ވަޓްސްއެޕް ބޭނުންކުރުމުގައި ފޯނު ނަންބަރު ހިއްސާކުރަންޖެހޭ އުސޫލަށް ބޮޑު ބަދަލެއް ގެނައުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.
ކުރިއަށް އޮތް ތަނުގައި، ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް އަމިއްލަ “ޔޫސަރނޭމް” އެއް ރަޖިސްޓަރީކޮށް، މީހުންނާ މުއާމަލާތްކުރުމުގައި ފޯނު ނަންބަރުގެ ބަދަލުގައި އެ ނަން ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެޕްގައި ރަޖިސްޓަރީވުމަށް ފޯނު ނަންބަރެއް ބޭނުންވި ނަމަވެސް، އެހެން މީހުންނާ ޗެޓްކުރަން ފަށާއިރު ނަންބަރު ހިއްސާކުރާކަށް ނުޖެހޭނެއެވެ.
މި ބަދަލަކީ ކަސްޓަމަރުންގެ އަމިއްލަ މައުލޫމާތާއި ސިއްރުތައް ހިމާޔަތްކުރުމަށް (ޕްރައިވެސީ އަށް) ގެނެވޭ މުހިންމު ބަދަލެއްގެ ގޮތުގައި ވަޓްސްއެޕުން ސިފަކުރެއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، ފޯނު ނަންބަރަކީ އިންސާނެއްގެ ދިރިއުޅުމުގެ ގިނަ ކަންތައްތަކަކާ ގުޅިފައިވާ ވަރަށް އަމިއްލަ އެއްޗެކެވެ. އާ މީހުންނާ ބައްދަލުވާއިރު ނުވަތަ ގްރޫޕްތަކާ ގުޅޭއިރު، ނުދަންނަ މީހުންނަށް ފޯނު ނަންބަރު ފެންނަން އޮތުމުގެ ބަދަލުގައި މި ޔޫސަރނޭމް ބޭނުންކުރުމުން އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެއެވެ.
ވަޓްސްއެޕުން އިތުރަށް ފާހަގަކުރި ގޮތުގައި، މި ޔޫސަރނޭމްއަކީ ސޯޝަލް މީޑިއާގެ އެހެން މަންސަތަކާ ހިލާފަށް، މީހުން ހޯދުމަށް (ސާޗް ކުރުމަށް) ބޭނުންކުރާނެ އެއްޗެއް ނޫނެވެ. އަދި މިއީ ވަޓްސްއެޕްގެ މައި ކުންފުނި ކަމަށްވާ މެޓާގެ ދަށުން ހިންގާ ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި ބޭނުންކުރާ ނަމާ އެއްގޮތް ނަމަކަށް ވާކަށްވެސް ނުޖެހެއެވެ.
ނަމަވެސް، މި ނިޒާމު މަސައްކަތްކުރާނީ އެހެން މަންސަތަކާ އެއްގޮތަށެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ވަކި ނަމެއް ހިޔާރުކޮށް، އެހެން މީހުންނަށް އެ ނަން ދިނުމުން، ފޯނު ނަންބަރު ނޭނގުނު ކަމުގައިވިޔަސް މުއާމަލާތްތައް ފެށޭނެއެވެ. މި ހިދުމަތް ތައާރަފްވުމާއެކު، އާ ޗެޓްތައް ފެށޭނީ ފޯނު ނަންބަރުގެ ބަދަލުގައި މި ޔޫސަރނޭމް މެދުވެރިކޮށެވެ.
މިއަދުން ފެށިގެން، ވަޓްސްއެޕްގެ އެންމެ ފަހުގެ އަޕްޑޭޓް ބޭނުންކުރާ ފަރާތްތަކަށް ސެޓިންގްސްގެ ތެރެއިން އެމީހަކު ބޭނުންވާ ނަމެއް ރިޒާވްކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި ހިދުމަތް ރަސްމީކޮށް އާންމުކޮށް ބޭނުންކުރަން ފެށޭނީ މިއަހަރުގެ ފަހުކޮޅުގައެވެ.
“ގިނަ މީހުންނަށް ވަޓްސްއެޕް ޔޫސަރނޭމްއަކީ ތިމާ މުއާމަލާތްކުރަން ބޭނުންވާ މީހުންނަށް އެކަނި އެނގޭނެ ހާއްސަ ނަމަކަށް ވާންޖެހޭނެ،” ވަޓްސްއެޕުން ނެރުނު ބަޔާނުގައިވެއެވެ. އަދި ނަމެއް ހިޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް “ޔޫސަރނޭމް ޖެނެރޭޓަރ” އެއްގެ އެހީވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، އާންމު ފަރުދުންގެ އިތުރުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި، ކުދި ވިޔަފާރިތަކަށް އަދި އެކި ޖަމިއްޔާތަކަށް، އެފަރާތްތަކުން މިހާރުވެސް އިންސްޓަގްރާމް ނުވަތަ ފޭސްބުކްގައި ބޭނުންކުރާ ނަން ވަޓްސްއެޕްގައިވެސް ބޭނުންކުރުމުގެ ފުރުސަތު އެ ކުންފުނިން ފަހިކޮށްދޭނެއެވެ.
