ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްޓެލްކޯ އާއި އެޗްޑީސީ ފަސޭހަކަމާއިއެކު މެޗު ކާމިޔާބުކޮށް ދެވަނަ ބުރުގެ އުންމީދު އާކޮށްފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ 17 ވަނަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ސްޓެލްކޯއިން ދެވަނަ ބުރުގެ އުންމީދު އާކުރިއިރު، 18 ވަނަ މެޗުން މޮޅުވެ އެޗްޑީސީ ވެސް ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލައިލާއިރު:

މެޗު 17

ސަތާރަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ސްޓެލްކޯ އާއި ޕޮލިސް ކުލަބެވެ. ސްޓެލްކޯ ކުރިން ކުޅުނު މެޗުން އެއްވަރުވެފައި ވާއިރު، ޕޮލިސް ކުލަބް ކުޅުނު މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށްޓަކައި މޮޅެއް ހޯދަން ދެ ޓީމަށް ވެސް މުހިންމުވި މި މެޗުގެ ފެށުން ވާދަވެރިކޮށް ދިޔަ ނަމަވެސް، ސްޓެލްކޯއިން ވަނީ އެންމެ މުހިންމުވި ވަގުތު މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. މުޙައްމަދު ނަޒާމް ސްޓެލްކޯއަށް ލީޑު ނަގައިދިންތާ އިރުކޮޅެއް ފަހުން މުޙައްމަދު އައިހަމް ޕޮލިސް ކުލަބަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ދެވަނަ ފަހަރަށް މުޙައްމަދު ސިރުހާން ސްޓެލްކޯއަށް ނަގައިދިން ލީޑު އިބްރާހިމް ރިމާހް ފުޅާކޮށްދިންއިރު، އެ ލަނޑަށް މާގިނައިރެއް ނުވެ މުޙައްމަދު ސިރުހާން އޭނާގެ ދެވަނަ ލަނޑު ޖެހިއެވެ. މުޙައްމަދު ނަޖާހުގެ ލަނޑުން ޕޮލިހުން އުންމީދު އާކުރި ނަމަވެސް، އިބްރާހިމް ރިމާހްގެ ދެވަނަ ލަނޑާއިއެކު ޝުއައިދު ސައީދު ސްޓެލްކޯގެ ހަވަނަ ލަނޑު ޖަހައިދިނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ މުޙައްމަދު ނަޒާމްއެވެ. ގުރޫޕް އޭގެ ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، މި ގުރޫޕްގެ އެއްވަނައިގައި އޮތް އެމްޕީއެލް އާއި ސްޓެލްކޯއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ލަނޑުގެ ތަފާތުން އެމްޕީއެލް ކުރީގައި އޮތްއިރު ތިން ޕޮއިންޓާއިއެކު ތިން ވަނައިގައި އޮތީ ކުލަބް ޓީޓީއެސްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ނަޒާމް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 18

އަށާރަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ޑީގައި ހިމެނޭ ކުލަބް އެޗްޑީސީ އާއި ކުލަބް އިމިގްރޭޝަންއެވެ. އެޗްޑީސީ ދެވަނަ މެޗާއި ކުރިމަތިލާއިރު، އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފައެވެ. އިމިގްރޭޝަން ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކުރި ނަމަވެސް ދެވަނަ މެޗުން ވަނީ ބަލިވެފައެވެ.

ވާދަވެރި ކުޅުމަކުން ފެށި މި މެޗުގެ ފުރަތަމަ ލަނޑު އެޗްޑީސީގެ މުޙައްމަދު ސާދު ނިޒާރް ޖެހިތާ މާގިނައިރެއް ނުވެ ހައިޝަމް ރަޝީދު އިމިގްރޭޝަނަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ނާއިޒް ޙަސަން އާއި ޔާމީން މުޙައްމަދުގެ ލަނޑުން އެޗްޑީސީ ދެވަނަ ފަހަރަށް ލީޑު ނަގައި އެ ލީޑު ފުޅާކުރިއެވެ. އަޙްމަދު އައިހަމް އިމިގްރޭޝަނަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް އެ ނަތީޖާގައި މާގިނައިރެއް ނުވިއެވެ. މުޙައްމަދު ސާދު ނިޒާރު އިތުރު ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު މެޗު ނިމުމުގެ ކުރިން ޙުސައިން ސުހައިލް ވެސް ލަނޑެއް ޖަހައިދިނެވެ. އިމިގްރޭޝަންގެ ތިންވަނަ ލަނޑު ޖެހީ ދެވަނަ ލަނޑު ވެސް ޖަހައިދިން އަޙްމަދު އައިހަމްއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ މުޙައްމަދު ސާދު ނިޒާރެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް، މި ގުރޫޕްގެ އެއްވަނައިގައި އެޗްޑީސީ އޮތީ ޕޮއިންޓްގެ ގޮތުން ސްޓެލްކޯއާ އެއްވަރުވެ ސްޓެލްކޯއަށްވުރެ ފައިދާ ލަނޑު ގިނަވުމުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ސާދު ނިޒާރު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މި މުބާރާތުގެ ކުޅުން ދެން އޮންނާނީ ޖުލައި 3 ވަނަ ދުވަހުގެ ރެއެވެ. އެރޭ ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށް ބަލައިލާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވެމްކޯ އާއި ފެން ކުލަބެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އާރުއާރުސީ އާއި އެޗްޑީސީއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top