“ތިން ކުދިން ތިބިއިރުވެސް އޭނާ މުސްކުޅިވާން ބޭނުން ނުވަނީތަ؟” އަހަރެން އެހީމެވެ.
“އިވްރިޝާ އަކަށް ނޭނގޭނެ،” ޝިރާނީ މަލާމާތުގެ ރާގަކަށް ބުންޏެވެ.
“އަދި އަސްލު އަހަރެމެން ހަތަރު ކުދިން ތިބޭ. އަހަރެމެންގެ ކުޑަ ކޮއްކޮއެއް ހުރޭ، އޭނާގެ ނަމަކީ ފާރޫގް،” އަޚީރާ ދެރަވެފައި ބުންޏެވެ.
“ތެދެއްތަ؟ އޭނާއާ ބައްދަލުކުރަން އަހަރެން ވަރަށް ބޭނުން،” އަހަރެން ބުނީމެވެ.
އަހަރެމެން ޖުމޭގެ އޮފީހުގެ ދޮރުމަތީގައި މަޑުކޮށްލީމެވެ.
“ފާރޫގަކީ މިހާރު އަހަރެމެންގެ ތެރޭގަ ހުރި މީހެއް ނޫން،” ދޮރު ހުޅުވާލަމުން ޝިރާނީ މަޑުމަޑުން ބުންޏެވެ.
އަހަރެން ބުމަ ގޮށްޖަހާލީމެވެ. ޝިރާނީ އެބުނީ ކީކޭ ހެއްޔެވެ؟އުފަން ބޭބެއަކު ‘އަހަރެމެންގެ ތެރޭގައި ނެތް މީހަކަށް’ ނުވަނީ ކިހިނެއް ހެއްޔެވެ؟އަހަރެން ހުރީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފައެވެ. އެހެންނަމަވެސް މިވަގުތަކީ އެކަމާ ސުވާލުކުރަން އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. ޖުމޭ އޭނާގެ ގޮނޑިން ތެދުވެގެން، ހިނިތުންވަމުން އަހަރެމެންނާ ދިމާއަށް ދުވެފައި އަންނަނީއެވެ.
އަހަރެންވެސް ހިނިތުންވެލީމެވެ. އަދި އުފާވެފައި ހުރިކަން ދެއްކުމަށްޓަކައި މޫނުމައްޗަށް އުފާވެރިކަން ގެނައީމެވެ. ޝިރާނީ ފަހުން މިކަމާ ބެހޭގޮތުން ޖަވާބުދާރީވާން ޖެހޭނެއެވެ.
“ހެލޯ!” އަހަރެންގެ ގައިގައި ބައްދާލަމުން ޖުމޭ ހިނިތުންވުމާއެކު ބުންޏެވެ.
އަހަރެން ހީލުމަށްފަހު އޭނާގެ ގައިގައި ބައްދާލީމެވެ. “ޖުމޭ، ކިހިނެއް؟ އަހަރެންގެ އެންމެ ފޭވަރިޓް ޑިޒައިނަރު.”
އޭނާ އަމިއްލަ ނަފްސަށް އަތުން ވައިޖައްސާލުމަށްފަހު، ޝިރާނީ އާއި އަޚީރާގެ ގައިގައިވެސް ބައްދާލިއެވެ. ޖުމޭގެ އޮފީހަކީ ހުދު ކުލައިގެ ތަނަވަސް ތަނެކެވެ. އެތަނުގައި ބޮޑު މޭޒަކާއި ގޮނޑިއެއްގެ އިތުރުން، މޭޒާ ކުރިމަތިވާގޮތަށް ސޯފާތަކެއް ހުއްޓެވެ. އޮފީހުގެ އަނެއް ފަރާތުގައި ހުރީ ހެދުންތައް ދައްކާލުމަށް ބަހައްޓާފައި ހުރި މެނިކްއީންތަކެވެ.
“އިވްރިޝާ، އަހަރެން މިހުރީ ކަލެއަށް ދައްކާލަން ވަރަށް ގިނަ ޑިޒައިންތަކެއް ތައްޔާރުކޮށްގެން! އަހަރެން ވަރަށް އުފާވެފައި މިހުރީ.” ޖުމޭ ދުވެފައި ގޮސް ބޮޑު އަލަމާރިއަކުން ފައިލެއް ނެގިއެވެ.
ޖުމޭއަކީ ހަށިގަނޑު ކުޑަކޮށް ފަލަ، އަންހެނެކެވެ. އޭނާގެ ވާހަކަދެއްކުމުގެ ރާގާއި ހުރިހާ ކަމަކުންވެސް އެކަން އެނގެއެވެ. މާޝާﷲ، އޭނާއަކީ ރީތި އަދި އެހާމެ އެކުވެރި މީހެކެވެ.
އަހަރެމެން އޭނާގެ ކައިވެނީގެ ޑިޒައިންތައް ބަލަން ފެށީމެވެ. އޭނާގެ ހުރިހާ ޑިޒައިނެއް ކަހަލަ ގޮތަކަށް އަހަރެންނަށް ވަރަށް ކަމުދިޔައެވެ.
“އަހަރެން ބޭނުމީ ރަސްމީ ހަފުލާއަށް ދިވެހިވަންތަ ހެދުމެއް ލާން. އަދި ބާކީ ހުރި ހަފުލާތަކަށް ހެދުމެއް ނުވަތަ ބްލައުޒްއާއި ރެޕާގެ ތެރެއިން އެއްޗެއް އިޚްތިޔާރު ކުރެވިދާނެ،” އަހަރެންގެ އަމިއްލަ ސޫރަ އެ ހެދުންތަކުގައި ހުރި ގޮތް ހިތަށް އަރުވަމުން ބުނީމެވެ.
އަހަރެން ބޭނުންވީ ވަރަށް ބޮޑު ކައިވެނީގެ ހަފުލާއެކެވެ. އެކަމަކު ޚަލީލް ބޭނުންވީ ކަންކަން ކުޑަކޮށް، ސާދާކޮށް ބާއްވާށެވެ. އެހެންކަމުން އަހަރެމެން ބާއްވަނީ ހަމައެކަނި ބޮޑު އެންމެ ހަފުލާއެވެ. އެއީ ‘ވަލީމާ’ އެވެ.
އެ ހަފުލާ އޮންނާނީ ހުކުރު ދުވަހުއެވެ. އަދި ހޮނިހިރު ދުވަހު ކައިވެނި ކުރެވި، އަހަރެން ޚަލީލްގެ ގެއަށް ގެންދެވޭނެއެވެ. ހޫމް، އެ ދުވަހަކަށް އަހަރެން ކެތްމަދުވެފައި ހުރީމެވެ.
“މިހާރު އިވްރިޝާގެ ކަންތައް ނިމުނީ. ދެން ބްރައިޑްސްމެއިޑުންގެ ކަންތައް ކިހިނެއް؟” ޖުމޭ އެހިއެވެ.
“ނޫން ޖުމޭ، ކޮންމެ މީހަކުވެސް އަމިއްލަ ފަހާ މީހަކު ހޯދާނެ. މީހުން ޝަކުވާ ކުރާކަށް އަހަރެން ބޭނުމެއް ނޫން،” ތެދުވަމުން އަހަރެން ކިޔައިދިނީމެވެ. އަޚީރާ އާއި ޝިރާނީވެސް އަހަރެންނާއެކު ތެދުވިއެވެ.
ޖުމޭ ބޯޖަހާލިއެވެ. “އެންމެ ރަނގަޅު. އަހަރެން ކަލޭގެ މިިންތައް ނަގައިފިން. ހޯޕް ޔޫ ވޯންޓް ގެއިން އެނީ ވެއިޓް ބިފޯރ ދަ ވެޑިންގ. އަހަރެން ތަފާތު ވައްތަރުގެ ފޮތިތަކުގެ ފޮޓޯ ފޮނުވާނަން. އޭގެ ތެރެއިން ބޭނުން އެއްޗެއް އިޚްތިޔާރު ކުރެވިދާނެ.”
“އެންމެ ރަނގަޅު. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން ކަލޭގެ އެކައުންޓަށް ފައިސާ ފޮނުވާނަން.”
އަހަރެމެން ފަހު ފަހަރަށް ބައްދާލުމަށްފަހު، އޭނާގެ އޮފީހުން ނިކުމެ، އެ ކުންފުނިން ބޭރަށް ދިޔުމަށް ހަމަ އެ މަގުން ހިނގައިގަތީމެވެ. އެތަނަށް ވަދެ ނިކުމެ އުޅޭ މީހުންގެ ގިނަކަމީ ހައިރާންވާ ފަދަ މަންޒަރެކެވެ.
“އޯހް މާތްކަލާކޯ! ޖުމާނާ އަހަރެން މަރާލާނެ،” ޝިރާނީ ރުޅިއައިސްގެން އޭނާގެ ފޯނު ދަބަހުން ނަގަމުން ބުންޏެވެ.
އަހަރެމެން ޖުމޭގެ އޮފީހުގައި ތިބީއްސުރެ އެ ފޯނު ރިންގްވަމުން ދިޔަކަން އަހަރެންނަށް ފާހަގަކުރެވުނެވެ. އަހަރެމެން އެންމެން އަޚީރާގެ ކާރަށް އަރައި، އޭނާ ކާރު ދުއްވާލިއެވެ. ކާރުގެ އޭސީގެ ފިނިކަމުން އަހަރެންގެ ހާސްކަން ކުޑަވެ، ލޯ މަރާލައި ފުން ނޭވައެއްލީމެވެ. ބޮލުގައި ރިއްސަން އުޅޭކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ.
“ޖުމާނާ ކީކޭ ބުނީ؟” ޝިރާނީ ރުޅިއައިސްފައި ފޯނު ބޭއްވުމުން އަޚީރާ އެހިއެވެ.
“އޭނާ ބޭނުންވަނީ އަހަރެމެން ގެއަށް ދާން. އަދުނާން އާއި ނާރާ އަތުވެއްޖެ ކަމަށް ބުނީ.”
އަދުނާންގެ ނަން އިވުމާއެކު، އަހަރެންގެ ހިތުގެ ތެޅުން އަވަސްވިއެވެ. އަހަރެންގެ އެންގޭޖްމަންޓް ރޭގެ ފަހުން އަދި އޭނާއެއް ނުދެކެމެވެ. އަދި އޭނާ ދެކޭކަށްވެސް ބޭނުމެއް ނޫނެވެ. އޭނާގެ އެ ރީތި މޫނު ފެނުމުން އަހަރެންނަށް އުނދަގޫވެއެވެ. އެކަމަކު ނާރާގެ އެ ލޯބި މޫނާއި ތުއްތުއްތު އަޑު އަހާލަން އަހަރެން ބޭނުމެވެ.
“އިވްރިޝާ، އަހަރެންނަށް މިހާރު ކަލޭ ގެއަށް ގެންގޮސްދެވޭކަށް ނެތް. މާފުކުރޭ، އެކަމަކު މިހާރަށްވުރެ ލަސްވެއްޖެނަމަ ޖުމާނާ އަހަރެމެންގެ ބޯ ބުރިކޮށްލާނެ. އެހެންވީމާ އަހަރެން ކަލޭ ގެންދާނީ އަހަރެމެންގެ ގެއަށް. ކަލޭ ދުވަހަކުވެސް އެގެއަށް ނުދަމެއްނު،” ލޯގަނޑުން އަހަރެންނާ ހަތަރުކަޅި ހަމަކުރަމުން އަޚީރާ ބުންޏެވެ.
އަހަރެން ހިނިތުންވެލީމެވެ. “އެންމެ ރަނގަޅު. އަހަރެން ހަމްޒާއަށް ގުޅާފައި ތިޔަގެއަށް އަންނަން ބުނެފާނަން.”
އޭނާ ބޯޖަހާލުމަށްފަހު ދުއްވަމުން ދިޔައެވެ. މަގުމަތީގައި ޓްރެފިކް ބޮޑުކަމުން ގެއަށް ދެވުނުއިރު ގިނަ ވަގުތު ނެގިއެވެ. އެމީހުންގެ ގެ ހުންނަނީ މާފަންނު ނިމޭ ހިސާބުގައެވެ.
އަހަރެން ހީކުރި ފަދައިން، އެއީ ބޮޑު ގަނޑުވަރެއް ފަދަ ގެއެކެވެ. ކާރު ޕާކުކުރުމަށްފަހު އަހަރެމެން ކާރުން ފޭބީމެވެ. ގޭގެ މައިދޮރު ކައިރިއަށް ދެވުމުން، ޝިރާނީ އޭނާގެ ތަޅުދަނޑިން ދޮރު ހުޅުވާލިއެވެ. ގޭގެ އެތެރެއަކީ ހައިރާންވާހާ ފުރިހަމަ ތަނެކެވެ. ތަޅުންގަނޑުގައި ހުރީ ކަޅުކުލައިގެ ތަށިމުށި ޖަހާފައެވެ. ސީލިންގުގައި ރީތި ޗަންދަލިއާތައް އެލުވާފައި ހުއްޓެވެ. މެދުތެރެއިން ގުޅިފައިވާ ދެ ސިޑި މައްޗަށް އަރަން ހުއްޓެވެ.
“އަހަރެމެން އަތުވެއްޖައިން!” ޝިރާނީ ހަޅޭއްލަވައިގަންނަމުން އެތެރެއަށް ހިނގައިގަތެވެ. އަހަރެންވެސް ގޭގެ ރީތިކަމަށް ބަލަމުން އޭނާގެ ފަހަތުން ދިޔައީމެވެ. ފާރުތައް ޒީނަތްތެރިކޮށްފައިވަނީ ތަފާތު ކުރެހުންތަކުންނެވެ.
އަހަރެމެން ސިޓިންގ ރޫމަށް ވަދެގެން ދިޔައިރު، އަދުނާން އާއި ނާރާ ތިބީ ހުދު ސޯފާއެއްގައި އިށީނދެގެން މަޑުމަޑުން ވާހަކަދައްކާށެވެ.
“ނާނޫ…” ހިނިތުންވަމުން ޝިރާނީ ބުންޏެވެ. އަދުނާން އިސްއުފުލާ ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އެވަގުތު އަހަރެންގެ ނޭވާ ހުއްޓުނު ކަހަލައެވެ. އެވެ. މީހަކު މިހާ ރީތިވެދާނެ ހެއްޔެވެ؟
އޭނާ ތެދުވެގެން އަހަރެމެންނާ ދިމާއަށް އައިއިރު އޭނާގެ ކޮލުގައި ހުރި ލޯބިލޯބި އަޑިކޮޅު ފާހަގަވެއެވެ. އޭނާ ޝިރާނީގެ ގައިގައި ބައްދާލުމަށްފަހު ދެކޮލުގައި ހިފައިލިއެވެ. ޝިރާނީ އޭނާގެ އިސްތަށިގަނޑު ހާވާލުމަށްފަހު ބަދަލުގައި އަދުނާނަށް ހިނިތުންވެލިއެވެ. އޭނާ ހުރީ ޖީންސަކާއި ކަޅު ކުލައިގެ ޓީޝާޓެއްގައެވެ. އަޚީރާ އާއި ޝިރާނީ އޭނާގެ އިސްތަށިގަނޑާ ކުޅުމުގެ ސަބަބުން އިސްތަށިގަނޑު އޮތީ ތަރުތީބު ގެއްލިފައެވެ. އޭނާގެ އަތުގައި ރަންކުލައިގެ ރޯލެކްސް ގަޑިއެއް އޮތެވެ.
އަހަރެމެން ދެމީހުންގެ ހަތަރުކަޅި ހަމަވުމުން، އަހަރެން ނޭވާލާންވެސް ބިރުން، ހުރި ފިޔަވަޅުމަތީގައި ގަނޑުވިއެވެ. އޭނާގެ އަޅިކުލައިގެ ދެލޮލުން އަހަރެންގެ މުށިކުލައިގެ ދެލޮލަށް ބަލަހައްޓައިގެން ހުރިގޮތުން އަހަރެން ވަރަށް ބޮޑަށް ހާސްވިއެވެ.
“ކަލޭވެސް ބޭނުންތަ؟” އަހަރެންގެ ކުރިމަތީގައި މަޑުކޮށްލަމުން، މަލާމާތުގެ ހިނިތުންވުމަކާއެކު އޭނާ އެހިއެވެ. އަހަރެންގެ ނޭފަތުގައި ޖެހުނީ އޭނާ ޖަހާފައި ހުރި މީރުވަސްދުވާ ސެންޓުގެ ވަހެވެ.
“ކޮން އެއްޗެއް؟” އަހަރެން ބުމަ އަރުވާލަމުން އެހީމެވެ.
“ބައްދާލުމެއް؟ނޫނީ އުއްމައެއް. ނޫނީ ދެކަންތައްވެސް؟” އޭނާ ބުންޏެވެ.
އަހަރެން އަތް މުށްކަވާލުމަށްފަހު އޭނާގެ މޭގައި އަތްއަޅައި ކޮށްޕާލީމެވެ. އޭނާގެ ހަރު މޭގައި އަހަރެންގެ އަތް ޖެހުމާއެކު ވަގުތުން އަތް ދަމައިގަތީމެވެ. އަހަރެން އަޚީރާގެ ފަހަތުން ގޮސް ސޯފާގައި އިށީނީމެވެ. ނާރާ އިނީ މަޑުމަޑުން ބާބީ ޑޯލްއަކާ ކުޅޭށެވެ.
“ހޭއި ނާރާ،” އޭނާގެ ސަމާލުކަން ހޯދުމަށް އަހަރެން ގޮވާލީމެވެ. އޭނާ އިސްއުފުލާ ބަލާލުމަށްފަހު ހިނިތުންވެލިއެވެ. ނަމަވެސް އަނެއްކާވެސް އޭނާގެ ކުޅޭ އެއްޗަށް ސަމާލުކަން ދިނެވެ. އަހަރެން ހައިރާންވެފައި އިނީމެވެ. ނާރާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ޔަގީނެވެ. ފުރަތަމަ ފެނުނު ދުވަހު އޭނާއަކީ ވަރަށް ހަލަނި ކުއްޖެކެވެ. އެކަމަކު މިހާރު އޭނާ އެ އިނީ ވަރަށް ބަސްއަހާ ކުއްޖެހެން، މަޑުމަޑުންނެވެ.
“ކޮބާތަ ޖުމާނާ؟” ޝިރާނީ އޭނާގެ ފޯނު ނަގަމުން އެހިއެވެ.
“މިހުރީނު،” ކެއުމުގެ މޭޒު ކައިރީ ހުރި ދޮރަކުން ނިކުންނަމުން، އެމީހުންގެ މަންމަ ކަމަށް އަހަރެން ހީކުރާ މީހާ ޖަވާބުދިނެވެ.
އަހަރެން ހުރީ އަނގަ ހުޅުވިފައެވެ. މިއީ އެމީހުންގެ މަންމަ ހެއްޔެވެ؟ އޭނާ ހުރީ ހަށިގަނޑަށް ބާރު ސްކާޓަކާއި މާޖެހި ގަމީހެއްގައެވެ. އޭނާ ހުރީ މޭކަޕްކޮށްގެންނެވެ. ހަގީގަތަށް ބުނާނަމަ އޭނާ ހީވަނީ ފުއްޖެހި ކަވާބެއް ހެންނެވެ. އޭނާ ހިނގާފައި އައި ގޮތުން ހީވަނީ އަހަރެންނަށްވުރެ ޒުވާންހެންނެވެ.
“ކަންތަކާ ޖެހުނީ،” އަދުނާން މަޑުމަޑުން ބުންޏެވެ.
ޖުމާނާ އޭނާގެ އަތުން އަތްތިލަބަޑި ޖަހާލިއެވެ. އޭނާގެ ނިޔަފަތިތަކުގައި ހުރީ ފިޔާތޮށި ކުލައިގެ ނެއިލް ޕޮލިޝް އުނގުޅާފައެވެ.
“މިއީ ކާކު؟” އަހަރެންނަށް ބަލާލަމުން އޭނާ އެހިއެވެ.
އަހަރެން ގޮނޑިން ތެދުވަން މަސައްކަތް ކުރަމުން ބުނީމެވެ. ” އަހަރެންނަކީ އިވް—”
“ކަލެއަކީ ކާކުކަން އަހަރެންނަށް އެނގޭ!” ނާ އަހަރެންގެ ވާހަކަ މެދުކަނޑާލަމުން ބުންޏެވެ. “އަހަރެން ހިއެއް ނުކުރަން ކަލޭ މިތަނުން ފެނިދާނެ ކަމަށް.”
އަހަރެން ހިތަށް އެރިއެވެ، އޭނާއަކީ ވަރަށް ބޭއަދަބީ މީހެކެވެ. އަހަރެންގެ މޫނުމަތީގައި ހުރި ނުތަނަވަސްކަން ފޮރުވަމުން ބުނީމެވެ. “މާފުކުރޭ، އަހަރެން މިހާރު މިދަނީ. ބޭބެ އަހަރެން ބަލާ އަންނަންދެން މި މަޑުކޮށްލީ.”
“އެންމެ ރަނގަޅު،” ޖުމާނާ ބުންޏެވެ. އަހަރެމެން އެންމެން ހައިރާންވިއެވެ. “އަހަރެން ކައްކާފައި ހުންނާނީ ހަމައެކަނި އަހަރެންގެ ދަރިންނަށާ މާމަ ދަރިފުޅަށް.”
ޖުމާނާ އެހެން ބުނެފައި ކެއުމުގެ މޭޒު ކައިރިއަށް ދިޔައެވެ. އަހަރެން ދެރަވިއެވެ. ޖުމާނާ އަހަރެންދެކެ ރުޅިއަންނަކަން ސާފުވިއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ ޝިރާނީ އާއި އަޚީރާ ދެރަވެފައި އަހަރެންނަށް ބަލާލިއެވެ.
“މާފުކުރޭ. އޭނާއަކީ ވަރަށް ‘ޑްރާމާ’ ބޮޑު މީހެއް!” އަޚީރާ ބުންޏެވެ.
“އަދި ވަރަށް ފޫހިވޭ. އޭނާ ހިތުން އޭނާއަކީ ވަރަށް ޒުވާން ޅަކުއްޖެއް. ގަބޫލުކުރިޔަސް ނުކުރިޔަސް، ކަލެއަކީ މުސްކުޅިއެއް!” ޝިރާނީ ހަޅޭއްލަވައިގަތެވެ. އޭނާ އެހެން ބުނީ ޖުމާނާއަށް އިވޭނެކަން ޔަގީންވާތީއެވެ.
އަހަރެން ތެދުވެ ހެދުން ރީތިކޮށްލީމެވެ. “އަޚީރާ، އަހަރެން ގެނެސްދިނީތީ ޝުކުރިއްޔާ. އަހަރެން ބޭރުގައި މަޑުކޮށްލާނަން ހަމްޒާ ނޫނީ މާލިކް އަންނަންދެން.”
އަޚީރާވެސް އަހަރެންނާއެކު ތެދުވިއެވެ. “ނޫން! އޭނާ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް ކާން ނުދެންޏާ، އަހަރެންވެސް ނުކާނަން. ކަލޭ ކައްކާ އެއްޗެހީގައި އެހާ މީރު ރަހައެއްވެސް ނުހުރޭ.”
ޖުމާނާ މޭޒު ކައިރީ ހުރެ ތަށިތަކަށް ކާއެއްޗެހި އަޅަމުން ދިޔައެވެ. އޭނާ އަޚީރާއާ ދިމާއަށް ބަލާވެސް ނުލައެވެ.
“އަޚީރާ، ކަލޭ އިވްރިޝާ ބަހައްޓާފައި އައިސް ކާން އުޅޭ. އެހެން ނޫނީ ވާނެ ގޮތް އެނގޭނެ،” އޭނާގެ އަޑު ވަރަށް ފިނިވެފައި ހަރުކަށްޓެވެ.
“ކީއް ކުރާނީ؟” ޝިރާނީ އެހިއެވެ. “އަބަދުވެސް ކުރާހެން އަހަރެމެންނަށް އަދަބު ދޭނީތަ؟ އަހަރެމެން މިހާރު ތިޔަ ކަންކަމަށް އާދަވެއްޖެ.”
ޖުމާނާ ތަށިތެރެއަށް ސަމުސާ ވައްޓާލީ ބާރު އަޑަކާއެކުގައެވެ. “ކަލޭމެންގެ ކިޔެވުމުގެ ކަންކަން ހަލާކުވެގެންދާކަށް ބޭނުމެއް ނުވާނެ ދޯ؟ އިށީނދެ ބަސްއަހައިގެން ތިބޭ.”
ޖުމާނާ ހުރީ ވަރަށް ސީރިއަސްވެފައެވެ. އަހަރެން އަޚީރާ އާއި ޝިރާނީގެ މޫނަށް ބަލާލުމަށްފަހު އަދުނާނަށް ބަލާލީމެވެ. އޭނާ ހުރީ މަޖާވެފައި ބަލާށެވެ.
“ކޮންމެވެސް ކަމެއް ކޮށްބަލަ!” އަހަރެން ތުންފަތުގެ ހަރަކާތުން އޭނާއަށް ބުނީމެވެ.
އޭނާ ބޯޖަހާލުމަށްފަހު ތެދުވެގެން އައިސް އަހަރެންގެ އަތުގައި ހިފިއެވެ. “އަޚީރާ، މަންމައަށް އިހުތިރާމްކުރޭ. އަހަރެން އިވްރިޝާ ގެއަށް ގެންގޮސްދީފައި އަންނާނަން.”
އަހަރެމެންގެ ތެރެއިން އެކަކަށްވެސް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ، އަދުނާން އަހަރެން ސިޓިންގ ރޫމުން ބޭރަށް ގެންދިޔައެވެ.
“ކަލޭ ތިޔަ ކުރަނީ ކީއް؟ އަހަރެންގެ އަތުން ދޫކުރޭ!” އޭނާ އަހަރެންގެ އަތުގައި ހިފާފައި ހުރި ބާރުކަމުން އަހަރެން ބުނީމެވެ.
އަހަރެމެންނަށް ބޭރަށް ނިކުމެވެންދެން އޭނާ އަހަރެންގެ އަތުން ދޫ ނުކުރެއެވެ. “ކަލޭގެ މައްސަލައަކީ ކޮބާ؟” އަހަރެން ހަޅޭއްލަވައިގަތީމެވެ. “ކަލޭ ބުނީމެއްނު ކޮންމެވެސް ކަމެއް ކުރާށޭ!” އޭނާ ބުންޏެވެ.
“އަހަރެން ބުނީ މިހެން ދަމާފައި ގެންނާކަށް ނޫން!” އަހަރެން ރުޅިއައިސްފައި ބުނީމެވެ.
އަދުނާން ހިނިތުންވެފައި ހުރެ ބޯ ކަހައިލިއެވެ. “ހޫމް، ވަރަށް ރުޅިގަދަ ދޯ،” އޭނާ ބޯޖަހާލަމުން ބުންޏެވެ.
“ތިޔަގޮތަށް ހިނިތުންވުން ހުއްޓާލާ!” އަހަރެން ބުނީމެވެ. “އެންމެ ރަނގަޅު، ބުނި ގޮތަށް އަހަރެން ގެއަށް ގެންގޮސްދީ.”
އޭނާ ހީނލުމަށްފަހު ބޯޖަހާލައި، އަހަރެންނަށް ދޮރު ހުޅުވައިދިނެވެ. އަހަރެން ބޭރަށް ނިކުތްއިރު ރޭގަނޑުގެ ފިނިވައިރޯޅިތައް އަހަރެންގެ ހަށިގަނޑުގައި ޖެހި، ބޮލުގައި އަޅާފައި އޮތް ފޮތިގަނޑު ކުޑަކޮށް ކަހާލިއެވެ. އަހަރެން އުޑުމައްޗަށް ބަލާލައި ފުން ނޭވައެއްލީމެވެ. އުޑުމަތި ވަރަށް ރީއްޗެވެ. ﷲ އަކީ ހުރިހާ ތަކެއްޗެއް އުފެއްދެވި ކަލާނގެއެވެ. މާތްﷲގެ ކިބުރިޔާވަންތަކަމާއެވެ!
ކުދިކުދި ތަރިތަކުން ނޫކުލައިގެ އުޑުމަތި ވަނީ ޒީނަތްތެރިވެފައެވެ. މިރޭގެ ހަނދު ފެންނަނީ ވަރަށް ރީތި ހަނދުފަޅިއެއްގެ ގޮތުގައެވެ.
“ވަރަށް ރީތި،” އަހަރެންގެ ހިތް އުފަލުން ފުރިގެން ދިޔަ ވަގުތު މަޑުމަޑުން ބުނެވުނެވެ.
“އާނ، ކަލޭ ވަރަށް ރީތި،” އަހަރެންގެ ފަހަތުން އަދުނާން މަޑުމަޑުން ބުންޏެވެ.
އަހަރެން ކުޑަކޮށް ސިހިފައި އެނބުރި ބަލާލީމެވެ. “އަހަރެން މިދައްކަނީ އަހަރެންގެ ވާހަކައެއް ނޫން.”
އޭނާ ދެރަވެފައި ހުރެ ހިނިތުންވެލިއެވެ. “އަހަރެން މިދައްކަނީ ކަލޭގެ ވާހަކަ.”
އަހަރެމެންގެ ހަތަރުކަޅި ހަމަވުމާއެކު އަހަރެންނަށް ހުރިތަނުން ގުޑިލާންވެސް ނޭނގިފައި ހުރެވުނެވެ. އެ އަނދިރީގައި، ތަރިތަކުގެ އަލި އޭނާގެ ދެލޮލަށް އެޅިފައި ހުރިއިރު، އޭނާގެ މޫނު މާ ރީތިހެން ހީވެއެވެ.
“ހިނގާ ދާން،” އޭނާ ސިޑިން ފައިބަމުން އަހަރެން އެ ޚިޔާލީ ދުނިޔެއިން ބޭރުކޮށްލިއެވެ.
އޭނާ ޕާކިންގްގައި އޮތް ކަޅުކުލައިގެ މާސިޑީޒް ބެންޒެއްގެ ތަޅު ހުޅުވާލިއެވެ. މިއީ ކުރިން ރޭ އެންގޭޖްމަންޓް ހަފުލާއަށް އޭނާ ދުއްވި ކާރެއް ނޫނެވެ. އަހަރެންނަކީ ކާރުތަކަށް އެހާ ޝައުގުވެރިވާ މީހަކަށް ނުވާތީ އެއީ ކޮން މޮޑެލެއްގެ ކާރެއްކަމެއް ނޭނގެއެވެ.
“ހޭއި، ކަމަކު އަހާލަންތަ؟” ކާރު ދުއްވަން ފެށުމުން އަހަރެން އިނގިލިތަކާ ކުޅެމުން އެހީމެވެ.
“އާނ، އަހާބަލަ.”
“ނާރާއަށް ކިހިނެއްވެފައި އެ އިނީ؟ މިއަދު އޭނާ އަހަރެންގެ ގައިގަ ބައްދާވެސް ނުލާ.”
“އަހަރެން އޭނާއަށް ހަގީގަތް ކިޔައިދިން ފަހުން އޭނާ ހުންނަނީ އެގޮތަށް މަޑުމަޑުން،” މަގުމައްޗަށް ބަލަހައްޓައިގެން އިނދެ އަދުނާން ބުންޏެވެ.
“އެއީ ކޮން ހަގީގަތެއްތޯ އަހާލުމުގެ ހުއްދަ އެބައޮތްތަ؟”
އޭނާ ފުން ނޭވައެއްލުމަށްފަހު މޫނުގައި އަތް އުނގުޅާލިއެވެ. “ހަނދާން އެބަހުރިތަ ނާރާގެ މަންމަ ދިރި އެބަހުއްޓޭ އަހަރެން ބުނި ހަނދާން؟”
އަހަރެން ބޯޖަހާލީމެވެ. އަދި އޭނާ ދެން ބުނާނެ އެއްޗަކަށް އިންތިޒާރުކޮށްލީމެވެ.
“އަހަރެން ހެދީ ދޮގު. ނާރާގެ މަންމަ ވަނީ މަރުވެފަ. އޭނާ މަރުވީ ނާރާ ވަރަށް ކުޑައިރު. އެކަމަކު އެ ހަގީގަތް ގަބޫލުކުރާކަށްވެސް އަދި ނާރާއަށް ކިޔައިދޭކަށްވެސް އަހަރެން ހުރީ ތައްޔާރަކަށް ނޫން. އެހެންވެ އޭނާގެ މަންމަވީ އެކްސިޑެންޓެއްވެގެން ހޮސްޕިޓަލުގައޭ، ވަރަށް އަވަހަށް އަންނާނެޔޭ އަހަރެން އަމިއްލަ ނަފްސަށާ ނޫރަށް ބުނަމުން ދިޔައީ. އެކަމަކު ހަގީގަތަކީ އޭނާ ދުވަހަކުވެސް އެނބުރި ނާންނާނެކަން.”
އޭނާ އެ ވާހަކަ ކިޔައިދީ ނިމުނުއިރު އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. “ތިޔަވީ ދެރަގޮތެއް، ވަރަށް ދެރަވެއްޖެ،” އަހަރެން މަޑުމަޑުން ބުނީމެވެ.
އަދުނާން އިތުރު އެއްޗެއް ނުބުނެއެވެ. ކާރުގެ ތެރެއަށް ހިމޭންކަން ވެރިވިއެވެ. އަހަރެން ކާރުގެ ކުޑަދޮރުން ބޭރު ބަލާލީމެވެ. ބޮޑެތި ގަސްތަކުގެ ތެރެއިން ވައި ރޯޅިތައް ދަތުރުކުރާ އަޑު އިވެމުންދެއެވެ.
ބޮޑުދައިތަ ހަލީމާގެ ގެއާ ކައިރީގައި ހުންނަ ފިހާރަ ފެނުމުން، ގެއާ ކައިރިވެއްޖެކަން އަހަރެންނަށް އެނގުނެވެ. އިރުކޮޅެއްގެ ތެރޭގައި އަހަރެމެންނަށް ދެވިއްޖެއެވެ.
އަދުނާން ހީނލި އަޑަށް އަހަރެން ބަލާލީމެވެ. ޚަލީލް ހުރީ ގޭގެ ދޮރުމަތީގައި ފޯނުން ވާހަކަދައްކާށެވެ. އޭނާގެ އަނެއް އަތުގައި ފިނިފެންމަލެއް އޮތެވެ.
އެވަގުތު އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ. އަހަރެންނަށް ގުޅަނީ ޚަލީލްކަން އެނގުނެވެ.
އަހަރެންނަށް ހީނލެވުނެވެ. އަދި އަދުނާނަށް ޝުކުރު އަދާކުރުމަށްފަހު، އޭނާ އެއްޗެއް ބުނަންދެން މަޑުނުކޮށް ކާރުން ފޭބީމެވެ. އަހަރެން މަޑުމަޑުން ހިނގާފައި ގޮސް ޚަލީލްގެ ކައިރިއަށް ހުއްޓިފައި، ކުއްލިއަކަށް “ހޭއި!” އޭ ބުނެ ހަޅޭއްލަވައިގަތީމެވެ.
*****
—- ނުނިމޭ —
