މަޝްހޫރު އެކްޓަރު އަދި މިއުޒިކް ކޮމްޕޯޒަރު ޖީވީ ޕްރަކާޝް ކުމާރާއި ކަޔާދޫ ލޯހަރް މުހިންމު ރޯލުތަކުން ފެނިގެންދާ ސުޕަރނެޗުރަލް ހޮރޯ ތުރިލާ “އިމޯޓަލް” ސިނަމާތަކަށް އަންނާނެ ތާރީޚު އިޢުލާންކޮށްފިއެވެ. މާރިޔައްޕަން ޗިންނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 23 ޖުލައި 2026 ގައެވެ.
ފިލްމު ރިލީޒްކުރާ ތާރީޚު އިޢުލާންކުރަމުން ޖީވީ ޕްރަކާޝް ވަނީ ސޯޝަލް މީޑިއާގައި ފިލްމުގެ ޕޯސްޓަރެއް ހިއްސާކޮށްފައެވެ. މި ޕޯސްޓަރުން ފެންނަނީ ފިލްމުގެ ލީޑް ދެ ތަރިން ބިރުވެރި ހާދިސާއެއްގެ ތެރޭގައި ތިއްބައެވެ.
“އިމޯޓަލް” ގެ ވާހަކަ ބިނާވެފައިވަނީ އެޕާޓްމަންޓް ކޮމްޕްލެކްސެއްގައި އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ޒުވާނެއްގެ މައްޗަށެވެ. އޭނާ ދިރިއުޅޭ ސަރަހައްދަށް އަލަށް ބަދަލުވާ ފަރާތަކާ ބައްދަލުވެ، އެ އަންހެން މީހާދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް، މި ލޯތްބާއެކު އޭނާގެ ދިރިއުޅުމަށް ނަފުސާނީ ބޮޑެތި ބަދަލުތަކެއް އައިސް، ބިރުވެރި ކަންތައްތަކަކާ ކުރިމަތިލާން ޖެހެއެވެ. ސިއްރުވެރި މަޚްލޫޤުންތަކެއް އޭނާއަށް ފެންނަން ފަށާ ހިސާބުން، އޭނާގެ އަވަށްޓެރި އަންހެން މީހާގެ ފަހަތުގައިވާ ބިރުވެރި ސިއްރުތައް ހޯދުމަށް އޭނާ މަސައްކަތް ކުރެއެވެ.
މި ފިލްމުގެ އިތުރު ރޯލުތަކުން ޓީއެމް ކާތިކް، އަދިތުޔާ ކާތިރް، ކުމާރު ނަޓަރާޖަން އަދި ސުނީތާ ޝްރެސްތާ ފެނިގެންދާނެއެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ސޭމް ސީއެސްއެވެ.
ޖީވީ ޕްރަކާޝް އެންމެ ފަހުން ފެނިގެންގޮސްފައިވަނީ “ހެޕީ ރާޖް” އިންނެވެ. މީގެ އިތުރުން އޭނާ ދަނީ މިއުޒިކް ކޮމްޕޯޒަރެއްގެ ގޮތުގައިވެސް ގިނަ މަޝްރޫއުތަކެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސޫރިޔާގެ “ވިޝްވަނާތު އެންޑް ސަންސް” އަދި ދުލްޤަރް ސަލްމާންގެ “އާކާޝަމްލޯ އޮކާ ތާރާ” ފަދަ ފިލްމުތައް ހިމެނެއެވެ.
