ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެސްއެމްއީ ބަލިކޮށް އެމްއީޑީޓީޓީ ގުރޫޕްގެ ދެވަނައަށް ޖެހިލިއިރު، ޕީއެސްއެމް އާއި ވިޒިޓް މޯލްޑިވްސް މެޗަށް ހަމަހަމަ ނިމުމެއް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސް ކުލެސިކް 2026 ފުޓްސަލް މުބާރާތުގެ 27 ވަނަ މެޗުން މޮޅުވެ އެމްއީޑީޓީޓީ ގުރޫޕް ބީގެ ދެވަނައަށް ޖެހިލިއިރު، 28 ވަނަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 27

ހަތާވީސްވަނަ މެޗުގައި ބައްދަލުކުރީ އެސްއެމްއީ ޑިޖިޓަލް އާއި އެމްއީޑީޓީޓީއެވެ. ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދައި ގުރޫޕް ބީގެ ތިންވަނައިގައި އެމްއީޑީޓީޓީ އޮތްއިރު، ކުޅުނު ދެ މެޗުން ބަލިވެ ގެއްލުން 11 ލަނޑާއިއެކު އެސްއެމްއީ ޑިޖިޓަލް އޮތީ ގުރޫޕްގެ ފުލުގައެވެ.

ފުރަތަމަ ދެ މެޗުން ބޮޑު ތަފާތަކުން ބަލިވި އެސްއެމްއީއަށް މި މެޗުގައި ވެސް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މެޗުގެ ކުރީކޮޅު މުޙައްމަދު ނަވީންގެ ލަނޑުން އެމްއީޑީޓީޓީ ލީޑު ނެގިއިރު އެ ލީޑު ފުޅާކޮށްދިނީ ވެސް އޭނާއެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު، ޙުސައިން ފައުޒާންގެ ލަނޑުން އެސްއެމްއީ ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ހާފު ނިމުމުގެ ކުރިން ޢަލީ އިބްރާހިމް ވަނީ އެމްއީޑީޓީޓީގެ ތިންވަނަ ލަނޑު ޖަހާފައެވެ. ދެވަނަ ހާފުގައި ފެނުނު ހަމައެކަނި ލަނޑު އެމްއީޑީޓީޓީއަށް ޖަހައިދިނީ މަޒުހަރު ޢަބްދުﷲ އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ހަ ޕޮއިންޓް ހަމަކޮށް އެމްއީޑީޓީޓީ ވަނީ ގުރޫޕްގެ ދެވަނައަށް ޖެހިލާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއީޑީޓީޓީގެ މުޙައްމަދު ނަވީނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ނަވީން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 28

އަށާވީސް ވަނަ މެޗުގައި ބައްދަލުކުރީ ޕީއެސްއެމް އާއި ވިޒިޓް މޯލްޑިވްސް ކުލަބެވެ. ތިންވަނަ މެޗާއި ކުރިމަތިލާއިރު، ދެ ޓީމު ވެސް ވަނީ އެއް މެޗުން މޮޅުވެ އެއް މެޗުން ބަލިވެފައެވެ. ދެ ޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ވިޒިޓް މޯލްޑިވްސްއަށް ގުރޫޕްގެ ތިންވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ވާދަވެރިކަން ބޮޑު، ފޯރިގަދަ މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ވިޒިޓް މޯލްޑިވްސްއެވެ. މެޗުގެ ކުރީކޮޅު ފާލިހް އަޙްމަދުގެ ލަނޑުން ވިޒިޓް މޯލްޑިވްސް ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޢަލީ ޝިމާހް ވަނީ ޕީއެސްއެމްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އިސްމާއިލް ރާއިދު ޖަހައިދިން ލަނޑުން އެ ޓީމު މޮޅުވެދާނެހެން ހީވި މި މެޗު ޕީއެސްއެމުން އެއްވަރުކުރީ މެޗު ނިމެން އެގާރަ ސިކުންތަށް ވެފައި ހުއްޓައެވެ. ޕީއެސްއެމްއަށް މި ލަނޑު ޖަހައިދިނީ ރިމާހް އަޙްމަދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިޒިޓް މޯލްޑިވްސްގެ ފާލިހް އަޙްމަދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ފާލިހް އަޙްމަދު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ. އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލައިލާއިރު:

20:15 – އެޗްޕީއެސްއެން އާއި ކުލަބް އަވްސެކް
20:15 – ޕެމާ އާއި ބަންޑާރަ ކުލަބް
21:30 – ކުރިމިނަލް ކޯޓާއި އެސްއެމްއީ ޑިޖިޓަލް
21:30 – ހެލްތު ރެކްރިއޭޝަން އާއި އެމްއީޑީޓީޓީ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top