“އިވްރިޝާ!” ޝިރާނީ ކުއްލިއަކަށް އަހަރެންގެ ނަމުން ގޮވާލަމުން ފަހަތުން އައެވެ. “ޚަލީލްއާއި އޭނާގެ އާއިލާ އަތުވެއްޖެ!” އޭނާ އަހަރެންގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ބުންޏެވެ.
“އަހަރެން ކިހިނެއް؟” އޭނާގެ މޫނުގައި އަތް ހާކާލަމުން އޭނާ އެހިއެވެ. “އެތައް އަހަރަކަށްފަހު އެންމެ ފަހުން އޭނާ ފެންނަން މިއުޅެނީ.”
އަހަރެމެން އެކުގައި ހޯލުގެ ކުރިމައްޗަށް ދިޔައިރު، ޝިރާނީ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.
އަހަރެން އޭނާ ބައިންދާފައި އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލީމެވެ. “ތިޔަ ބުނާ ‘އޭނާ’ އަކީ ކާކު؟”
އޭނާގެ ދެލޮލުން ނުލަފާ ގޮތެއް ފެނިގެން ދިޔައެވެ. “ޚަލީލް،” އޭނާ ބުންޏެވެ.
*****
ލޯ ބޮޑުވެ، އަހަރެންގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވާން ފެށިއެވެ. ޝިރާނީ އެ ދައްކަނީ ކޮން ޚަލީލެއްގެ ވާހަކައެއް ހެއްޔެވެ؟އެއީ ޢަލީ ޚަލީލް ބަޝީރު ހެއްޔެވެ؟އަހަރެންގެ ފިޔާންސޭ ހެއްޔެވެ؟
“ތި ދައްކަނީ ކޮން ޚަލީލެއްގެ ވާހަކައެއް؟” ނުރުހުމުގެ މޫނަކާއެކު އަހަރެން އޭނާއާ ސުވާލުކުރީމެވެ.
އޭނާ މަލާމާތުގެ ހިނިތުންވުމަކާއެކު، އަހަރެންގެ ކައިރީގައި ހުރި އެއްޗަކަށް ނަޒަރު ހިންގާލުމަށްފަހު ބުންޏެވެ. “މާލަަަހެއް ނުވެ ތިޔަކަން އެނގިދާނެ.”
އަހަރެން އޭނާ އެ ބުނި އެއްޗަކާމެދު ހައިރާންވެ، އެސްފިޔަ ޖަހާލީމެވެ. ލޯ ހުޅުވާލިއިރު ޝިރާނީ ފެންނާކަށް ނެތެވެ. އޭނާ އެތަނަކު ނެތެވެ. ސްޓޭޖް ވަނީ ހުސްކޮށްފައެވެ. އެއީ އަހަރެންނާއި ޚަލީލް އިށީނުމަށް ތައްޔާރުކޮށްފައިވާ ތަނެވެ. އޭނާ މިހާރު އެ އުޅެނީ އައިހެވެ.
“އިވްރިޝާ!!” އަހަރެންގެ ފަހަތުން ފިރިހެންވަންތަ އަޑެއް އިވުނެވެ.
އެނބުރި ބަލާލިއިރު ކުރިމަތީގައި ހުރީ އަސަދު ބޭބެއެވެ. އެއީ މަންމަގެ 26 އަހަރުގެ ކޮއްކޮއެވެ.
“އަސަދު ބޭބޭ!” އަހަރެން ހިނިތުންވުމަކާއެކު ބޭބެގެ ގައިގައި ބައްދާލީމެވެ. އަދި އޭނާގެ ދަރިފުޅު ބިލާލްއަށް ވެސް ސަލާމްކުރީމެވެ. އޭނާގެ ނަން މިހާރު އަހަރެން ހަނދާންވެއްޖެއެވެ. އެއީ ކުރިން ނާރާއެކު ކުޅެން ހުރި ކުއްޖާއެވެ.
“ފާތިމަތު ބުނީ އިވްރިޝާއަށް ގޮވާލުމަށް. އިވްރިޝާގެ މައިދައިތަ ބޭނުންވޭ ބައްދަލުކޮށްލަން،” އަހަރެން ބޯޖަހާލުމަށްފަހު ބޭބެގެ އަތުގައި ހިފާލީމެވެ.
އެމީހުން މަންމައަށް މުޚާތަބު ކުރަނީ ‘ފާތިމަތު’ގެ ނަމުންނެވެ. އެއީ މަންމަގެ އަސްލު ނަމެވެ. އަހަރެމެން ރަތް ދޫލައިގެ މަތީގައި ހިނގާފައި ދިޔައިރު، ދެފަރާތުގައި ވިދާ ބެބުޅުންތަކުން ފުރިފައިވާ ތަނބުތައް ހުއްޓެވެ. އެ ތަނބުތައް ޒީނަތްތެރިކުރުމަށް ހަރުކޮށްފައި ހުރި އަސްލު މާތަކުން ދުވާ މީރުވަހުން މުޅި ހޯލް ތެރެ ވަނީ އެއްވަސްވެފައެވެ.
އަހަރެންގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. އެތަނަށް އައި ފަހުން ކެވުނު ތިން ކަޕްކޭކް ވެސް ބޭރުވެދާނެހެން ހީވިއެވެ. މީގެ ކުރިން ޚަލީލްގެ އާއިލާގެ އެއްވެސް މީހަކާ ބައްދަލުވެފައި ނުވާތީ، ހިތުގައި ބިރުވެރިކަން އުފެދިފައިވިއެވެ.
އެމީހުން އަހަރެން ގަބޫލު ނުކޮށްފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ މަންމައަކީ ނުބައި މައިދައިތައަކަށް ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
އަހަރެން އަވަސްއަވަހަށް އެ ޚިޔާލުތައް ސިކުނޑިން ނެރެލީމެވެ. ނޫނެކެވެ! އިރާދަކުރެއްވިއްޔާ އެންމެންވެސް އަހަރެންދެކެ ލޯބިވާނެއެވެ. އަހަރެން ކަހަލަ ރީތި ކުއްޖަކު ދެކެ ލޯބިނުވާނީ ކާކު ހެއްޔެވެ؟
“މިހުރީ މުސްތަޤުބަލުގެ އަނބިމީހާ އައިސް،” މަންމަގެ ކައިރީގައި ބިލާލް ބައިންދަމުން އަސަދު ބޭބެ އިޢުލާން ކުރިއެވެ.
އަހަރެން ލަދުން އިސްދަށަށް ޖަހާލައި، ބާރަށް އަސަދު ބޭބެގެ އަތުގައި ހިފަހައްޓާލީމެވެ.
“އާދޭ އިވްރިޝާ، ދަރިފުޅުގެ އާ މަންމައާ ބައްދަލުކޮށްލަން،” މަޑުމައިތިރި އަޑަކުން މީހަކު ބުންޏެވެ.
އަހަރެން އިސްއުފުލާ ބަލާލި ވަގުތު، ހިތުގެ ތެޅުން މަޑުޖެހިލިއެވެ. ކުރިމަތިން ފެނުނީ އޯގާތެރިކަމުން ފުރިފައިވާ މުށިކުލައިގެ ދެލޮލެވެ. އަހަރެން ޚަލީލްގެ މަންމަގެ ގާތަށް ގޮސް އިށީނދެލަމުން، މަޑުމަޑުން ބުނީމެވެ. “ސަލާމަތުން ދަތުރު ނިންމާލެވުނީތީ އުފާކުރަން.”
އޭނާ އަހަރެން ގެންގޮސް، އޭނާގެ އުނގުގައި ބައިންދާލިއެވެ. “ލަދުގަންނާނެ ކަމެއް ނެތް،” މިހެން ބުނެ އަހަރެންގެ ގައިގައި ބައްދާލިއެވެ.
އަހަރެން ހިނިތުންވުމާއެކު އަސަރުން ފުރިގެންވާ ގޮތަކަށް އޭނާގެ ގައިގައި ބައްދާލީމެވެ. އޭނާ އަހަރެން ބަލައިގެންފިއެވެ. “އަހަރެން ވަރަށް އުފާވެއްޖެ،” ލޮލުން ވެއްޓެން އުޅުނު ކަރުނަތައް ފޮހެލަމުން އަހަރެން ބުނީމެވެ.
މޭޒު ކައިރީގައި ތިބި އެންމެން ހީނލިއެވެ. އެތަނުން އަހަރެން ދަންނަ ހަމައެކަނި މީހަކީ މަންމައެވެ. ދެން ތިބީ ޚަލީލްގެ އާއިލާގެ މީހުން ކަމަށް ބެލެވެއެވެ. އެންމެންގެ އުމުރު އުޅެނީ ސާޅީހުގެ އަހަރުތަކުގައެވެ.
ފުރަތަމަ އަހަރެން ސަލާމްކުރީ ޚަލީލްގެ މަންމަގެ ކައިރީގައި ހުރި މީހާއާއެވެ. އޭނާ ތަޢާރަފުވީ ޖުމްއައިގެ ނަމުންނެވެ. އެއީ ޚަލީލްގެ މަންމަ (ހުރައިރާ) ގެ ދޮށީ ދައްތައެވެ. ދެން ތިބީ ހަބީބާ އަދި ހަދީޖާއެވެ. އެއީ ވެސް ޚަލީލްގެ ބޮޑުދައިތައިންނެވެ.
އަހަރެމެން ކުޑަކޮށް ވާހަކަދައްކާލީމެވެ. އެމީހުން ގިނައިން އެހީ އަހަރެންގެ ކިޔެވުމާ ބެހޭގޮތުންނެވެ. ކޮންމެ ސުވާލަކަށްވެސް އަހަރެން އެންމެ ރަނގަޅު ޖަވާބު ދެވޭތޯ ބެލީމެވެ.
“އަހަރެންނަށް އިވްރިޝާ ވަރަށް ކަމުގޮސްފި. ޚަލީލް ވަރަށް ނަސީބުގަދަ. ރީތިކަމާއި ތަޢުލީމު ވެސް ލިބިފައިވޭ،” އަހަރެންގެ އަތުގައި އަތްލަމުން ހަދީޖާ ބުންޏެވެ. އެހެން އަންހެންވެރިން ވެސް އެކަމާ އެއްބަސްވެ ބޯޖަހާލުމުން އަހަރެން ލަދުން ރަތްވިއެވެ.
“ކޮބައިބާ އެ ފިރިހެން ކުއްޖާ؟” ހޯލް ތެރެއަށް ނަޒަރު ހިންގާލަމުން ޚަލީލްގެ މަންމަ ސުވާލުކުރިއެވެ. އޭނާއަކީ ދޮން، ހަށިގަނޑު ވަރުގަދަ، އެހެން ނަމަވެސް ވަރަށް ރީތި މީހެކެވެ.
“އެއީތާ މައްސަލައަކީ. އެމީހުން އައިސް އަނގޮޓި ބަދަލުކުރަންވީނު، އަހަރެމެން ދާންވެއްޖެ. އަހަރެން ކައްކަން ޖެހޭ،” ދޮށީ ދައްތަ ޖުމްއައި އޭނާގެ އަތުކުރީ ގަޑިއަށް ބަލާލަމުން ބުންޏެވެ.
އޭރު އިރުއޮއްސި މަޣްރިބް ނަމާދު ވަގުތު ފާއިތުވެއްޖެއެވެ. ގިނަ ވަގުތު ހުއްޓިނުލާ ހިނގުމާއި އުސް ފައިވާނަށް އެރުމުގެ ސަބަބުން އަހަރެންގެ ފައިގައި ވަނީ ރިހުން އުފެދިފައެވެ.
“މަންމާ! ޚަލީލް ދުށީމުތަ؟” ޒުވާން އަންހެން ކުއްޖަކު އަހަރެމެންނާ ދިމާއަށް އައެވެ.
“އަމްރާ، ކިހިނެއްވީ؟ ކޮބާ ޚަލީލް؟ އިވްރިޝާ އެހުރީ އޭނާގެ އިންތިޒާރުގަ،” ހުރައިރާ ބުންޏެވެ.
އަހަރެންގެ ނަން އިވުމާއެކު އަމްރާ އަހަރެންނާ ދިމާއަށް ބަލާލައި، ހައިރާންކަމާއެކު އަހަރެންގެ ގައިގައި ބާރަށް ބައްދާލިއެވެ.
“ހޭއި!” އަހަރެން ހިނިތުންވުމާއެކު ބުނީމެވެ. އަމްރާއަކީ ކުލަ ތަންކޮޅެއް ކަޅު، އެކަމަކު ވަރަށް ރީތިކޮށް ހެދުން އަޅާފައި ހުރި ކުއްޖެކެވެ.
“ފޮޓޯތަކުން ފެންނަވަރަށްވުރެ މާ ރީތި! ތިއީތާ ޚަލީލް އެދައްކާ މަޝްހޫރު އިވްރިޝާއަކީ. މިހާރު ސަބަބު އެނގިއްޖެ!” އޭނާ އަނެއްކާވެސް އަހަރެންގެ ގައިގައި ބައްދާލުމަށްފަހު ފޯނުން ސެލްފީއެއް ނެގިއެވެ.
“ނައިސް ޓު މީޓް ޔޫ އަމްރާ. ކޮބާ ޚަލީލް؟” އަހަރެން އެހީމެވެ.
އޭނާ އަހަރެން ގޮވައިގެން ސްޓޭޖާ ދިމާއަށް ހިނގައިގަތެވެ. އޭރު އަޚީރާ ކޮންމެވެސް އެއްޗެއް އިޢުލާން ކުރަން ތައްޔާރުވަނީއެވެ.
“އާދެ، ހުރިހާ ބޭފުޅުންނަށް ވަރަށް ސަލާމް. ދެން ކުރިއަށްދާނީ މި ދެ ލޯބިވެރިން އަނގޮޓި ބަދަލުކުރުމުގެ ވަގުތު،” އަޚީރާ އިޢުލާން ކުރިއެވެ. އޭނާ އަހަރެންނަށް ބަލާލައި އަތުން އިޝާރާތް ކޮށްލުމުން އަހަރެން ވެސް އިޝާރާތް ކޮށްލީމެވެ.
އަހަރެމެން ސްޓޭޖުގެ މެދަށް ދިޔަ ވަގުތު، ބޮކިތައް ނިވި ‘ޑިސްކޯ ބޯލް’ގެ އަލިތަކުން މުޅި ތަން ފުރާލިއެވެ. ޚަލީލް ވަރަށް ކެރިހުރެ ކުރިމަތީ ދޮރުން ވަދެގެން އަންނަން ފެށުމާއެކު، މުޅި މާލަން ހިމޭންވިއެވެ. އަހަރެންގެ އަތްތިލަ ފިނިވެ، ހިތުގެ ތަޅުވުން ބާރުވިއެވެ. އޭނާ ކުރަން އެ އުޅެނީ ކީއްބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.
އަހަރެން ހުރި ފިޔަވަޅުމަތީގައި މަޑުކޮށްލައިގެން ހުރިއިރު، އަހަރެންގެ ނަޒަރު ހުއްޓިފައިވަނީ ސީދާ އޭނާގެ ދެލޮލަށެވެ. އޭނާ ހުރީ ގަދަ ނޫކުލައިގެ ކަފްތާނެއްގައެވެ. އެ ހެދުމުގައި އޭނާ ފެންނަނީ އާދަޔާޚިލާފަށް ފިރިހެންވަންތަކަން ބޮޑުކޮށެވެ. އޭނާ އައިސް އަހަރެންގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އޭނާގެ އިސްކޮޅުގެ ސަބަބުން އަހަރެން ހީވަނީ އޭނާގެ ހިޔަނި ދަށުގައި ހުރިހެންނެވެ.
އަހަރެން އިސްއުފުލާލައި ލަދުރަކި ހިނިތުންވުމަކާއެކު އޭނާއަށް ބަލާލީމެވެ. އޭނާ އަހަރެންގެ އަތުގައި ހިފާލިއެވެ.
“އިވްރީ އަހަރެންގެ މިލްކަކަށް ވުމުގެ ފުރަތަމަ ފިޔަވަޅު،” މަޑުމަޑުން އަހަރެންގެ ކަންފަތް ކައިރީގައި ބުނުމަށްފަހު، އަހަރެންގެ އިނގިލީގައި ރީތި އަނގޮޓިއެއް އަޅުވައިދިނެވެ.
އަހަރެން އިނގިލި އުފުލާ ބަލާލުމާއެކު، ހައިރާންކަމުން އަނގަމަތީގައި އަތް އެޅުނެވެ. އަލިމަހުގެ އެ އަނގޮޓި އަލިތަކުގެ ތެރޭގައި ވިދަމުން ދިޔައެވެ. އުފަލުން ގޮސް އަހަރެންގެ ލޮލުން ކަރުނަ ފޭދުނުއިރު، އެތަނަށް އެއްވެ ތިބި މީހުން އަތްޖަހައި ހަޅޭއްލަވަމުން ދިޔައެވެ.
އަޚީރާ އައިސް އަހަރެންގެ އަތަށް ޚަލީލްގެ އަނގޮޓި ދިނެވެ. އާންމުކޮށް ފިރިހެން ކުދިންނަށް އަނގޮޓި ނުގަތް ނަމަވެސް، އަހަރެން ބޭނުންވީ އޭނާއަށް އަނގޮޓިއެއް ދޭށެވެ. އެއީ ރަނުގެ ސާދާ އަނގޮޓިއެކެވެ. އޭގެ އެތެރޭގައި “އަބަދުވެސް ލޯބިވާނަން” މިހެން ލިޔެފައިވެއެވެ.
އަހަރެން އެ އަނގޮޓި އޭނާގެ އިނގިލީގައި އަޅުވައިދިން ވަގުތު، އެންމެންގެ ތައުރީފުގެ އަޑުތައް މުޅި ތަނުގައި ގުގުމާލިއެވެ. އަހަރެމެންގެ ނަޒަރު އެކަކު އަނެކަކާ ވަކިނުވެ ހުއްޓެވެ. ކެމެރާމަނުންނާއި މީހުން ފޮޓޯ ނަގަމުން ދިޔަ ވަގުތު، އަހަރެންގެ ހިތް އުފަލުން ފުރުނެވެ. މިފަދަ ލޯތްބަކާއި ސަމާލުކަމެއް ލިބުމުން އަހަރެންނަކީ ވަރަށް ނަސީބުވެރި ކުއްޖެއްކަމުގެ އިހުސާސް ކުރެވުނެވެ.
“ތި އަގުބޮޑު ކަރުނަތައް ބޭލުން ހުއްޓާލާ، މޭކަޕް ޚަރާބުވެދާނެ،” ޚަލީލް އަހަރެންގެ ކޮނޑުގައި އަތް ބާއްވާލަމުން އަހަރެން ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.
އަހަރެން ފެންކަޅިވެފައިވާ ދެލޮލުން އޭނާއަށް ބަލާލުމަށްފަހު ބުނީމެވެ. “އަހަރެން ވަރަށް ލޯބިވޭ.” އޭނާ ހިނިތުންވެލުމަށްފަހު، ވައިގެ ތެރެއިން ބޮސްއެއް ދެމުން ބުންޏެވެ. “އަހަރެން މާ ބޮޑަށް ލޯބިވޭ.”
“އައްސަލާމު އަލައިކުމް،” ލައުޑްސްޕީކަރުން މަންމަގެ މަޑުމައިތިރި އަޑު އިވުނެވެ. “މިރޭ މިތަނަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު އިޢުލާން ކޮށްލަން ބޭނުންވަނީ ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ކަން. ޝުކުރިއްޔާ އަދި ބާއްޖަވެރި ރޭގަނޑަކަށް އެދެން.”
މަންމަ ހިނިތުންވުމަކާއެކު މައިކް ރައްދުކުރިއެވެ. މަންމަ ހުރީ ވަރަށް ރީތި ހެދުމެއްގައެވެ. މިއާއެކު މިއުޒިކް އަލުން ފެށި، ޒުވާނުން ނަށަން ފެށިއެވެ. އުމުރުން ދުވަސްވީ މީހުން އެމީހުންގެ ގެތަކަށް ދާން ފެށިއެވެ. ބައެއް މީހުން ދިޔައީ ޚަލީލް އަހަރެންނަށް ދޭން ތައްޔާރުކޮށްފައިވާ ހަދިޔާތައް ބަލާލުމަށް ހަލީމާއްތަގެ ގެއަށެވެ. އަހަރެން ވެސް އެ އެއްޗެހި ބަލާލަން ދާން ކެތްމަދުވެފައި ހުރީމެވެ.
އިރުކޮޅެއް ފަހުން…
“ދެން މިހާރު އިހުސާސްވަނީ ކިހިނެއް؟” މިއުޒިކާ އެއްވަރަށް ހަށިގަނޑު ހަލުވާލަމުން ޚަލީލް އެހިއެވެ.
އަހަރެން ވެސް އޭނާއާ އެއްވަރަށް ހަރަކާތްތެރިވަމުން ހިނިތުންވުމާއެކު ބުނީމެވެ. “ވަރަށް އުފާވެއްޖެ! އަހަރެންނަށް އާ ރައްޓެހިން ވެސް ލިބިއްޖެ.”
އޭނާ ބުމަ އަރުވާލަމުން އެހިއެވެ. “އެހެންތަ؟ ކިތައް މީހުން؟”
އަހަރެން ހީނލުމަށްފަހު، އޭނާގެ އަތުގައި ހިފައިގެން އަޚީރާއާއި އާމީ ތިބި މޭޒު ކައިރިއަށް ދިޔައީމެވެ. އެމީހުން ތިބީ ތަސްނީމްއާއި ސަބީނާއާއެކު ކާށެވެ.
“ހޭއި ކުދިންނޭ! ޚަލީލް ބޭނުންވަނީ ތިޔަ ކުދިންނާ ބައްދަލުކޮށްލަން.”
އެމީހުން އިސްއުފުލާ ބަލާލިއެވެ. “އަހަރެމެން އޭނާ ދަންނަން،” އަނގައަށް ބަތް ސުވައެއް ލަމުން އާމީ އާއި ތަސްނީމް ބުންޏެވެ. އަހަރެން ފޫހިވެފައި އެމީހުންނަށް ބަލާލީމެވެ.
“ޚަލީލް، މިއީ އަޚީރާ. އަހަރެމެން ބައްދަލުވީ އޭނާގެ ބޭބެގެ ގައިން.” ޚަލީލް ހިނިތުންވުމުން އަޚީރާ އާ ސަލާމްކޮށްލިއެވެ.
“ދެން މިއީ ސަބީނާ، ހަލީމާއްތަގެ ދަރިފުޅު.” ސަބީނާ ހިނިތުންވެލިއިރު ޚަލީލް އަތުން އިޝާރާތް ކޮށްލިއެވެ. އެކަމަކު އެ އެންމެންގެ ސަމާލުކަން ހުރީ ކެއުމަށެވެ.
“ސަބީނާ، ކޮބާ ސަދީޤް؟” ސަދީޤަކީ ސަބީނާގެ އެއްމާބަނޑު ބޭބެއެވެ. އަހަރެންނަށް ނުފެންނަނީ ހަމައެކަނި އޭނާއެވެ.
“އޭނާ އެއުޅެނީ މާލިކްއާއެކު އަންހެން ކުދިން ފަހަތުގަ އަޅުވާލައިގެން،” އޭނާ ފަރުވާކުޑަ ގޮތަކަށް ބުންޏެވެ.
އަހަރެން ހީނލީމެވެ. ޚަލީލް އަހަރެންގެ އަތުގައި ހިފާލަމުން ބުންޏެވެ. “އަދި އަހަރެންގެ އެއްބަނޑު އެއްބަފާ ކުދިންނާ ބައްދަލެއް ނުވެއެއްނު. ހިނގާ ދާން.”
އަހަރެން ބޯޖަހާލުމަށްފަހު އޭނާގެ ފަހަތުން ދިޔައީމެވެ. “ކިތައް ކުދިން ތިބޭތަ؟” އަހަރެން އެހީމެވެ.
“ޖުމްލަ 15 ކުދިން ތިބޭ. އެކަމަކު މިތަނުގައި ތިބީ އެންމެ ދެ ކުދިން. އެއީ ތުފާ އާއި ނިމްލާ.”
މާގިނަ އިރެއް ނުވެ، ކާން ތިބި ދެ އަންހެން ކުދިންނާ އަހަރެމެންނާ ބައްދަލުވިއެވެ. “ތުފާ، މިއީ އިވްރިޝާ. މިހާރު އަހަރެން ސަލާމަތްވެއްޖެ،” ހިތްހަމަޖެހުމުގެ ނޭވާއެއްލަމުން ޚަލީލް ބުންޏެވެ.
ތުފާ އޭނާގެ ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު، އަހަރެންގެ ގައިގައި ބާރަށް ބައްދާލިއެވެ. “އިވްރިޝާ!”
އަހަރެން ހީނލަމުން އޭނާގެ ގައިގައި ބައްދާލީމެވެ. “ތުފާާާާ، ކިހިނެއް؟” އޭނާ ހުރީ ވަރަށް ފޯރީގައެވެ.
“އިވްރިޝާ އާ ބައްދަލުވީތީ ވަރަށް އުފާވެއްޖެ!” އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައެވެ. އަހަރެން ވެސް ހަމަ އެހެން ބުނުމަށްފަހު ނިމްލާއަށް ސަލާމްކޮށްލީމެވެ. ތުފާއާ ޚިލާފަށް ނިމްލާއަކީ ވަރަށް މަޑުމައިތިރި ކުއްޖެކެވެ.
“އަހަރެން އެބަދަން ރައްޓެހިންނާ ބައްދަލުކޮށްލަން. މި އަންނަނީ އިރުކޮޅަކުން،” ޚަލީލް އަހަރެންގެ ކަންފަތް ކައިރީގައި ބުންޏެވެ. އަހަރެން ބޯޖަހާލުމުން އޭނާ ދިޔައެވެ.
“ހިނގާ އަހަރެންގެ ރައްޓެހިން ތިބި ތަނަށް ދާން،” ކައި ނިންމި ނިމްލާއާއި ތުފާ ގާތު އަހަރެން އެދުނީމެވެ. އެމީހުން އެއްބަސްވުމުން އަހަރެމެން އަޚީރާގެ މޭޒާ ދިމާއަށް ހިނގައިގަތީމެވެ.
*******
— ނުނިމޭ —
