ފްލޯ ފިކްސް ހަންޏާސް ކަޕް 2026 އިއްޔެ ފަށައިފި އެވެ. އދ.ހަންޏާމީދޫގައި ކުރިޔަށްދާ މި މުބާރާތުގެ ތިން މެޗު އިއްޔެއާއި ރޭ ވަނީ ކުޅެފައެވެ. މި ތިން މެޗަށް ބަލާލާއިރު:
މެޗު 1
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އދ. މަހިބަދޫއަށް ނިސްބަތްވާ ދަ ކުލަބް އާއި ޒިލެފީ އެވެ. މިއީ ގުރޫޕް އޭގެ މެޗެކެވެ. ފަސޭހަކަމާއިއެކު 6-2 އިން ދަ ކުލަބް ކާމިޔާބުކުރި މި މެޗުގެ ފުރަތަމަ ލަނޑު 7 ވަނަ މިނިޓްގައި އިބްރާހިމް ސާތިރު ކާމިޔާބުކޮށްދިންއިރު، 10 ވަނަ މިނިޓްގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ސުވައިދު ސައީދު އެވެ. ނަތީޖާ ހަމަހަމަކުރުމަށް ޒިލެފީއިން މަސައްކަތްކުރަމުން ދަނިކޮށް އާދަމް ނާއިލް ވަނީ ދަ ކުލަބްގެ ތިންވަނަ ލަނޑު ޖަހާފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގާސިމް ޝަމާމް ޒިލެފީއަށް ލަނޑެއް ޖަހައިދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޒިލެފީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވެސް ލަނޑެއް ވަނެވެ. ދެވަނަ ހާފުގައި ޒިލެފީއިން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މި ހާފުގައި އާދަމް ފަހުމާނު ދަ ކުލަބަށް ދެ ލަނޑު ޖަހައިދިންއިރު މުޙައްމަދު ހާޖިދު ޒިލެފީއަށް ލަނޑެއް ޖަހައިދިނެވެ.
2-6 އިން ދަ ކުލަބް ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ ކުލަބް އާދަމް ފަހުމާން އެވެ.
މެޗު 2
ދެވަނަ މެޗުގައި ބައްދަލު ކުރީ އެންމެފަހުގެ ޗެމްޕިއަން، އދ. ހަންޏާމީދޫ ނެކްސަސް އާއި އދ. މަންދޫ ރިއަލިޓީ އެވެ. މިއީ ގުރޫޕް ބީގެ މެޗެކެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ކާމިޔާބުކުރީ ނެކްސަސް އެވެ. މެޗުގެ ފަސްވަނަ މިނިޓްގައި ޝަނާން ރަޝާދު ނެކްސަސްއަށް ލީޑު ނަގައިދިންއިރު، 13 ވަނަ މިނިޓްގައި އަހްނަފް ޒާހިރު އަދި 15 ވަނަ މިނިޓްގައި އިބްރާހިމް ރިމާހް އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރިއަލިޓީއަށް ވެސް ލިބުނު މި މެޗުގެ ދެވަނަ ހާފުގައި ވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފީ ނެކްސަސް އެވެ. 29 ވަނަ މިނިޓްގައި ޝަނާން ރަޝާދު އިތުރު ލަނޑެއް ޖަހައިދިންއިރު، 33 ވަނަ މިނިޓްގައި މުބާރާތުގެ ފުރަތަމަ ހެޓްރިކް އޭނާ ފުރިހަމަކުރި އެވެ.
5-0 އިން ނެކްސަސް ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނެކްސަސްގެ ޝަނާން ރަޝާދު އެވެ.
މެޗު 3
ތިންވަނަ މެޗުގައި ބައްދަލުކުރީ އދ. ހަންޏާމީދޫ ނެމިސް އާއި އދ. މަހިބަދޫ ކަޓައްޕާ އެވެ. މިއީ ގުރޫފް ބީގެ މެޗެކެވެ. މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ވާދަވެރި މެޗަކީ މިއީ އެވެ. މެޗު ފަށައިގެން މޮޅަށް ކުޅުނު ކަޓައްޕާއިން ފަސްވަނަ މިނިޓްގައި ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ޔާނިސް އިބްރާހިމް ޝަކީބް އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ނެމިސްއިން ތަނަވަސްކުރި މި މެޗުގައި އެ ޓީމުގެ ހަމަލާތައް ދިފާއުކުރުމުގައި ކަޓައްޕާގެ ކީޕަރު އަޙްމަދު ނައުފަލް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. 27 ވަނަ މިނިޓްގައި ހަސަން މާދު ނެމިސްއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު 33 ވަނަ މިނިޓްގައި ނެމިސް މޮޅުކޮށްދިނީ ހަސަން ޖިނާން އިބްރާހިމް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނެމިސްގެ ހަސަން ޖިނާން އިބްރާހިމް އެވެ.
މި މުބާރާތުގެ ތިން މެޗު މިއަދު ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތަކަށް ބަލާލާއިރު:
● 16:30 – ނެކްސަސް އާއި ނެމިސް
● 20:15 – ޒިލެފީ އާއި މިޑްލް ކުރައުޑް
● 21:15 – ރިއަލިޓީ އާއި ކަޓައްޕާ
