ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އިރުގެ އަލި ބޭނުންކޮށްގެން ޕްލާސްޓިކް ފުޅި ސާފު ހަކަތައަށް ބަދަލުކުރުން

ޕްލާސްޓިކް ފުޅިއެއް ކުނި ވަށިގަނޑަށް އެއްލާލާއިރު، އަހަރެމެން ގަބޫލުކުރަނީ އެ ފުޅި ރީސައިކަލް ކުރެވި، އަލުން ބޭނުންކުރެވޭނެ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ބޮޑު ބައެއް އަދިވެސް ނިމިގެންދަނީ އަންދާލުމުގެ ތެރޭގައި ނުވަތަ ބިމުގެ އަޑީގައި ވަޅުލެވިގެންނެވެ. އަދި ރީސައިކަލް ކުރެވޭ ބައިން އައު އެއްޗެއް އުފެއްދުމަށްޓަކައި، ގިނަ ނިޒާމުތަކަށް އުފުލޭވަރަށްވުރެ ބޮޑު ހަކަތައެއް ހޭދަވެއެވެ.

އިނގިރޭސިވިލާތުގެ ކެމިސްޓުންގެ ޓީމަކުން ވަނީ، އުކާލާ ޕްލާސްޓިކް ރީސައިކަލް ކުރުމުގެ ބަދަލުގައި އެއަށްވުރެ ފައިދާހުރި ކަމެއް ކުރެވިދާނެތޯ ބަލާފައެވެ. މި މާހިރުން ވަނީ އިރުގެ އަލި ބޭނުންކޮށްގެން ޕްލާސްޓިކް މުގުރާލައި، ސާފު ހައިޑްރޮޖަން ފިއުލް ބަދަލުކޮށްދޭ ސޯލާ ޕެނަލެއް އުފައްދާފައެވެ.

އިރުގެ އަލީގައި ޕްލާސްޓިކް ރީސައިކަލް ކުރުން
މިއީ މުޅިން އައު ޚިޔާލެއް ނޫނެވެ. އިރުގެ އަލިން ޕްލާސްޓިކް މުގުރާލައި ހައިޑްރޮޖަން ވަކިކުރެވިދާނެކަން ސައިންސްވެރިން ކުރިންވެސް ވަނީ ދައްކައިދީފައެވެ. ނަމަވެސް އެކަން ކުރެވިފައިވަނީ ލެބޯޓްރީތަކުގެ ބޮކިތަކުގެ ދަށުގައި ހުރި ކުދިކުދި ޕެނަލްތަކެއްގައެވެ. އެއީ މުޅި ސިޓީއަކަށް ބޭނުންވާ މިންވަރާ ގާތްކުރާ މިންވަރެއް ނޫނެވެ.

ކޭމްބްރިޖް ޔުނިވަރސިޓީގެ ޕްރޮފެސަރ އާވިން ރައިސްނާ އިސްވެ ހުންނަވައިގެން ކުރެއްވި މި މަސައްކަތަށް ގިނަ އަހަރުތަކެއް ވަނީ ހޭދަވެފައެވެ. އޭނާގެ ޓީމުން ކުރިން އުފެއްދި އާލާތްތަކުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 10 އިންޗިއެވެ. ނަމަވެސް އެންމެ ފަހުން އުފެއްދި ޕެނަލަކީ ކޮންމެ ފަރާތެއްގައި 3 ފޫޓު ހުންނަވަރުގެ ބޮޑު ޕެނަލެކެވެ. ރިސާޗަރުން މި ބޮޑު ޕެނަލް ކެމިސްޓްރީ އިމާރާތުން ބޭރުގައި ބަހައްޓައިގެން، ސީދާ އިރުގެ އަލި ބޭނުންކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިޔައެވެ. މިއީ މިފަދަ ސޯލާ ރިއެކްޓަރެއް ބޭރުގައި ބަހައްޓައިގެން، ބޮޑު މިންވަރަކަށް އުފެއްދޭނެ ގޮތަށް ތަޖުރިބާކުރެވުނު ފުރަތަމަ ފަހަރެވެ.

ސާދާ “ސްޕްރޭ ކޯޓިންގ” އެއް
މި ޕެނަލް އުފެއްދުމުގައި ބޭނުންކޮށްފައިވާ އުކުޅަކީ ވަރަށް ތަފާތު އުކުޅެކެވެ. ކުރީގެ ޕެނަލްތައް އުފެއްދުމަށް ގަދަ ހޫނާއި، ނުރައްކާތެރި ކެމިކަލްތައް ބޭނުންކުރަން ޖެހެއެވެ. ނަމަވެސް މި ޕެނަލް އުފައްދާފައިވަނީ އާދައިގެ ފިނިހޫނުމިނުގައި، ހާޑްވެއަރ ފިހާރައަކުން ފަސޭހައިން ލިބޭނެ ތަކެތި ބޭނުންކޮށްގެންނެވެ.

ފުރަތަމަ، ބިއްލޫރިގަނޑެއްގެ މައްޗަށް އަލި ދަމައިގަންނަ ކުުނޑިއެއް (ޕައުޑަރެއް) ސްޕްރޭ ކުރެވެއެވެ. ދެވަނަ ފަށަލައެއްގެ ގޮތުގައި ކޯބަލްޓް އަދި ޒިރްކޯނިއަމް ބޭނުންކުރެއެވެ. މިއީ އަގުހެޔޮ، އާންމުކޮށް ލިބޭ ދެ މައުދަނެވެ. މި ތަކެތި ސްޕްރޭ ކުރުމަށް ބޭނުންކޮށްފައިވަނީ އާދައިގެ ކުލަ ޖަހާ ސްޕްރޭއެކެވެ. މި މަސައްކަތުގައި ބައިވެރިވި ކެމިސްޓް އާރިފިން ބިން މުހައްމަދު އަންނުއާރު ބުނިގޮތުގައި، މި ނިޒާމު މިހާ ސާދާކޮށް އޮތުމުން އޭނާވެސް ހައިރާންވިއެވެ.

ހައިޑްރޮޖަން އަދި ބޭނުންތެރި ކެމިކަލްތައް
ބޭރުތެރޭގައި ބެހެއްޓި މި ޕެނަލުން އޭގެ މަސައްކަތް ފުރިހަމައަށް ކުރިއެވެ. ޕެނަލްގެ ތެތް ސަތަހައިގެ މަތިން ކުދިކުދި ބޮކިތައް އަރަމުން ދިޔައީ، އުކާލާފައިވާ ކުނިތަކުގެ ތެރެއިން ސީދާ ހައިޑްރޮޖަން ފިއުލް ވަކިކުރަމުން ދިޔަ ވަގުތުއެވެ. މި ހަކަތަ އަަންދާއިރު ބޭރުވަނީ ހަމައެކަނި ފެން ކަމުން، މިއީ ވަރަށް ސާފު ހަކަތައެކެވެ.

ހަމައެކަނި ހައިޑްރޮޖަނެއް ނޫނެވެ. މި މަސައްކަތުގެ ތެރެއިން ޕްލާސްޓިކް ކުނިތައް ބަދަލުވެގެން ދިޔައީ ފެކްޓްރީތަކަށް ބޭނުންތެރި ކެމިކަލްތަކަކަށެވެ. މި ޕެނަލުން އެކި ބާވަތުގެ ކުނިތައް މުގުރާލެވެއެވެ. އޭގެ ތެރޭގައި ގަސްގަހާގެހީގެ ގޮފިތަކާއި، އާދައިގެ ލުއި ފުޅިތަކުން ކޮށާފައިވާ ޕްލާސްޓިކް ހިމެނެއެވެ.

އަސްލު ޚަރަދު ބެލުން
މި ޓީމުން ވަނީ ވަރަށް ތަފާތު ކަމެއް ކޮށްފައެވެ. އެއީ ހަމައެކަނި އުންމީދީ އަންދާޒާތަކެއްގެ މައްޗަށް ބިނާނުކޮށް، ބޭރުގައި ކުރި ތަޖުރިބާތަކުން ލިބުނު ހަގީގީ ނަންބަރުތަކަށް ބަލައިގެން ޚަރަދު ހިނގާނެ ގޮތުގެ ދިރާސާއެއް ހެދުމެވެ.

މިވަގުތު މިގޮތަށް ހައިޑްރޮޖަން އުފެއްދުމަކީ ވިޔަފާރީގެ ގޮތުން ބަލާއިރު ވަރަށް އަގުބޮޑު ކަމެކެވެ. ނަމަވެސް، އެއް ޕެނަލެއް ތަކުރާރުކޮށް ބޭނުންކޮށް، އޭގެ މަތީގައިވާ މައުދަންގެ ފަށަލަ އަލުން ސްޕްރޭ ކުރުމުން، ހައިޑްރޮޖަން އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް ދަށްވާކަން ފާހަގަކުރެވުނެވެ.

ޕެނަލްތައް ގިނަ ދުވަހަށް ދެމެހެއްޓުން
މި ޕެނަލްތަކަކީ އަދި ފެކްޓްރީތަކުގެ ފުރާޅުމަތީގައި ބޭނުންކުރަން ތައްޔާރު އެއްޗެއް ނޫނެވެ. ގިނަ ދުވަހު ބޭނުންކުރުމުން އޭގެ މަތީގައިވާ މައުދަން ފަށަލަ މަޑުމަޑުން ފިލައިގެންގޮސް، އޭގެ ފެންވަރު ދަށްވެއެވެ. ނަމަވެސް މިއީ ހައްލެއް އޮތް ކަމެކެވެ. އެ ފަށަލަ އަލުން ސްޕްރޭ ކުރުމުން ޕެނަލް ކުރީގެ ހާލަތަށް ރުޖޫޢަވެއެވެ. މީގެ މާނައަކީ މުޅި ޕެނަލް ބަދަލުކުރުމުގެ ބަދަލުގައި، އޭތި އާބާތުރަ ފިލުވައިގެން ބޭނުންކުރެވޭނެ ކަމެވެ.

އަދި މި އާލާތުން ހަކަތަ ދަމައިގަންނަނީ އިރުގެ އަލީގެ ތެރޭގައި ހިމެނޭ އަލްޓްރާވައިލެޓް (ޔޫވީ) ބައިން އެކަންޏެވެ. މިއީ އިރުން ދުނިޔެއަށް ފޯރާ ހަކަތައިގެ ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް، މި ނިޒާމުގެ ހުރި އެންމެ ބޮޑު ފައިދާއަކީ މިއީ އަގުހެޔޮ، ސާދާކޮށް ތައްޔާރުކުރެވޭ، އަދި ކުނިން ބޭނުންތެރި އެހެން އުފެއްދުންތަކެއްވެސް ލިބިދޭ ނިޒާމަކަށް ވުމެވެ.

ބަދަލުވެދާނެ ކަންތައްތައް
މީގެ ކުރިން މިފަދަ ބޮޑު މިނެއްގެ ޕެނަލެއް، ބޭރުތެރޭގެ މާހައުލުގައި، އިރުގެ އަލި ބޭނުންކޮށްގެން ކާމިޔާބުކަމާއެކު ހިންގިފައެއް ނުވެއެވެ. މިހާރު މިވަނީ ހަގީގީ މޫސުމީ ހާލަތްތަކުގައި މަސައްކަތްކުރާ ނަމޫނާއެއް ދައްކާލެވިފައެވެ.

މި ޕެނަލްތަކުގެ ދެމެހެއްޓެނިވިކަމުގެ މައްސަލަ ހައްލުކުރެވިއްޖެނަމަ، ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ ކައިރީގައި މިފަދަ ޕެނަލްތައް ބަހައްޓައިގެން، އުކާލާ ޕްލާސްޓިކް ފުޅިތައް ބިމުގެ އަޑިއަށް ދިޔުމުގެ ބަދަލުގައި ހަކަތައަށް ބަދަލުކުރެވޭނެއެވެ.

މި ހޯދުމުގެ އެންމެ މުހިންމު ކަމަކީ، ޕްލާސްޓިކް ކުނިން އުފައްދާ ހަކަތަ މިހާރު ހުރި ހަކަތައިގެ ވަސީލަތްތަކާ ވާދަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، މި ޓެކްނޮލޮޖީ ލެބޯޓްރީން ބޭރަށް ނިކުމެ، ހަގީގީ ދުނިޔޭގައި މަސައްކަތްކުރާނެކަން ސާބިތުކޮށްދިނުމެވެ. މިއީ އިންޖިނިއަރުންނަށް މިކަން އަމަލީ ގޮތުން ބޭނުންކުރެވޭނެ މަގު ދައްކައިދިން ކަމެކެވެ.

މި ދިރާސާ ވަނީ ‘ނޭޗަރ ކެމިކަލް އިންޖިނިއަރިންގ’ ޖަރނަލްގައި ޝާއިޢުކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top