ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މާރވޭމްޕްސް –  ބާބު 06

އަހަރެން އަނެއްކާވެސް ފޫހިވެގެން ދެލޯ މަރާލީމެވެ. އަހަރެންގެ ކޮއްކޮއަށް ބައެއް ކަންކަން ދަސްކޮށްދޭން ޖެހޭނެއެވެ. އެކަމަކު، މި ކަހަލަ އާދައިގެ ކަންކަންވެސް އެ ކަނޑުގެ ރާނީއަށް ކަމުދާ ކަހަލައެވެ. ކޮންމެއަކަސް، މިއަށްވުރެ އިތުރަށް ބަލަން ހުރުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ދޮރުގެ އޮނިގަނޑުން އަތް ދޫކޮށްލަމުން، އަހަރެން ނުރުހުމުގެ އަޑެއް ލައްވާލުމަށްފަހު އެތަނުން ދާން ހިނގައިގަތީމެވެ.

“އެއީ ކޮން އަޑެއް؟” އޭނާ ސިހިފައި ބުނި އަޑު އިވުނެވެ. އަދި އޭނާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އަހަރެން ހިނިތުންވެލީމެވެ. އޭނާގެ ހިތުގެ ވިންދަށް އަހަރެން ކުރާ އަސަރާ މެދު އަހަރެން ހިތްހަމަޖެހެއެވެ. އަހަރެން މާ ގާތްވުމުން އޭނާ ހާސްވާ ގޮތް އަހަންނަށް ކަމުދެއެވެ. އެކަމަކު އޭގެ މާނައަކީ އެއްވެސް ކަމެއް އޮތުމެއް ނޫނެވެ. އޭނާއަށް އަހަރެން ކަމުދަނީއެއް ނޫނެވެ… އަދި ހަމަ ޔަގީނުންވެސް އަހަރެން އޭނާއާ ގަޔާވަނީއެއް ނޫނެވެ.

އަހަރެމެން ދެމެދުގައި އެއްވެސް ކަމެއް ނެތެވެ… ދޯއެވެ؟

🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️

އަޒްމާރާގެ ނަޒަރުން

ކިޔާމްއާ އެކު ދެކެވުނު ދިގު އަދި ހިތްހަމަޖެހޭ ވާހަކަތަކާއި، ރޭގަނޑުގެ މީރު ކެއުމަކަށްފަހު، އަދި ލިޔާމްގެ ބައެއް ހަރުކަށި ބަސްތަކަށްފަހު، އަހަރެން އަނެއްކާވެސް މިއޮތީ އަހަރެންގެ އެނދުގެ ހޫނު ބެޑްކަވަރުގެ ތެރޭގައެވެ. މިރޭ އަހަރެން ލައިގެން މިއޮތީ ފައުޒާގެ ކަޅުކުލައިގެ ފަށުވި ނިދާ ހެދުމެކެވެ.

ނުތަނަވަސްކަމާއެކު އަހަރެން އެނދުގައި ފުރޮޅި ފުރޮޅި އޮތީމެވެ. ބުނެވޭ ގޮތުގައި ދާމިން ނުވަތަ އެހެންވެސް ނޭދެވޭ ލޭއިންސިއަކަށް މި ކޮޓަރިއަށް ނުވަދެވޭނެކަން ކަށަވަރު ކުރުމަށްޓަކައި، މުޅި ރޭގަނޑު ލިޔާމް ނުވަތަ ކިޔާމް ނުވަތަ އެ ދެމީހުންވެސް އަހަރެންގެ ކޮޓަރީ ދޮރުމަތީގައި ފާރަޔަށް ތިބޭނެއެވެ. މި ގަނޑުވަރުގައި ދިރިއުޅޭ އާއިލާގެ ހުރިހާ މެންބަރުންނަށާއި މެހެމާނުންނަށް އަހަރެން މިތާ ހުރިކަމާއި، އަހަންނަށް އެއްވެސް ގެއްލުމެއް ދީގެން ނުވާނެކަން ވަނީ އަންގާފައެވެ. ނަމަވެސް އެއީ ގިނަ ބަޔަކު އެކަމަށް ބޯލަނބާނެ ކަމެއް ނޫނެވެ. އެހެންކަމުން އަލްޔާން ނިންމީ ރޭގަނޑުގެ ހުރިހާ ވަގުތެއްގައާއި ދުވާލުގެ ގިނަ ވަގުތުތަކުގައި އަހަރެންގެ ކޮޓަރީގެ ފޯރިމަރަން ބެހެއްޓުމަށެވެ.

އޭގެ މާނައަކީ ލައްޕާފައިވާ އަހަރެންގެ ކޮޓަރީގެ ދޮރުން ބޭރުގައި އެމީހުން ތިބޭ އަޑު އަހަންނަށް އިވޭނެއެކޭ ނޫނެވެ. ލިޔާމް ފަދަ މީހަކުވެސް މުޅި ރޭގަނޑު ހޭލާ ހުރެ އަހަރެންގެ ދޮރު ފާރަވެރިވާން އެއްބަސްވި ނަމަ، އެކަމުގައި ނުރައްކާތެރިކަމެއް އޮންނާނެކަން ޔަގީނެވެ. އެހެން ނޫންނަމަ އޭނާ އެކަމެއް ނުކުރާނެއެވެ.

އަހަރެން ހާސްވެގެން ނުނިދިފައި އޮއްވާ، ކުއްލިއަކަށް ދޮރު ހުޅުވާލާފައި ލައްޕާލި އަޑު އިވުނެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެނދުގައި ސީދަލަށް ތެދުވެ އިށީނދެވުނެވެ.

“ހަމަޖެހިބަލަ ބަސްނާހާ ކުޑަކުއްޖާ، މިއީ މަށޭ،” ލިޔާމް މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސްވުމުން އޭނާ އުފާވާތީ އަހަރެން ގާތަށް ރުޅިއައެވެ. އޭނާ އަހަރެން ފޫހިކުރުވާތީވެސް ރުޅިއައެވެ. އަދި އޭނާ އެގޮތަށް މަލާމާތްކޮށްލުމުން އަހަރެންގެ ހިތުގެ ތެޅުން ހަމައަކަށް އަޅުވަން މަސައްކަތް ކުރަން ޖެހޭތީވެސް ރުޅިއައެވެ. އޭނާގެ އެ ދިގު ކަޅު އިސްތަށިގަނޑާއި، އަލިފާން ފަދަ ނޫކުލައިގެ ލޮލާއި، ކޮލުގެ އުސް ކަށިގަނޑާއި، ވަރުގަދަ ހަށިގަނޑާއެކު އެހާ ރީތިވާން ޖެހޭތީވެސް އަހަރެން ފޫހިވިއެވެ.

“ތިޔަ ބަލަނީ އަހަރެންގެ ރީތިކަމަށްތަ؟” އޭނާ އަހަރެންގެ ގާތަށް ހިނގައިގަންނަމުން އަނެއްކާވެސް އެ މަލާމާތުގެ ހިނިތުންވުން ދައްކާލިއެވެ.

“ދުވަހަކުވެސް ނުބަލާނަން،” އަހަރެން ހައިރާންވެފައި، ދެއަތް މޭމަތީގައި ބަނދެލަމުން ބުނީމެވެ.

“ހަމަގައިމުވެސް ތިޔަ އިނީ އަހަންނަށް ބަލަން،” އޭނާ އެނދު ކައިރީގައި ހުރި ގޮނޑިއެއް ދަމާލައި އިށީނެވެ.

“ކީއްކުރަން މިތަނަށް ތިޔަ އައީ؟” އަހަރެން ރުޅިވެރިކަމާއެކު އޭނާއަށް ބަލާލީމެވެ.

“ކަލޭގެ ކުޑަކުޑަ ‘ކްރަޝް’ ޔާމް ނިންމީ އަހަރެމެންގެ ތެރެއިން މީހަކު މިތާ އެތެރޭގަ ހުރުން އެންމެ ރަނގަޅުވާނެ ކަމަށް، ސަބަބަކީ ކަލޭގެ ހިތް ވަރަށް ބާރަށް ތެޅޭތީ. އަހަންނަށް އެއީ ވަރަށް މަޖާ ކަމެއް، އެކަމަކު އޭނާ…”

“ކްރަޝް؟” އަހަރެން ހައިރާންވެފައި އޭނާގެ ވާހަކަ މެދުކަނޑާލީމެވެ.

“އޯހް ހޯ، ތިޔަހެން އުޅޭނެ ކަމެއް ނެތް،” އޭނާ ފޫހިވެފައި ބުންޏެވެ.

“ތިޔަ ބުނާ އެއްޗެއް އަހަންނަކަށް ނޭނގޭ،” އަހަރެން ހަރުކަށިކޮށް ބުނީމެވެ.

“ދޮގުނަހަދާ،” އޭނާ ރުޅިވެރިކަމާއެކު ބުންޏެވެ، “މިއަދު ތަންކޮޅެއް ކުރިން ތިޔަ ދެމީހުން އެނދުގަ ތިއްބާ އަހަރެން ދުށިން.”

“އަހަރެމެން ހަމައެކަނި ވާހަކަ ދެއްކީ،” އަހަރެން ސާފުކޮށްދިނީމެވެ، “އަހަރެމެންނަކީ ހަމައެކަނި އެކުވެރިން.”

“އަހަންނަށް ކޮން ކަމެއް؟ ކީއްވެ ތިޔަ ކަންތައް އަހަންނަށް ސާފުކޮށްދެނީ؟” އޭނާ ބުމަ އަރުވާލިއެވެ.

“އަހަރެން…” އަހަރެން އޭނާއަށް އެކަން ކިޔައިދޭން މި އުޅެނީ ކީއްވެ ހެއްޔެވެ؟ އޭނާ އަހަރެންނާއި ކިޔާމްއާ މެދު ދެކޭ ގޮތަކުން އަހަންނަށް ކޮން ކަމެއް ހެއްޔެވެ؟ “އަހަރެންގެ ހިތަކު އޭނާއަށްޓަކާ އެފަދަ އިހުސާސެއް ނެތް،” އަހަރެން ސާބިތުކަމާއެކު ބުނީމެވެ.

“އެހެންވިޔަސް ހެޔޮ،” އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ނުލަފާ މީހާ،” އަހަރެން ބުނީމެވެ.
“ކުޑަކުއްޖާ.”
“ގަމާރު މީހާ.”
“ބޭބީ.”
“ނުބައި މީހާ.”
“އެތި،” އޭނާ ހީނލިއެވެ.

“އަހަންނަކީ އެއްޗެއް ނޫން!” އަހަރެން ޝަކުވާ ކުރީމެވެ، “އުފް!” އަހަރެން އޭނާއަށް ފުރަގަސްދީ އޮށޯވެ، ބެޑް ކަވަރު ނޭފަތާ ހަމައަށް ދަމާލީމެވެ.

އޭނާ މަޑުމަޑުން ހީނލި އަޑު އިވުނެވެ. އެ އަޑު އިވުމުން އަހަރެން ބޭނުންވީ އެނބުރިފައި އޭނާގެ މޫނުމަތީގައި ޖަހާށެވެ. އަހަރެން ބައިގަޑިއިރެއްހާއިރު މަޑުން އޮތީމެވެ. އޭނާ ނޭވާނުލާތީ އޭނާ ނިދާފައި އިނީއެއްކަމެއް ނޭނގެއެވެ. އޭނާ އެހާ ހިމޭނުން އިނީތީ އޭނާ އަދިވެސް އެތާ އިނީ ކަމެއްވެސް ނޭނގެއެވެ. ކެތްނުކުރެވިގެން އަހަރެން އޭނާއާ ދިމާއަށް އެނބުރުނީމެވެ. އޭނާ ހަމަ އެތާ އިނެވެ. ދެއަތް މޭމަތީގައި ބަނދެލައިގެން، ލޯ މަރާލައިގެންނެވެ. އަހަރެން މަޑުމަޑުން އެނދުގެ އަރިމައްޗަށް ޖެހިލީމެވެ. އޭނާގެ އެ އަމާން މޫނަށް އަހަރެން ބަލަން އޮތީމެވެ. އޭނާ ހަގީގަތުގައިވެސް ވަރަށް ރީއްޗެވެ. އޭނާގެ ތުންފަތް ވަނީ ހަމައަކަށް އެޅިފައެވެ. އޭނާގެ އިސްތަށިގަނޑު ހުރީ ތަރުތީބެއް ނެތި ނަމަވެސް، އެއީ އޭނާ ބޭނުންވާ ގޮތް ކަހަލައެވެ. އޭނާގެ ކޮލުގެ ކަށިގަނޑާއި ނޭފަތް ހުރީ ވަރަށް ފުރިހަމައަށެވެ. އޭނާ ކިޔާމްއާ ވައްތަރުކަން އަހަންނަށް ފާހަގަވިއެވެ. އެކަމަކު ލިޔާމް މާ ރީތިހެން ހީވެއެވެ.

ކުއްލިއަކަށް އޭނާގެ ތުންފަތުން އެ މަލާމާތުގެ ހިނިތުންވުން ފެނުނެވެ.
“އަދިވެސް ތިޔަ ބަލަނީ އަހަރެންގެ ރީތިކަމަށްތަ؟” އޭނާ މަޑުމަޑުން ލޯ ހުޅުވާލާފައި އަހަންނަށް ބަލާލިއެވެ.

“އަހަރެން… މިފަހަރަކު ނޫން،” އަހަރެން ރުޅިވެރިކަމާއެކު ބަލާލީމެވެ.

“އެހެންވީމާ މާ ކުރިން ބެލިކަމަށް އެއްބަސްވަނީތާ؟” އޭނާ ކުރިއަށް ޖެހިލިއެވެ، އޭނާގެ މޫނު ހުރީ އަހަރެންގެ މޫނާ ވަރަށް ކައިރީގައެވެ.

“ނޫން، އަހަރެން ނުބަލަން، އަދި ނުވެސް ބަލާނަން،” އަހަރެން ބުނީމެވެ. “ކަލެއަކީ އެއްވެސް ރީތިކަމެއް ހުރި މީހެއް ނޫން.”

“އަމިއްލަ ނަފްސަށް ދޮގުހަދަމުން ދޭ،” އޭނާ ފަހަތަށް ޖެހިލަމުން ބުންޏެވެ.

“އަހަރެން ކަލޭ ދެކެ ލައިކެއްނުވަން. ކަލެއަކީ ބަރުބާދު، ބޭކާރު، ހިތްހަރު، ފިނި އަދި ހިތެއް ނެތް މީހެއް. ތިހާ ހަރުކަށި މީހަކަށް ނޭނގޭނޭ ލޯބިން މީހަކާ ކިސްއެއް ކޮށްލަންވެސް،” އަހަރެން ހަރުކަށިކޮށް ބުނީމެވެ.

“އަހަރެންގެ ކިސްކުރުމުގެ ހުނަރު ވަރަށް ފުރިހަމަވާނެ. މި ގަނޑުވަރަށް އައި ކޮންމެ އަންހެން ކުއްޖަކު ގާތުގަވެސް އަހާބަލަ،” އޭނާ ރުޅިއައިސްފައި ބުންޏެވެ.

“އަހަރެން ގަބޫލެއް ނުކުރަން،” އަހަރެން މަލާމާތް ކުރީމެވެ، “އަންހެން ކުއްޖަކަށް ބޮސްދޭން އެނގޭނީ ލޯތްބާއި އޯގާތެރިކަން ހުރެގެން. ކަލެއަކީ މާ ބޮޑަށް ބާރު ފޯރުވަން އުޅޭ، އުނދަގޫބޮޑު މީހެއް.”

“ތިޔަހެން ތިޔަ ބުނަނީ އަހަރެން އެއީ ދޮގެއްކަން ސާބިތުކޮށްދިނުމަށްޓަކާ ކަލެއަށް ކިސްއެއް ދޭން ބޭނުންވާތީ ދޯ،” އޭނާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ.

“އީޔޫ! ނޫން!” އަހަރެން ހައިރާންވެފައި ބުނީމެވެ. ލިޔާމްގެ ތުންފަތް އަހަރެންގެ ތުންފަތުގައި ޖެހިދާނެ ކަމުގެ ޚިޔާލަށް އަހަރެންގެ ހިތް އާދަޔާޚިލާފަށް ތެޅިލިކަން އަހަންނަށް ފާހަގަވިއެވެ. އެއީ ވަރަށް ތަފާތު އިހުސާސެކެވެ.

“ހާހާ! ކަލޭގެ ހިތުގެ ތެޅުމުގެ އަޑުއަހާބަލަ،” އޭނާ އަހަރެންގެ ގާތަށް ޖެހިލިއެވެ، “އެއީ ތެދެއްކަން ކަލެއަށް އެނގޭ.”

“ދުވަހަކުވެސް ނުވާނެ!” އަހަރެން އޭނާއާ ދުރަށް ޖެހިލީމެވެ، “އަހަރެން ދުވަހަކުވެސް ކަލެއަށް ކިސްއެއް ނުދޭނަން!”

“ރަނގަޅު، ސަބަބަކީ އެއީ އަހަންނަށް އެއްވެސް އުފަލެއް ލިބޭނެ ކަމެއް ކަމަށް އަހަރެން ގަބޫލުވެސްކުރާ ކަމެއް ނޫން،” އޭނާވެސް ރައްދުގައި ހަރުކަށިކޮށް ބުންޏެވެ.

“އޯ، ކޮންމެއަކަސް ހެޔޮ،” އަހަރެން ތެދުވެ އިށީނދެ އޭނާއަށް ބަލާލީމެވެ، “ކަލެއަށް އަންހެނުންނެއް ނޭނގޭނެ، ދުވަހަކުވެސް ނޭނގޭނެ. ކަލެއަކީ ފިނި، ހިތެއް ނެތް މީހެއް. ކަލޭގެ އަމިއްލަ އާއިލާއަށްވެސް ކަލޭގެ އޯގާތެރިކަމެއް ނެތް.”

އޭނާ ރުޅިއައެވެ، “އަހަނަކަށް މާ ބޮޑަށް ތިފަދަ އިހުސާސްތައް ބަރުދާސްތެއް ނުކުރެވޭ، އަހަރެންގެ އަންހެންދުޅާ ކޮއްކޮއާ ދެއްކި އެންމެ ވާހަކައަކުން، ކަލެއަށް އަހަރެން އެނގޭ ކަމަށް ހީކޮށް ކުށްހީއެއް ނުކުރާތި.”

“ކިޔާމް އަކީ އަންހެންދުޅާ މީހެއް ނޫން. އޭނާއަކީ ވަރަށް ހިތްހެޔޮ މީހެއް،” އަހަރެން ބަހުސް ކުރީމެވެ.

“އޭނާއަށް މާ ބޮޑަށް ސަނާ ނުކިޔާ، ލޯބިވެގެން އުޅޭ ކަމަށް އޭނާއަށް ހީވެދާނެ،” ލިޔާމް ފޫހިވެފައި ލޯ އަރުވާލިއެވެ.

“އަހަރެން ލޯތްބެއް ނުވަން،” އަހަރެން ހައިރާންވެފައި ބުނީމެވެ.

“އަދިވެސް ބުނަންތަ ވާހަކައެއް… ވިޔަސް، ނުވިޔަސް މަށަށް ކޮން ކަމެއް؟” އޭނާ ބުންޏެވެ.

“އެހެން ވިއްޔާ، ކީއްވެ ކަލެއަށް އުނދަގޫވަނީ؟” އަހަރެން ދެއަތް ބަނދެލައި ބުމަ އަރުވާލީމެވެ.

“އަހަންނަށް އުނދަގުލެއް ނުވޭ. ކަލެއަށް ހީވަނީ ކަލެއަކީ ކާކު ކަމަށްތަ؟” އޭނާވެސް ދެއަތް ބަނދެލައި އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.

“ކަލެއަށް އުނދަގޫ ނުވާނަމަ އަހަރެންނާއި ކިޔާމް ދެއްކި ވާހަކަތައް އަޑެއް ނޭހީސް،” އަހަރެން ރައްދު ދިނީމެވެ.

“އަހަރެން އަޑެއް ނާހަން. އަހަރެން ހަމައެކަނި ބަލާލީ…”

“މަގޭ ރައްކާތެރިކަން ޔާމްއާ އެކު އޮތްކަން އެނގިހުރެ ބަލާލަންވީ ކީއްކުރަން؟” އަހަރެން ސުވާލު ކުރީމެވެ.

“އޭނާގެ ނަމަކީ ކިޔާމް، އަދި ކަލޭގެ ހިތުގެ ތެޅުން އަވަސްވި އަޑު އަހަންނަށް އިވުނު. އެހެންވިޔަ ނުދިނުމަކީ އަހަރެންގެ ވަޒީފާ. އަހަރެން މި ކުރަނީ އަހަރެންގެ މަސައްކަތް،” އޭނާ ރުޅިއައިސްފައި ބުންޏެވެ، “ކުއްލިއަކަށް ކަލޭ ތިޔަހާ ކަންކަމާ ބެހެނީ ކީއްވެ؟”

“ކަލޭ އަބަދުވެސް އަހަރެން ބިރުގަންނުވާ، އެހެންވެ ހިތުގެ ތެޅުން އަވަސްވަނީ،” އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ.

“އެއީ ތަފާތު ކަމެއް. އަހަރެން މިތާ ހުންނައިރު ކަލެއަށް އެއްވެސް ހަގީގީ ނުރައްކަލެއް ނެތްކަން އަހަންނަށް އެނގޭ،” އޭނާ ފޫހިވެފައި ބުންޏެވެ.

“ޔާމްއާ އެކު ހުންނައިރުވެސް އަހަންނަށް ނުރައްކަލެއް ނެތްކަން ކަލެއަށް އެނގޭނެ،” އަހަރެން ބާރުލާފައި ބުނީމެވެ.

“ހަގީގަތުގަ އަހަންނަކަށް ތިއެއް ބުނާކަށް ނޭނގޭ. އެހެން ނޫނަސް، ހޫ ކެއާރޒް؟ ޔާމް؟ އޭނާ މިހާރުވެސް ކަލެއާ މާ ގަޔާވެގެން އެ އުޅެނީ. ކަލޭ އޭނާއަށް ތިޔަފަދަ ލޯބި ނަންނަން ކިޔާކަށް ނުޖެހޭ،” ލިޔާމް އޭނާގެ ކޮއްކޮއަށް މަލާމާތް ކުރަމުން ބުންޏެވެ.

އޭނާ އެހާ ހަރުކަށި، ޖެއްސުންބޮޑު އަދި އުނދަގޫ މީހަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ “އެއީ ހަމައެކަނި ނަމެއް. ކަލޭ ހަސަދަވެރިވަނީތަ؟” އަހަރެން މަޖަލަކަށް އަހާލީމެވެ. ނަމަވެސް އޭނާ ދިން ޖަވާބުން އަހަރެން ހައިރާންވިއެވެ.

އޭނާގެ ލޯ ބޮޑުވެ، ހާސްވިކަން އެނގުނެވެ. ނަމަވެސް އެއީ އެންމެ ސިކުންތަކަށެވެ. ދެން އޭނާ އަވަހަށް މަލާމާތުގެ ހިނިތުންވުމަކަށް ބަދަލުވެލިއެވެ. “އަހަންނަށް ‘ގަމާރު މީހާ’އޭ ކިޔޭއިރު، ‘ޔާމް’ ކަހަލަ ނަމަކަށް އަހަރެން ހަސަދަވެރިވާންވީ ކީއްވެ؟”

“ގަމާރު މީހާއަކީ ނަމެއް ނޫން، ގަމާރު މީހާ،” އަހަރެން އޭނާއަށް ބަލާލީމެވެ.

“ކޮންމެއަކަސް ހެޔޮ. އަހަރެން މިތާ މި ހުރީ އަމުރު ލިބިގެން، ހިތުންރުހުމުން ބޭނުންވެގެނެއް ނޫން،” އޭނާ ބުންޏެވެ.

” ކަލޭ ތިޔަހެން ތަކުރާރުކޮށް ބުނެފީމެއްނު،” އަހަރެން ލޯ އަރުވާލީމެވެ.

“އެކަން ކަލެއަށް ވިސްނައިދޭންވެގެން މި ބުނަނީ،” އޭނާ ހީނލިއެވެ.

“އާނ، ވިސްނިއްޖެ،” އަހަރެން ބުނީމެވެ.

“ހުރިހާ ކަމެއް އޯކޭތަ؟” ކިޔާމް ދޮރުމަތިން ފެނުނެވެ. “އަޒްމާރާ، ދެން މިހާރު ނިދަން އުޅެންވީނު.”

“ކަލެއަށް ކޮން ބަލާއެއް ކިޔާމް؟ ދޭ ބޭރަށް، ދޮރުމަތީގައި ފޯރިއަށް ހުރޭ،” ލިޔާމް ހަރުކަށިކޮށް ބުންޏެވެ.

“އަޒްމާރާ ނިދިޔަދީ ލިޔާމް. ކަލޭ ކުޑަކޮށް ބޭރަށް ނިކުމެލަންވީނު،” އޭނާ ފަހަތަށް އިޝާރާތް ކުރިއެވެ، “އަހަރެން އަޒްމާރާގެ ކައިރީގައި ހުރެދާނަން.”

“އާނ، ކަލޭ ބޭނުންވާނީ ތިޔަ ގޮތް،” ލިޔާމް ރުޅިއައިސްފައި ބުންޏެވެ. އޭނާ އަހަންނަށް ބަލާލިއިރު އަހަރެންވެސް އިނީ އޭނާއަށް ބަލަހައްޓައިގެންނެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ، “ރަނގަޅު، އަހަރެން އަނގަ މަޑުންލައިގެން އިނދެފާނަން،” އޭނާ އަލުން އިށީނދެ މަލާމާތް ކުރިއެވެ، “އަހަރެން ނިދާފައި އޮންނައިރު އޭނާ އަހަންނަށް ބެލުން ހުއްޓާލާނަމަ.”

“މަށެއް ނުބަލަން…”

“ބަހުސް ނުކުރޭ އަޒްމާރާ. ހަމައެކަނި ނިދޭތޯ ބަލާ،” ލިޔާމް އަހަރެންގެ ވާހަކަ މެދުކަނޑާލިއެވެ.

“ކަލޭ އަހަންނަށް ‘އަޒްމާރާ’ އޭ ކިޔައިފި،” އަހަރެން ފަޚުރުވެރިކަމާއެކު ބުނީމެވެ.

“ކޮންމެއަކަސް ހެޔޮ، ކުޑަކުއްޖާ،” އޭނާ މަޑުމަޑުން ބުންޏެވެ.

“އުފް،” އަހަރެން އަލުން އޮށޯތީމެވެ.

“އެހެންވީމާ އަހަރެންގެ ބޭނުމެއް ނެތީތަ؟” ކިޔާމް ބުންޏެވެ.

“އާނ، ނެތް!” ލިޔާމް ބުންޏެވެ.

“ޖެއްސުންބޮޑު މީހާ،” އަހަރެން މަޑުމަޑުން ބުނީމެވެ.

“އަނގަ މަޑުންލާ،” އޭނާ ހީނލިއެވެ.

“ނޫން ޔާމް، ތޭންކްސް،” އަހަރެން އޭނާއަށް ބަލާފައި ހިނިތުންވެލީމެވެ.

“އޭނާގެ ނަމަކީ ކިޔާމް،” ލިޔާމް އަނެއްކާވެސް ބުންޏެވެ.

“އަހަރެން ބުނިން އޭނާއަށް ‘ޔާމް’ ކިޔިދާނެ ކަމަށް،” ކިޔާމް ބުންޏެވެ، “ގުޑް ނައިޓް، އަޒްމާރާ،” އޭނާ ހިނިތުންވެލިއެވެ.

“ގުޑް ނައިޓް،” އަހަރެންވެސް ބުނީމެވެ.

އޭނާ ބޭރަށް ނިކުމެ މަޑުމަޑުން ދޮރު ލައްޕާލިއެވެ.

“ކަލޭ އޭނާއާ މެދު ކަންތައް ކުރަނީ ހީވަނީ މުދައްރިސަކަށް ހިތްކިޔައިގެން އުޅޭ ކުޑަ އަންހެން ކުއްޖެއްހެން،” ލިޔާމް ލޯ އަރުވާލިއެވެ.

“އެހެނެއް ނޫން!” އަހަރެން ބުނީމެވެ، “އަހަރެން ދެން ކަލެއާ ވާހަކައެއް ނުދައްކާނަން. އަނގަ މަޑުންލައިގެން އިނދެ ނިދަން އުޅޭ!”

“މީހަކާ ބަހުސް ކުރުމަކީ އެމީހަކަށް ހިތްކިޔާ ކަމުގެ ނިޝާނެއް،” އޭނާ މަލާމާތް ކުރިއެވެ.

“އަހަރެން ހިތެއް ނުކިޔަން…”

“އާ!” އޭނާ އިނގިލި ހިއްލާލިއެވެ، “ކަލޭ އަނެއްކާ ވެސް ބަހުސް ކުރަނީ.”

“ކަލޭ…” އަހަރެން ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. އޭނާގެ މޫނުމަތީގައިވާ އެ މަލާމާތުގެ ކުލަވަރު ފޮހެލެވޭނެ އެއްވެސް ބަހެއް އަހަރެންގެ ދުލަކަށް ނައެވެ.

“ގުޑް ނައިޓް، ކުޑަކުއްޖާ،” އޭނާ މަލާމާތުގެ ހިނިތުންވުމަކާއެކު ލޯ މަރާލިއެވެ.

“އުފް!” އަހަރެން އޮށޯވެ، އަހަރެންގެ ބޯމަތިން ބެޑް ކަވަރު ދަމާލައި، ބާރަށް ލޯ މަރާލީމެވެ.

ދެން އަހަންނަށް ހޭލެވުނީ އަހަރެންގެ ކޮޓަރީގެ ދޮރުން ބޭރުން އިވުނު ބާރު އަޑަކަށެވެ. ހައިރާންވެފައި އަހަރެން ތެދުވެ އެނދުގައި އިށީނީމެވެ. ލިޔާމް އޭރު ހުރީ ދޮރު ކައިރީގައެވެ. އޭނާގެ އަތް ހުރީ ދޮރުގެ އަތްގަނޑުގައެވެ.

އޭނާ ދޮރު ހުޅުވާލުމަށްފަހު، ބޭރުގައި ހުރި މީހަކާ ދިމާއަށް ފޫހިވެފައި ބަލާލިއެވެ.

“ކީއްތިޔަ ކުރަނީ؟” އޭނާ ބުންޏެވެ. އޭނާ އަދިވެސް ހުރީ ނިދިގަދަވެފައެވެ.

“ސޮރީ، އެކަމަކު ކިޔާމް އަހަރެން އެތެރެއަށް ވަނަނުދީ ހިފެހެއްޓީ،” ކޮޓަރީގެ ބޭރުން އޯގާތެރި އަޑެއް އިވުނެވެ. ދެން ފެނުނީ ފައުޒާ، ލިޔާމްގެ ކައިރިން ލާފައި، ރީތި ހިނިތުންވުމަކާއެކު ކޮޓަރި ތެރެއަށް ވަދެގެން އައި ތަނެވެ.

“އެއީ މަގޭ ގައިގަ ލަޑަންޖެހޭ ސަބަބެއް ނޫން. އަޒްމާރާ ބޭނުންވަނީ ނިދަން،” ކިޔާމް އޭނާގެ ފަހަތުން ވަންނަމުން ބަހުސް ކުރިއެވެ.

“ބަލާބަލަ، އޭނާ އެއޮތީ ހޭލާ،” ފައުޒާ ރައްދު ދިނެވެ.

“އާނ، މުޅި ގަނޑުވަރު މިހާރު އޮންނާނީ ހޭލާ،” ލިޔާމް ފޫހިވެފައި ބުންޏެވެ.

“ކޮންމެއަކަސް ހެޔޮ،” ފައުޒާ ލޯ އަރުވާލިއެވެ، “ތައްޔާރުތަ؟” އޭނާ އަހަންނާ ދިމާއަށް ބަލާލިއެވެ.

“ކޮން ކަމަކަށް؟” އަހަރެން އޮޅުންބޮޅުންވެފައި އެހީމެވެ.

“ހެދުން އަޅައިގެން، މުޅި ދުވާލު ކޮޓަރީގަ އިނުމުގެ ބަދަލުގަ ކަމެއް ކުރަން. ކަލޭ ތިޔަ ހުރީ މިހާރު މީހުންނާ ވަކިން އުޅޭ މީހަކަށް ވެފަ. އަހަރެން މިއައީ އެކަން ބަދަލުކުރަން،” އޭނާ ހިނިތުންވެލިއެވެ.

“އޭނާއަކަށް ނުދެވޭނެ…”

“ބޭރަށް،” ފައުޒާ، ކިޔާމްގެ ވާހަކަ މެދުކަނޑާލިއެވެ، “އަހަންނަށް އެނގޭ. އެކަމަކު އަދިވެސް ސިޓިންގ ރޫމުގައި ޓީވީ އެބަހުރި، ތިރީގައި ގޭމް ރޫމް އެބަހުރި. އަދި އެއްވެސް ކަމެއް ނެތްނަމަ، އަހަރެންގެ ހެދުންތައް ލައިގެން ފެޝަން ޝޯއެއް ބޭއްވިދާނެ،” ފައުޒާ ހީނލިއެވެ.

“ފައުޒާ އަބަދުވެސް ބޭނުންވަނީ ފެޝަން ޑިޒައިނަރަކަށް ވާން،” ކިޔާމް އަހަންނަށް ބަލާފައި ހިނިތުންވެލިއެވެ.

“އެއީ މަޖާ ކަމަކަށް ވާނެ،” އަހަރެންވެސް އޭނާއަށް ހިނިތުންވުމެއް ރައްދުކުރީމެވެ.

“ޝައްކެއްވެސް ނެތް،” ލިޔާމް ލޯ އަރުވާލިއެވެ.

“އަނގަ މަޑުންލައިގެން ހުރޭ،” އަހަރެން ބުނީމެވެ.

“ހިނގާ އަޒްމާރާ، ތެދުވޭ،” ފައުޒާ ކުއްލިއަކަށް އެނދުން ބޭރަށް އަހަރެން ދަމާލިއެވެ.

“އަހަރެން މިއައީ،” ލަޔިލް ކުއްލިއަކަށް ދޮރުމައްޗަށް އައެވެ. އޭނާގެ މޫނުމަތީގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ. “ވަރަށް ރީތި، އަޒްމާރާ،” އަހަރެން ރަކިވިއެވެ.

“ބިހޭވް، ލަޔިލް،” ކިޔާމް ބުންޏެވެ.

ލިޔާމް މަލާމާތް ކުރިއެވެ، “ލަޔިލް، ކަލޭ ތީ ފަސް އަހަރުގެ ކުއްޖެއްތަ އަޅެ؟ ކަލެއަށް ހީވަނީ ކަލެއަކީ ކާކު ކަމަށްތަ؟”

“އޭނާއަކީ އަހަރެންގެ އުމުރުގެ މީހެއް،” އަހަރެން ލިޔާމްއަށް ބަލާލީމެވެ.

“އެއީ ތެދެއް… އެކަމަކު އަހަރެން ކަލެއަށް ކިޔަނީ ‘ކުޑަކުއްޖާ’،” އޭނާ ހީލިއެވެ.

“ދޭ ބޭރަށް،” އަހަރެން ލޯ އަރުވާލީމެވެ. ދެން އަހަންނަށް ކަމެއް ވިސްނުނެވެ، “ކީއްވެ ލަޔިލް މިތަނަށް ތި އައީ؟”

“ސަބަބަކީ އަހަރެންވެސް ބޭރަށްދާތީ، އަދި ކިޔާމް،” އޭނާ އަހަންނަށް ބަލާލިއެވެ، “މިއަދު ކަލޭ ބަލަލަހައްޓަން މާ ބޮޑަށް ބިޒީވީމާ.”

“ތިބުނީ ޔާމްދޯ؟،” އަހަރެން ބުނީމެވެ، “އޭނާ ބުނި އަހަރެން އޭނައަށް ‘ޔާމް’ ކިޔަސް ހެވޭ.”

“މަށަށް ހެވޭ ކުޑަކުއްޖާ،” ލިޔާމް ބުންޏެވެ.

“އަހަންނަށް ފުރުސަތެއް އޮތްނަމަ މިއަދު އަހަރެން ކަލެއާ އެކު މަޑުކުރީމުސް، އެކަމަކު ބައްޕަ ބޭނުންވާ ބައެއް ކަންތައްތައް އެބަހުރި،” ކިޔާމް ދެރަވެފައި ބުންޏެވެ.

“އެއީ މައްސަލައެއް ނޫން،” އަހަރެން ހިނިތުންވެލީމެވެ.

“މިރޭ އަޒްމާރާ ނިދާ ގަޑީގަ އަހަރެން މިތާ ހުންނާނަން،” އޭނާ ބުންޏެވެ.

“ރަނގަޅު، ފަހުން ބައްދަލުވާނެ،” އަހަރެން ވަރަށް ބޮޑަށް ހިނިތުންވެލީމެވެ. އޭނާ އަހަންނަށް ވަރަށް އޯގާތެރިއެވެ. އޭނާ ފެނުމުން ހިނިތުން ނުވެ ހުރުމަކީ އުނދަގޫ ކަމެކެވެ.

“ފަހުން ބައްދަލުވާނެ އަޒްމާރާ،” އޭނާ ހިނިތުންވުމަކާއެކު ބޭރަށް ނިކުމެގެން ދިޔައެވެ.

އޭނާ ދިއުމާއެކު އަހަރެންގެ މޫނުމަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔައެވެ.

“ވާވް، އޭނާ ނޫނަސް މި ގަނޑުވަރުގަ މީހުން އެބަ އުޅެޔޭ، މިހިރަ ކުޑަކުއްޖާ،” ލިޔާމް ބުންޏެވެ.

“އާނ، އޭނާ އަހަންނަށް ވަރަށް ހިތްހެޔޮ، އެ ނިމުނީނު،” އަހަރެން އޭނާއަށް ރައްދު ދިނީމެވެ.

“މަށަށް ހެވޭ… އަހަރެން މިދަނީ،” އޭނާ ފައުޒާ އަދި ލަޔިލްއަށް ބަލާލުމަށްފަހު ދޮރާ ދިމާއަށް ހިނގައިގަތެވެ. ދޮރުން ނިކުންނަން އުޅެފައި އޭނާ މަޑުކޮށްލާފައި އެނބުރި ބަލާލިއެވެ. އޭނާ ކިޔާމް ފަދަ އޯގާތެރި މޫނެއް ދައްކާލަމުން ބުންޏެވެ، “މިރޭ ކަލޭ ނިދާ ގަޑީގަ އަހަރެން އެނބުރި އަންނާނަން.”

“ނިކުމޭ!” އަހަރެން އެނދުމަތީގައި އޮތް ބާލީސް ނަގައި ދޮރާ ދިމާއަށް އެއްލީމެވެ. އޭނާ ދޮރު ލައްޕާލުމުން ބާލީސް ޖެހުނީ ދޮރުގައެވެ. “އުފް!” އަހަރެން ރުޅިއައިސްފައި ގޮސް ބާލީސް ނެގީމެވެ.

— ނުނިމޭ —

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top