މިހާރު ކުރިޔަށްދާ ކުލަބް މޯލްޑިވްސް ކުލެސިކް މުބާރާތުގެ 21 ވަނަ މެޗުން މިނިސްޓްރީ އޮތް ޔޫތު ސްޕޯރޓްސް އެންޑް ފިޓްނަސް މޮޅުވިއިރު، ފައިނޭންސް ރެކްރިއޭޝަން ކުލަބުން ދިވަރު ރެކްރިއޭޝަން ކުލަބު 8-0 އިން ބަލިކޮށްފިއެވެ. އިއްޔެ ހަވީރު ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:
މެޗު 21
21 ވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ބީސީސީ އާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ފިޓްނަސްއެވެ. މި މެޗަކީ ގުރޫޕް ޑީގައި ހިމެނޭ މި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިވާ މި ދެ ޓީމުގެ ކުރިމަތިލުން ފޯރިގަދަވެފައި ވާދަވެރިކަން ބޮޑުވިއެވެ.
މެޗު ފަށައިގެން މާގިނައިރެއް ނުވެ މިނިސްޓްރީ އޮފް ޔޫތުގެ އިބްރާހީމް ސިމާހްގެ ލަނޑުން އެ ޓީމު ލީޑު ނެގިއެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ބީސީސީއަށް އެކަން ކާމިޔާބުވީ ފަހު ހާފުގައެވެ. ބީސީސީ ނަތީޖާ ހަމަހަމަކުރިތާ މާގިނައިރެއް ނުވެ މިނިސްޓްރީ އޮފް ޔޫތުން އަނެއްކާ ވެސް ލީޑު ނެގިއެވެ. މެޗުގެ ފަހުކޮޅު މުޙައްމަދު ސުހައިލް ލީޑު ނަގައިދިންއިރު، މެޗު ނިމުމުގެ ކުރިން ޔޫތުގެ އިބްރާހީމް ސިމާހް އޭނާގެ ދެވަނަ ލަނޑު ޖެހިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް ސިމާހް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިނިސްޓްރީ އޮފް ޔޫތަށް ދެ ލަނޑު ޖަހައިދިން އިބްރާހީމް ސިމާހްއެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު މިނިސްޓްރީ އޮފް ޔޫތު ވަނީ ގުރޫޕްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.
މެޗު 22
ބާވީސްވަނަ މެޗުގައި ބައްދަލުކުރީ ދިވަރު ރެކްރިއޭޝަން ކުލަބާއި ފައިނޭންސް ރެކްރިއޭޝަން ކުލަބެވެ. ފުރަތަމަ މެޗުން 2-4 އިން ބަލިވި ފައިނޭންސާއި 11-0 އިން ބަލިވި ދިވަރުގެ މެޗު ވެގެން ދިޔައީ ކުރިން ވެސް ޤަބޫލުކުރެވުނު ފަދައިން މާބޮޑު ވާދަވެރި ކަމެއް ނެތް މެޗެއްގެ ގޮތުގައެވެ.
8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ފައިނޭންސް ކާމިޔާބުކުރި މި މެޗުގައި ފައިނޭންސްގެ ޙަސަން ނާއިފް ހަތަރު ލަނޑު ކާމިޔާބު ކޮށްދިންއިރު، އަޙްމަދު މުއާދް އެއް ލަނޑު އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޢަބްދުﷲ ޒުހާން ދެ ލަނޑު ކާމިޔާބު ކޮށްދިނެވެ. ފައިނޭންސްގެ 8 ވަނަ ލަނޑަކީ ދިވަރު ރެކްރިއޭޝަން ކުލަބްގެ ކުޅުންތެރިއެއް އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަބްދުﷲ ޒުހާން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
މި މެޗުން ހޯދި ތިން ޕޮއިންޓާއި ފައިދާ ހަ ލަނޑު ހަމަކޮށް ފައިނޭންސް ވަނީ މި ގުރޫޕްގެ ދެވަނައަށް ޖެހިލާފައެވެ.
