ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ އެގާރަވަނަ މެޗުން އެމްއޭސީއެލް އަދި 12 ވަނަ މެޗުން އެސްޓީއޯ ރެކްރިއޭޝަން ކުލަބް ފަސޭހަކަމާއިއެކު މޮޅުވެއްޖެއެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލައިލާއިރު:
މެޗު 11
ގުރޫޕް ބީގައި ހިމެނޭ އެމްއޭސީއެލް އާއި ޔުނައިޓެޑް ބީއެމްއެލް ބައްދަލުކުރި މި މެޗަކީ މި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ފުރަތަމަ މެޗުން އެމްއޭސީއެލް އުނދަގޫ މޮޅެއް ހޯދިއިރު، ބީއެމްއެލް ހޯދީ ތަފާތު ބޮޑު ފަސޭހަ މޮޅެކެވެ. ރޭގެ މެޗަށް ނުކުތްއިރު، ފައިދާ ގޯލުގެ ތަފާތުން މި ގުރޫޕް ލީޑުކުރަމުން ދިޔައީ ބީއެމްއެލްއެވެ.
ވާދަވެރި ކުޅުމެއް ފެންނާނެކަމަށް ބެލެވުނު މި މެޗުގެ ފުރަތަމަ ތިން ލަނޑު ޖެހީ އެމްއޭސީއެލްއެވެ. އޭގެ ފަހުން ބީއެމްއެލްއިން ދެ ލަނޑު ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. ގާތްގާތުގައި ޖެހި ދެ ލަނޑާއިއެކު އެމްސީއެލްއިން ލީޑު ކޮށްލިއިރު، އެގޭ ފަހުން ދެ ޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ.
އެމްއޭސީއެލްގެ އަޙްމަދު ހުޝާމް 4 ލަނޑު އަދި މުޙައްމަދު ޖިނާހް އާއި ފަހުމާން އަބްދުލް ހަމީދު، ކޮންމެ ކުޅުންތެރިއެއް އެއް ލަނޑު ޖެހިއިރު، ބީއެމްއެލްގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް ހަމްދާނާއި އުނައިސް ޒުބައިރުއެވެ. ތިންވަނަ ލަނޑަކީ އެމްއޭސީއެލް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
6-3 އިން އެމްއޭސީއެލް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޭސީއެލްގެ އަޙްމަދު ހުޝާމްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު ހުޝާމް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
މެޗު 12
ބާރަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގައި ހިމެނޭ އެސްޓީއޯ ރެކްރިއޭޝަން އާއި ދިވެހި ސިފައިންގެ ކުލަބެވެ. އެސްޓީއޯގެ ފުރަތަމަ މެޗު އެމްޓީސީސީއާ އެއްވަރުވި ނަމަވެސް، ސިފައިންގެ ކުލަބްގެ ފުރަތަމަ މެޗުން އެ ޓީމު ވަނީ ބޮޑު ބައްޔެއް ވެފައެވެ.
ދެވަނަ ބުރަށް ދިއުމަށްޓަކައި މޮޅެއް ހޯދުން ދެ ޓީމަށް ވެސް މުހިންމުވި، މި މެޗުގެ ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނުނު ނަމަވެސް، އެސްޓީއޯއިން ވަނީ ދެވަނަ ހާފުގައި މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ. ސިފައިންގެ ކުލަބްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑުން އެސްޓީއޯ ލީޑު ނެގިއިރު، ދެވަނަ ހާފުގައި އަޙްމަދު ރާހިލް އާއި ސޮރޮއުސް ޝެއިހްހަރަމް މައްސަދި ޖަހައިދިން ލަނޑުން އެ ޓީމު ލީޑު ފުޅާކުރިއެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ގުރޫޕްގެ އެއްވަނައަށް އެ ޓީމު ޖެހިލިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ސޮރޮއުޝް ޝެއިހްހަރަމް މައްސަދި / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސްޓީއޯގެ ސޮރޮއުޝް ޝެއިހްހަރަމް މައްސަދިއެވެ.
