ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ މ. އަތޮޅު މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ވޭވަށް ހޯދައިފި އެވެ. މި އަތޮޅުގެ ލީގު ބުރުގެ ފަހު ދެ މެޗު އިއްޔެ ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ މުއްޔާއި މުލަކެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރީ ދިއްގަރާއި ވޭވަށެވެ. މި ދެމެޗަށް ބަލާލާއިރު:
މެޗު 5
އިއްޔެ ހަވީރު ކުޅެވުނު މެޗަކީ މުބާރާތުގެ ފަސްވަނަ މެޗެވެ. އެ މެޗުގައި ބައްދަލުކުރީ މުލަކާއި މުއްޔެވެ. މިއީ ދެ ޓީމުގެ ވެސް ފަހު މެޗެވެ. ކުރިން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވި މުލަކަށް މި މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު މެޗަށް ނުކުތްއިރު އޮތީ ހުޅުވިފަ އެވެ. އަދި ކުރިން ކުޅުނު ދެ މެޗުގެ އެއް މެޗުން ބަލިވެ އަނެއް މެޗު އެއްވަރުވި މުއްޔަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެ ޓީމަށް ވެސް މި މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތެއް އޮތެވެ.
ފައިނަލްގެ ދެވަނަ ޖާގައަށް ވާދަކުރި މި މެޗުގައި ފެނުނީ ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. މެޗު ފެށުމާއިއެކުހެން ލަނޑެއް ޖެހޭތޯ ދެ ޓީމުން ވެސް ދިޔައީ މަސައްކަތް ކުރަމުން ނެވެ.
1-1 އިން މެޗު އެއްވަރުވެ ލިބުނު ޕޮއިންޓާއިއެކު، ހަތަރު ޕޮއިންޓް ހަމަކޮށް ލީގު ބުރުގެ ދެވަނައަށް، ވަގުތީގޮތުން މުލައް ޖެހިލި ނަމަވެސް، އެ ޓީމަށް ފައިނަލްގެ ޖާގަ ޔަގީންވާނީ ކުރިޔަށް އޮތް ދިއްގަރާއި ވޭވަށް ބައްދަލުކުރާ މެޗު ނިމުމުން ކަމަށްވާތީ އެ ޓީމުން ޖެހުނީ އިންތިޒާރުގައި މަޑުކުރާށެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުލީ ޓީމުގެ މުޙައްމަދު ޔަޒްދާން އެވެ.

ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ
މެޗު 6
ރޭ ކުޅުވުނު މުބާރާތުގެ ހަވަނަ މެޗަކީ ލީގު ބުރުގެ ފަހު މެޗެވެ. މި މެޗުގައި ބައްދަލުކުރީ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފައިވާ ދިއްގަރާއި ވޭވަށެވެ. މިއީ ދެ ޓީމުގެ ވެސް ތިންވަނަ މެޗެވެ. ކުޅުނު ދެ މެޗުން މޮޅުވެ ލީގު ބުރުގެ އެއްވަނަ މަގާމާއިއެކު ފައިނަލްގެ ފުރަތަމަ ޖާގަ ދިއްގަރުން ޔަގީންކޮށްފައިވާއިރު، ވޭވަށް ކުޅުނު ދެ މެޗުން އެ ޓީމަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ތިން ލަނޑުގެ ތަފާތުން މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު މި މެޗަށް ނުކުތްއިރު، ވޭވަށަށް އޮތީ ހުޅުވިފަ އެވެ. ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ފައިނަލްގެ ދެވަނަ ޖާގަ ހޯދުމަށްޓަކައި، މެޗަށް ނުކުތް ވޭވަށު ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ފެނުނީ ތަފާތު ހިތްވަރެކެވެ.
މެޗު ފެށުމާއިއެކު ލީޑު ހޯދުމަށް އެ ޓީމުން މަސައްކަތްކުރި އެވެ. ރަނގަޅު ކުޅުމެއް ކުޅެ ގިނަ ފުރުސަތުތަކެއް ވޭވަށުން ހޯދި ނަމަވެސް، މެޗުގެ ލީޑު ނެގީ ދިއްގަރުން ނެވެ. ބަދަލުތަކަކާއިއެކު މި މެޗުގައި ކުޅުނު ދިއްގަރަށް ލީޑު ނަގައިދިނީ 14 ވަނަ މިނިޓްގައި އިސްމާއިލް ވާއިލް އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ކޯނަރު ގޯލްގެ ތެރެއަށް ވައްދާލައިގެން ނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ވޭވަށުން ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ކާމިޔާބު ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނާފިޒް އަބްދުއްޝުކޫރު އެވެ.
ދެވަނަ ހާފުގައި ވޭވަށުން ވަނީ ތަފާތު ބޮޑު މޮޅު ކުޅުމެއް ދައްކައި މެޗުގެ ކޮންޓްރޯލް ހޯދައި އެ ޓީމުގެ ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ދައްޔާން އަޙްމަދު ވަނީ ވޭވަށަށް ލީޑު ނަގައިދީފަ އެވެ. ވޭވަށުން މި ލަނޑު ޖަހާފައިވަނީ ކައުންޓާރ އެޓޭކެއްގައި ލިބުނު ބޯޅަ ހިފައިގެން ދެ ކުޅުންތެރިއަކު ކުރިޔަށް އަރަ އެވެ. ނަތީޖާ ހަމަހަމަކުރުމަށް ދިއްގަރުން މަސައްކަތް ކުރަމުން ދަނިކޮށް މުޙައްމަދު އަޒާން އިސްހާގު ވަނީ ވޭވަށުގެ ލީޑު ފުޅާކޮށްދީފަ އެވެ.
މެޗްގެ ފަހުކޮޅު ނާފިޒް އަބްދުއްޝުކޫރު ކާމިޔާބުކޮށްދިން ލަނޑާއިއެކު ލީގު ބުރުގެ ދެވަނައަށް އެ ޓީމު ޖެހިލި އެވެ. ފައިނަލްގެ ދެވަނަ ޖާގަ ޔަގީންކުރުމަށްޓަކައި ނަތީޖާ އެގޮތުގައި ދަމަހައްޓަން މަޖުބޫރުވި ވޭވަށުން ޑިފެންސަށް ބޮޑު އިސްކަމެއް ދިންއިރު މެޗުގެ އިތުރު ވަގުތުގައި އިތުރު ލަނޑެއް ޖެހި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިބްރާހިމް ފިރާގް އެވެ.
މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ވޭވަށުން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޭވަށު ޓީމުގެ ނާފިޒް އަބްދުއްޝުކޫރު އެވެ.
މި އަތޮޅުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ އެވެ.
