ.
ވަހީދާ: “އަޑުއަހާބަލަ…”
ވަސީމް: “އާނ، ބުނޭ.”
ވަހީދާ ޖެހިލުންވެ ހުރެ ބުންޏެވެ. “މި އެނދުގައި އަހަރެމެން ދެމީހުންނަށް ނިދޭނެހާ ޖާގަ އެބައޮތް. އަދި ވަސީމު ބުނީމެއްނު އަލުން ފަށާށޭ، އެހެންވީމާ އުނދަގުލެއް ނުވަންޏާ… އަހަރެމެން ދެމީހުންނަށްވެސް އެނދުގައި ނިދިދާނެ.”
ވަސީމް އުފަލުން ހުރެ އެހިއެވެ. “އަހަރެން ކަލޭގެ ކައިރީގައި އޮތުމުން އުނދަގުލެއް ނުވާނެތަ؟”
ވަހީދާ ބޯޖަހާލިއެވެ.
ވަސީމް ސަމާސާކޮށްލިއެވެ. “އަހަރެން ކަމެއް ކޮށްފިއްޔާ؟”
ވަހީދާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. “އަހަރެން ވަސީމަށް އިތުބާރުކުރަން.”
އެ ޖުމްލައިން ވަސީމްގެ ހިތަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބުނެވެ. އޭނާ އަވަހަށް އެނދުގެ އެއްފަރާތުގައި އޮށޯތެވެ. ވަހީދާވެސް ލަދުން ހުރެ އެނދުގެ އަނެއް ފަރާތުގައި އޮށޯވެ، ރަޖާގަނޑު އަޅައިފިއެވެ.
ނިދުމުގެ ކުރިން ވަހީދާ އެހިއެވެ. “ވަސީމު މި ކައިވެންޏާ މެދު އުފަލެއް ނުވޭތަ؟”
ވަސީމް ޖަވާބުދިނެވެ. “އެހެންނެއް ނޫން. އަހަރެން މިއީ ވަރަށް ފިނޑި މީހެއް. އަމިއްލަ ޒިންމާތަކުން ފިލަން ދުވީ. އެކަމަކު މިހާރު ހުރިހާ ކަމެއް ރަނގަޅުވާނެ. ދެން ނިދާލާ.”
ދެމީހުން އެކަކު އަނެކަކަށް އުފާވެރި ރެއަކަށް އެދެމުން، އާ އުއްމީދުތަކަކާއެކު ނިދީގެ ފުން ކަނޑަށް ގެނބިގެން ދިޔައެވެ.
— ނުނިމޭ —
